-
-
ވަކިވެދިޔަސް އޭނާގެ ބަސްތައް ވަނީ އަހުރެންނާ އެކުގަ

ވަކިވެދިޔަސް އޭނާގެ ބަސްތައް ވަނީ އަހުރެންނާ އެކުގަ

އެހެންވެސް ރޭތައް ފަދައިން އެ ރޭވެސް އޭނާ އަހުރެންގެ ގެއަށް އައެވެ. ނަމަވެސް ކުރިން ބައްދަލުކުރި ރޭތަކާ މުޅިން ޚިލާފު ޚަބަރަކާއިގެންނެވެ. ބޭނުން ނުވިޔަސް މަޖުބޫރު ޚަބަރަކާއިގެންނެވެ. ކައިވެނީގެ ކުރީން މިހާތަނަށް ލިބުނު އެންމެ ހިތްދަތިވި ލަފުޒު އިވުނު ޚަބަރާއިގެންނެވެ. އެރޭގެ އެ ވަގުތާއި އެ ތަނާއި އެ ޙާލަތާއި އެ ޝުޢޫރު އަދިވެސް އަހުރެންގެ ކަންފަތަށް އިވި އިވި ހުރި ކަހަލައެވެ. ކުރިމަތީ ކަޅު ބޯޑެއްގައި އެއަށްވުރެ ކަޅު އަކުރަކުން ކުރެހިފައި އެބަހުއްޓެވެ. އެ ވަގުތުގެ އަގު ވަޒަންކުރެވުނީ މިއަދުއެވެ. އެ ބަސްތަކާއި އެ ކަންކަމުގެ މާނަ ވިސްނުނީ މި ހިނދުއެވެ. އެ ޚަބަރުގެ ހިތިކަން އެނގުނީވެސް އަދި ކިރިޔާއެވެ.

ADS BY FENVARU

ހަނީފަކީ އަހުރެންގެ ލޯބިވެރިޔާއެވެ. އަދި ރުހުމުގެ ބަހެއް ބުނެވުނު ފުރަތަމަ އެކުވެރިޔާވެސް މެއެވެ. ޙަޔާތުގެ އުއްމީދެއްގައި ކުރިމަގަށް ކުރެވޭ އުންމީދެއްގެ ބަހެއް ބުނެވުނުވެސް ފުރަތަމަ ބައިވެރިޔާއެވެ. ގްރޭޑް ބާރަ ނިންމައި ހެދި އެންމެ ފަހު އިމްތިޙާން ނިމުމަށްފަހު ހޯލުން ނުކުމެ ގެއާ ދިމާއަށް ހިނގައިގަތް އުފާވެރި ވަގުތު ދިމާވި އެކްސީޑެންޓެއްގައި ފެނުނު ހިނދުންފެށިގެން މިއަދާ ހަމައަށްވެސް އެ ސޫރައެއް މި ހިތުގައި ކުރެހިފައިވީ ހަމައެކަނި ބައިވެރިޔާއެވެ. ދުވަހަކުވެސް އެ ހަނދާންތައް ދުރަށް ނުދާނޭ ނާވިލީ ލޯބިވެރިޔާއެވެ.

ހަނީފަކީ ރ.އިންނަމާދޫއަށް އުފަން، އާދައިގެ މަސްވެރިއެއްގެ ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅެވެ. ހަނީފުގެ މަންމަ ދެ ކާވެންޏެއް ކުރިނަމަވެސް ދަރިން ލިބިފައިވަނީ ހަމައެކަނި ހަނީފުގެ ބައްޕަ މޫސާފުޅަށެވެ. އެ އާއިލާގައި ދެން ތިބީ 4 އަންހެން ކުދީންނެވެ. އެއީ ހަނީފުއާ އެއްބަފާ 2 ދައްތައާއި، އެއްބަނޑު އެއްބަފާ 2 ކޮއްކޮއެވެ. މި ހުރިހާކުދީންނަކީވެސް އުފަލުގައި ވޭތުކުރާ، ބައްޕައާއި މަންމަދެކެ ނިހާޔަތަށް ލޯބިވާ ކުދީނެވެ. އެއީ ހަނީފާ އޮންނަ ގުޅުން ބަދަހި މަޖާ އާއިލާއެކެވެ.

