-
-
ބަނަވި ހަޔާތް-12

ބަނަވި ހަޔާތް-12

  • ޝެރިން ނީލްއާ ކައިރިވުމުން ނީލް ފަހަތަށް ޖެހިގަތެވެ.

"އަހަރެން ގަބޫލެއްނުކާރަން. ބުނޭ ތީ ދޮގެކޭ!" ނީލް ފަހަތަށް ޖެހެމުން ބުނެލިއެވެ.

ADS BY FENVARU

"އަހަރެން ކީއްކުރަން ދޮގު ހަދަންވީ. ދޮގުހެދީމަ އަހަންނަށް ކޮންފައިދާއެއް ކުރާނީ. އަހަރެން ކިތަންމެ ބޭނުންވިޔަސް އަހަންނަށް ދެން ނީލް ނުލިބޭނެ." ޝެރިންގެ ލޮލުން ވެއްޓުނު ކަރުނަތިކި ފެނިފައި ނީލް ހުރީ ހައިރާންވެފައެވެ.

ޝެރިން މިކިޔަނީ ކީކޭބާއޭ ހިތަށް އެރިއެވެ. ޝެރިންއަށް ދެން ނީލް ނުލިބޭނޭ ބުނުމުން ނީލްހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ.

"ލޯބިވާ ނީލް. އަހަންނަށް މިތާގަ މާގިނައިރަކު ނުހުރެވޭނެ. އަހަރެން މިދައްކާ ވާހަކަ ގަބޫލުކޮށްބަލަ. އެއީ އަހަރެންގެ ސިފައިގައި ހުރި ޖިންނިއެއް. ގަބޫލުނުކުރެވެންޏާ އޭނައަށް ނާންގާ މިވަގުތު އެގެޔަށް ދޭބަލަ. އޭރުން ލޯބިވާގެ ލޮލަށް އޭތިގެ އަސްލު ސިފަ ފެންނާނެ. އަހަރެން ބުންޏަސް ގަބޫލެއް ނުކުރެވޭނެ އެކަމަކު އޭތި ކޮންމެ ރެޔަކު ލޯބިވާ ނީލްގެ ހަށިގަނޑުން ލޭބޯ. އެހެންވެ އެހާ އަވަސް އަވަހަށް ތިބަލިވަނީ. އަހަންނަށް ހުރިހާ ހަޤީގަތެއް އެގޭ. އެދެމީހުން އުޅެނީ އިންސާނުންގެ ސިފައިގައި. ދީމާ މިރަށުގައި ބަހައްޓައިފިއްޔާ އެމީހުން އޭނަވެސް މަރާލާނެ. އޭނަގެ ފުރާނަ ސަލާމަތްކުރަން ބޭނުުމިއްޔާ އޭނަ މިރަށުން ފޮނުވާލާ. އަހަރެން ދެން ދަނީ. މިވަގުތު ގޮސް ބެލިއްޔާ ހަޤީގަތް އެގޭނެ." ޝެރިން ވާހަކަ ދައްކަ ދައްކާ ހުއްޓާ ގެއްލިއްޖެއެވެ.

"ޝެރިން. ޝެރިން." ހޮސްޕިޓަލުގެ ގޯތިތެރެ ހޯދާ ބެލުމުންވެސް ނީލްއަށް ޝެރިން ނުފެނުނެވެ. ނީލް ސިއްސައިގެން ގޮސް ހޭލެވުނުއިރު ނީލްއިނީ ދީމާ ކައިރީ ހޮސްޕިޓަލުގައެވެ.

"އަހަންނަށް މިފެނުނީ ހުވަފެނެއްބާ!" ނީލް ހިތާހިތާ ކިޔާލިއެވެ.

ނީލް އަވަސް އަވުރާލާފައި ގެޔާ ދިމާލަށް މިސްރާބް ޖަހާލިއެވެ. ޔަޤީނުންވެސް ޝެރިން އޮންނާނީ މިހާރު ނިދާފައެވެ. މިހެން ހިތާ ގެޔަށް އައިސް ނީލްގެ ކޮޓަރީގެ ކުޑަދޮރު ފެންނަ ގޮތަށް ބޭރުގައި މަޑުކޮށްލިއެވެ. ޝެރިން ހޭލާ އުޅުމުން ނީލް ހައިރާންވިއެވެ. ނީލް ދިޔައިރު ނިދާފަ އޮތް މީހަކު ހޭލައިގެން ކޮޓަރީގެ ބޮކި ދިއްލައިގެން ކޮޓަރިތެރޭ އުޅޭތަން ނީލްއަށް ފެނުނެވެ. ނީލްހުރީ ގަހަކާ ނިވާވެގެން ޝެރިންއަށް ބަލަހައްޓައިގެންނެވެ. އިރުކޮޅަކުން ނީލްއަށް ފެނުނު މަންޒަރު ގަބޫލުކުރަންވެސް ދަތިއެވެ. ޝެރިން ކުޑަދޮރު ކައިރިޔަށް އައިސް ދެފިޔަގަނޑު ވިހުރާލައިގެން އުދުހިގަތީ ނީލް ފިލާހުރި ގަހުގެ މަތިންލާފައެވެ.

