-
-
ނަފްސުގެ އަމާންކަމާއި ހަމަޖެހުން ހޯދޭނީ ކިހިނެތް؟- ދެވަނަބައި

ނަފްސުގެ އަމާންކަމާއި ހަމަޖެހުން ހޯދޭނީ ކިހިނެތް؟- ދެވަނަބައި

ފުރަތަަމބައިގެ ނިމުން

ADS BY FENVARU

އިސްވެދެންނެވުނު ހަޤީޤަތްތައް އެގޮތުގައި ސިފަވަމުންދާއިރު ތަހުޒީބާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުން ނަފްސުގެ ހިތްހަމަޖެހުން ޙާޞިލް ނުވާނޭކަން މިދަނީ ހާމަވަމުންނެވެ. އޭގަބަދަލުގައި ޓެކްނޮލޮޖީގެ މިފަސޭހަތަކާއިއެކު އަޅުގަޑުމެންނަށް މިދެވެނީ އަޅުގަނޑުމެންގެ ކާބަފައިން ނަފްސުގެ ހަމަޖެހުމާއި އަމާންކަން ޙާޞިލްކޮށްފައިވާ މިންވަރަށްވުރެވެސް ދުރަށްކަމުގައި ދަންނަވަންޖެހެއެވެ.

މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ނަފްސުގެ ހަމަޖެހުމާއި ތިމާގެ އަމިއްލަ އުފާތަކާއި ގުޅުވާލައެވެ. އެގޮތުން އެފަދަ އަމިއްލަ އުފާތައް އަޅުގަނޑުމެންކުރާ ގިނަ ކަންތައްތަކުން އަޅުގަނޑުމެންނަށް ހާޞިލް ކުރެވިދާނެއެވެ. އެގޮތުން ފައިސާއާއި، މުދާވެރިކަމާއި ޖިންސީ އެދުންވެރިކަމުގެ ގުޅުންތަށް ފަދަ ކަންކަމުން މިފަދަ އުފާތައް ޙާޞިލްކުރެވިދާނެއެވެ.

އެކަމަކު އެފަދަ އުފާތަކާއި ހިތްހަމަޖެހުމަކީ ގިނަވަގުތުތަކަކަށް ދެމިގެންދާނޭ ހިތްހަމަޖެހުމެއް ނުވަތަ އުފާވެރިކަމެއް ނޫނެވެ. އެފަދަ އުފާތަކާއި ހިތްހަމަޖެހުމަކީ އެކަމެއް ހާޞިލް ކުރެވޭވަގުތެއްގައި އެކަނި ތިމާއާއެކުގައިވާ ހިތްހަމަޖެހުމެކެވެ. އެފަދައިން އެފަދަ ކަންކަމުގައި ގިނަގިނައިން މަޝްޢޫލުވެ އުޅުމުން އެވަގުތުތަކުގައި އެކަމުގެ އުފާ ޙާޞިލްކުރެވުނުނަމަވެސް ހަޤީޤަތުގައި އެފަދަ ކަންކަމުން އޭނާއަށް ލިބޭ ވޭނާއި ނަފްސުގެ ވަރުބަލިކަން އިތުރުވެ އަމިއްލަނަފުސުގެ އިތުބާރުގެއްލިގެންދެއެވެ.

ވީއިރު އެއީ ހަޤީޤީ ނަފްސުގެ ހަމަޖެހުމެއް ނޫނެވެ. އެފަދަ އުފާތަކުން ނަފްސުގެ އަމާންކަމެއް ހާޞިލެއް ނުކުރެވޭނެއެވެ. ނަމަވެސް އެފަދަ ވަގުތީ އުފާތައް ހަޤީޤަތުގައި ތިމާ ގެންދަނީ ނަފްސުގެ އަމާންކަމާއި ދުރަށެވެ. އެފަދަ އުފާތަކަށްފަހު ތިމާ އެކަނިވެރިވާ ވަގުތުތަކުގައްޔާއި އަދި ދުނިޔޭގެ ސުންނަތުގެ ދަށުން ތިމާއަށް ކުރިމަތިވާ ދަތި މުސީބާތްތަކުގެ ވަގުތުގައި ތިމާއަށް އިތުރު ހާސްކަން މެނުވީ އެއުފާތައް ގެނެސްދޭކަމުގައިނުވެއެވެ.

