-
-
ޙަޤީޤީ ހާދިސާ: އިންސާނަކާއި ދިމާވި މޫމިނު ޖިންނި

ޙަޤީޤީ ހާދިސާ: އިންސާނަކާއި ދިމާވި މޫމިނު ޖިންނި

މަނަދޫގައި ހުރި އެންމެ ދުވަސްވީ ތާރީޚީ ތަރިކައެއްގެ ގޮތުގައި މިހާރު ފެންނަންހުރީ ރަށުގެ ދެކުނު ފަރާތުގައި އޮތް "މާމިސްކިތްދޮށް" ކިޔާ ސަރަހައްދެވެ. އެތަނުގައި މަނަދޫ މާމިސްކަތުގެ ފާރުގަނޑުން ބަޔަކާއި އެ މިސްކިތުގެ ވެވާއި ބޮޑު މަހާނަ ފަލެއް އެބައޮތެވެ. އެ ސަރަޙައްދު ވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ދުވަސްވަރުން ފެށިގެން ދިވެހިރާއްޖޭ އާސާރީ ތަންތަނުގެ ތެރޭގައި ލިސްޓު ކުރައްވާފައެވެ. މި ހާދިސާއަކީ މި ދެންނެވި މާމިސްކިތާ ގުޅިފައިވާ ހާދިސާއެކެވެ.

ADS BY FENVARU

ދުވަސްވަރަކީ މަނަދޫ މާމިސްކިތު ވެވުން މީހުން ފެންވަރައި މާމިސްކިތުގައި ނަމާދުކޮށް އުޅުނު ދުވަސްވަރެވެ. މާމިސްކިތޭ ކިޔަނީ އެ މިސްކިތަކީ އެއް ދުވަސްވަރެއްގައި ރަށުގައި ހުރި އެންމެ ބޮޑު ނުވަތަ އެންމެ ޚާއްޞަ މިސްކިތަށް ވީމާ ކަމަށް ގަބޫލުކުރެވެއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން އަންޒަމާނުއްސުރެ މިލަދުންމަޑުލު ދެކުނުބުރީގައި ވާރުކުރާ ރަށަކީ (އަތޮޅުވެރިކަން ކުރާ ރަށަކީ) މަނަދޫ އެވެ. މިހާރު މަނަދޫގައި މީހުން ދިރިއުޅެނީ ރަށުގެ އުތުރު ފަރާތުގަ އެވެ. މާމިސްކިތް ހުރީ މަނަދޫގެ ނާމަގުން ދެކުނު ކޮޅަށް ދާއިރު އެ މަގުގެ ދެކުނު ފަރާތުގަ އެވެ. އެ މަގަކީ ހުޅަނގު ދެކުނަށް ކޮށާ ވަލުތެރެއިން ފޫދުއްވާލައިފައި އޮންނަ މަގެކެވެ.

މާމިސްކިތްދޮށާއި ރަށުގެ ދެކުނު ފަރާތުގެ ވަލުތެރޭގައި ގިނަ އަދަދަކަށް ގާފޮޅުތަކާއި މަހާނަ ފާތައް ހުރުމުން މަނަދޫއަކީ ކުރިން ކޮންމެވެސް ދުވަސްވަރެއްގައި ރަށުގެ ދެކުނު ފަރާތުގައި މީހުން ދިރިއުޅު ރަށެއް ކަމަށް ޤަބޫލު ކުރެވެއެވެ. ފަހުން ކޮންމެ ވެސް ސަބަބަކާހުރެ އުތުރު ފަރާތުގައި މީހުން އާބާދުވިޔަސް މާމިސްކިތް ނަމާދުކުރާ މިސްކިތެއްގެ ގޮތުގައި މީހުން ބޭނުން ކުރަމުން އައެވެ. ޚާއްޞަކޮށް މަސްވެރިން ނެވެ.

