-
-

އަޖައިބުކުރުވަނިވި ކަމަކަށްވީ ދީމާގެ ކަރުގައި އޭތި އަގަ ޖެހިކަމުގެ އެއްވެސް ނިޝާނެއް ނެތީމައެވެ.

ADS BY FENVARU

"އަސްތާ! މިކޮއި މަރުވީބާ! އަވަހަށް ހިގާ މީނަ ހޮސްޕިޓަލަށް ގެންދަމާ." އޭގެތެރޭ ހުރި މީހަކު ބުނެލިއެވެ. އެމީހުން އެމްބިއުލާންސަށް ގުޅާ ދީމާ ހޮސްޕިޓަލަށް ގެންދިޔައެވެ. ދީމާ ވައްދާފައޮތީ އަވަސް ފަރުވާދޭ ކޮޓަރިއަށެވެ. އެންމެން ތިބީ ބޭރުގައި ޑޮކްޓަރު ނުކުންނާނެ ވަގުތަކަށް އިންތިޒާރުގައެވެ.

"ޑޮކްޓަރު! އެކޮއި މަރުވީތަ!" ޑޮކްޓަރު ފެނުމުން އެކަކު އަހާލިއެވެ.

"ނޫން. އޭނަ ހޭނެތިފަ އޮތީ. އޭނައަށް އެއްވެސް ކަމެއް ނުވޭ!" ޑޮކްޓަރު މިހެން ބުނުމުން އެމީހުން ހައިރާންވެ އެކަކު އަނެކަކު މޫނަށް ބަލާލިއެވެ.

"އަޖައިބެއްތީ. އަހަރެމެން ބެލިއިރު އޭނަ އޮތީ މަރުވެފަ. ނޭވާވެސް ނުލާ ހިތުގެ ވިންދުވެސް ނުހިގާ. އަހަންނަށް ހަމަ ޔަގީން މަރުވެފަކަން އޮތީ." އެތާގަހުރި އަންހެން މީހަކު ބުނެލިއެވެ.

"އެއީ ބީރައްޓެހި ކުއްޖަކާ ވައްތަރީ."

"އާ! އެއީ މިއުޅޭ ތައުފީގުގެ ސޮރު ނީލްގެ ރައްޓެއްސެކޯ." އެމީހުން ވާހަކަދައްކަން ތިބެފަ އެކަކު ނީލްއަށް ގުޅާލިއެވެ.

ނީލް އޮތީ ފޯނު ނިއްވާފައެވެ. އެހެންކަމުން ގުޅޭނެ ގޮތެއްނުވިއެވެ.

"އޭނަ ފޯނެއްވެސް ނުނަގާ. ދެން ކިހިނެއް ހަދާނީ! އެކަކު ދޭބަ އެގެޔަށް އޭނައަށް ޚަބަރުދޭން."

އެތާގައި ތިބީ ދެމަފިރިންނާއި އެމީހުންގެ ފިރިހެން ދަރިފުޅެވެ.

"ބައްޕާ! އަހަރެން އަންނާނަން އެގެޔަށް ވަދެލާފަ." އެހެންބުނެ އެކުއްޖާ ހޮސްޕިޓަލުން ނުކުމެގެން ހިގައްޖެއެވެ.

"ކާކު ދޮރުގައި ޓަކި ޖަހަނީ މިއޮތް ދަންވަރު.'' ނީލް ލޯއުގުޅަމުން އަހާލިއެވެ. ޝެރިން އޮތީ ނުނިދާ ހޭލާއެވެ. ނަމަވެސް ނީލްގެ ވާހަކައަށް އެއްވެސް ޖަވާބެއް ނުދީ އޮތީއެވެ.

ނީލް ސިޑިން ތިރިޔަށް ފޭބިއިރު ސިޓިންރޫމްގެ ބޮކިވެސް އޮތީ ނިއްވާލާފައެވެ. ބޮކި ދިއްލާލާފައި ނީލް ގޮސް ބޮޑުދޮރު ހުޅުވާލިއިރު ނުވެސް ދަންނަ މީހަކު ހުއްޓެވެ.