އަހުރެންނާއި ހަނީފު ބައްދަލުވީ، އެކްސީޑެންޓުގައި ލިބުނު ގެއްލުމަށް ފަރުވާ ދިނުމަށް އައި.ޖީ.އެމް. ހޮސްޕިޓަލުގައި އޮއްވައެވެ. އެތަނުގައި ވޭތުކުރި ދެ ގަޑިއެއްހާއިރުތެރޭ ކިޔައިދިން ގޮތުގައި އެ ދުވަހަކީ ހަނީފަށްވެސް ވަރަށް ޚާއްސަ ދުވަހެކެވެ. އެއީ އޭނާ ސިފައިންގެއަށްވަދެ ހެދި ފުރަތަމަ ތަމްރީނު ނިންމައި މާލެ އައި ދުވަހެވެ. އަދި ނޮވެލްޓީ ބުކްޝޮޕުގެ ގުރުއަތަކުން އޭނާގެ ބައްޕައަށް އެއް ލައްކަ ރުފިޔާ ލިބި ތިޔާގިކަމެއް އިހުސާސްކުރި ދުވަސްވެސް މެއެވެ. އަދި އެއީ އޭނާގެ ކޮއްކޮ އާފިޔާއަށް 16 އަހަރު ފުރުނުވެސް ދުވަހެވެ. ތެދެކެވެ. އެއީ ޚާއްސަ ދުވަހެކެވެ. އަހުރެންނަށްވެސް އެ ދުވަސް ވަރަށް ޚާއްސަ އެވެ.

އެކްސީޑެންޓަކުން އުފެދުނު ހަހަރުވެތި ދާގަނޑެއްގައި އަހުރެން ޖެހުނު އެ ދުވަހަކީ އަހުރެންގެ ހިތުގައި ވިކައިލި ފުރަތަމަ ފިރިހެނާ ދެއްކެވި ދުވަހެވެ. އެއީ މުޅި ޢުމުރުގައި ފުރަމަތަ އެކްސީޑެންޓެއް ވީ ދުވަސްވެސް މެއެވެ. އަދި އެއީ ސްކޫލުންގެއަށް، އެކަނި ދިއުމުގެ ހުއްދަ ލިބުނީތީ އެކަމުގެ އުފާވެސް ލިބުނު ދުވަހެވެ. ހިތުގައި ބޮޑު މީހެއްގެ ޚިޔާލު ހިނގައިގަނެ، ޒިންމާތަކެއް ވާކަމާއި ދުނިޔޭގައި ހިނގަން ލިބޭ މަގުގައި އެތައް އެތައް ކަންތައްތަކެއް ވާނޭކަން ތަޖުރިބާކުރެވުނު ދުވަހެވެ. ﷲ ލެއްވި ދުނިޔޭގެ ކަންކަމަށް ލޯ ހުޅުވުމަށް މަޖުބޫރުކުރުވި ދުވަހެކެވެ. ﷲއަށް ޙަމްދުކުރަމެވެ.

އެއީ 2011 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 3 ވަނަ ދުވަހުގެ ރެއެވެ. މަންމައަށް އެހީވުމުގައި އަވަދި ނެތި އުޅެނިކޮށް ވަރަށް ބާރަށް ސަލާމްގޮވައިލީމައި ބަލައިލި އިރު މެދުގޭތެރޭގައި ހަނީފު ހުއްޓެވެ. "ހާދަ ބާރަކަށް ސަލާމްގޮވައިލީ" މަންމަ އަހައިލިއެވެ. ތެދެކެވެ. އެހެންނާ އަށް ވުރެ އެރޭގެ ސަލާމުގެ އަޑު ވަރަށް ގަދައެވެ. އަޑުގައި ހާސްކަމެއްވެސް ހުރިކަން ފާހަގަކުރެވުނެވެ. "ކާންވީނު" ހަނީފުގާތު ބުނެލީމެވެ. އާނއެކޭ ބުނެލުމަށްފަހު ކާމޭޒުދޮށުގައި އިށީނެވެ. އޭރު އަހުރެންގެ ހަސީންކޮއާއި ތުއްތަ ވެސް ކާން ތިއްބެވެ.

"ޒަހީނާ... ބައްޕަކޮބާ" ހަނީފު މޭޒުދޮށުގައި އިށީންނަމުން އަހައިލި މި ސުވާލަށް ހިތުގައި ހައިރާންކަމެއް އުފެދުނެވެ. އެހެންނާވެސް ހަނީފު، އަހުރެންގެ ގެއިން ކައެވެ. ބައްޕަ ނު އުޅުއްވާ ވަގުތުތަކުގައިވެސް ކާން އިނދެއެވެ. ނަމަވެސް އެ ރޭ އެ ކުރި ސުވާލެއް ދުވަހަކުވެސް ނުކުރެއެވެ. "އެބަ ދުރުވޭ. މިވަގުތު ވީ މިސްކިތުގައި" އަހުރެން ބުނީމެވެ. ދެންވެސް ހައިރާންކުރުވިއެވެ. އެއީ ހަނީފުގެ މޫނުމަތީން ފެނުނު އުފާވެރިކަމެވެ. "އެހެންވިއްޔާ ކާނީ ބައްޕަ ދުރުވީމާ" މި ޖަވާބަށްފަހު ހަނީފު، ތެދުވެ ސަރަންފީގައި އިށީނދެ ޓީވީއަށް ލޯ ހުސްކޮށްލިއެވެ.