ހަޤީޤީ ނަފްސުގެ ހަމަޖެހުމަކީ ތިމާގެ ހިތުގައި ދިރިއުޅުމާއިމެދު އުފެދޭ ޔާޤީންކަމެވެ. އަދި އެ ޔަޤީންކަމުގެ ސަބަބުން ތިމާގެ ނަފްސު ކުރިމަތިވާ ކޮންމެ ކަމެއްގައިމެ ސާބިތުކަމާއެކު ކުރިމަތިލުމަށް މަގުފަހިކޮށްދެއެވެ. އެއީ އުފާވެރިކަމެއް ނުވަތަ ހިތާމަވެރިކަމެއްނަމަވެސްމެއެވެ.

މިއަދު އަޅުގަނޑުމެން ދިރިއުޅެމުންމިދާ ދުނިޔެއަށް ނަޒަރުހިންގާ ބަލާލާހިނދު ސުލްހަވެރިކަމާއި އަމާންކަމަކީ ޙާޞިލްކުރެވޭނޭކަމެއް ނޫންކަން ގިނަބަޔަކު ޤަބޫލުކުރާނެއެވެ. އެހެނީ ރަދީފްގައި އަމާންކަން ސިފަކޮށްދީފައިވަނީ ހަނގުރާމައާއި ދާހިލީ ހަމަނުޖެހުންތަކުން ސަލާމަތްވެފައިވުންކަމުގައިވާތީއެވެ.

މިއަދު ދުނިޔޭގެ ކޮންމެވެސް ތަނެއްގައި ކޮންމެވެސް ހަނގުރާމައެއް މަދަނީ ނުވަތަ ދާޚިލީ ހަމަނުޖެހުމެއް ނުހިނގާ އެންމެ ވަގުތެއްވެސް ނުދެއެވެ. އެކަމުގެ ޚަބަރުތައް ތަކުރާރުކޮށް އަޅުގަނޑުމެންމިދަނީ އަހަމުންނެވެ. އަދި އަމާންކަން ޤައުމެއްގެ ނިސްބަތުން ކިރާލާއިރު ދާހިލީ ހަމަނުޖެހުމާއި ނަސްލީ ތަފާތުކުރުންތަކާއި ސިޔާސީ ދެބައިވުންތައް ނުފެންނަ އެއްވެސް ޤައުމެއްނެތޭ ދެންނެވިދާނެއެވެ. އަދި ހަމަ އެހެންމެ އިޖްތިމާއީ ނުވަތަ ވަކިވަކި މުޖުތަމަޢުގެ މެދުގައިވާ އަމާންކަމަށް ބަލާލާއިރު ނުވަތަ މަސައްކަތުގެ މާޙައުލުގައްޔާއި އާއިލާތަކަށް ބަލާލާއިރުވެސް ދެބަސްވުމާއި ދެކޮޅުވެރިވުން ނުހިމެނޭ އެއްވެސް މުޖުތަމައެއް ނުވާކަމުގައި ދެންނެވުމަކީ ދޮގަކަށްނުވާނެއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

لَقَدْ خَلَقْنَا الإِنْسَانَ فِي كَبَدٍ
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހައްދަވައި، ވަރުބަލިވުމާއި ގަދަ މަސައްކަތުގެ ތެރެއަށް ލެއްވީމެވެ." (البَلَد 04)

މިއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އުޞޫލުތަކުގެ ތެރޭގައިހިމެނިގެންވާ ކަންތައްތަކެވެ. ބުރަކަންތައްތަކާއި ނުރުހޭ ކަންތައްތަކާއި މުސީބާތްތަކާއި، އުފާތަކާއި ހިތާމަތަކާއި، ދަތި އުނދަގޫ ވަގުތުތަކާއި ލުއިފަސޭހަ ވަގުތުތަކަކީ އަޅުގަނޑުމެންގެ ކޮންމެ އިންސާނެއްގެ ދިރިއުޅުމުގައިވެސް ތަޖުރިބާ ކުރާނޭ ކަންކަމެވެ.
އެހެނީ މި ދުނިޔޭގައި އިންސާނާގެ މުޅި ހަޔާތަކީވެސް އިމްތިޚާނެއްކަމުގައި އިންސާނާ ޚަލްޤުކުރެއްވި ﷲ سبحانه وتعالى‎ ކަނޑައަޅުއްވާފައިވާތީއެވެ. އެކަލާންގެ ވަޙީބަސްފުޅުގައި ވެއެވެ.

وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الأَمْوَالِ وَالأَنْفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ

"ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިހާން ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ!" (البَقَرَة 155)

  • ނުނިމޭ