"ތީކާކު؟" ނީލް ކޮށްލީ ސުވާލެކެވެ.

"ތީ ނީލް ދެއްތޯ!"

"އާ މީ ނީލް ކިހިނެއްވީ!" ނީލް ބުނެލިއެވެ.

"މިގޭގަ އުޅޭ ބީރައްޓެހި ކުއްޖާ އެބައޮތް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި. އެހެންވެ އެވާހަކަ ބުނެލަން މިއައީ. ފޯނު ނިއްވާފަ އޮތީމަ ނުގުޅިގެން މިގެޔަށް މިއައީ!" އެކުއްޖާ އެހެން ބުނުމުން ނީލް ބަލާލީ ދީމާގެ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައެވެ.

"ކިހިނެއްވީ އޭނައަށް." ނީލްހުރީ ވާނުވާ ނޭގިފައެވެ.

"އަހަރެމެންނަށް އޭނާ ފެނުނީ މަގުމައްޗަށް ވެއްޓިފައި އޮތްވާ. ގޮތްނޭގޭ އެއްޗެއް އޭނައަށް ހަމަލާދީގެން އުޅެނިކޮށް އަހަރެމެންނަށް ފެނުނީ. އޭނަ ހޮސްޕިޓަލަށް ގެންދިޔައީ އަހަރެންގެ ބައްޕަ. ބައްޕަ ބުނެގެން އަހަރެން މިއައީ. ދެން އަހަރެން ދަނީ!"

ނީލް ދޮރު ލައްޕާފައި ސިޑިން މައްޗަށް އަރާ ދީމާގެ ކޮޓަރިއަށް ވަދެ ބަލާލިއެވެ. އެނދުގައި ދީމާ ނެތުމުން ނީލް ވަރަށް ކަންބޮޑުވިއެވެ. އެކޮޓަރިން ނުކުމެގެން ގޮސް ނީލްގެ ކޮޓަރިއަށް ވަދެ ގަމީސް ލައިގެން ފޯނު ނަގާފައި އޮންކޮށްލިއެވެ.

"ނީލް! ކިހިނެއްވީ! މިގަޑީގައި ކޮންތާކަށް؟" ނީލް އަވަސް އަރުވާލާފައި ހުރުމުން ޝެރިން އަހާލިއެވެ.

"ޝެރިން. ދީމާ ވީ ހޮސްޕިޓަލުގަޔޯ! އަހަރެން މިދަނީ ހޮސްޕިޓަލަށް."

އެކަމަކު މިގަޑީގައި. އަހަރެންވެސް ދަންތަ؟"

"ނޫން. ޝެރިން ނިދާލާ! އަހަރެން އެބައަންނަން ދީމާއަށް ވީ ގޮތެއް ބަލާލާފައި." ނީލް ނުކުމެގެން ދިއުމުން ޝެރިން ތެދުވެ ކުޑަދޮރު ހުޅުވާލާފައި ބަލަހައްޓައިގެން ހުއްޓެވެ. ނީލް ސައިކަލަށް އަރައިގެން ދުއްވާލިއެވެ. ސައިކަލް ގޮސް ގެއްލެންދެން ޝެރިން ބަލަހައްޓައިގެން ހުއްޓެވެ.

"އަނެއްކާ ކިހިނެއް ވީބާ! ޔަޤީން ތިވާނީ ދައްތަގެ ކަމަކަށް." މިހެން ކިޔާ ޝެރިން ދެލޯ މަރާލިއެވެ. ލޯހުޅުވިއިރު ކުރިމަތީގައި ފަތީނާ ހުއްޓެވެ.

"ކިހިނެއްވީ މިގަޑީގައި އަހަރެން މަތިން ތިވަރަށް ހަދާންތިކުރަނީ." ފަތީނާ އަހާލިއެވެ.