ހަނީފާއި އަހުރެންގެ ކައިވެނީގެ ވާހަކަ ދައްކަން އުޅެނީ ކަމުގައި ހީވިއެވެ. ނަމަވެސް އެއީ، އެ ދުވަސްވަރު ނުކުރާނޭކަމެއްކަމަށް، ކުރީން ވަނީ ހަނީފު ބުނެފައެވެ. ކައިވެންޏެއް ކުރުމަށްފަހުގައިވެސް ދެމީހުން ދުރުގައި އުޅެންޖެހިދާނެތީއެވެ. އޭރު ހަނީފަކީ އިންޑިއާގައި ފައިޓިން ކޯހެއް ހަދަމުންދާ ސިފައިންގެ މީހެކެވެ. އަދި އެ ކޯހުގައި އިތުރު 8 މަސްދުވަސް އޭރު އޮތެވެ. ނުވިތާކަށް އަހުރެންނަށް ލިބިފައިވާ ސްކޯލާރޝިޕެއްވެސް އޮތެވެ. ޗައިނާގައި މެޑިސިންގެ ރޮނގުން ކިޔެވުމަށް ލިބުނު އެ ފުރުސަތުގައި ފުރަންހަމަޖެހިފައިވާތީއެވެ. ހަނީފު ބުނާގޮތުގައި އޭނާ އިންޑިއާގައި ހަދާ ކޯސް ނިމުނީމާ އޭގެ މާސްޓާރސްއަށް ކިޔެވުމުގެ ފުރުސަތު ޗައިނާއިން ލިބޭނެއެވެ. އެހިސާބުން އޭނާވެސް ޗައިނާއަށް ދާނެއެވެ. އޭގެކުރިން ކައިވެނިކުރާނީކަމުގައި ވާހަކަދައްކައި ރާވައިފައިވެއެވެ. ނަމަވެސް އެރޭ އެ އުޅުނުގޮތަކުން "ތިޔަ އުޅެނީ ބައްޕަގާތު ކައިވެންޏަށް އަހަންތަ؟" އަހައިލީމެވެ.

ޖަވާބު ލިބުމުގެކުރީގައި ބައްޕަ ގެއަށް ވަންނަވައިފިއެވެ. އެހެންދުވަސްދުވަހާ ޚިލާފަށް ހަނީފު ފުންމައިގެން ތެދުވެ ބައްޕައާ ގާތްވެލިއެވެ. އަދި ސަލާމްކޮށްލުމަށްފަހު "މިއުޅެނީ ރަށަށް ފުރަން. މާދަމާ ނޫން އަނެއް ދުވަހު އެބަޖެހޭ ލާމަށް ދާން. އެހެންވެ މިރޭ ބައްޕައާއެކުގައި ނޫނީ ނުކާން މިއިނީ" އުފަން ދަރިއަކަށް ހީނލާގޮތަށް ހީނލުމަށްފަހު ބައްޕަ އަތް ޖޯޑުކޮށްލިއެވެ. އަދި "ރަށަށް ދަނީ ކޮން ކަމަކާ" ހޭ އަހައިލަމުން ކާން އިށީނެވެ.

ކެއުމުގެ އެންމެހާ ކަމެއް ނިމުމަށްފަހު ދޮންދައިތަ ގެއަށް ގޮސްލަން އޮތީތީ މަންމަގެ ހުއްދަ ހޯދައިގެން ހަނީފާއެކު އެ ރޭ ބޭރަށް ނުކުތީމެވެ. ނަމަވެސް އެހެންރޭރޭފަދަ އުފާވެރި މޫނަކާއެކުގައެއް ނޫނެވެ. ހަނީފު ދުވަސްކޮޅަކަށް ނަމަވެސް ވަކިވާތީ ކުރެވޭ ހިތާމައިގެ ޝަކުވާއާއެކުގައެވެ.

