-
-
ރޯދަމަހާއި ދިވެހިންގެ ކެއިންބުއިމުގެ އާދަތައް

ރޯދަމަހާއި ދިވެހިންގެ ކެއިންބުއިމުގެ އާދަތައް

އެހެން އަހަރުތަކުގައި އަންނަ ރޯދަމަހާ ޚިލާފަށް މިރޯދަމަހަކީ ދިވެހިންނަށް ވަރަށް ތަފާތު ރޯދަމަހެކެވެ. ރޯދަމަސް އަހަރެމެންނާ ބައްދަލުކޮށް ތިންހުކުރު ނިމިގެންދިޔައިރުވެސް އެންމެ ހުކުރެއްވެސް މިސްކިތްތަކުގައި ނުކުރާ ރަށްތައް މަދެއްނޫނެވެ.

ADS BY FENVARU

ރާއްޖޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް ބަލީގެ ސަބަބުން މާލޭގައި މީހުން ތިބެން ޖެހެނީ ފުރަބަންދުގައެވެ. އެހެން ރޯދަމަސްތަކުގެ ދުވަސްތައް ފަދައިން ކައްކާ ނިންމާފަ ފިނިބުރު އަޅަން ދެވޭކަށް ނެތެވެ. ބޭނުން އެއްޗެއް ހަދާލައިގެން ރޯދަވީއްލުން ތައްޔާރުކުރަން އެއްޗެހި ގަންނަން ފިހާރަތަކަށް ނުދެވެއެވެ. ވަޒީފާ ގެއްލިފައި މަގުމަތިވެފައި ތިބި ބޭރު މީހުންނަށް ކާއެތިކޮޅެއް ނުލިބި ހުސްބަނޑާ ރޯދަހިފާ މީހުންވެސް މާލޭގައި އެބަތިއްބެވެ. ހިތާމަވެރި ދުވަސްތަކެކެވެ.

ކަންތައް މިހެން އޮތްކަމުގައިވިޔަސް ދިވެހިންނަކީ ރޯދަމަހު އަޅުކަމުގެ އިތުރުން އެމީހުންގެ ސުފުރާމަތި އަބަދުވެސް ތަފާތުކޮށް ކެއިންބުއިމުގެ އާދަތައް ރޯދަމަހު ބަދަލުކުރާ ބައެކެވެ. މިކަންތައްތަކަކީ ޒަމާނުއްސުރެ ދިވެހިންގެ ގައިގައި ހަރުލާފައިވާ އާދައަކަށް ވިޔަސް، ރާއްޖޭ މިވަގުތު މިއޮތް ހާލަތަށް ބަލާފައި ސިއްޚަތަށް ވިސްނަންޖެހޭނެއެވެ. ހާއްސަކޮށް ކެއިންބުއިމުގައި ސިއްހީ ގޮތުން ބޭނުންވާ ނިއުޓްރިޝަނާއި ހަށިގަނޑަށް ބޭނުންވާ ފެން ލިބޭނެ ގޮތަށް ކެއުމުގެ އާދަތައް ބައްޓަން ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ރޯދަ މަހު ކެއުމުގެ ކަންކަން ބައްޓަން ކުރަންވީ ގޮތަށް ބަލާއިރު މިދަންނަވާ ކަންތައްތަކަށް އިސްކަންދިނުމަށް ސިއްޚީ މާހިރުން ލަފާދީފައިވެއެވެ.

އެޮތުން ބަލާއިރު ރޯދަ ވީއްލާއިރު ކަދުރު، ސޫޕް، ސަޓަނި އަދި މޭވާ އާއި ފޮނިކާތަކެތި އެއްވަރަށް ބެނުންކުރުމާއި، ކަސްރަތްކުރުން، ރޭގަނޑު 6-8 ގަޑިއިރަށް ނިދުން، ރޯދަ ވީއްލުމާއި ރޯދަ ހިފުމާ ހަމަޔަށް 8 ތަށި ފެން ބުއިން އަދި ހާރުކާއިރު ހަށިގަނޑަށް ހަކަތަ ލިބޭ ކަހަލަ އެއްޗެއް ކެއުން ހިމެނެއެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ގިނައިން ފެންބުއިމާއި ރޯދަވީއްލާ ގަޑީގައި ބަނޑުފުރޭވަރަށް ކެއުމާއި ހަކުރު އެކުލެވޭ އެއްޗެހި މާގިނައިން ކެއުމަކީ އެތައް އުދާގޫތަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. ބަނޑުގައި ރިހުމާއި ގޭސް މައްސަލަ ދިމާވާ ކަމެކެވެ. އެހެންކަމުން މިކަންކަމުން އަހަރެމެން ދުރުވެގަންނަން އެބަޖެހެއެވެ.

މިއީ ރަމަޝާން މަހުގެ ފަހުދިހައިގެ ދުވަސްތައް ކަމުން ކެއިންބުއިމުގެ އިތުރުން އަޅުކަމަށް އިސްކަންދޭށެވެ. އެހެނީ މާތްވެގެންވާ ލައިލަތުލް ޤަދްރި ވިލޭރޭ އަންނަނީ ރަމަޝާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއްގައެވެ. އެރެޔަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ. ބިމުގެ ވެލިތަކުގެ އަދަދަށްވުރެ ގިނައިން އެރޭ  މަލާއިކަތްބޭކަލުން ބިމަށް ފައިބާ ވަޑައިގަންނަވާނެއެވެ. އެރޭގެ ސަވާބާއި ދަރުމަ ލިބިގަތުމަށްޓަކައި ރޭއަޅުކަމުގައި ވަގުތު ހޭދަކުރާށެވެ.