"ދައްތައަށް އެގޭނެ އަހަރެން ދައްތަ މިގެނައީ ކީއްވެގެންކަންވެސް."

"ހޫމް އެގޭ! ނީލް ގޮސްސި ދޯ ދުވަމުން. އެއީ އޭ އަހަރެން މިބުނާ ވާހަކައަކީ. ކޮއްކޮއަށް ނޭގުނަސް ކޮއްކޮގެ ފިރިމީހާއޭ ތިޖަހައިގަންނަނީ. އަހަރެން ނުހުންނާނަން މަންޒަރު ބަލަން."

"ދައްތަ ކީއްތަކުރީ ދީމާއަށް." ޝެރިން ކަންބޮޑުވިއެވެ.

'' މާބޮޑު ކަމެއް ނުކުރަން. ލައްކަ ގިނަދުވަހު އިންސާނެއްގެ ލޭފޮދެއް ނުލިބި މިހެން އުޅެވިއްޖެ. އެހެންވެ ފުރުސަތު ލިބުނީމަ ލޭފޮދެއްގެ ރަހަ ބަލާލީ! ހިތްހަމްޖެހިން ލޭ ނުވެސް ބޮވުނު. ޖެހިގެން ހުރިގޭ މީހުން ނުކުތީމަ ކިރިޔާ އަހަރެން ފަޅާނޭރީ."

"ސާބަސް ދައްތާ! އޭނައަށް ބިރުދެއްކިޔަސް ތިކަހަލަ ކަންތައް ކުރާކަށް ނުވާނެއެއްނު. އޭނަ މަރުވެއްޖެއްޔާ ނީލް ކިހާ ދެރަވާނެ.'' ޝެރިން ބުނެލިއެވެ.

"އެހެން ނޫނަސް ރަށުތެރޭގައި ތިކަހަލަ ކަންތައް ގިނަ ވަންޏާ މީހުން ފަންޑިތަ ހަދަން ފަށައިފާނެ. އޭރުން މާ ނުރައްކާވާނެ. ދައްތައެއްނު އެހެން ބުނީވެސް. އެހެންވެ އަހަރެންވެސް މިހުންނަނީ ނު." ޝެރިން މަޑުމަޑުން ހިގަމުން އައިސް އެނދުގައި ޖައްސާލިއެވެ.

"އޭނަ މަރުވާނެހެނެއް ހިޔެއް ނުވޭ އެކަމަކު ބިރުގަންނަނީ އޭނަ ކަރުގައި ނިޝާން ހުރެދާނެތީ. އަހަންނަށް ނުލިބުނު ވަގުތެއް ނިޝާން ފޮރުވާލާކަށް." ފަތީނާވެސް އައިސް ޝެރިން ކައިރީ އިށީނެވެ.

ކުއްލިއަކަށް ޝެރިންގެ ފޯނު ރިންގުވާންފެށިއެވެ. ޝެރިން ބަލާލިއިރު ގުޅީ ނީލްއެވެ.

"ހައި. ސޮރީ! މިރޭ އަހަރެން މިޖެހެނީ ދީމާ ކައިރީ ހޮސްޕިޓަލުގައި މަޑުކުރަން. ދީމާ ހޭނާރާ އަދި. މިތާގަ އިންނާނެ އެހެން މީހަކު ނެތީމަ އަހަރެން ޖެހޭނީ މަޑުކުރަން. ޝެރިން ނިދާލާ އިގޭ! އަހަރެން އަންނާނަން ހެދުނު. ޑޮކްޓަރު ބުނި ދީމާ މިހާރު ރަގަޅޭ ހެދުނު ދޫކޮށްލާނަމޭ." ނީލް އެހެން ބުނުމުން ޝެރިން އެއްވެސް އެއްޗެއް ނުބުނެ ފޯނު ކަޑާލިއެވެ.

