-
-

ޗާޓެއްގައި ބޮޅު އަޅާފައިވާ ސަރަހައްދެއް ދައްކައިލަމުން ޝިބާން އިތުރު ތަފުސީލު ދިނެވެ. ކެމެރާތައް ހަރުކޮށްފައިވާ ސަރަހައްދުތައް އެ ޗާޓުގައި ވަނީ، ވަރަށް ރަނގަޅަށް ފާހަގަ ކޮށްފައެވެ. އެއިން ކޮންމެ ސަރަހައްދެއް ވެސް އޭނަ ވަކިވަކީން ދެއްކިއެވެ.

ADS BY FENVARU

********

"ވަރަށް ރަނގަޅު... ތި ލިބުނީ ވެސް ވަރަށް ބޮޑު ކުރިއެރުމެއް... ލަޔާން!... އިތުރަށް ސީސީޓީވީ ފުޓޭޖްތައް ބަލާ... ރަނގަޅަށް ދިރާސާ ކުރޭ... ކިރިޔާވެސް ޝައްކުވާ މީހަކު ފެނިއްޖެއްޔާ، އެ މީހަކަށް ފާރަލާންވާނެ... ކެމެރާތައް މަސައްކަތް ނުކުރާ ސަރަހައްދުގަ ހުރި ހުރިހާ އިމާރާތެއް ވެސް ބަލާ ފާސްކުރޭ... ވީ ވަރަކުން އިތުރު ކެމެރާ ހަރުކުރަން ވާނެ... މިކަމަށް ނެރެންވާނީ، ސީކްރެޓް ޓާސްކްފޯހުގެ ކުދިން... އެއްވެސް މީހަކަށް ކުޑަވެސް ޝައްކެއް ވިޔަ ދީގެން ނުވާނެ..."

އިސްކުރީނުން ފެންނަމުންދިޔަ، "މިސްޓަރ އެކްސް"ގެ ތަސްވީރަށް ބަލަން ހުރެ ކާވިން ބުންޏެވެ. މިއަދު އެ ހިތުގައި ވަނީ، އައު އަޒުމެއް އުފެދިފައެވެ. އެކަން ކޮޅެއްގައި ޖައްސާފައި ނޫނީ، ނުހުއްޓަން އޭނަ އަމިއްލަ ހިތަށް، ވައުދު ވިއެވެ.

ލަޔާން ބޯޖަހާލިއެވެ. އޭނަ އަވަސްވެގަތީ، ހަވާލުވި މަސައްކަތް ފުރިހަމަ ކުރަން ދިޔުމަށެވެ. ލަޔާން ދިޔުމުން، ކާވިންގެ ނަޒަރު އަނެއްކާ ވެސް އިސްކުރީނަށް ހުއްޓުނެވެ.

"ފުލުހުންގެ ޑޭޓާބޭސް އެއްކޮޅުން އަނެއްކޮޅަށް ބަލާ... މިހާތަނަށް ކުށުގެ ރެކޯޑު އޮތް ހުރިހާ މީހުންގެ ލިސްޓެއް މާދަމާގެ ކުރިން އަހަންނަށް ލިބެންވާނެ..."

ކާވިންގެ އެންގުމަށް އެއްބަސްވުމުގެ ގޮތުން، ޝިބާން ބޯ ޖަހާލިއެވެ.

********

ކެބިންއަށް އައިސް ވަން ކާވިންއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ކަންތައްތައް ގޮސްފައި އެވާ ހިސާބުން، އެކަން އެހާ ފަސޭހައިން ނިންމައި ނުލެވޭނޭ ކަން އޭނައަށް އެނގެއެވެ. ކުޑައިރުކޮޅަކު ވިސްނަން އިނދެފައި އޭނަ ނެގީ، ފޯނެވެ. ފޯނު ހުޅުވައިލުމާއިއެކު، އޭނަގެ ދެލޯ ބޮޑުވެއްޖެއެވެ.

އޭނައަށް އޮޅިގެން އީންގެ ފޮޓޯއަށް ކުރެވިފައިވާ ކޮމެންޓަށް އެތައް ބަޔަކު ވާހަކަ ދައްކާފައި ހުއްޓެވެ. ކާވިން ހާސްވެގެން ނިތްކުރީގައި އަތުން ޖަހާލައިފިއެވެ. ފޯނަށް ފިތިގެން އީންގެ ތަސްވީރަށް އެ އޮތީ ފޮނުވަން ނުވާ ވަރުގެ "ސްޓިކަރ" އެއް ފޮނުވިފައެވެ. އެއީ އޭނަ ގަސްދުގައި ކުރި ކަމެއް ނޫނެވެ. އޭނައަކީ، ފޭސްބުކްގައި ދުވަހަކު ވެސް ކޮމެންޓްކޮށް އުޅޭ މީހެއް ނޫނެވެ.

