-
-

މެންދަމުން އަލިވެ ދޭއްޖެހީއެވެ. އަދިވެސް ނީލްގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އިރުއިރުކޮޅާ ދޮރުން ބޭރަށް ބޯދިއްކޮށްލައެވެ. އެހެނަސް މިރޭ ބޭރަށް ދާނެ ހިތްވަރެއް އޭނަގެ ގަޔަކު ނެތެވެ. މުޅިމީހާ ތުރުތުރުއަޅަނީއެވެ. ގައިގެ އެތަންމިތަނުގައި ހިރުވަނީއެވެ. ދެތިންފަހަރު ހޮޑުވެސް ލެވުނެވެ. އޭނައަށް މިހާލު ޖެހުނުގޮތް ހިތަށްއަރާ ކޮންމެ ފަހަރަކު މާޒީގެ ސަފްހާތައް ކުރިމަތިން ސިފަވަމުންދިޔައެވެ.

ADS BY FENVARU

ނީލްގެ ހިތް ކުދިކުދި ވަމުންދިޔައެވެ. މާޒީވެގޮސްފައިވާ އެހާދިސާ ދެންމެވީ ކަމެއްހެން ކުރިމަތީގައި ތަމްސީލްވަމުންދިޔައެވެ. ނީލްގެ ފެންކަޅިވެފައިވާ ދެލޮލުން ހިޔާލީ ފިލްމުގެ ރޯލު އަބުރާލީ މީގެ އަހަރުތަކެއް ކުރިއަށެވެ. އެއީ ނީލްގެ ހަޔާތުގެ ބަހާރު މޫސުމުގެ ދުވަސްތަކެވެ. ވަރަށްފޮނި އުއްމީދުތަކާއެކު ހުވަފެންތައް ދެކުނެވެ. އަދި އެހުވަފެންތކުގައި ރީތިއެކިކުލަތައް ޖައްސަމުންދިޔައެވެ. އެހެނަސް މިއަދު ކުރާނެކަމެއްނެތެވެ. އެހުވަފެންތަކާއި އުއްމީދުތައް މިއަދު އެއީ ނެތް އެއްޗެކެވެ. އެއީ މީގެ ތިންއަހަރު ކުރިއެވެ.

އެއީވެސް ހަމަ މިކަހަލަ ރީތި ދުވަހެކެވެ. އުޑުމަތި ސާފު، ކަނޑުމަޑު ދުވަހެކެވެ. ހިތަށް ފިނިވާފަދަ ހިތްގައިމު ވައި ޖެހެމުންދިޔަ ނަލަފަތިހެކެވެ. ފަތިހުގެ ވަގުތުކަމުން އުޑުމަތީގައި ފިރުކެމުންދިޔަ ވިލާތަކާއި މަތީގައި އުދުހެމުންދިޔަ ދޫނިތަކުގެ ތޫލި އަޑުން މަރުހަބާ އާއި ސަނާ ރައްދުކުރަމުންދިޔައެވެ. އެހިތްގައިމު ވަގުތުގެ ހަމަހިމޭންކަން ނަގާލީ އަތިރިމަތީގައި ހޭލަމޭލައަށް އުޅުނު މީހުންތަކުގެ ހަރަކާތުންނެވެ.

ނީލްއަކީ މުއްސަދި ބައްޕައެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. ނީލްގެ މަންމައަކީ ރާއްޖެއިން ބޭރު މީހަކަށްވާތީ ނީލް ގިނައިން ހުންނަނީ އޭނަގެ މަންމަ ނީތޫ ކައިރީ އޮސްޓްރޭލިޔާގައެވެ. ރާއްޖެ އަންނަނީ ޗުއްޓީތަކުގައެވެ. ރާއްޖޭގައި އުޅުނަސް އޭގެ ބައްޕަގެ ރަށް ކަމަށްވާ ހއ.އުތީމަށް އޭނަ ދުވަހަކުވެސް ނުދެއެވެ. ނަމަވެސް މިފަހަރު ބައްޕަކިޔާވަރުން އެރަށަށް ދާން ނިންމީއެވެ.

ލޯންޗް ރަށަށް ލެފުމާއެކު ނީލް އެއްގަމަށް ފުންމާލިއެވެ. ދަބަސްތައް މީހަކާ ހަވާލުކޮށްފައި ކެމެރާ ހިފައިގެން ނީލް ދިއައީ ރަށުގެ ތުނޑިއާ ވީ ދިމާލަށެވެ.

"މީހާދަ ހިތްފަސޭހަ ރަށެކޭދޯ! އަހަރެން ހިޔެއްނުކުރަން މިކަހަލަ ކުޑަކުޑަ ރަށްތައް މިހާ ހިތްގައިމުވާނެ ކަމަކަށް." ނީލް ހިތާ ހިތާ ކިޔާލިއެވެ.

