-
-

ލަޔާން ތެދުވެގެން އައިސް، ޔުނާންގެ ކައިރީގައި އިށީނެވެ. ފައިލު ހުޅުވައިލީ، ޔުނާން އެވެ. ފުރަތަމަ ގަނޑުގެ މަތީ ކަނުގައިވާ ތަސްވީރު ފެނުމާއިއެކު، އޭނަ ފުންމައިގެން ތެދުވީ، ބިރެއް ފެނުމުން ތެދުވާ ހެންނެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ސިހުމެވެ.

ADS BY FENVARU

"އީން؟..." ޔުނާންގެ ދުލުން ބޭރުވިީ، އީންގެ ނަމެވެ.

********

ޔުނާންގެ އަތުން ފައިލު ޖަހައިގަނެގެން އޭގައި އޮތް އެއްޗެއް ލަޔާން ވެސް ބެލިއެވެ. އޭނައަށް ވެސް ވީ އެވަރެވެ. ލަޔާން އަވަސް އަވަހަށް ގަނޑުތައް އުކާފައި އޭގައި ލިޔެފައި އޮތް އެއްޗެއް، މަތިމަތީން ބަލާލައިފިއެވެ.

"ދާރިޔާ އޭ!... މީގަ މިއޮތީ އީންގެ ނަމެއް ނޫން... މި ކުއްޖަކީ ދާރިޔާ..." ޔުނާން އަށާއި، ނުހާމްއަށް ފައިލު ދައްކައިލަމުން، ލަޔާން ބުންޏެވެ.

ޔުނާން އައިސް ލަޔާންގެ އަތުން ފައިލު އަތުލައިގެން އޭގައި ލިޔެފައިވާ އެއްޗެއް ކިޔަން ފެށިއެވެ. އެ މޫނުމަތިން ކުރިއަށްވުރެ ބޮޑަށް ހައިރާންކަން ފެނިގެން ދިޔައެވެ.

"މީ މީގެ ތޭރަ އަހަރު ކުރީގެ ތަސްވީރެއް... ހައު އިޒް ދިސް ޕޮސިބަލް؟... މި ކުއްޖާ، އީން އާ އެހާ ވައްތަރީ ކީއްވެ؟..." ނުހާމްއަށް ބަލައިލަމުން ޔުނާން ސުވާލު ކުރިއެވެ.

"ތި ފޮޓޯ ފެނިފަ، ފުރަތަމަ މަށަށް ވެސް ވީ، ތިވަރޭ... މިވަގުތު އިހަށް ތިކަން ބާއްވާފަ، ތީގެ ފަހު ގަނޑުގަ އޮތް ތަސްވީރާ، އޭގެ ތިރީގަ ލިޔެފަ އޮތް އެއްޗެއް ބަލާބަލަ... ޝޮކެއް ލިބޭނެ، ހަމަ ޔަޤީން..." ނުހާމް ބުންޏެވެ.

ޔުނާން އަވަސް އަވަހަށް ގަނޑުތައް އުކަން ފެށިއެވެ. ފަހުގަނޑުގައި އޮތް އެއްޗެއް ފެނުމާއިއެކު، އޭނަ ދިޔައީ، ސިއްސައިގެންނެވެ. އެ އަތުން، ފައިލު ދޫނުވީ، ކިރިޔާއެވެ. ލަޔާން ވެސް ޔުނާންގެ ކައިރިއަށް ޖެހިލާފައި، އޭގައި އޮތް އެއްޗެއް ބަލާލައިފިއެވެ.

ނުހާމް ބުނިހެން ފަހުގަނޑުގައި އެވަނީ، ދާރިޔާ މަރާލާފައި އޮއްވައި ނަގާފައިވާ ތަސްވީރެކެވެ. ދާރިޔާގެ ދެލޯ ބޮޑުވެ، އަނގަ ވެސް އޮތީ، ހުޅުވިފައެވެ. މެޔަށް ހަންޖަރެއް ހަރާފައިވާއިރު، ކަނދުރާގެ މަތީގައި މާކެއް ޖަހާފައި ވިއެވެ. މުޅި ތަނުގައި ހެދިފައިވި ލޭގެ ކޯރުގެ ކައިރީގައި، ބޫޓެއްގެ ފިޔަވަޅު ތަކެއް ހުއްޓެވެ.

