-
-
މާދަމާއިން ފެށިގެން ފުރަބަންދަށް ލުއިދޭން ނިންމައިފި

މާދަމާއިން ފެށިގެން ފުރަބަންދަށް ލުއިދޭން ނިންމައިފި

މާދަމާއިން ފެށިގެން ފިހާރަތައް ހުޅުވަން ހުއްދަ ދިނުމާއި ގިނަވަގުތު ބޭރުގައި އުޅެވޭނެ އުސޫލުތަކެއް ހަމަޖައްސާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ADS BY FENVARU

މާދަމާ އިން ފެށިގެން ފުރަބަންދަށް ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި ފުރަތަމަ ފިޔަވަހީގައި ދޭ ލުއިތައް ބިނާކޮށްފައި ވަނީ މީހުންނަށް ނުކުމެ އުޅެވޭނެ ގޮތާއި އިގްތިސޯދީ ހަރަކާތްތަކަށް ފުރުސަތު ދިނުން ފަދަ ކަންތައްތަކެވެ. އަދި ވިޔަފާރިކުރުމާއި ސިއްޙީ ހިދުމަތް ހޯދުމުގަ އާއި ދަތުރު ފަތުރުކުރުމުގައި ހުރި ދަތިތަކަށް ލުޔެއްދޭން ނިންމާފައިވާކަމަށް އަމީން ވިދާޅުވިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ މާދަމާ އިން ފެށިގެން ދެވޭ ލުއިތަކުގެ ތެރޭގައި އަންނަނިވި ކަންތައް ހިމެނޭ ކަމުގައެވެ.

ކަމާ ބެހޭ ފަރާތްތަކުގެ ހުއްދައާ އެކު ގޭބިސީތަކުން ނުކުމެވޭ އަދަދު އިތުރު ކުރެވި، އަދި ބޭރުގައި ހޭދަކުރެވޭ ވަގުތު އިތުރު ކުރެވޭނެ.

ބޭރަށް ނުކުމެ އުޅޭއިރު، ބޭރުގައި އުޅޭނެ ޒޯނުތައް އިތުރު ކުރެވިގެންދާނެ.

ސުޕަމާކެޓް، ބޭކަރީ، ކަންމަތީ ފިހާރަ، ފާމަސީ، ބުކްޝޮޕް، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް، އަދި ހާޑްވެއާ ފިހާރަތައް ހުޅުވޭނެ. މޮބައިލް ފޯނު ފިހާރަ، އިލެކްޓްރޯނިކް ފިހާރަ، ފޮތި ފިހާރަ، ކުޅިވަރު ސާމާނު ފިހާރަ، ކޮސްމެޓިކްސް އަދި ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ ފަރާތްތަކަށް އޮންލައިންކޮށް ޑެލިވާކުރުމަށް ފުރުސަތު ހުޅުވޭނެ.

ޑެލިވަރީ ސާވިސް، އޮޓޯ މޮބައިލް، އިލެކްޓްރޯނިކްސް ރިޕެއާ، ވޯކްޝޮޕް ޚިދުމަތް، ހުޅުވާނެ.

މަސްމާރުކޭޓުވެސް މާދަމާ އިން ފެށިގެން ހުޅުވޭނެ.

ފުރަތަމަ ދެ ހަފްތާގައި ތިން ދުވަހަށް، އަދި ދެވަނަ ހަފްތާއިން ފެށިގެން ފަސް ދުވަހަށް ބޭންކުގެ ޚިދުމަތް ހުޅުވޭނެ.

ފުރަތަމަ ހަފްތާގައި ރެސްޓޯރަންޓު އަދި ކެފޭތަކުން ދެވޭނީ ޑެލިވަރީގެ ޚިދުމަތް. އަދި ދެވަނަ ހަފްތާ އިން ފެށިގެން ޓޭކްއަވޭ އަދި ޑެލިވަރީގެ ޚިދުމަތް ދެވޭނެ.

ފްލޫ ކްލިނިކަށް ގޮސްގެން ޚިދުމަތް ހޯދުމުގެ ހުއްދަ ދެވޭނެ.

ފުރަތަމަ ފިޔަވަހީގައި ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރޭވިފައެއް ނެތް. އެހެންނަމަވެސް ހުއްދަ ލިބޭ ވަރަކަށް އެ އޮފީސްތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިގެންދާނެ.އިކޮނޮމިކް މިނިސްޓްރީގެ ހުއްދައާ އެކު އަމިއްލަ އޮފީސްތަކަށް ޚިދުމަތްދެވޭނެ ގޮތްތައް އިއުލާން ކުރެވިގެންދާނެ.

ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ވެސް ޚާއްސަ ހުއްދައެއް ދެވޭނެ.

ހަމަމިއާއެކު ލުއި ނުދެވޭ ކަންކަން ވެސް މިނިސްޓަރުވަނީ ފަހަގަކުރައްވާފައެވެ.

ސްކޫލްތައް ހުންނާނީ އަދިވެސް ބަންދު ކުރެވިފައި. ސަރުކާރުގެ އޮފީސްތަކާއި ސެލޫންތަކާއި ޖިމްތައް ހުޅުވުމުގެ ހުއްދަވެސް އަދި ނުދެވޭނެ.

އެއްރަށުން އަނެއް ރަށަށް ދަތުކުރު ކުރުމުގެ ހުއްދައެއް ނުދެވޭނެ.

ޕާކްތަކައި ބީޗް ފަދަ ތަންތަން ފުރަތަމަ ދެ ހަފްތާގައި ހުޅުވިގެން ނުދާނެ.

މާލޭ ސިޓީގެ މިސްކިތްތައް ހުޅުވުމުގެ ހުއްދަ އަދި ނުދޭނެ.

ރާއްޖޭގައި ކޮވިޑް ފެތުރުމާއި ގުޅިގެން މާލެ ސަރަހައްދު މިވަނީ އަދިވެސް ފުރަބަންދުގައެވެ. ނަމަވެސް ގިނަދުވަސްތަކަކަށް މިކަންތައް ދިގުދެމިގެން ދާތީ ރާއްޖޭގެ އިގްތިސާދު ދުވަހެއް ދުވަހެއް މިދަނީ ދަށްވަމުންނެވެ. އެހެންކަމުން ރާއްޖެ ނިއު ނޯމަލްއަކަށް ގޮސް ފުރަބަންދަށް ލުއިދޭން މިވަނީ ފަށާފައެވެ. ނިއު ނޯމަލްއަކަށް ދާން ރާއްޖެ މިހާރު ދަނީ ތައްޔާރުވަމުންނެވެ.