ހަނީފާ ގުޅުނުފަހުން މިހާރު އަހަރެއްހައި ދުވަސް ވީއެވެ. އިންޑިއާގެ ތަމްރީނަކަށް ދިޔައީވެސް ދެމީހުން ގުޅުނު ފަހުންނެވެ. ނަމަވެސް ލާމަށް ފުރަން އުޅުމުން ކުރެވުނު ދެރަ އިހަށް ދިޔަ ދަތުރާ ގުޅިގެން، އިހުސާސެއް ނުކުރެވެއެވެ. އެއީ ކީއްވެކަން އެދުވަހު ނުވިސްނުނަސް މިއަދު ވިސްނިއްޖެއެވެ. ހިތުގައި އެ ދުވަހާއި އެ ޙާދިސާތަކާއި އެ ފުރުސަތުތައް ކުރެހިއްޖެއެވެ. ﷲ ގެރަޙުމަތުންމެނުވީ އެއްކަމެއްވެސް ނުވާނެއެވެ.

"މިރޭ ވަރަށް އަވަހަށް އެބަ ވަކިވާންޖެހޭ" ދައިތަގެއަށް ދިއުމުގެ މަގުމަތީގައި ހަނީފުގެ މި ބަހަށް "ކީއްވެ؟ މާދަމާ ރެއެއްނު ފުރަނީ؟" ބުނެލީމެވެ. ނަމަވެސް އޭނާ ދެން ކިޔައިދިން ވާހަކައިން އެއީ ޝަކުވާއަކަށް ނުހަދަމެވެ. ހަނީފު ގަސްތުކޮށްފައި އޮތީ ކޯސްޓުގާޑެއް މިރޭ ރ އަތޮޅަށް ފުރާތީ އަދި އެ އުޅަނދު ރާއިން ލާމަށް ދާތީ އޭނާގެ އަމިއްލަ ރަށަށް ގޮސްލާށެވެ. އޭނާގެ މަންމައާއި ކޮއްކޮމެން ތިބެނީ ރަށުގައެވެ. ހަނީފު ބުނިގޮތުގައި އެ ރޭ މަންމަމަތިން ވަރަށް ބޮޑަށް ހަނދާންވިއެވެ. އަދި ބަލި ވެ އުޅޭތީ ބައްޕަ ދެކެލަންވެސް ބޭނުންވިއެވެ. ބައްޕަ ގޭ ދޯނީގައި މާލެއަށް އައިސް ދިޔަތާ ހައެއްކަދުވަސް ނުވިޔަސް އެގޮތަށް ބަލިވެ އެނދުގައި އޮތް އެއީ ފުރަތަމަ ފަހަރުކަމުގައި ވީތީ ބައްޕައާ ބައްދަލުކުރުމަށް ހިތް އެދެނީކަމުގައި ބުނެލިއެވެ.

ކޮންމެއަކަސް އެރޭގެ ހިނގައިލުމަށްފަހު ދައިތަގެއަށް ވަދެފައި ވަރަށް އަވަހަށް އަހުރެން ނުކުތީމެވެ. އަދި ހަނީފާއެކު ގެއާދިމާއަށް ހިނގައިގަތީމެވެ. އެވަގުތު އުޑުން ވުސްލައިފައި ދާތީ 3 ތަރި ފެނުނެވެ. "އެއީ ޖިންނިން. ފަހުން އެ ދިޔައީ ވަރަށް ޚާއްސަ ޖިންނިއެއް" ފެނުނު ތަރިތަކާއާމެދު ހަނީފު ޚިޔާލު ފާޅުކޮށްލިއެވެ. "މީހުން ބުނޭ ދެ ލޯބިވެރިންނަށް އެގޮތަށް ތަރި ފެނުނީމާ އެއީ.... އެއްޗެކޭ" ބުނަން ބޭނުން ނުވާތީ މިވަރަށް ބުނެލައިފައި ހުއްޓައިލީމެވެ. "ހޫނ.. އެ ބުނާހެން ވާނީ އެއް ރެއެއްގައި އެކަހަލަ ހަތަރު ތަރި ފެނުނީމާ" ހަނީފު ބުނެލިއެވެ. މި ބަހުގެ އަޑު ނުކެނޑެނީސް ހަމަ އެގޮތަށްދަތުރުކުރި ހަތަރުވަނަ ތަރި ފެނިއްޖެއެވެ. އަދި އެ ތަރި ލޮލަށް ގެއްލުނީ، ހީވެސް ނުކުރާކަހަލަ ދިގު ދަތުރަކަށްފަހުއެވެ. އެކަމާ ވިސްނުނުވަރުން އެރޭ އަހުރެންގެ ހިތް އާދަޔާ ޚިލާފަށް ތެޅުނެވެ.