ޔުނާންގެ މެޔަށް ދިލަ ތަދެއް ވިއެވެ. ދެލޯ ކަރުނުން ފުރޭކަށް ގިނަ އިރެއް ނުނެގިއެވެ. އެހިތަށް ސިފަވެގެން ދިޔައީ، އީންއެވެ. އެ ތަސްވީރަށް ބަލަން ކެތް ނުވެގެން އޭނަ ދެލޯ މަރާލައިފިއެވެ.

"ތީގަ ސަސްޕެކްޓަކަށް ޖަހާފަ ތިއޮތީ، އެކްސް... މިހާތަނަށް ވެސް ތި ކޭސް ތިއޮތީ، ނުނިމި... އަނެއްކާ ބަލާބަލަ އީންއަށް އެ ދިމާވި ކަންތައް... ކުއްލިއަކަށް ތިޔަ ބުނާ އެކްސް އެއް އެނބުރި އައުމާ، ހަމަ އެއްގޮތަކަށް މީހުންތަކެއް މެރުމާ، އީންއަށް ގެއްލުން ދިނުމާ... އެ ހުރިހާ ކަމަކާ، ތި ކޭސް އާ ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރި..." ނުހާމް ވިސްނާލާފައި ބުންޏެވެ.

ނުހާމްގެ ވާހަކަ ކަނުލާ އަޑު އަހަން އިން ޔުނާންއަށް އެ ވާހަކަތަކަށް އެއްބަސް ވެވުނެވެ. އޭނަގެ ހަނދާނަށް އައީ، ހޮސްޕިޓަލުގެ ދޮރުމަތިން ފެނުނު މީހާގެ މަތިންނެވެ. އެ މީހާގެ މޫނުގައިވާ ލަކުނުގެ ވާހަަކަ އޭނަ ހިއްސާ ކުރިއެވެ.

"ނުހާމް!... ނުހާމްގެ ބައްޕަ އެއްނު އެ ކޭސްގަ މަސައްކަތް ކުރީ... އަހަންނަށް ޔަޤީން، ބައްޕައަށްވުރެ، ރަނގަޅަށް، އަހަރެމެންނަށް މި މައުލޫމާތު ދެވޭނެ އިތުރު މީހަކު ނުހުންނާނެ ކަން..." އެއްޗެއް ވިސްނައިލަން އިނދެފައި، ލަޔާން ބުންޏެވެ.

"ބައްޕަ ދޯ..." ނުހާމް ދޫކޮށްލީ ފުން ނޭވާ އެކެވެ.

އޭނަގެ ބައްޕަ އަކީ، ވަޒީފާގެ ސިއްރު ހިފަހައްޓާ މީހެކެވެ. އެ ކަމާއި ބެހޭގޮތުން ސުވާލު ކުރިޔަސް، ބައްޕަގެ ފަރާތުން، އެދެވޭ ޖަވާބެއް ލިބިދާނޭ ކަމާއިމެދު، އޭނައަށް ޝައްކު ވިއެވެ.

ތިން މީހުން ވެސް ދެން އެންމެ އިސްކަމެއް ދިނީ، ދާރިޔާ އާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށެވެ. ތަހުޤީޤު ކުރާ ފުލުހުންނަށް ވަދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޑޭޓާބޭސް އެއްކޮޅުން އަނެއްކޮޅަށް ބެލި އިރުވެސް، އެ މީހުންނަކަށް، ދާރިޔާގެ އެއްވެސް މައުލޫމާތެއް ނުފެނުނެވެ.

"ވަޓް ދަ..." ލަޔާންގެ ސިކުނޑި ސުމަކަށް ދިޔައެވެ.

