-
-
އިމާންތެރިކަމާއި އަފޫކުރުމުގެ މަންޒަރު ގެނެސްދެވުނީތީ މަޢާފަށްއެދެން؟؟؟

އިމާންތެރިކަމާއި އަފޫކުރުމުގެ މަންޒަރު ގެނެސްދެވުނީތީ މަޢާފަށްއެދެން؟؟؟

އެމެރިކާގެ ނޫހެއްކަމުގައިވާ "ދި ޕޯޓްލޭންޑް ޕްރެސް ހެރަލްޑް" ގެ ބޭރުގަނޑުގައި 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ޖަހާފައިވާ ޚަބަރަކީ ޔުނައިޓަޑް ސްޓޭޓްސްގެ ރަށެއްކަމުގައިވާ މެއިނޭގައި މުސްލިމުން އެބައިމީހުންގެ ރޯދައިގެ މަތިވެރި އަޅުކަމަށްފަހު ޢީދުގެ އުފާފާޅުކުރިކަމުގެ ޚަބަރެވެ.

ADS BY FENVARU

ޕޯރޓްލަންޑްގެ އެކްސްޕޮސިޝަން ބިލްޑިންގުގައި ބޭއްވުނު ޢީދު ނަމާދުގައި ތިންހާހެއްހާ މުސްލިމުން ބައިވެރިވެ ޢީދުނަމާދު ކުރި މަންޒަރުގެ ފޮޓޯ ހިމަނާފައިވާ މި ޚަބަރުގައި އެމަންޒަރު ސިފަކޮށްފައިވަނީ އީމާންތެރިކަމާއި އަފޫކުރުމުގެ މަންޒަރެއްގެ ގޮތުގަ އެވެ. އަދި މިޚަބަރުގެ ދަށު ސުރުހީއެއްގެ ގޮތުގައި ލިޔެފައިވަނީ "ދިރި އުޅުމުގެ އުފާވެރިކަން ފާހަގަކުރަމުން އަދި ނަސީބު ދެރަމީހުންނަށް އެހީތެރިވެދޭހާލު މުސްލިމުން ރަމަޟާންމަހުގެ ނިމުން ފާހަގަކޮށްފި" މިފަދައިންނެވެ.

އެ ޚަބަރުގައި މުސްލިމުންނަށް ތަޢުރީފްކޮށް ގިނަ ވާހަކަތަކެއް ލިޔެފައިވެއެވެ. އަދި ހަމަ އެހެންމެ ކުރިން އެ އެކްސްޕޯގައި އީދުގެ އުފާ ފާޅުކުރަމުންދިޔަ ކުޑަ ކުޑަ ޖަމާޢަތް މިއަދު ބޮޑުވެފައިވާ މިންވަރުވަނީ ސިފަކޮށްދީފައެވެ.

އިސްވެ ދެންނެވުނު ޚަބަރު ޝާއިޢުކުރެވިފައިވަނީ 2010 ވަނަ އަހަރުގެ ފިތުރު ޢީދު ދުވަހުއެވެ. އިއްތިފާގުން އެ ދުވަސް ދިމާވީ 2001 ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު ނިއުޔޯކްގެ ޓްވިންޓަވަރަށް ދެވުނު ހަމަލާގެ ހަނދާން އެމެރިކާގެ ރައްޔިތުން ކުރަމުންދިޔަ ދުވަހާއި އެވެ. ކަން މިހެން އޮތުމާއިއެކު މިކަމަކީ ބައެއް މީހުން ޤަބޫލުކުރަން ބޭނުންވިކަމަކަށް ނުވިއެވެ.

