-
-
ޚިޔާނާތުގެ މައްސަލައިގައި ޔާމީން އެކަނި ޖަލުގައި ބެހެއްޓުމަކީ އިންސާފެއްނޫން: ނަޝީދު

ޚިޔާނާތުގެ މައްސަލައިގައި ޔާމީން އެކަނި ޖަލުގައި ބެހެއްޓުމަކީ އިންސާފެއްނޫން: ނަޝީދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލުގައި ބެހެއްޓުމަކީ އިންސާފެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ADS BY FENVARU

ރައީޝް ނަޝީދު މިހެން ވިދާޅުވެފައިވަނީ "ރަށްވެހި ފަތިސް ލަންކާ" ނަމަކަށް ކިޔާ ވަޓްސްއެޕް ގުރޫޕެއްގައި ރައީސް ނަޝީދުގެ އަތްޕުޅުން ލިޔުއްވާ ފޮޓޯ ނަންގަވައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ. މިމެސެޖުގައި ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް ތާއީދު ނުކުރައްވާ ކަން ފާހަގަކޮށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާ ބޮޑު އިންސާފެއް "އަޅުގަނޑަކަށް ނުވިސްނޭ" ކަމަށް އެމަނިކުފާނު ލިޔުއްވާފައިވެއެވެ.

މެސެޖުގެ ފޮޓޯ މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހަމައެކަނި ޔާމީން ޖަލުގައި ބޭންދުމުގައި މާބޮޑު އިންސާފެއް ލިބިދާނެ ކަމަކަށް ވިސްނިވަޑައިނުގަންނަވާ ކަމަށާއި ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށާއި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އެމްޑީޕީ އިން ބުނެފައިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބުނީ ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށް. އެކަން ކުރުމުގައި އަޅުގަނޑުމެން ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް" ނަޝީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ މި ސަރުކާރުން ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ނަޝީދުގެ ނޯޓުގައި ވަނީ ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަންގެ މަސައްކަތުން ވެސް އިންސާފަށް ވާސިލް ނުވާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މި ސަރުކާރު ވެރިކަމަށް އައުމުގައި އެއީ ވައުދަކަށް ވާއިރު، ކުރާނެ ކަމަށް ބުނި ކަންކަން ކުރަން ޖެހޭ ކަމަށް ވެސް ނަޝީދުގެ ނޯޓުގައި ވިދާޅުވިއެވެ.

ރައީސް ނަޝިދު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކާފައިވާއިރުރައީސް އަބްދުﷲ ޔާމިންގެ އުފަން ދުވަހުގެ ތަހުނިޔާ ފޮނުވައި، ޔާމީނަށް ސަނާކިޔާފައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ދެ މެމްބަރަކު ކުރެއްވި ޓްވީޓްތަކެއް ވެސް ނަޝީދު ވަނީ އިއްޔެ ޓްވީޓުކުރައްވާފައެވެ.

ޔާމީންގެ ވެރިކަމުގައި ނަޝީދުގެ މައްޗަށް އައީ 13 އަހަރުގެ ޖަލު ހުކުމެކެވެ. ޔާމީނުގެ ވެރިކަން ނިމުމުން ރައީސް ޔާމީނަށްވެސް މިވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އެމަނިކުފާނު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގައި ހުންނަ ހާއްސަ ޔުނިޓެއްގައެވެ.