"އަހަންނަށް އޭރުވެސް ހީވިއޭ، ނުބަޔެއް އުޅޭހެން... އެހެންނޫނީ، ފުލުހުންގެ ތެރޭގައި މި ރެކޯޑުތައް އެހާ ސިއްރު ކޮށްފައެއް ނޯންނާނެ..." ނުހާމް ވިސްނައިލާފައި ވާހަކަ ދެއްކިއެވެ.

"ދެން އޮތީ އެންމެ ގޮތެއް... ސީކްރެޓް ރެކޯޑްސް ބައިގެ މީހަކު އަތުޖެހޭތޯ އެބަ ބަލަން..." ނުހާމް އޭނާގެ ފޯނު ނަގައި ނަންބަރަކަށް ގުޅަމުން ބުންޏެވެ.

ދާރިޔާގެ މައުލޫމާތު ހޯދަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. ހުއްޓާނުލައި އެތައް އިރަކު ކުރި މަސައްކަތުން، ސިއްރު މައުލޫމާތު ރައްކާކޮށްފައިވާ ސެކްޝަނުގެ މުވައްޒަފެއްގެ އެހީތެރިކަން ލިބޭގޮތް ވިއެވެ. އޭގައިވާ އެއްޗެއް ފެނުމުން، އެ މީހުންނަށް ލިބުނީ، އިތުރު ހައިރާން ކަމެކެވެ.

ދާރިޔާ އަކީ އީންގެ އެއްބަނޑު އެއްބަފާ ދައްތައެވެ. އެ މަޢުލޫމާތު ވަނީ، ހަމައެކަނި ފުލުހުންގެ ސިއްރު ރެކޯޑު ތަކުގައެވެ. އެހެން ހުރިހާ އިދާރާއެއްގެ ރެކޯޑުތަކުން ވަނީ، އެ މައުލޫމާތު ފޮހެލާފައެވެ.

"ޓްވިންސް އޭ؟... އެކަމަކު، ކީއްވެޔޯ، މިކަން ސިއްރުކޮށްފަ މިއޮތީ؟... މީ ކޮން ކަންތައްގަނޑެއްބާ؟... އަހަރެން މިހާރު ހާސްވާން ފަށައިފި..." ޔުނާން ހުރީ، ކަންބޮޑު ވެފައެވެ.

********

އަނދިރި ކޮއްޓެއް ކަހަލަ ކުޑަ ކޮޓަރިގަނޑުގެ ދޮރު ހުޅުވުނެވެ. މާހައުލުގެ ހަމަހިމޭންކަން، ނެތިގެން ދިޔައީ، އިވިގެން ދިޔަ ކުރަކި އަޑުންނެވެ. ކޮޓަރި ތެރެއަށް ފަނޑު އަލިކަމެއް ވެރިވިއެވެ. އެ އަލިކަމުގައި ތަނުގެ އެތެރެ ކޮންމެވެސް ވަރަކަށް ފެންނަމުން ދިޔައެވެ.

ކޮޓަރީގެ މެދުގައި ބަހައްޓާފައި ގޮނޑިއެއްގައި ޒުވާން ފިރެހެނަކު އިނެވެ. އެމީހެއްގެ ހަތަރެސްފައި ވަނީ، އެ ގޮނޑި އާއިއެކު ބަނދެފައެވެ. އަނގަމަތީގައި ފޮތިގަނޑެއް އައްސާފައިވާއިރު، ބޯ އޮތީ، އެއް ފަރާތަކަށް އަރިވެފައެވެ. ލައިގެން އިން އަންނައުނުގައި ހިރަފުހުގެ އަސަރު ވިއެވެ. ބޮލުގެ އިސްތަށިގަނޑު އޮތީ، ހޭވިފައެވެ. މޫނުމަތިން ފެންނަމުން ދިޔައީ، ވަރުބަލި ކަމެވެ. މޫނުން ބައެއް ތަންކޮޅުކޮޅުގައި އަނިޔާގެ ނިޝާން ފެންނަން ހުއްޓެވެ. ދެލޯ މެރިފައިވީ، އެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތުމުންނެވެ.

