-
-
ގުރައިދޫ އިން މަރާލި މީހާގެ މައްސަލަ އިތުރަށް ތަހުޤީގު ކުރަން ފަށައިފި

ގުރައިދޫ އިން މަރާލި މީހާގެ މައްސަލަ އިތުރަށް ތަހުޤީގު ކުރަން ފަށައިފި

ރޭ ދަންވަރު ތ.ގުރައިދޫގައި ހިގާދިޔަ މަރާއި ގުޅިގެން ފުލުހުން އިތުރަށް ތަހުޤީގުކުރަން ފަށައިފިއެވެ.

ADS BY FENVARU

ބިދޭސިއަކަށް ހަމަލާދީ އެކަކު މެރި މައްސަލައިގައި ބިދޭސިން އުޅޭ ގެތަށް ފާސްކުރުމުގެ ތެރޭގައި ޒަޚަމްވެފައި އޮތް  އެހެން ބިދޭސީއެއް ވަނީ ފެނިފައެވެ. އެއީ މިމައްސަލައާ ގުޅުން އޮވެދާނެ މީހެއް ކަމަށް އެރަށު މީހުން ތުހުމަތުކޮށްފިއެވެ.

ރޭ ދަންވަރު މަރާލާފައި އޮތްވާ ފެނުނު ބިދޭސީ މީހާ އަކީ އެރަށު ދަނޑުވެރިކަން ކުރަން ހަތަރު އަހަރު އެރަށުގައި މަސައްކަތްކުރި މީހެކެވެ. އެމީހާގެ ނަމަކީ ޝާހު ސަލާމް ކަމަށް މައުލޫމާތުލިބުނެވެ.

ހަށިގަނޑުގެ އެކިތަންތަނަށް ކަތިވަޅި ހަރާ ޒަޚަމް ކޮށްފައިވާއިރު އޭނަގެ ގޮހޮރުވެސް ބޭރަށް ނުކުމެފަ އޮތްކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު މައުލޫމާތުދިނެވެ.

ހަމަ ރޭ ދަންވަރު 3 ޖެހިއިރު އެރަށުން ފެނުނު ޒަޚަމްވެފައި އޮތް ބިދޭސީ މީހާ ފެނުނީ މަރުގެ ހާދިސާއާ ގުޅިގެން ރަށުގެ ބައެއް ގެތައް ބަލަމުން ދަނިކޮށެވެ. ޝާހުގެ މަރުގައި އޭނާގެ އިތުރުން ވެސް އެހެން ބައެއްގެ ބައިވެރިވުން އޮވެދާނެ ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ.

"ވީ ގޮތެއް މުޅިއަކުން ސާފެއް ނުވޭ. އޭނާ މަރުވެފައި އޮއްވައި ފެނިގެން، ރަށުގައި ބިދޭސީ އުޅޭ ތަންތަން ބަލަނިކޮށް ޒަހަމްވެފައި އޮތް މީހަކު ފެނުނީ. އޭގެ ކުރިން، އޭނާ ފަރުވާ ހޯދަން ހެލްތު ސެންޓަރަކަށް ވެސް ނުދޭ. ފުލުހުން ދަންދެން ހަމަ އޮތީ ކަމަށް ވަނީ. އެ ވާހަކަ އެއްވެސް ބައެއް ކައިރީގައި ވެސް ނުބުނޭ." ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ޒަޚަމްވެފައި އޮތްވާ ފެނުނު ބިދޭސީމީހާއަށް ރަނގަޅަށް ދިވެހިން ވާހަކަވެސް ދައްކަން ނޭގޭތީ ފުލުހުން އޭނަގެ ބަޔާން ނަގާފައިވަނީ ބަންގްލަދޭޝް އެހެން މީހެއް މެދުވެރިކޮށްގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ މިހާރު ވަނީ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިދެމީހުންނަކީ އެކުގައި މަސައްކަތްކުރާ ދެމީހުންނެއް ނޫނެވެ. މަރުވި މީހާ އުޅެނީ ދަނޑުވެރިކަމުގެ މަސައްކަތުގައެވެ. ޒަޚަމްވެފައި އޮތްވާ ފެނުނު މީހާ އަކީ މަސްކެއްކުމުގައި އުޅޭ މީހެކެވެ.

"ފަރުވާ ދެމުން އަންނަ މީހާ އަކީ މަސް ކެއްކުގައި އުޅޭ މީހެއް. މި ދެ މީހުންގެ މާބޮޑު ރަހުމަތްތެރިކަމެއް އޮންނަ ކަމެއް ވެސް ފާހަގަވެފައެއް ނުވޭ،" އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޝާހު ސަލާމް ގެންގުޅޭ މީހާ ކިޔައިދިން ގޮތުގައި، އޭނާ ވަރަށް މަސައްކަތްތެރިވެފައި، އަޚުލާގު ވެސް ރަނގަޅެވެ. އޭނާ ދިރިއުޅެމުން އައީ ކަންޑަރުގައި، ކައްކައި ކެވޭ ގޮތަށް ހަދާފައިވާ ތަނެއްގައި އެކަންޏެވެ.

"ރޭ ވެސް ދިމާވި. އެއްވެސް ކަހަލަ ކަމެއް އުޅޭ ކަމެއް ފާހަގައެއް ވެސް ނުވޭ، ނުވެސް ބުނޭ. އޭނާއާ އެއްވެސް މީހަކާ މައްސަލައެއް އުޅޭ ކަމެއް އެނގިފައެއް ނެތް. ކުރިއަކުން އެފަދަ މައްސަލައެއް ދިމާވެފައެއް ވެސް ނުވޭ،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި ޝާހަށް ހަމަލާދިން ކަން އެނގުނީ، ބިދޭސީން ދިރިއުޅޭ އެހެން ގެއެއްގެ ދޮރުގައި އޭނާ ޖެހުމުން ކަމަށް މައުލޫމާތު ލިބެ އެވެ.

މި މަރާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. ފުލުހުން އަންނަނީ މިމައްސަލަ އިތުރަށް ތަހުޤީގުކުރަމުންނެވެ. އަދި މަރުވި މީހާ އެރަށުގައި ވަޅުލާގޮތަށް ކައުންސިލުން ވަނީ ނިންމާފައެވެ.

0 ޚިޔާލު