ހަނީފު ވަކިވާވަގުތު ޖެހުމާއެކު ވަރަށް މަޖާވެލައިފައި އޭނާގެ ފަލަކީ ބުނުންތަކަށް ހިސާބެއް ހަދައިލިއެވެ. "މިއީ 2011، އެއީ 4. 8 ވަނަ މަސް. އެވީ 12. އަދި މިއީ 3 ވަނަދުވަސް އެވީ 15 މިއީ ގެއްލި ހުސްވާ ޢަދަދެއް. ރޯމަން ފަލަކުގައި 15 އަކީ 6. އެއީވެސް ގެއްލި ހުސްވާ ޢަދަދެއް. އަނެއްކާ މިޢަދަދު ގެއްލި ހުސްވާނެ 2 ވިޔައަކުން. މާނައަކީ ވިސްނަންޖެހޭ މާނައެއް. އަނެއްކާ މިރޭ 4 ތަރިދޯ. އެވެސް ގެއްލި ހުސްވޭ" ހަނީފު އަހުރެންގެ ހިތް ހާސްކުރުވިއެވެ. ޒާތަކަށް ބޯ އަރިކޮށްލައިފައި މޫނަށް ބަލައި ހީނލިއެވެ. އެއީ އޭގެކުރިން އެވަރަށް ނުޖަހާ ސަކަރާތެކެވެ. އެފަދަ ބަސްތަކުން ސަމާސާކޮށް އުޅުމުމީ މާ ބޮޑަށް ހަނީފުކޮށް އުޅުނުކަމެއް ނޫނެވެ.

ހަނީފު އެރޭ ވަކިވީ ދެންވެސް މުޅިން އާކަމެއްކޮށްފައެވެ. ދެމީހުން ގުޅުނުފަހުން އެރޭ ނޫނީ އަތްޖޯޑުކޮށް ސަލާމެއް ނުކުރެއެވެ. އޭނާ ޤަބޫލުކުރާގޮތުގައި ހިލޭ އަންހެނުންނާއި ފިރިހެނުން އަތް ޖޯޑުކޮށް ސަލާމެއް ނުކުރާނެއެވެ. ބައްޕަވެސް ޤަބޫލުކުރައްވާގޮތުގައި ހިލޭ އަންހެނުންނާއި ފިރިހެނުން އަތާ އަތް ޖޯޑެއް ނުކުރާނެއެވެ.  ނަމަވެސް، ވަކިވީ އެރޭ އޭނާ ދިޔައީ އަހުރެންނާ އަތްޖޯޑުކޮށް ސަލާމްކޮށްފައެވެ. އަދި ކަންފަތްދޮށުން އަޑު ނުފިލާވަރުގެ ވަސިއްޔަތެއްވެސްކޮށްފައެވެ. "ކޮއްކޮމެންގެ ނަންބަރު އެބަހުއްޓެއްނު. އެކުދިންނާ ގުޅައްޗޭ.. އަހަންނާ ނުގުޅުނަސް މަންމައާއި އެ ކުދިންނާ ގުޅައި އެކުވެރިކަން އާލާކުރާތި. ދައްތަމެންނަށް ޒިޔާރަތްކުރާތި... ގެއަށް ވަދެލާތި... ދަނީ.... "

އެރޭގެ ފަހު ދެތިން ޖުމުލައިން އަހުރެންގެ މޭގަނޑު ނަގައި ފޮއިދަށު ލީފަދައެވެ. ނިދި އެކުގައި ހަށިން ބޭރުކޮށް ނެތިކޮށްލިކަހަކައެވެ. ވިސްނުމުގެ ނިޒާމަށް ބުރަކަށް އައިސް އަބަދުހެން އެ ޢިބާރާތްކޮޅަށް ވިސްނަން ޖެއްސުވިއެވެ. ނަމަވެސް މިހާރު މި ކުރެވޭވަރުގެ އެއްވެސް ފިކުރެއް އެ ރެއަކު ނުކުރަމެވެ. ކުރެވުނުހާވެސް ފިކުރަކީ ވަކިވުމުގެ ފިކުރެވެ. ދެމަހަކަށް ހިތުގެ ދިރުން ދިޔަކަމުގެ ފިކުރެވެ. ހަނީފު ލޯމަތިން ގެއްލުނުކަމުގެ ފިކުރެވެ.