ދޮރުމަތިން ކޮޓަރިތެރެއަށް އެޅިގެން ދިޔައީ، ދިގު ހިޔަންޏެކެވެ. އެ މީހަކު ދޮރުމަތީގައި އިރުކޮޅަކު މަޑުކޮށްލައިގެން ހުއްޓެވެ. ދެން މަޑުމަޑުން ކޮޓަރި ތެރެއަށް ވަދެއްޖެއެވެ. އިވެމުންދިޔަ ފިޔަވަޅުތަކުގެ އަޑުން މާހައުލުގެ ހަމަހިމޭންކަން ނަގާލައިފިއެވެ.

ގޮނޑީގައި އިން މީހާ އުނދަގޫ ގޮތަކަށް ދެލޯ ހުޅުވައިލިއެވެ. ކުޑަކުޑަކޮށް ހުޅުވައިލި ދެލޯ ބޮޑުވެގެން ދިޔައީ، އޭނަ އާއި ދިމާއަށް އަންނަމުންދިޔަ މީހަކު ފެނުމުންނެވެ. ދެ ފަރާތަށް ބޯ ހޫރަމުން، އެމީހަކު ތެޅެން ފެށިއެވެ. ހަޅޭއްލަވައިގަނެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ސަލާމަތްވުމަށް ކުރެވޭނޭ މާ ބޮޑު ކަމެއް ނެތްކަން އެނގޭ އިރުވެސް މެއެވެ.

ކަޅު ފޭރާމުގައި ހުރި މީހާ ގޮސް، ގޮނޑީގެ ދެފަރާތުން އަތްގަނޑުގައި ދެއަތް އަޅުވައިލިއެވެ. ކުރިމަތީގައި އިން މީހާ އާއި ދިމާއަށް، އޭނަ ގުދު ވިއެވެ. އޭރު އެ ދެލޮލުގައި ވީ، ނުރައްކާތެރި ވިދުވަރެކެވެ.

********

ރޭގަނޑު ނިދާލާފައި ހޭލިއިރު، އީންގެ ތަބީއަތު މުޅީން ރަނގަޅު ވެއްޖެއެވެ. އޭނައަށް ފުރަތަމަ ވެސް ބަލައިލެވުނީ، ފޯނެވެ. ކާވިންގެ މެސެޖެއް ލިބިފައި އޮންނާނެ ކަމަށް އެ ހިތް ބުނުމުންނެވެ. އޭނައަށް ލިބިފައި އޮތީ، ޔުނާންގެ މެސެޖެކެވެ. އައި ރުޅީގައި، އެ މެސެޖު ހުޅުުވާކަށް ވެސް އީން ބޭނުމެއް ނުވިއެވެ.

އެނދުމަތީގައި ދެފައި ވައްކޮށްގެން އިނދެ، ފޯނަށް ބަލަބަލާފައި އޭނަ ކާވިންއަށް އެތިވަރު ގޮވަމުން ދިޔައެވެ. ކުޑަ ކުއްޖެއްހެން އެނދުމައްޗަށް ވެއްޓިގަނެފައި، ދެފައިން އެނދުމަތީގައި ޖަހަން ފެށިއެވެ.

އީން އޮތް ވޯޑުގެ ދޮރު ހުޅުވައިލި ކާވިންގެ ދެލޯ ބޮޑުވިއެވެ. އެނދުމަތީގައި ފުރޮޅި ފުރޮޅިފައި އީން ދިޔައީ ކޮންމެވެސް އެއްޗެހި ތަކެއް ކިޔަމުންނެވެ. ކާވިން ހީކުރީ، އީންގެ ސިކުނޑިއަށް ގެއްލުމެއް ލިބުނީ ކަމަށެވެ. ދިމާވި ހާދިސާ އާއި ގުޅިގެން ހަމަ ބުއްދި ފިލައި ދިޔައީ ކަމަށެވެ. ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އޭނަ އަވަސްވެގަތީ، ޑޮކްޓަރަކު ހޯދަން ދިޔުމަށެވެ. ކައުންޓަރުގައި ތިބި ނަރުސް ކުދިންނާއި ހަމައަށް ދެވުނުއިރު، ހާސްވެގެން އޭނަގެ ނިތްކުރިމަތީން ދާ ހިއްލާ ލައިފިއެވެ.