އެކިދިމަދިމާ ފޮޓޯނަގަމުންދަނިކޮށް ކުއްލިއަކަށް ނީލްގެ ލޮލުގައި އަޅައިގަތީ ނީލްއާ ދެތިންފޫޓް ދުރުގައި ހުރި ބެންޗެއްގައި އިން ޒުވާން އަންހެންކުއްޖެކެވެ. ފުންހިޔާލެއްގެ ތެރެޔަށް ގެއްލިފަ އިންވަރުން އަތުގައޮތް ފެންފުޅީގެ މަތިނުޖަހާ ހުރިކަންވެސް އިހުސާސެއް ނުކުރެވެއެވެ. ނީލް ހުރީ ކަޅިޖަހާނުލާ އެއަންހެންކުއްޖާއަށް ބަލަހައްޓައިގެންނެވެ. މިލާމޯޅިވެފައިވާ މޫނުމަތިން ފެންނަނީ މާޔޫސްކަމާއި ހިތަދަތިކަމެވެ. އެވަގުތުކޮޅު ކެމެރާގައި ރައްކާކޮށްލިއެވެ.

"ނީލް. ގެޔަށް ދުރުވަންވީ ނޫންތޯ. ބައްޕަ އެބަހޯދާ" އެއަންހެންކުއްޖާއަށް ބަލަހައްޓައިގެންހުއްޓާ މީހަކު އައިސް ނީލްގެ ކޮޑުގައި އަތްއަޅާލިއެވެ. ބަލާލިއިރު އޭނަގެ ބޮޑުބޭބެއެވެ.

"ބޮޑުބޭބޭ! އެއީ ކޮންކުއްޖެއް؟'' ނީލް ބޭނުންވީ އެއީ ކޮންކުއްޖެއްތޯ ބަލާށެވެ.

"އެއީ ދޯ!. އެއީ މިރަށުގަހުރި އެންމެ ފަޤީރު އަންހެންމީހާގެ ދަރި. ޝެރިން ކިޔަނީ."

"ޝެރިން." ނީލް މަޑުމަޑުން ކިޔާލިއެވެ.

"އެއީ ވަރަށް ރަގަޅު ކުއްޖެއް. ބުރަމަސައްކަތްކޮށްގެން ލިބޭ އެއްޗަކުން މުސްކުޅި މަންމަޔަކު ބަލަމުން ގެންދާ ޔަތީމު ކުއްޖެއް." ގެޔަށް ދިޔަމަގުމަތީގައި ނީލް ބޭނުންވި ހުރިހާ މައުލޫމާތެއް ބޮޑުބޭބެ ކައިރިން ހޯދިއެވެ.

މެންދުރުގެ ވަގުތެއް ކަމުން ގެޔަށް އައިއިރު ބައްޕަ އިނީ ކޭންބައްލަވަން ތައްޔާރަށެވެ.

"އަހާ ދަރިފުޅާ! އާދޭ ކާން. ބައްޕަ މިއިންނަނީ ދަރިފުޅު އަންނަންދެން."

ނީލް އައިސް ކާމޭޒު ކައިރީ އިށީނެވެ.

"މިރަށް ދަރިފުޅަށް ކަމުދޭތަ؟ މިރޭ ވާނެ ބައްޕަގެ ވިޔަފާރީގެ ކަންތައްތައް ބަލައިލާން ދާން." ދެންވެސް ވާހަކަ ދެއްކީ ނީލްގެ ބައްޕަ ތައުފީގްއެވެ.

"އާ ބައްޕާ! އަޅުގަނޑު ވަރަށް ހިތަހަމަޖެހޭ މިރަށާ ދޭތެރޭ. ހިތަށް އަރާ މިރަށަށް ދިރިއުޅުން ބަދަލުކޮށްލަންވީއޭ. އޭރުން ބައްޕައަށް ވެސް ވިޔަފާރީގައި އެހީތެރިކަމެއް ލިބިދާނެ ނޫންތޯ."

ނީލް ރާއްޖެއިން ބޭރުގައި ދިރިއުޅުނަސް ނީލްގެ ތަރުބިއްޔަތު ވަރަށް ފުރިހަމައެވެ. މިކަމާ ތައުފީގް ވަރަށް އުފާވެއެވެ.

ކައިނިމިގެންގޮސް ނީލްވަނީ އޭނައަށް ހާއްސަކޮށްފައިވާ ބޮޑު ކޮޓަރިއަކަށެވެ. ލައިގެންހުރި ޓީޝާޓް ބޭލުމަށްފަހު އެނދުގައި ޖައްސާލިއެވެ. ކުޑަކޮށް ނިދާލުމުގެ ނިޔަތުގައި ލޯ މަރާލިއެވެ. އެވަގުތު ޝެރިންގެ މޫނު ސިފަވެގެން ދިޔައެވެ. ނީލްގެ ހިތަށް އެރިއެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ވަރަށް ގިނަ އަންހެންކުދިންނާ އަހަރެން ބައްދަލުކުރީމެވެ. އެކަމަކު ދުވަހަކުވެސް މިފަދަ އަންހެންކުއްޖެއް ނުދެކެމެވެ.