މަހަށްދާ ބައެއް މީހުން މަހުންލަފައި މަސްތައް ކެނޑުމަށްފަހު އަންހެންވެރިންނާ މަސްކައްކަން ހަވާލުކޮށްފައި ފެންވަރައި ނަމާދު ކުރުމަށް ދަނީ މާމިސްކިތަށެވެ. ބައެއް ރޭރޭ ތަންކޮޅެއް ދަންވާފަހުން ވެސް ބައެއް މީހުން އެ މިސްކިތަށް ނަމާދަށް ދެއެވެ. އޭގެތެރެއިން އެއް ބޭކަލަކީ ކުޑައާދަންބެގެ ބައްޕަ އެވެ. ކުޑަ އާދަންބެގެ ދެ ދަރިން ކަމުގައިވާ ރުގީދައިތައާއި ދަލޭކަ ދައިތަ އަޅުގަނޑު ވެސް ދުށީމެވެ. ކުޑައާދަންބެއެއް، ކުޑައާދަންބެގެ ބައްޕައެއް ނުދެކެމެވެ. ކުޑައާދަންބެގެ އާއިލާ މަނަދޫގައި އެބައޮތެވެ. އެއީ ރަށުގައި ފާހަގަކޮށްލޭ ޢިލްމީ، ޚިދުމަތްތެރި، މީހުންނާ ވަރަށްގުޅޭ މުރާލި ދަރިފަސްކޮޅެކެވެ. އަދި މިހާތަނަށް ކުޑައާދަންބެގެ ބައްޕަގެ ނަން އަޅުގަނޑަށް އެނގިފައިނުވާނީ މި ލިޔުމުގައި މުޚާތަބުކުރާނީ ކުޑަ އާދަންބެގެ ބައްޕަގެ ނަމުންނެވެ.

ކުޑައާދަންބެގެ ބައްޕައަކީ މުރާލި ހީވާގި މަސްވެރިއެކެވެ. އެ ޒަމާނަށް ބަލާއިރު ވަރަށް ރަނގަޅަށް ޤުރުއާން ކިޔަވައިގެން ހުންނެވި ދީނަށް ލޯބިކުރެއްވި ބޭކަލެވެ. އާންމުކޮށް ކޮންމެ ދުވަހަކު ވެސް މަހުން އައިސް ފެންވަރައި ނަމާދުތައް ކުރުމަށް ދަނީ މާމިސްކިތަށެވެ. އެ ދުވަސްވަރަކީ އެ ދުވަހެއްގައި ވަގުތު ފާއިތުވާއިރު ނުކުރެވި ހުންނަ ނަމާދުތައް ޤަޟާއަށް ޢިޝާ ނަމާދަށް ފަހުގައި މީހުން ކޮށް އުޅުނު ދުވަސްވަރެވެ. މި އާދަ އަޅުގަނޑުމެން ކުޑައިރު ވެސް އޮވެއެވެ. މަސްވެރިންނާއި ވަޑިން ފަދަ މަސައްކަތުގެ ބާވަތުން ހަޑިވާ ޒާތުގެ މަސައްކަތުގައި ދުވާލު ހަތަރުދަމު އުޅޭ މީހުން އެ ދުވަހު ނުކުރެވި ހުންނަ ނަމާދުތައް ކުރަނީ ފެންވަރާހަދައިގެން ޢިޝާ ނަމާދަށް މިސްކިތަށް ގޮސް ޢިޝާ ނަމާދަށް ފަހުގަ އެވެ.

ވިއްސާރަވެފައި އުޑުމަތި ބަނަ ރެއަކަށް ވީމާ ކަންނޭގެއެވެ. އެރޭ މާމިސްކިތަށް ނަމާދަށް ދިޔައީ ކުޑައާދަންބެގެ ބައްޕަ އެކަންޏެވެ. ނަމާދުތައް ކޮށް ނިމިގެން ގެއަށް އަންނަން ބަލާލިއިރު ވަރަށް ބޯކޮށް ވާރޭ ވެހެނީއެވެ. ވާރޭ ހުއްޓާލަންދެން މިސްކިތުގައި އިނީއެވެ. އެތައް އިރެއްވީއިރު ވެސް ގެއަށް ދެވޭވަރަކަށް ވާރޭ ހުއްޓައެއް ނުލިއެވެ. އެހެން އިންދާ ވަރަށް ބޮޑަށް ކުޑަކަމުދާން ޖެހިއްޖެއެވެ.

އަތިރިއަށް ފޭބޭ ވަރަށްވުރެ ވާރޭ ބޮލެވެ. އެހެންވެ މިސްކިތުން ފައިބައި އަސްކަނި ދޮށުން އެއްފަރާތަކަށް ޖެހިލައި ކުޑަކަމު ހާޖިތަށް ހިގައްޖެއެވެ. އަސްކެނިން ފައިބާ ފެނުން ތާހިރުވެލައިގެން އެރީ މިސްކިތަށެވެ. މިސްކިތުގެ ދާލަމަތީގައި އިންދާ މަޑުމަޑުން އުނަގަނޑުގެ ތިރިން ވާގި ބަލިވާހެން ހީވިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އުނަގަނޑުން ތިރިން އެއްކޮށް ވާގި ހިގައްޖެއެވެ. ހިރިލާނެ ގޮތެއް ވެސް ނޭނގިފައި އިންދާ ވައިރޯޅިއެއް ގައިގައި ޖެހުމުން އެ ދިމާއަށް ބަލާލެވުނެވެ. ހީވީ މީހަކު ކައިރިންލައިފައި މިސްކިތަށް އެރިހެންނެވެ.