އެގޮތުން އެނޫހަށް ތަފާތު މެސްޖްތަކާއި ނެގެޓިވް ކޮމެންޓްތައް ލިބެމުން ދިޔައެވެ. އެންމެފަހުން ކަންވީ ކިހިނެތްތޯއެވެ. އެ ޚަބަރެއްގައި ހަޤީޤަތެއް މެނުވީ ނުވާ އަދި ޚާއްޞަގޮތެއްގައި އެ ޚަބަރެއްގައި އެނޫހުގެ އެޑިޓޯރިއަލް އުޞޫލުތަކާއި އެއްވެސް ޚިލާފެއްނުވާ ޚަބަރެއް ޝާއިޢުކުރެވުނު ކަމަށްޓަކައި އެނޫހުން މަޢާފަށް އެދުނީއެވެ. މިއީ މިއަދުގެ ދުނިޔޭގައި މީޑިޔާ އާއި ޚަބަރު ފަތުރާ ވަޞީލަތްތަކުގެ ހާލު ހުރިގޮތެވެ.

މި ޚަބަރު ޝާއިޢުކުރެވުނު ކަމަށްޓަކައި މަޢާފަށް އެދެމުން އެނޫހުގެ އެޑިޓަރ ރިޗަރޑް އެލް ކޮނަރ އަނެއްދުވަހުގެ ނޫހުގައި ލިޔެފައިވާ އެޕޮލޮޖީ ނޯޓްގައި ބުނެފައިވަނީ ހުކުރުދުވަހުގެ ނޫހުގައި ޖަހާފައިވާ ޚަބަރުގެ ސަބަބުން ގިނަ ބަޔަކަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށްޓަކައި ކިޔުންތެރިންގެ ފަރާތުން މަޢާފަށް އެދޭކަމުގަ އެވެ. ނަމަވެސް އެޚަބަރާއިމެދު ފަޚުރުވެރިވާކަމަށް ބުނެފައިވެއެވެ.

ނަމަވެސް އޭނާގެ ނަޒަރުގެ އެ ޚަބަރާއި އެއް މިންވަރެއްގައި ސެޕްޓެމްބަރު 11 ގެ ޚަބަރުތައް ގެނެސްދޭންޖެހޭނެކަމުގައިވެސް ބުނެފައިވެއެވެ. އޭގެ ބޭނުމަކީ ކޮބައިބާވައެވެ. މުސްލިމުންގެ ރީތި މާތް ސިފަތަކުގެ ވާހަކަތަށް ބަޔާންކުރެވޭ ހިނދު މުސްލިމުންގެ ބޮލުގައި ޓެރަރިސްޓުންގެ ލޭބަލް އަޅުވާ ކުރިން ދެންނެވުނު ސިފަތަކުގެ މަތިން މީހުން ޣާފިލްކުރުވުން ނޫންބާވައެވެ.

މުސްލިމުން އެބައިމީހުންގެ ބަރަކާތްތެރި ދުވަސްތަކުގެ ތެރެއިން ދުވަހެއް އުފާވެރިކަމާއި ރަޙްމާއި އޯގާތެރިކަމާ އެކުވެރިކަމާއެކު ފާހަގަކުރި މަންޒަރު ނޫހެއްގެ ފަލަ ސުރުހީއަށް އެރުމަކީ ގިނަބަޔަކަށް ކެތްކުރެވޭނޭ ކަމެއްނޫނެވެ. އެހެނީ މުސްލިމުންނަކީ އިންސާނުން ކަމުގައި ސިފަކުރުމަށް ނޭދޭ ކިތަންމެ ބަޔަކު އެދީނުގެ ސިފަ ހުތުރުކޮށް ދައްކޮއްލުމަށް ރޭވުންތައްދަނީ ރާވަމުންނެެވެ. ނަމަވެސް ހަޤީޤަތް ވާނީ ހަޤީޤަތަށެވެ. އެއަކަށް ބަދަލެއް ނާންނާނެއެވެ.