ނަރުސް ކުދިންނާއިއެކު، ކާވިން ގޮސް އީންގެ ކޮޓަރި ދޮރުމަތީގައި ހުއްޓުނެވެ. ދޮރު ހުޅުވައިލީ، ކާވިން އެވެ. އެވަގުތު އިވިގެން ދިޔައީ، އީން ރުޅި އައިސްފައި އެއްޗެއް ބުނި އަޑެވެ.

އީން ހުރީ، އެނދުމަތީގައި ކޮޅަށެވެ. އެއް އަތުގައި ފޯނު އޮތްއިރު، އަނެއް އަތުން ފޯނުގެ އިސްކްރީނުގައި ހިފައިގަނެގެންނެވެ. އޭނަގެ ބޮލުގެ އިސްތަށިގަނޑު ވަނީ، ހޭވިފައެވެ. ދޮރުމަތިން ދުރަށް ޖެހިލަން ވެސް ނޭނގިފައި ކާވިން ހުއްޓެވެ. ނަރުސް ކުދިން ވެސް ބޯދިއްކޮށްލާފައި ކޮޓަރި ތެރެއަށް ބަލާލައިފިއެވެ.

ދޮރު ހުޅުވައިލި އަޑަށް، އީން އެދިމާއަށް ބަލައިލިއެވެ. ދޮރުމަތީގައި ހުރި ކާވިން ފެނުމުން، އީންގެ ހަރަކާތް ހުއްޓިއްޖެއެވެ. އޭނައަށް އަވަސް ނަޒަރެއް ދެވުނީ އަތުގައި އޮތް ފޯނަށެވެ. އިސްކްރީން ފުރާލާފައި އެވަނީ ކާވިންގެ ތަސްވީރަކުންނެވެ. އޭނަ އަވަހަށް އެ ފޯނު ފުރަގަހަށްލައި ފޮރުވައިފިއެވެ.

އީން ހުރި ހާލު ފެނުމުން، ކާވިންގެ އަތުގައި އޮތް ފިނިފެންމާ ދޫވިއެވެ. އޭނަ އީން އާއި ދިމާއަށް ދުއްވައިގަތެވެ. އެ މަންޒަރު ފެނުމާއިއެކު، އީންގެ ހިތް ތެޅިގަތީ، އޮބި ނޯންނަ ވަރަށެވެ. އޭނަ އެނދުން ފުންމާލައިގެން، ދުވެފައި ގޮސް ފާހާނާއަށް ވަނެވެ. އޭރު ލަދުން މުޅި މޫނު ވަނީ، ރަތްވެފައެވެ. ދޮރުގައި ލެނގިލި ގޮތަށް އޭނައަށް ބޮޑުވައި އިނގިލީގެ ނިޔަފަތިގަނޑުގައި ދައިގަނެވުނެވެ.

(ނުނިމޭ)

5 ޚިޔާލު

Anonymous

V reethi Ingey…. 😍😍Waiting fr nxt.😘😘… LYSM sis

Anonymous

😍😍wow😍 varah varah reethi

Anonymous

Masha Allah 😊 vvvvv reethi 👏 keep it up Eysh ❤️ vaahaka nimunu iruves neygey…ehaivx furihama👏u r my favorite author 😊

Anonymous

Wowwww vvvv reethi. 💓💓💓💓💓 Alhe emme interest hisaabun viyya thu nimmaallee ❣️❣️❣️❣️ hiy thalhuvaalaafa 💙💙💙💙💙 ekamves vvv interesting 💜💜💜💜💜 sifakoh dheefa huri goiy hama v kamudhey 💚💚💚💚 image kurevey 💛💛💛💛💛💛💛 hama v bodah story thereah vadhevey 🧡🧡🧡🧡🧡🧡alhe avahah kaavin ah een aa gulheyne nama 😍😍😍😍😍😍 Waiting for the next part 😘😘😘😘🌹🌹🌹🌹🌹❣️💙💚💛🧡❣️💙💜💚💛🧡❣️💙💜💚💛🧡

Anonymous

😍

ADS BY FENVARU