ހިރި ނުލެވޭތީ މިސްކިތުގެ އެތެރެ ބަލާލަން ކުރެވޭނެ ކަމެއް ވެސް ނެތެވެ. އެހެން އިންދާ މިސްކިތަށް އެ އެރި މީހަކު ގަމަތްދީ ނަމާދުކުރަން ފެށި އަޑުއިވުނެވެ. އެއީ ކާކުގެ އަޑެއްކަމެއް ނޭނގުނެވެ. އަދި އެ ކިޔެވުމަކީ އަޑުއަހާފައިނުވާހާ ރީތި ރާގަކަށް ކިޔަވަމުންދިޔަ ކިޔެވުމެކެވެ. އަލްޙަމްދު ނިންމާފައި ފެށީ ބަޤަރާ ސޫރަތުންނެވެ. ވަރަށް ދިގުކޮށް ކިޔެވިއެވެ. ވަކި ހިސާބަކަށް ދިޔަތަނުން އަޅައިގެންފިއެވެ. ކުޑައާދަންބެގެ ބައްޕަ އެތަން ބުނެދިނުމާއެކު ކިޔެވުން ފުރިހަމަކުރިއެވެ.

ކިޔެވުމުގައި ޖެހުނު ކޮންމެ ކުށެއް ބުނެދިނެވެ. އެ މީހަކު ނަމާދުކޮށް ނިމިގެން ސަލާން ދީފިއެވެ. އެއީ ކާކުކަން ނޭނގޭތީ މިސްކިތުގެ އެތެރެބަޔަށް ބަލަން އިންދާ މިސްކިތުން ފައިބައިގެން އަންނަތަން ފެނުނީ ހުދުހެދުމުގައި ހުންނެވި ބޭކަލެކެވެ. ހުދު ޖުއްބާކޮޅުގެ ކުލަ އަލިކަމުން އެ ބޭކަލަކާ ދިމާއަށް ބަލަން ވެސް އުނދަގުލެވެ.

އިސްކޮޅުން ދިގުވެފައި ރޫފަ ހެޔޮވަރު ރަތް ދޮން ކުލައިގެ ބޭކަލެކެވެ. ކުޑައާދަންބެގެ ބައްޕަ ފެނިފައި ކައިރިއަށް ވަޑައިގަންނަވައި ސަލާން ގޮވާލައްވާ ޝުކުރު އަދާކުރެއްވިއެވެ. އަދި މި ދަންވަރު ކުރަނީ ކީއްތޯ ސުވާލު ކުރައްވައިފިއެވެ. އެ ބޭކަލަކީ މޫމިނު ޖިންނިއެއް ކަމަށާއި ދުނިޔޭގެ ކޮންމެ އާލަމެއްގައި އުޅުއްވި ނަމަވެސް ޢިޝާ ނަމާދު ކުރައްވަނީ މި މިސްކިތުގައޭ ވިދާޅުވިއެވެ. ކުޑައާދަންބެގެ ބައްޕައަށް އެރޭ ދިމާވި ގޮތުގެ ވާހަކައާއި އުނަގަނޑުން ތިރިން ވާގި ނެތް ވާހަކަ ދެންނެވިއެވެ.

ވެގެން އުޅޭގޮތް އެ ބޭކަލަކަށް އެނގިވަޑައިގެންނެވި ކަހަލައެވެ. މިސްކިތުގެ ދޮރުމައްޗަށް ނުކުމެވަޑައިގަންނަވާ ކޮންމެވެސް އެއްޗެކޭ ގޮވާލެއްވިއެވެ. ކުއްލިއަކަށް އައިނައިތަނެއް ނޭނގި ކުދިބޮޑު ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިސްކިތް ދޮށަށް ޖަމާވެއްޖެއެވެ. އެކި ސިފަސިފައިގައި ތިބި އެތައް ހާސް ބައެކެވެ. މިސްކިތް ދޮށުގައި ހުސް އެންމެ ތަންކޮޅެއް ވެސް ނެތެވެ.

އެ ވަގުތު ކުޑައާދަންބެގެ ބައްޕަ ދައްކަވާފައި އެ ބޭކަލަކު ވިދާޅުވިއެވެ. މީނާއަށް މިހެން ހެދީ ކާކުހެއްޔެވެ؟ މިއީ މިހާރު އަހުރެންގެ ވަރަށް ގާތް ރަޙުމަތްތެރިއެކެވެ. މީނާއަކީ ޤުރުއާނުގެ ޢިލްމު ހިތުގައި ހުރި މީހެކެވެ. އެ ޢިލްމަކީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ތިޔަ ބިޔަ ލަޝްކަރު އަންދާ އަޅިއަށް ހެދިދާނެ ފަދަ ޢިލްމެކެވެ. އަހުރެންނަށް ތިޔަބައި މީހުންގެ މައްޗަށް ލިބިފައިވާ ބާރާމެދު ތިޔަބައި މީހުން ޝައްކެއް ނުކުރާނެއެވެ.

