-
-
ކުއްލި ޚަބަރު: ނައިފަރު ދާއިރާގެ މެމްބަރ ނަން އިއްވައި މަޖްލީހުން ނުކުންނެވުމަށް އަންގައިފި! ފޮޓޯ:ސަން އޮންލައިން

ކުއްލި ޚަބަރު: ނައިފަރު ދާއިރާގެ މެމްބަރ ނަން އިއްވައި މަޖްލީހުން ނުކުންނެވުމަށް އަންގައިފި!

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިހާރު ބޭއްވެމުންދާ ޖަލްސާގައި، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމުގެ ނަން އިއްވަވައި މަޖިލީހުން ނެރުއްވައިފިއެވެ. މިރޭގެ ޖަލްސާ ފެށިގެންގޮސް ގިނަ އިރުތަކެއް ނުވަނީސް، މަޖްލީހުގެ ރައީސް ކުއްލިއަކަށް ޖައްސަ ޖައްސައިގެން ތިންފަހަރުގެ މަތިން ޝިޔާމްގެ ނަންފުޅު އިއްވަވައި ޖަލްސާ ދޫކޮށް ވަޑައިގަތުމަށް އެންގެވިއެވެ.

ADS BY FENVARU

މެންބަރ ޝިޔާމް ޗެމްބަރުން ނެރެވެނީ

އަދި އެއާއިއެކު މަޖްލީހުގެ އަޑު ކަނޑާލެއްވުމަށްފަހު ދެން ފެނިގެންދިޔައީ ބާރުގެ ބޭނުންކޮށްގެން މެމްބަރު ޗެމްބަރުން ނެރެވުނުތަނެވެ. ޝިޔާމު ޗެމްބަރުން ނެރެވުމުގެ ތެރޭގައި، ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރު ޝިޔާމުގެ ގައިކޮޅަށް އައްލެއްވި މަންޒަރުވެސް ފެނިގެން ދިޔައެވެ. އެހެން ނަމަވެސް މަޖްލީހުގެ އަޑު ކަނޑާލާފައިވާތީވެ މަޖްލީހުގެ ރައީސް ވިދާޅުވި ނުވަތަ ދެއްވެވި އިރުޝާދެއް މާބޮޑަށް ސާފު ނުވިއެއްކަމަކު މަޖްލީހުގެ ރައީސް ރިޔާސަތު ދޫކުރަށްވައި ޗެމްބަރު ތެރޭގައި ހަރަކާތްތެރިވެ ވަޑައިގެންނެވި މަންޒަރު ފެނިގެން ދިޔައެވެ.

މެމްބަރުންގެ އިމްތިޔާޒުތަކާއި ބެހޭ ގާނޫނާއި އަދި މަޖްލީހުގެ ގަވާއިދަށް ބަލާއިރުވެސް މެމްބަރަކު ޗެމްބަަރ ދޫކުރަށްވައި ނުކުންނެވުމަށް އެންގެވުނު ނަމަވެސް، އެ މެމްބަރެއްގެ ގައިކޮޅަށް އަތްލައި މެމްބަރަކު ޗެމްބަރުން ނެރުމުގެ އެއްވެސް ދައުރެއް އެހެން މެމްބަރަކަށް ލިބިގެން ނުވާކަންވެސް ފާހަގަ ކުރެވެއެވެ. ޚާއްޞަކޮށް މަޖްލީހުގެ ޖަލްސާއެއްގެ ތެރޭގައި މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ މަޖްލީހުގެ ރައީސްގެ ޒިންމާއެކެވެ. ރައީސް އެޒިންމާ އަދާކުރެއްވެވި ތަނެއް ފެނިގެން ނުދާކަން ފާހަގަ ކުރެވެއެވެ.

މައުލޫމާތު ލިބެމުންދާގޮތުގައި މެމްބަރު ޝިޔާމަށްވަނީ އަނިޔާތަކެއްވެސް ލިބިވަޑައިގެންފައެވެ. އަދި އެއަނިޔާތަކަށް ފަރުވާހޯއްދެވުމަށް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުންދާކަމުގައި މާވަށު ދާއިރާގެ މެމްބަރުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު ބައެއް ޓީވީ ޗެނަލުތަކަށް މައުލޫމާތު ދެއްވާފައެވެ. ޝިޔާމުގެ އިތުރުން ކޯލިޝަނުގެ އެހެނިހެން މެމްބަރުންނަށްވެސް އަނިޔާވެފައިވާކަމުގައި އެ މެމްބަރުން ވިދާޅުވަމުން ދާކަންވެސް ފާހަގަ ކޮށްލެވެއެވެ.