"ޝިޓް... ޝިޓް..." މޭޒުގައި އަތުން ޖަހައިލަމުން ކާވިން ބުންޏެވެ.

ލިޔުންތަކެއް ހިފައިގެން ކާވިންގެ ކެބިންއަށް އައިސް ވަން، ޒަލޫލީ ހުރީ، ޖެހިލުން ވެފައެވެ. އޭނަ ސިއްސައިގެން ދިޔައީ، އޭނަ ހަމަ ވަނުމާއިއެކު ކާވިން މޭޒުގައި ޖެހި ތަން ފެނުމުންނެވެ. އޭނަ ދެލޯ ބޮޑުކޮށްގެން ކާވިންއަށް ބަލަން ހުރީ، ބިރެއް ފެނުމުން ބަލާ ހެންނެވެ. އެއްޗެއްގައި ސޮއި ކުރަން ޖެހުނަސް، އެއްވެސް މުވައްޒަފަކު ކާވިންގެ ކެބިންއަށް ނުވަދެ ވޭތޯ ބަލައެވެ. ޒަލޫލީ ވެސް އައީ، އިތުރު ގޮތެއް ނެތުމުންނެވެ.

ފޯނަށް ގޮސް ގެއްލިފައި އިން ވަރުން، ޒަލޫލީ އައި ކަމެއް ކާވިން އަކަށް ނޭނގުނެވެ. އީންއަށް މެސެޖެއް ފޮނުވަން އެއްޗެއް ލިޔެލާފައި ވެސް އޭނަގެ ޚިޔާލު ބަދަލު ވަނީއެވެ. ބުނާނެ އެއްޗެއް ނޭނގިގެން ކޮންމެ ފަހަރަކު ލިޔަން އުޅޭ އެއްޗެއް ފޮހެލައެވެ.

ކާވިންއަށް ޒަލޫލީ ފެނުނީ، ސިއްރުން ކެބިން އިން ނުކުންނަން އުޅެނިކޮށެވެ. އެ ނާޒުކު ވަގުތުގައި ޒަލޫލީ ފެނުމުން، އޭނައަށް އައީ މޮޅު ޚިޔާލެކެވެ. ޒަލޫލީއަށް ގޮވައި، ގެނެސް އޭނަ ދައްކައިލީ، އީންއަށް ފޮނުވުނު "ސްޓިކަރ" އެވެ.

"މީހުން މަރާ މީހަކު، ކުއްޖަކަށް މީތި ފޮނުވައިފިއްޔާ އެބުނަނީ ކީކޭ؟..." ކާވިން ވާހަކަ ދެއްކީ، އޭނަގެ ވިސްނުމަށް އައި އެންމެ މޮޅު ގޮތަށެވެ.

އެތައް އިރަކު ވިސްނަން ހުރެފައި، އެއްޗެއް ބުނަން ޒަލޫލީ އޭނާގެ އަނގަ ހުޅުވައިލިއެވެ. އިންތިޒާރުގައި އިން ކާވިންގެ ކެތްތެރިކަން ކޮޅުންލީ، އެތައް ފަހަރަކު އެހެން ހަދާފައި ވެސް، ޒަލޫލީއަށް އެއްޗެއް ނުބުނެވުމުންނެވެ.

"ސަރ!... ކީކޭތޯ ދެންމެ ބުނުއްވީ؟..." ޒަލޫލީ ހާސްވެފައި ސުވާލު ކުރިއެވެ.

އެތައް އިރަކު މަސައްކަތް ކުރުމަށް ފަހުގައި ވެސް، ޒަލޫލީއަށް ބުނެވުނު އެއްޗަކީ އެއީ އެވެ. ކާވިން އިނީ ރުޅިގަދަވާ ގޮތް ވެފައެވެ. ކުރެވުނީ ބޭކާރު ކަމެކެވެ. ގެއްލިގެން ދިޔައީ، ބޭކާރު ވަގުތު ތަކެކެވެ.

"އޯކޭ! ދިޔަސް އެންމެ ރަނގަޅު..." ކުރެވުނު ކަންތަކަށް، އަމިއްލަ ނަފުސަށް އަޑު ލަމުން، ކާވިން ބުންޏެވެ.