އެހެން ވިދާޅުވުމުން އެތަނުގައި އިން ވަރަށް ސިފަ ހުތުރު އިސްކޮޅުން ވަރަށް ކުރު ހަށިގަނޑެއް ލިބިފައިވާ ކޮރު ޖިންނިއެއް އަތް ހިއްލާލައިފައި ބަރު އަޑަކުން އެކަންކުރީ އޭނާ ކަމަށް ދަންނަވައިފިއެވެ. ކީއްވެކުރި ކަމެއްތޯ ވިދާޅުވުމުން ދެންނެވީ އޭނާގެ ބޮލަށް ކުޑަގިފިލި ކުރީމާ ކުރިކަމެއް ކަމަށެވެ.

މޫމިނު ޖިންނި ވިދާޅުވިއެވެ. އޭނާ ކުޑަކަމުދާން އުޅުމުން ކަލެއަށް ދުރަށް ޖެހިލާކަށް ވެސް ނޭނގުނު ދޯއެވެ. އެހެން ނޫނަސް ވާރޭވެހެނިކޮށް އޭނާއަށް އަތިރިއަށް ދެވޭނީ ވެސް ކިހިނަކުން ހެއްޔެވެ. މިކަމުގައި އޭނާއަށް އުޒުރު އެބައޮތެވެ. އޭނާ ދޫކޮށްލާށެވެ. އެހެންބުނުމުން އެ ޖިންނި އަދަބު އަދާކޮށްފިއެވެ. ވަގުތުން ކުޑައާދަންބެގެ ބައްޕަގެ އުނަގަނޑުން ތިރީގައި ވާގިޖެހިއްޖެއެވެ.

އެއަށްފަހު އިޝާރާތެއް ކޮށްލުމުން އެ އެންމެން ކުއްލިއަކަށް ގެއްލިއްޖެއެވެ. މިސްކިތް ތެރެއަށް ވަދެފައި މޫމިނު ޖިންނި ކުޑައާދަންބެގެ ބައްޕައަށް ވިދާޅުވިއެވެ. އަޅުގަނޑު ގޮސްލަނީއެވެ. ހަނދާން ކުރައްވައްޗެވެ. މީގެ ފަހުން ވެސް އަޢޫޒު ބިސްމި ވިދާޅުނުވެ އެފަދަ ކަމެއް ނުކުރައްވައްޗެވެ. އެހެން ވިދާޅުވެ ސަލާމް ކުރެއްވިތަނާ އެ ބޭކަލަކު ވެސް ކުއްލިއަކަށް ގެއްލިއްޖެއެވެ.

އޭރު އޮތީ ވާރޭ ވެސް ހުއްޓާލާފައެވެ. ކުޑައާދަންބެގެ ބައްޕަ ނާމަގުން ހިނގާފައި ރަށުތެރެއަށް އައީއެވެ. ﷲ ގެ ވާގިފުޅާއެކު އޭގެފަހުން މަރުދުވަހަށް ވެސް އެފަދަ ކަމެއް ދިމާލެއް ނުވެއެވެ.

އެކި މީހުންގެ ތުންތުންމަތިން މި ވާހަކަ ކިޔަމުން އައިގޮތުގައި ތަފާތުތަކެއް ހުރެދާނެއެވެ. މި ވާހަކަ ކިޔާ އުޅެނީ މި ހާދިސާ ދިމާވި ކުޑައާދަންބެގެ ބައްޕަ ކިޔައިދިން ވާހަކައެއްގެ ގޮތުގައެވެ. އަޅުގަނޑު މި ހާދިސާ ލިޔުމުގައި އަސްލަކަށް ބެލީ މަނަދޫ އައްސޭރި މުޙައްމަދު ޙަމީދު ވިދާޅުވެ ދެއްވި ގޮތެވެ. އެއީ ޙަމީދުބޭ ވެސް އެކި މީހުންގެ ކައިރިން އަޑު އެއްސެވި ގޮތެވެ.

ކުޑައާދަންބެގެ ބައްޕައަށް މާތް ﷲ ރަޙުމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ.

ފޮޓޯ: މަނަދޫ މާމިސްކިތްދޮށް. ފޮޓޯ ކުރެޑިޓް: ޙައްޤުވެރި ފަރާތަށް.