-
-
ޖަރުމަންލީގުގެ ދެކޯޗަކު ކަރަންޓީނު ގަވައިދާ ޚިލާފުވެއްޖެ

ޖަރުމަންލީގުގެ ދެކޯޗަކު ކަރަންޓީނު ގަވައިދާ ޚިލާފުވެއްޖެ

މިއަދު ފަށަން ހަމަޖެހިފައިވާ ޖަރުމަން ލީގުގެ ދެކޯޗަކު ކަރަންޓީނު ގަވައިދާ ޚިލާފުވުމުން އެދެކޯޗުން ވަކިން ކަރަންޓީނުކޮށްފިއެވެ.

ADS BY FENVARU

ޔޫނިއަން ބާލިންގެ ކޯޗު އޫރްސް ފިޝާ އާއި އޯގްސްބާގްގެ ކޯޗު ހެއީކޯ ހާލީޝް ވަނީ މިދިޔަ ހަފްތާތެރޭ ކަރަންޓީނު ގަވައިދާ ޚިލާފުވެފައެވެ. އަލުން މެޗްތައް ފަށަން އެގައުމުން ހުއްދަދިނީ ވަރުގަދަ ގަވައިދުތަކާއެކުގައެވެ. އެގޮތުން ޓީމުގެ ހުރިހާ މެމްބަރުން މަދުވެގެން ހަފްތާއެއް ވަންދެން ކަރަންޓީނުގައި ހުންނަންޖެހެއެވެ.

ބާލިންގެ ކޯޗު ބޭރަށް ދާންޖެހުނީ  މިދިޔަ ހޯމަ ދުވަހު އޭނަގެ އަންހެނުންގެ ބައްޕަ މަރުވުމުން ޖަނާޒާގައި ބައިވެރިވުމަށެވެ. އަނެއްކޯޗު ހާލީޝް ނުކުތީ އެއްޗެހި ގަތުމަށް ސުޕަ މާކެޓަށް ދާންޖެހިގެންނެވެ.

މިދެކޯޗުން އަލުން ޓީމާ ގުޅުމުގެ ހުއްދަ ދެވޭނީ ދެފަހަރު މަތިން ޓެސްޓުކޮށް ޓެސްޓު ނަތީޖާ ނެގެޓިވްވެއްޖެނަމައެވެ. ދެޓެސްޓުވެސް ކުރެވެން އޮތީ އެންމެ އަވަސްވެގެން 7 ދުވަސްތެރޭގައެވެ. ޔޫނިއަން ބާލިންގެ މެޗް މާދަމާރޭ ބާއްވަން ވަނީ ހަމަޖެހިފައެވެ.

ޔޫނިއަން ބާލިންގެ ރައީސް ޑާކް ޒިންގްލާ ވިދާލުވީ އެ ޓީމުގެ ކޯޗު ފިޝާ އަށް ކަރަންޓީނު ގަވާއިދު މުގުރާލަން ޖެހުނީ މަޖުބޫރުން ކަމުގައި ވިޔަސް ޑީއެފްއެލްގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރާނެކަމުގައެވެ.

އޯސްބާގްގެ އަމިއްލަ ދަނޑުގައި ވުލްފްސްބާގާ ދެކޮޅަށް ކުޅޭ މެޗުގައި އިރުޝާދުދޭނީ ޓީމުގެ އެސިސްޓަންޓް ކޯޗެވެ. ކޯޗު ހާލީޝް ވަނީ އޭނާ އަށް ކުރެވުނު ކުށަށް މާފަށް އެދިފަ އެވެ.

"އަހަންނަކީ މި ފަދަ ދަނޑިވަޅެއްގައި މިސާލު ދައްކަންޖެހޭ މީހެއް. އެކަމަކު އަހަރެންގެ އަމަލުތައް ފެނުނީ އެގޮތަކަށް ނޫން. އަހަރެން ބޭނުން މާފަށް އެދެން. މިކަން ތަކުރާރެއް ނުވާނެ،" ހާލީޝް ބުންޏެވެ.

ސަޕޯޓަރުން ނުވައްދާ މިއަދުވެސް ޖަރުމަން ލީގްގެ ހަ މެޗެއް ކުޅެން ވަނީ ތާވަލްކުރެވިފައެވެ.