-
-
ކޮވިޑް-19: އުރީދޫ އިން އިންޓިއުބޭޝަން ބޮކްސްތަކެއް އެންއީއޯސީއަށް ހަދިޔާކޮށްފި

ކޮވިޑް-19: އުރީދޫ އިން އިންޓިއުބޭޝަން ބޮކްސްތަކެއް އެންއީއޯސީއަށް ހަދިޔާކޮށްފި

އުރީދޫ މޯލްޑިވްސްއިން މިއަދު 50 އިންޓިއުބޭޝަން ބޮކްސް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންއީއޯސީ) އަށް ހަދިޔާކޮށްފިއެވެ.

ADS BY FENVARU

އުރީދޫ އިން ހާމަކުރެއްވިގޮތުގައި މި އިންޓިއުބޭޝަން ބޮކްސްތަކަކީ ކޮވިޑް-19 އާއި ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރައްވާ ޞިއްޙީ ދާއިރާގެ ބޭފުޅުންނަށް ސަލާމަތާއި ރައްކައުތެރިކަން ހޯދުމަށް އެޅޭނެ އިތުރު ފިޔަވަޅެއް ކަމުގަ އެވެ.

ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ސަލާމަތާއި ރައްކައުތެރިކަން ޤާއިމްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ހޯދިފަ ހުރުމަކީ، މިފަދަ ހާލަތެއްގައި އެންމެ މުހިންމު ކަންކަމުގެ ގޮތުގައި ދެކޭކަމަށްވެސް އުރީދޫން ބުނެއެވެ.

އިންޓިއުބޭޝަން ބޮކްސްއަކީ ކޮވިޑް-19 އަށް ޕޮޒިޓިވެ ވެފައި ތިބޭ ބަލިމީހުންނަށް އިންޓިއުބޭޝަންގެ ޕްރޮސީޖަރ ކުރިޔަށްދާ ވަގުތު ބަލި މީހާއާއި ޚިދުމަތްދޭ ފަރާތް ވަކިކޮށްލުމަށް ދާދި ފަހުން ޓައިވާންގައި ތައްޔާރުކޮށްފައިވާ އެތެރެފެންނަ ޕޮލިކާބޮނޭޓް ފޮށިތަކެކެވެ. އިންޓިއުބޭޝަން ޕްރޮސީޖަރ އަކީ އަނގައިން ނުވަތަ ނޭފަތުން ޓިއުބެއް މެދުވެރިކޮށް ވެންޓިލޭޓަރަކާއި ގުޅާލުމަށް ނޭވާލާ ހޮޅި ހުޅުވައިލުމެވެ. މި ޓިއުބް ގުޅާ ވަގުތު ބަލި މީހާގެ ހަށިގަނޑުން ގޭސް ނުވަތަ ފެން ބޭރުވެގެން ދާނެ އެވެ. އެހެންކަމުން އިންޓިއުބޭޝަން ޕްރޮސީޖަރ ކުރިއަށްދާ ވަގުތަކީ ޕްރޮސީޖަރ ހައްދަވާ ބޭފުޅާއަށް ވައިރަސް އާއި ކޮންޓެކްޓް ވުމުގެ ފުރުސަތު ބޮޑު ވަގުތަކަށްވުމާއިއެކު، މި އިންޓިއުބޭޝަން ބޮކްސް ގެ ބޭނުންތެރިކަން މި ފަދަ ޙާލަތެއްގައި ނުހަނު މުހިންމެވެ. ޓައިވާންގެ މި އުފެއްދުން މެޓަލް ސައިންސްއިންވަނީ އައިޖީއެމް ހޮސްޕިޓަލުގެ ޞިއްޙީ މާހިރުންނާ ގުޅިގެން ރާއްޖޭގެ ޞިއްޙީ މާހައުލާ ގުޅޭގޮތަށް ޕްރޯޓޯ ޓައިޕްއެއްގެ ގޮތުގައި ތައްޔާރުކޮށްފަ އެވެ.

“ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ އެންމެހާ ބޭފުޅުން، ޚާއްޞަކޮށް ޞިއްޙީ ދާއިރާގައި މަސައްކަތްކުރަމުން ދާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމަކީ ކޯވިޑް 19 ފެތުރުން ހުއްޓުވުމަށް މިވަގުތު އެންމެ މުހިންމު އިސްކަމެއް ދޭންޖެހޭ ކަމެވެ. މި ކަންކަން ފުރިހަމަކުރުމުގައި އެއްބާރުލުންދިނުމަކީ އެންމެންގެވެސް ޒިންމާއެއް ކަމުގައި ދެކިގެން، މިއަދު މި ހަދިޔާކުރެވުނު އިންޓިއުބޭޝަން ބޮކްސްތަކާއިއެކު ސިއްހީދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް އިތުރު ރައްކާތެރިކަމެއް ލިބި، ހިދުމަތް ދިނުމުގައި އާހިތްވަރެއް ލިބިގެންދާނެކަމަށް އުންމީދުކުރަމެވެ.  މި ވަގުތަށް ވަރަށް މުހިންމު އާލާތެއްކަމަށް ވާ މި އިންޓިއުބޭޝަން ބޮކްސްތައް ހޮސްޕިޓަލްތަކަށް ވީ އެންމެ އަވަހަށް ހަވާލު ކުރުމަށްޓަކައި މެޓަލް ސައިންސް އިން ބާރު ސްޕީޑެއްގައި ކުރެއްވި މަސައްކަތަށް އުރީދޫގެ ނަމުގައި ފަށްފަށުން ޝުކުރު އަދާކުރަން.” އުރީދޫގެ އެކްޓިންގް ޗީފް ކޮމާރޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވި އެވެ.

ރައީސް އޮފީސް، ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ މި ޕެންޑެމިކް އާއި ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވެމުންދާ އެންމެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.