ހަނީފު އެ ފުރީ ކުރު ތަމްރީނަކަށެވެ. ކުރިއަށް އޮތްމަހު ރާއްޖެގައި އޮންނަ ސާކްސަމިޓަށް ހަށިފާރަވެރިން ތަމްރީނުކުރުމަށް، ލާމުގެ އެމްއެންޑީއެފް ތަމްރީނު މަރުކަޒުގައި ހިންގޭ ތަމްރީނު ޙަރަކާތެއްގައި ބައިވެރިވުމަށެވެ. އެ ތަމްރީނުގައި ދެމަސްދުވަސް ވާނޭކަމުގައި ވެއެވެ. ކުރިން ވިސްނިފައިވަނީ އެރޭގެ އެ ވާހަކަތަކާއި އެ ޢަމަލުތަކަކީ މި ވަކިވުމާ ގުޅިގެން އައި ބަދަލެއްކަމުގައެވެ. ނަމަވެސް މިއަދު ވިސްނުނުގޮތުގައި އެ ރޭގެ ކޮންމެ ކަމަކާއި ކޮންމެ ބަހަކީ އިންޒާރެކެވެ. މާތް ހިތަކަށް ކަންކަން އިހުސާސްކުރެވޭނޭކަމުގައި މުސްކުޅިން ބުނެއުޅޭ ބަސް މިއަދު ޔަޤީންވީއެވެ.

ހަނީފު ފުރައިފިއެވެ. އޭނާ ރަށަށް ދިއުމަށްފަހު އާއިލާއާ ބައްދަލުކުރިއެވެ. ނަމަވެސް އެނބުރި މާލެއަށް އައުމުގެ ބަދަލުގައި އެމީހުން ދިޔައީ ލާމަށެވެ. ލާމު ކައްދޫގައި ފެށޭ ތަމްރީނަށެވެ. އަހުރެން ހަނީފުގެ ކޮއްކޮމެންނާ ގުޅީމެވެ. ހަނީފާވެސް ގުޅީމެވެ. ހުރިހާކަމެއްވެސް ދިޔައީ ރަނގަޅަށެވެ. އާއިލާގެ މީހުންވެސް ވަރަށް ރަނގަޅެވެ. އޭނާގެ ބައްޕަވެސް ވާހަކަދެއްކިއެވެ. ޙާލުވެސް ރަނގަޅެވެ.

އަހުރެންނަށް ހޭލެވުނީ ހަނީފުގެ ފޯނުކޯލަކަށެވެ. އާންމުކޮށް ފޯނު ނާންނަ ގަޑިއެއްގައި ފޯނު ރިންގު ވާތީ ނެގިއިރު ހަނީފެވެ. "އައްދޭ ހަދަ ފަތިހަކު.. ކިހިނެއްވީ މިއަދު މާފަތިހަކާ ގުޅީ.. އަނެއްކާ ބަލީތަ" ހައިރާން ވެވުނުވަރުން އަހައިލީމެވެ. ހަނީފަކީ ފަތިހު ފޯނުކުރާ މީހެއް ނޫނެވެ. ނަމަވެސް މިއަދުގެ ފަތިސްވީ އާ ކަމެއް ފެށި ފަތިހަކަށެވެ.

"ބައްޔެއް ނޫން. ޒަހީނާ ފަތިސްނަމާދަށް އަރުވަން ގޮވީނު.. އަވަހަށް ނަމާދަށް ދޭ.. ހެޔޮ ދުޢާކުރާތި.." އަހުރެން އަބަދުވެސް ނަމާދުކުރަމެވެ. ފަތިހު ހޭނުލެވޭނީ ވަރަށް މަދު ފަހަރަކުއެވެ. މިއީވެސް އެފަދަ ފަތިހެކެވެ. ދެތިން މިނިޓްއިރަށް ވާހަކަތައް ބަދަލުކުރުމަށްފަހު ފޯނު ބާއްވައިފައި މޫނުދޮވެލައި ވުޟޫކޮށްގެން ނަމާދުކުރީމެވެ. އަދި ހަނީފު އެދުނުފަދައިން އޭނާއަށް ހެޔޮ ދުޢާކުރީމެވެ. އަދި މަންމަ ދަސްކޮށްދެއްވި ދުޢާ ކިޔައި އޭނާއާއި އެ އާއިލައަށައި އަހުރެންގެ އާއިލާއަށް ހެޔޮ ނިޢުމަތް މިންވަރުކުރެއްވުން އެދި ﷲއަށް ދެންނެވީމެވެ.