"ކޮބާ! އަހަރެން ބުނީމެއްނު. ދެން ކޮއްކޮ ނިދާލާ. ދައްތަ ދަނީ. އެކަމާ އެވަރަށް ވިސްނާ އެއްޗެއް ނޫން. ދައްތަ ހުއްޓާ ކޮއްކޮ ވިސްނާކަށް ނުޖެހޭނެ. ދަނީ." ވިދުވަރެއްހެން ފަތީނާ ގެއްލިއްޖެއެވެ.

ޝެރިން އެދަށް އަރާއޮވެ ނިދޭތޯ ލޯމަރާލިއެވެ.

ނީލް ހޮސްޕިޓަލުގެ އޮބްޒަވޭޝަނުގައި ދީމާ ކައިރީ އިދެފައި ފޫހިވެގެން ބޭރަށް ނުކުތްއިރު ވާރޭތިކި ޖަހަމުންދިޔައެވެ. ނީލް ބަލާލީ އުޑުމައްޗަށެވެ. ވަރަށް ރީތިކޮށް އޮތް އުޑުމަތި މިހާރު ހީވަނީ ކަޅުވިލާތައް ހަގުރާމައަކަށް ތައްޔާރުވަމުންދާހެންނެވެ. ނީލް އިރުކޮޅަކު މަޑުކޮށްލުމަށްފަހު އެތެރެޔަށް ވަންނަން ހިގައިގަތެވެ.

"ނީލް!" އަންހެން ކުއްޖެއްގެ އަޑުއިވިގެން ނީލް އެބުރި ބަލާލިއެވެ. އެކަމަކު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހީވިގޮތެކޭ ހީކޮށްފައި ކުރިޔަށް ހިގައިގަތެވެ.

"ނީލް" އަނެއްކާވެސް މީހަކު ގޮވާލިއަޑުއިވުނެވެ. ވަރަށް ދަންނަ އަޑެކެވެ. އެކަމަކު މިފަހަރު ނީލް އަޅާނުލިއެވެ.

" ލޯބިވާ ނީލް." ނީލްގެ ފައިގައި މީހަކު ހިފެހެއްޓިކަހަލައެވެ. ނީލްއަށް ހުއްޓުނެވެ. ވަގުތުން އެބުރި ބަލާލިއެވެ. ދުވަސްތަކަކަށްފަހު އެއަޑުން އެހެން ގޮވާލުމުން ނީލް ހުރީ ޝޮކްވެފައެވެ.

އާއެކެވެ. އެއީ ޝެރިން ނީލް އާ ރައްޓެހިވި ފުރަތަމަ ދުވަހު ނީލްއަށް ގޮވާ އުޅުނު ނަމެކެވެ. ފަހުން އައިސް ޝެރިން "ލޯބިވާ ނީލް" ކިޔާފައި ނޮގޮވައެވެ. ނީލް އެކަމާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އެކަމަކު މިރޭ ކުއްލިއަކަށް އެހެން ގޮވުމުން ނީލް ހައިރާންވީއެވެ.

ނީލް ބަލާލިއިރު ހޮސްޕިޓަލުގެ ދޮރާށިމަތީގައި ޝެރިން ހުއްޓެވެ. އިސްތަށިގަޑު ހުރީ ވިހުރިފައެވެ. ލައިގެން ހުރި ހެދުން ހުރީ އެކިތަންތަނުން ވީދިފައެވެ. އެހެދުން ފެނުނުމުން ނީލް ވަރަށް ފަޑު ހަދާނެއްވިއެވެ. ޝެރިން ދަތުރުދިޔަ ދުވަހު ނީލް ބުނެގެން ޝެރިން ލައިގެން ހުރީ ހަމަ އެހެދުމެވެ. ނީލް ފެނުމުން ޝެރިން ދެއަތް ދިގުކޮށްލިއެވެ. ޝެރިން ހުރީ ރޮވިފައެވެ. ނީލް ދުވެފައި އައިސް ޝެރިން ގައިގައި ބައްދައިގަތެވެ.

