-
-
ރޭ ފަތިހު ބޯކޮށް ވާރޭ ވެހި ވައިގަދަވުމުގެ ސަބަބުން ތިނަދޫއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ރޭ ފަތިހު ބޯކޮށް ވާރޭ ވެހި ވައިގަދަވުމުގެ ސަބަބުން ތިނަދޫއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ރޭ ފަތިހު ތިނަދޫއަށް 50 މޭލަށް ވައިގަދަވެ ރަށުގަ ތިބި ބޮޑެތި ރުއް ގަސްތައް ވެއްޓި ގިނައަދަދެއްގެ ގޭގޭ ފުރާޅު ވަނީ ހަލާކުވެފއެވެ.

ADS BY FENVARU

މީގެ ތިންދުވަސް ކުރިން ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ތިނަދޫއަށް ލިބުނު ގެއްލުންތަކުން އަރައި ނުގަނެވިގެން އުޅެނިކޮށް ރޭ ފަތިހު މިވަނީ ވައިގަދަވެ އަނެއްކާވެސް ބޮޑެތި ގެއްލުންތަކެއް ރައްޔިތުންނަށް ކުރިމަތިވެފައެވެ.

ތިނަދޫ ކައުންސިލްގެ ރައީސްގެ އިސްނެންގެވުމަށް، ތިނަދޫގައި ފެންބޮޑުވި ގެތަކަށް ފަސް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޓީސީސީ އަދި ޕަބްލިކް ވޯކްސްއިން ފަށައިގެން ކުރިޔަށް ގެންދާތާ މިހާރު ދެދުވަސްވެއްޖެއެވެ.

ރޭ ކުރި ވިއްސާރައިން ރަށުގެ ވަރަށްގިނަ ގޭގޭ ފުރާޅުގެ ޓިނުތައް ނައްޓައިގެން ގޮސް ގޭގޭ ސީލިންގ ތައްވެސް ވަނީ ހަލާކުވެފައެވެ. ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުން ސީލިންގ ނުކޮށްތިބި ގޭގެ އެތެރެޔަށް ވާރޭވެހި ފެންބޮޑުވެފައިވެއެވެ. މަގުތަކުގައި ފެންބޮޑުވެ ރަށުގެ ގިނަ ގޭގޭގައި ހުރި ބަނބުކެޔޮ ގަސްތަކާ އަނބުގަސްތަކުގެ އިތުރުން ދިގު ރުއްތަކާއި ބިޔަގަސްތައް ވަނީ ބިންދައިގެން ގޮސްފައެވެ.

ހުވަދު އަތޮޅަށް މިކުރާ ވިއްސާރައިގާ  ތިނަދޫގެ އިތުރުން ގއ.ކޮނޑޭއަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި ދުވަސްވަރު ކުރަމުން މިދާ ވިއްސާރައިގައި ވައި ގަދަވެ ލިބެމުންދާ ގެއްލުން ތަކަށް ރައްޔިތުން ގެ ކަންބޮޑުވުން އިތުރުވެ ރައްޔިތުން ތިބީ ހާސްކަމެއްގެ ތެރޭގައެވެ.