އަދަކީ ހޮނިހިރެއްކަމުގައިވީތީ އެއްޗެހިދޮވުމުގައި އަވަދިނެތި އުޅުނުވަގުތެކެވެ. ދެތިންފަހަރު ގޭ ފޯނު ރިންގުވިއެވެ. ފޯނުނެގީ މަންމައެވެ. މޫނުމަތިން ހާސްކަން ފާޅު ނުވިޔަސް ހަރަކާތުން ހާސްކަން ފާޅުވިއެވެ. ކާކުގެ ފޯނެއް ހޭ އަހައިލީމެވެ. "ބައްޕައަށް" މިހެން ބުނެފައި ކޮޓަރީގައި އޮތް ބައްޕަގާތަށް މަންމަ ދިޔައެވެ. މާގިނައިރެއް ނުވެ ހަނީފުގެ އެކުވެރިއެއްކަމުގައިވާ ސިފައިންގެ އޮފިސަރ ވަޙީދު އިބުރާހީމް ގެއަށް އައެވެ. ހަނީފު ހޯއްދަވަން ދުރުވިކަމުގައިވިޔަސް މީގެކުރިއަކުން އެވަޙީދު ގޭގެ، އެތެރެއަކަށް ނުވަދެއެވެ. ނަމަވެސް މިވަގުތު ވަދެ އިންނެވިގޮތުން ޝައްކުތަކެއް އުފެދުނެވެ. އަނެއްކާ ބައްޕަ ކަމެއްކުރީބާވައޭ ހިތަށް އެރިއެވެ. ވަޙީދު ހުންނެވީ ފުރިހަމަ ޔުނީފޯމުގައިކަމަށްވީތި ކޮންމެވެސް ކަމެއް ލައިގެންފިކަމަށް އިހުސާސްކުރެވުނެވެ. އިތުރު ސިފައިންގެ މީހަކު، ފުލުހަކު ނެތުމުން ކުރެވޭ ޝައްކާމެދުވެސް ޝައްކު އުފެދުނެވެ. އަވަހަށް ހަނީފަށް ގުޅަން ބޭނުންވިއެވެ. ނަމަވެސް ވާނުވާ ބަލައިލުމަށް މަޑުކޮށްލީމެވެ.

ވަޙީދު ހުންނެވީ ފާޑަކަށް ހިނިތުން މޫނެއްގައެވެ. ގަދަކަމުން ހީނލައްވާގޮތަކަށެވެ. ނުހޭން އުޅޭ ޒާތަކަށެވެ. އިންނެވީ ސަރަންފީގައެވެ. ބައްޕަ އޭނާއަށް ވަރަށް ގާތުގައި އިންނެވިއެވެ. ވާހަކަތަކެއް ދައްކަމުން ގޮސްފައި މަންމައަހުރެންނަށް ގޮވައިލިއެވެ. އަދި ގާތުގައި އިށީނުމަށް ބުންޏެވެ. "ދަރިފުޅާ މިއަދު މި އުޅެނީ ވަރަށް ބޮޑުކަމެއް ވެގެން... އެކަމަކު އެއްގޮތަކަށްވެސް ފިކުރު ބޮޑު ނުކުރާތި. ކެތްތެރިވާތި.. ކޮންމެ ކަމެއްވެސް ﷲ މިންވަރުކުރައްވާނީ ރަނގަޅަށްކަމުގައި މިހާރުވެސް ޔަޤީންކުރާތީ" އަހުރެން ހުރީ ހާސްކަމެއްގެ ތެރޭގައެވެ. ވާނުވާއެއް ނޭގުނެވެ. "ބައްޕަ ކުށެއް ނުކުރާނެ. ބައްޕަ ގެންދަންވީ އެއްވެސް ސަބަބެއް ނޯންނާނެ. ކިހިނެއްވީ.. މަންމަތަ؟ އަނެއްކާ؟.... " މި ޚިޔާލުގައި މުޅި މީހާ ފިނިވެއްޖެއެވެ.

އެމީހުން ވަރަށް ގިނައިރު، އެއް ލަފުޒުތަކެއް އެކި ގޮތްގޮތަށް އަތުރައި އެއް ނަސޭހަތެއް ދިނެވެ. އަދި ބަހެއް ނީވި ހިމޭނުންވެސް އެތައް އިރަކު ތިއްބެވެ. އެންމެ ފަހުން ދިން ޚަބަރަކީ ދުވަހަކުވެސް އަހަން ބޭނުންވި ޚަބަރެއް ނޫނެވެ. އަދި ފިކުރަށް އައިވެސް ޚަބަރެއް ނޫނެވެ. "ތަމްރީނުގައި ދިމާވި އިއްތިފާޤަކުން ހަނީފުގެ ނިތްކުރިއަށް އެރި ވަޒަނެއް ބޮލުގެ ފުށްކިބައިން ނުކުމެއްޖެ. ﷲގެ މިންވަރުފުޅުން އޭނާގެ ފުރާނަ ގެންދަވައިފި" އޮފިސަރ ވަޙީދުގެ މި ޖުމުލަ އަހުރެންގެ ސިކުނޑިގައި އެތައްސަތޭކަފަހަރަކު ތަކުރާރުވިއެވެ. ޝައްކުވެގެން އެއީ ހަމަ އިވެ ވާހަކައެއްތޯ ވިސްނައިލުމަށް އޮފިސަރުގެ މޫނަށް ބަލައިވެސްލެވުނެވެ.