********

ދަންވަރުގެ ވަގުތެވެ. ވޯޑުގައި އޮންނަން ފޫހިވެގެން، އީން ބޭރަށް ނުކުމެލިއެވެ. ހޮސްޕިޓަލުގެ ގޯތި ތެރޭގައި ހައްދާފައިވާ ގަސްތައް ދަށުގައި އިށީނދެވޭ ގޮތަށް، ގޮނޑި ބަހައްޓާފައި ހުރެއެވެ. އީން ނުކުމެ، އެތަނުން ގޮނޑިއެއްގައި އިށީނެވެ. ތަނަށް ވެރިވެފައި ވަނީ ފަނޑު އަލި ކަމެކެވެ. އެ އަލިކަމުގައި، އެތަނުގައި މީހަކު އިނަސް، ހޮސްޕިޓަލުގެ ތެރެއަށް ވަދެ ނުކުމެ ހަދާ މީހުންނަކަށް ނޭނގޭނެއެވެ.

"މަންމާ!... މަންމަ ކޮން ކަމެއްތަ އަހަންނަށް ތި ސިއްރު ކުރަނީ؟..." އީން ދިޔައީ، ފޯނުގެ އިސްކުރީނުން ފެންނަމުންދިޔަ އަސޫމީގެ ތަސްވީރާއި ވާހަކަ ދައްކަމުންނެވެ.

"ދާރިޔާ!..." ފުން ނޭވާއެއް ދޫކޮށްލަމުން، އީން ބަލައިލީ، އުޑު މައްޗަށެވެ.

ފޮރުވިގެންވާ އެތައް ސިއްރެއް ވާއިރު، އެ ސިއްރުތައް ހޯދުމަށް އޭނަގެ ހިތް ވަނީ ބޭޤަރާރު ވެފައެވެ. އަސޫމީ އޭނައަށް ސިއްރު ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ބައްޕަ އަކީ ކާކު ކަން ބުނެ ނުުދޭން އުޅެނީ ކީއްވެ ހެއްޔެވެ؟ ދާރިޔާ އަކީ ކާކު ހެއްޔެވެ؟ އަމިއްލަ އާއިލާގެ އެތައް ސިއްރެއް އެ ވަނީ ކަފުން ކޮށްފައެވެ. ހަމަ އެގޮތަށް، ކާވިންގެ ވެސް އެ ހުންނަނީ، ސިއްރުވެރި ގޮތެކެވެ. ހުރިހާ ސިއްރެއްގެ އެންމެ ފުނާއި ހަމައަށް ވާސިލް ވާން އޭނަ ބޭނުން ވެއެވެ. އެކަމަކު ކިހިނެތް ހެއްޔެވެ؟ އޭނައަށް ޔަޤީންވާ ކަމަކީ އޭނަ ހުއްޓާނީ، އެ ހުރިހާ ސިއްރެއް ހޯދާފައި ކަމެވެ. އެއްވެސް މީހަކަށް އެކަމުގެ ކުޑަ ވެސް އިންޒާރެއް ދިނުމެއް ނެތިއެވެ.

ހޮސްޕިޓަލުގެ ތެރެއިން ވަރަށް ބާރަށް ނުކުތް މީހަކު ފެނި، އީން ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. ކޮރަމުން ކަހަލަ ގޮތަކަށް ހިނގަމުންދިޔަ އެ މީހާގެ މިސްރާބު ހުރީ، ހޮސްޕިޓަލުގެ އަނެއް ފަރާތުގައި ހައްދާފައި އޮންނަ ގަސްތަކާއި ދިމާއަށެވެ. ސިއްރުވެރި ކަމުން ފުރިގެންވީ އަމަލެކެވެ. ޝައްކު ކުރެވޭ އެތައް ކަމެއް، އެ މީހާގެ އަމަލުތަކުން އީންއަށް ފާހަގަ ވިއެވެ.

އެއް ކަމަކީ، އެމީހާގެ އަތުގައި އޮތް ކުޑަ ފޮއްޓެވެ. އެއީ އޭނައަށް މޫދުން ފެނުނު ކަހަލަ ލަކުޑި ފޮއްޓެކެވެ. އަނެއް ކަމަކީ، ހިނގަމުން ދިޔަ ގޮތެވެ. ސިއްރުން އެކި ދިމަދިމާއަށް ބަލަމުން ދިޔަ ދިޔުމެވެ.

އީންގެ ނޭވާ އަވަސް ވިއެވެ. އަތަށް ގުޅާފައިވާ އައިވީ ނައްޓާލުމަށްފަހު، އޭނަ އެތަނުގައި ބާރަށް ހިފަހައްޓާލީ ލޭ މަނާ ކުރުމަށެވެ. އެހެން ހުރެ، އެ މީހެއްގެ ފަސްފަހަތުން އޭނަ ހިނގަމުން ދިޔައެވެ. އެއިން ކޮންމެ އަމަލަކަށް ފާރަވެރި ވަމުންނެވެ. އެ މީހާ ގޮސް ހުއްޓުނީ، އެންމެ އަނދިރި ހިސާބުގައެވެ. ކުރާ ކަމެއް ނުވެސް އެނގޭހައި އަނދިރި އެވެ.