އެނދުމަތީގައި ފުރޮޅި ފުރޮޅި އެތައް އިރަކު ނީލްއޮތެވެ. އެކަމަކު ޝެރިންގެ ހިޔާލު އުދަގޫކުރާވަރުން ނިދޭގޮތެއް ނުވިއެވެ. ތެދުވެ މޭޒުމަތީއޮތް ކެމެރާ ނަގައިގެން އެދުމަތީގައި އިދެ އޭގައި ހުރި ފޮޓޯތަކަށް ބަލަމުން ގެންދިޔައެވެ. އެންމެ ފަހުން ނެގިފަ ހުރީ ޝެރިންގެ ފޮޓޯއެކެވެ. ނީލް އެފޮޓޯއަށް ރަނގަޅަށް ބަލާލިއެވެ. އެހެރަ ރީތިކަމާ ފުރިހަމަ ކަމެވެ. ކޯތާފަތުގައި އެހެރަ ކަޅުތިލައިގެ ސަބަބުން އެރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ފެންކަޅިވެފައިވާ ދެލޮލުގައި އެތަށް ސިއްރެއް ފޮރުވިފައިވާނޭކަން ޔަގީނެވެ. އިށީނދެގެން އިންއިރު ވިހުރިފައިވާ އިސްތަށިގަނޑު ވަޔާކުޅެމުންދިޔައެވެ. އެފޮޓޯތަކަށް ބަލަހައްޓައިގެން ނީލްއަށް އިދެވުނީ ކިހާއިރަކު ކަމެއްވެސް ނޭގެއެވެ. ދޮރުގައި މީހަކު ޓަކި ޖަހާލިއަޑަށް ކެމެރާ އެދުމަތީ ބާއްވާފައި ނީލް ގޮސް ދޮރު ހުޅުވިއެވެ.

" ދަރިފުޅާ! ބައްޕަ މިދަނީ ފިހާރައަށް. އާ މުދާތައް ގެނެސްގެން މިއުޅެނީ، މިރޭ ތަންކޮޅެއް ލަސްވެދާނެ. ދަރިފުޅު ފޫހިވަންޏާ ރަށުތެރޭ ހިގާލަން ނުކުމެލައްޗޭ." ތައުފީގު ބުނެލިއެވެ.

" ބައްޕަ ބުނުއްވީމެއްނު މިރޭ ބައްޕައާ އެކީ ފިހާރައަށް ދާންވާނޭ. އެހާ އަވަހަށް ބައްޕަ ތިދުރުވަނީތޯ؟" ނީލް ވަރަށް ކިޔަމަންތެރިކަމާއެކު ބުނެލިއެވެ.

"ދަރިފުޅާ. މިހާރު އެއޮތް އިރުއޮއްސެނީ. ފިހާރައަށް ގޮސްލާފަ ބައްޕަ އެބައަންނަން. ދަރިފުޅު ތައްޔާރުވެގެން ބޮޑުބޭބެއާއެކީ އާދޭ ފިހާރައަށް." މިހެންބުނެ ތައުފީގް ހިގައިގަތެވެ.

"ބައްޕާ. އަޅުގަނޑު އުޅުނީ ދުއްވާލަން ދާންކަމަށް." ނީލް ބުނެލިއެވެ.

"އެހެންތަ. މިއޮތީ ދަރިފުޅުގެ ކާރުގެ ތަޅުދަނޑި. އެހާ ބާރަށް ނުދުއްވައްޗޭ." ތައުފީގް ކާރުގެ ތަޅުދަނޑި ޖީބުން ނަގާފައި ނީލްގެ އަތަށް ދިނެވެ.

"ލައްބަ ބައްޕާ." ކާރުގެ ތަޅުދަނޑި ލިބުނީމާ ނީލް ހުރީ އުފާވެފައެވެ.

އިރުއޮއްސޭ މަންޒަރު ބެލުމަށްޓަކައި ނީލްގެ ކާރު މަޑުކޮށްލީ ރަށުގެ ހުޅަނގު ފަރާތު އަތިރި މައްޗަށެވެ.  އެރީތި މަންޒަރު ނީލްގެ ކެމެރާގައި ސޭވްކުރަމުން ގެންދިޔައެވެ.

ކުޑަކުދިންތަކެއް ސަކަރާތް ޖަހާ އަޑަށް ނީލް ބަލާލިއެވެ. އެވަގުތު ފިނި އިހުސާސެއް ކުރެވުނެވެ. ކުޑަކުދިން ކުޅެންތިބި ސަރަހައްދުގައި ހުރި އުދޯއްޔެއްގައި ޝެރިން އޮތްވާ ފެނުމުންނެވެ. ޝެރިންގެ ފަން ދިގު އިސްތަށިގަނޑު ބިންމަތީ ވެލިތަކާ ކުޅެމުން ގެންދިޔައެވެ.

(ނުނިމޭ)

ADS BY FENVARU