އާއެކެވެ. ހަނީފު މި ދުނިޔެއާ ވަކިވީއެވެ. އަހުރެންނާ ވަކިވީއެވެ. ދުވަހުގެ ޢަދަދުތަކުން ގެއްލި ހުސްވީއެވެ. ތަރިތައް ބުނެދިން ވާހަކަ ތެދުވީއެވެ. ވަކިވުމުގެ ސަލާމުން ޖޯޑުކުރި އަތުގެ ހޫނުން ގުޅުން ކެނޑުނީއެވެ. ވަސިއްޔަތްކުރި ބަސްތައް ސާބިތުކުރީއެވެ. "އާނނ ހަނީފު.. ތިޔަބަސްތައް މި ސިކުނޑީގައި ބަހައްޓާނަން" ހިތާހިތުން ކިޔައިލެވުނެވެ. ދެން ވީގޮތް.....

އަހަންނަން ހޭވެރިކަން މިވީ ދެންމެއެވެ. ވަރަށް ގާތުގައި ދެތިން ޑޮކްޓަރަކު ތިއްބެވިއެވެ. މަންމައާއި ބައްޕަވެސް ތިއްބެވިއެވެ. އޮފިސަރ ވަޙީދުވެސް ހުންނެވިއެވެ. މަންމަ ވާހަކަދައްކަން ފެށިއެވެ. "ދަރިފުޅާ ނުރޯތި. ފިކުރުތައް ހުސްކޮށްލާ... މިހާރު ސިފައިންގެ ކޯސްޓްގާރޑް އޮތީ ހަނީފުގެރަށަށް ދާން ތައްޔާރަށް. ހަނީފުގެ ޤަބުރު އެރަށަށް އެބަ ގެންދޭ. އިރާދަކުރެއްވިއްޔާ މިރެއަށްދެވޭނެ."

ބަހެއް ނުބުނެވުނެވެ. ވިސްނުމުގައި ބާރެއް ނެތެވެ. ހެދޭނެ ގޮތެއް ނެތެވެ. ކެތްކުރެވޭތޯ ބެލީމެވެ. ހިތުގައި އެއްޗަކުން ތަޅާހެން ހީވެއެވެ. ނަމަވެސް ﷲއަށް ޝުކުރުކޮށްލުންފިޔަވައި ކަމެއް ނެތެވެ.

އޭނާގެ ބައްޕައާއި މަންމަ އެދެނީ ހަށިގަނޑު ރަށަށް ގެންގޮސް ދިނުމަށެވެ. ސަރުކާރުން ނިންމަވައިފައިވަނީ ރަސްމީ ޢިއްޒަތުގައި، އެ ރަށުގައި ވަޅުލުމުގެ ކަންތައް ނިންމުމަށެވެ. ކަށުކަމާކެމީގެ އެންމެހާ ކަމެއް އެ ދުވަހުގެ ރޭ މެންދަން ނުވަނީސްކޮށް ނިމިއްޖެއެވެ. މީހުންތައް މަހާނަ ދޮށުން ދުރަށް ދާންފަށައިފިއެވެ.

އަހުރެންގެ ހަނީފު މި ދުނިޔެއާ ވަކިވީއެވެ. އޭނާ ވަކިވީއެވެ. ކިތަންމެ ރޭވުމެއް އިންސާނާގެ ނުކުޅެދޭ ސިކުނޑިތަކުން ރޭވިނަމަވެސް ކަންކަން ނިމިގެންދާނޭގޮތެއް މި އިންސާނުންނަކަށް ނޭނގޭނެއެވެ. ހަނީފާއި އަހުރެންގެ ގުޅުމަށްވާނޭގޮތެއްވެސް މިއަދުގެ ކުރިއަކު ނޭނގެއެވެ. މިއަދު ހުރިހާކަމެއްވެސް އެނގިއްޖެއެވެ. އޭނާ ވަކިވީއެވެ. ނަމަވެސް އޭނާގެ ބަސްތައް ވަނީ އަހުރެންނާއެކުގައެވެ.

(ނިމުނީ)