އެ މީހާ، ފަސްއެނބުރި ބަލައިލަން އުޅުނުހެން ހީވެ، އީން އެތާ ހުރި ގަހަކާއި ނިވާވެލިއެވެ. އޭނަ އިރުކޮޅެއް ފަހުން ބަލައިލިއިރު، އެ މީހަކު ފެންނާކަށް ނެތެވެ.

"ޝިޓް..." އީންއަށް ބުނެވުނެވެ.

********

އާ ދުވަހަކަށް އިރު އެރިއިރު ވެސް، ޔުނާން އާއި ލަޔާން ތިބީ، ތަހުޤީޤު ހޯލުގައެވެ. އެތަނުގައި ހުރި ދިގު މޭޒު ފުރިފައި ވަނީ، ކަރުދާހުންނެވެ. މުޅީން ވެސް ތަހުޤީޤާއި ގުޅޭ ލިޔުން ތަކެވެ.

ރޭގަނޑު ނުނިދާ ހޭލާ ތިބެގެން އެ މީހުން ކުރި މަސައްކަތުން، ތަހުޤީޤަށް ބޮޑެތި ކުރިއެރުން ތަކެއް ލިބުނެވެ. "އެކްސް" ދިރިއުޅޭކަމަށް ޝައްކު ކުރެވޭ ސަރަހައްދުން ބައެއް ހެކިތައް ފެނުނެވެ. ޑަސްޕިންތަކުގައިވާ ކުނިބުނީގެ ތެރެއިން، މާސްކާއި އަންގި ފަދަ އެތައް އެއްޗެއް ފެނުނެވެ. ބައެއް ތަކެތީގައި އިނގިލީގެ ނިޝާނާއި ލޭ ހުރުމުން، އެ ތަކެތި ތަޙުލީލު ކުރާ ބަޔަށް ފޮނުވުނެވެ.

ނިދި އައިސް ތާއްޔާ ޖެހިޖެހި އިން ޔުނާން ސިހުނީ، ކޮންމެވެސް މީހަކު އޭނަގެ ބުރަކަށީގައި ޖެހުމުންނެވެ. އޭނަ ބަލައިލިއިރު، ކައިރީގައި ހުރި ނުހާމް ފެނި، މޫނަށް ގޮތެއް ހަދާލައިފިއެވެ.

"ކަލޭ ނުވާނެ ރަނގަޅެއް..." ދެފަރާތަށްބޯ ހޫރާލަމުން، ޔުނާން ބުންޏެވެ.

"އާނ!... އެހެންވެ އެއްނު މިކަހަލަ އެއްޗެއް އަތުޖައްސައިގެން މިއައީ... ގެސް ކޮށްބަލަ ކޯއްޗެއްތޯ؟..." ނުހާމް ފަހުރުވެރި ވެލާފައި ބުންޏެވެ.

އޭނަގެ އަތުގައި ފައިލެއް އޮތެވެ. ބާވެފައި އޮތުމުން، ކުރީގެ ފައިލެއް ކަން އެނގުނެވެ. ޔުނާންއަށް ބަލައިލެވުނީ، އޭނަގެ ކުރިމަތީގައި އިން ލަޔާން އަށެވެ. ލަޔާން ދެކޮނޑު އަރުވައިލީ، ނޭނގެ އޭ ބުނާ ކަހަލަ ގޮތަކަށެވެ.

"ވަރަށް ހާލުން ލިބުނު އެއްޗެއް މީ... އަނެއްހެން ބުނަންޏާ، ވައްކަމެއް ކޮށްގެން މިކަން މިވީ... މީން ފަހަރެއްގަ އަހަރެމެންނަށް ބޮޑު ކުރިއެރުމެއް ލިބިދާނެ... އެކަމަކު ބުނަން، ކާވިން ސަރ އަށް އަންގައިގެން ނުވާނެ..." މޭޒު މަތީގައި ފައިލު ބާއްވަމުން ނުހާމް ބުންޏެވެ.

ލަޔާން ތެދުވެގެން އައިސް، ޔުނާންގެ ކައިރީގައި އިށީނެވެ. ފައިލު ހުޅުވައިލީ، ޔުނާން އެވެ. ފުރަތަމަ ގަނޑުގެ މަތީ ކަނުގައިވާ ތަސްވީރު ފެނުމާއިއެކު، އޭނަ ފުންމައިގެން ތެދުވީ، ބިރެއް ފެނުމުން ތެދުވާ ހެންނެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ސިހުމެވެ.

"އީން؟..." ޔުނާންގެ ދުލުން ބޭރުވިީ، އީންގެ ނަމެވެ.

(ނުނިމޭ)

ADS BY FENVARU