ހެރަލްޑް ނޫހުން މި ޚަބަރާއި މެދު މަޢާފަށް އެދުމުން ނޫސްވެރިކަމުގެ ތަޖުރިބާކާރު ގިނަ ބަޔަކު ވަނީ އެނޫހަށް ފާޑުކިޔާފައެވެ. އެފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި މިއީ ނޫސްވެރިކަމަށް ކަޅުދުވަހެކެވެ. އެހެނީ ނޫސްވެރިކަމަކީވެސް މަގުމައްޗަށްނުކުންނަ ހަޅުތާލުކުރާމީހުން ބޭނުންގޮތަކަށް އަނބުރާލެވިދާނެ އެއްޗެއްކަމުގެ މިސާލެއް އެނޫހުންވަނީ ދައްކައިދީފައެވެ. އަދި އެމީހުން ސިފަކުރާގޮތުގައި ސުލްހަވެރި އަބުރުވެރި މުސްލިމުން އެބައިމީހުންގެ އަގީދާއާއިގުޅޭ އަޅުކަމެއްގެ ވާހަކަ އޭގެ އެތައް އަހަރެއްގެ ކުރިން އެމީހުންނާއި ގުޅުމެއްނުވާ ބަޔަކު ކުރި ނޭދެވޭ އަމަލަކާއި އަޅުވާފައި ނޫނީ ނުގެނެސްދެވޭނެކަމަށް ހެރޮލްޑް ނޫހުން ޤަބޫލުކުރާނަމަ އެކަމަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހަމަހަމަކަމުގައި ކޮޅުފައިން ޖެހުމެވެ. ޚަބަރުގެ އެކޮޅާއި މިކޮޅު އޮޅުވައިލުމެވެ.

ދީނީ މިނިވަންކަމުގެ ނަމުގައި އެމެރިކާފަދަ ޤައުމުތަކުން ވަކާލާތުކުރާއިރު ބައެއް އަޤީދާތަކުގެ މީހުންނަށް އެބައިމީހުންގެ ޢަމަލުތަކަކީ ޤަބޫލުކުރެވޭ ރަނގަޅުކަމެއްކަމުގައި ދެއްކުމުގެ ފުރުޞަތު ހަނިވެފައިވާކަމުގައި މިހާރު އެ ޤައުމުތަކުގެ ގިނަބަޔަކުވެސް ޤަބޫލުކުރެއެވެ. އެހެނީ މީޑިޔާގެ ޚަބަރުތަކަކީވެސް މީހުން ބޭނުންވާގޮތަށް ވަކި ބަޔަކު ރުހޭ ގޮތައް ހުންނަންޖެހޭ ޚަބަރުތަކެއްކަމުގައި މިވަނީ ވެފައެވެ.

މިއީ މީޑިޔާގެ ކޮންޓްރޯލް އަދާވާތްތެރިންގެ މުށުގައިވާ މިންވަރެވެ. ވީއިރު މިކަމަށް މުސްލިމުން ހޭލުންތެރިވެ މީޑިޔަގައި މުސްލިމުންގެ ބާރު އިތުރުކުރުމަށް މިވަނީ މަސައްކަތްކުރަން ޖެހިފައެވެ.

މިދެންނެވި ގޮތަށް ކަންހިނގަނީ ނުވަތަ ހިނގާފައިވަނީ ހަމައެކަނި އެމެރިކާ އަކު ނޫނެވެ. ދުނިޔޭގެ ހުރިހައި ޤައުމެއްގައިވެސް އެތައް ކަމެއްވަނީ މިގޮތަށް ހިނގާފައެވެ. އަޅުގަނޑުމެންގެ ޖަޒީރާވަންތަ މިކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ނޫސްވެރިންނަށާއި މީޑިއާތަކަށް ވަނީ މި ދެންނެވި މުސީބާތާއި ކުރިމަތިވެފަ އެވެ. ހުރިހައި ނޫސްވެރިން އެއްގަލަކަށް އަރަންވީއެވެ. މި ދެންނެވި މުސީބާތުން ސަލާމަތްވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ ނޫސްވެރިންގެ ފަރުދީ ޒިންމާއެއްކަމަށް އަޅުގަނޑު ޤާބޫލުކުރަމެވެ.