"އަހަރެންގެ ފުރާނަފަދައިން ލޯބިވާ ނީލް" ޝެރިން ބުނެލިއެވެ.

ނީލް ޝެރިންގެ މޫނުގައި ބޮސްދެމުންދިޔައެވެ. އަދި ވިހުރިފައި އޮތް އިސްތަށިގަނޑު ރީތިކޮށްލިއެވެ.

"އަހަރެން ހާދަ އުފާވޭ ޝެރިން އަހަންނަށް ތިނަމުން ގޮވީމަ. އަޅެ ކީއްވެތަ މިހާރު ތިނަމުން ނޮގޮވަނީ. ކިހިނެއްވެފަތަ ތިހިރީ! އަހަރެން ބުނީމެއްނު ނިދާލާށޭ. ދެންކީއްކުރަން މިތަނަށް ތިއައީ. ހެދުމަށް ކިހިނެއްވެފަ ތިހިރީ. ތީ އަހަރެންގެ އެންމެ ފޭވަރިޓް ހެދުންދޯ." ނީލް ހުއްޓާނުލުމުން ޝެރިން ނީލްގެ ތުންފަތްމަތީ އަތްއަޅާލިއެވެ.

"ޝްޝްޝް.. ހުރިހާ ސުވާލެއް އެއްފަހަރާ ކުރީމަ އަހަރެން ކިހިނެއް ތިހުރިހާ ސުވާލަކަށް ޖަވާބުދޭނީ." ޝެރިން ބުނެލިއެވެ.

"އޯކޭ! ސުވާލުކުރި ތަރުތީބުން ޖަވާބުދީ!" ނީލް ޝެރިން އުނަގަނޑުގައި ބައްދައިގެން ހުރެ ބުނެލިއެވެ.

"އެންމެ ރަގަޅު. އަހަރެން އަބަދުވެސް ނީލް އަށް ގޮވަނީ ލޯބިވާ ނީލް ކިޔާފަ. އެހެން ނަމަކުން އަހަރެން ނޮގޮވަން. ދުވަސްތަކަކަށްފަހު އަހަންނަށް ނީލް ފެނުމުން އަހަރެން މިހިރީ ވަރަށް އުފާވެފަ."

"ދުވަސްތަކެކޭ. އަހަރެން ދެންމެ މިއައީ ޝެރިން ކައިރީ ނިދަން އޮވެފަނޫންތަ." ނީލް ބަލާލީ ޝެރިންގެ މޫނަށެވެ. ނީލް ހީކުރީ ޝެރިން ސަމާސާ ކުރަނީކަމަށެވެ.

"އާ! ދުވަސްތަކެއްނޫން އަސްލު. އަހަރުތަކެއް ފަހުން."

"ޝެރިން. ކީކޭ ތިކިޔަނީ. އަހަރެން ބިރުގަންނުވަންދޯ ތިއުޅެނީ!" ނީލް ޝެރިން ގައިން ދޫކޮށްލިއެވެ.

"އާ ލޯބިވާ ނީލް! އަހަންނަށް ލޯބިވާ މިފެނުނީ އަހަރުތަކަކަށްފަހު. ލޯބިވާ ނީލްއާ އެކީ އަހަރެން ކަމަށް ހެދިގެން އުޅެނީ ޖިންނިއެއް. އެއީ އަހަރެންގެ ސިފައިގައި ހުރި ޖިންނިއެއް. އަހަރެން މއައީ އެޖިންނިގެ ކިބައިން ލޯބިވާ ނީލް ސަލާމަތްކުރަން." ޝެރިން މިދައްކާ ވާހަކައެއް ނީލްއަކަށް ނުވިސްނުނެވެ. އެވާހަކަތައް އަޑުއަހާފައި ނީލް ބިރުވެސް ގަތެވެ. ޝެރިން ނީލްއާ ކައިރިވުމުން ނީލް ފަހަތަށް ޖެހިގަތެވެ.

(ނުނިމޭ)

ADS BY FENVARU