ނީލް އަވަސްއަވަހަށް ސައިކަލަށް އަރައިގެން ހޮސްޕިޓަލަށް ދިޔައެވެ. ބިރުގަތްވަރުން ހޮސްޕިޓަލުގެ ބޭރުގައި މަޑުކޮށްގެން ހުރެ ސިގިރެޓެއް ރޯކޮށްލިއެވެ. ހުވަފެނުން ފެނުނު ޝެރިން ދެއްކި ވާހަކަތައް ހަދާންކުރަނީއެވެ. އެއީ ތެދު ހަގީގަތެވެ. މިހާރު ގަބޫލުކުރެވިއްޖެއެވެ. އެހެންނަމަވެސް ހިތުގައި އެތައް ސުވާލެއް އުފެދިގެން ދިޔައެވެ. ނީލްއާއެކީ އުޅެނީ ޖިންނިއެއް ކަމަށް ވަންޏާ އަސްލު ޝެރިން ކޮބައި ހެއްޔެވެ. އޭނައަށް ވީ ކިހިނެއްބާއެވެ. އެތައް ދުވަސްފަހުން އެގޮތަށް ހުވަފެނުން ފެނުނު ސަބަބަކީ ކޮބައިހެއްޔެވެ. ނީލް ބޭނުމީ ޝެރިންއާއި ވާހަކަ ދައްކާށެވެ. އެހެންނަމަވެސް ދެން ހަދަންވީ ގޮތެއް ނުވިސްނުނެވެ.

ސިގިރެޓް އެއްލާލާފައި ހޮސްޕިޓަލުގެ ތެރެޔަށް ހިގައިގަތެވެ.

''ނީލް!" ފަހަތުން މީހަކު ގޮވާލުމުން ނީލް ބަލާލިއެވެ.

ކުރިމަތީގައި ހިނިތުންވެފައި ހުރީ ޝެރިންއެވެ. އެކަމަކު އެއީ އަސްލު ޝެރިން ކަމެއް ނޭގޭތީ ބަލަހައްޓައިގެން ހުރީއެވެ. ޝެރިން މަޑުމަޑުން ހިގާފައި ނީލް ކައިރިޔަށް އައެވެ.

"ކިހިނެއްވީ މިތާގަ ތިހިރީ. އަހަރެން މިއައީ ދީމާގެ ހާލު ބަލާލަން. އޭނަ މިހާރު ކިހިނެއްތަ؟" ޝެރިން އަހާލިއެވެ.

ނީލް ހުރީ ޝެރިންއަށް ބަލަހައްޓައިގެންނެވެ.

"ނީލް. އަހަރެން ވާހަކަ މިދައްކަނީ ނީލްއާ އޭ. ކިހިނެއްވެފަ ތިހިރީ." ނީލް ވާހަކަ ނުދެއްކުމުން ޝެރިން އަހާލިއެވެ.

"ކަމެއްނުވޭ! ޝެރިން ކީއްކުރަން މިތަނަށް ތިއައީ. އަހަރެން ބުނީމެއްނު ނިދާލާށޭ. ދީމާ ރަގަޅު މިހާރު. ނިދިފަ އޮތީ." ފާޑަކަށްހުރެ ނީލް ބުނެލިއެވެ.

"ހިގާފަތަ ތިއައީ؟" ނީލް އަހާލިއެވެ.

"ނޫން. އުދުހިފަ އަހަރެން އައީ." ޝެރިން މިހެން ބުނުމުން ނީލް ޝެރިންއަށް ބަލާލިއެވެ.

"ސާބަސް ނީލް. މިއޮތް ދަންވަރު އަހަރެން އަންނާނީ ހިގާފައެއްނު. ނީލްވެސް ތިހިރީ ހޮސްޕިޓަލުގަ ވިއްޔާ." ޝެރިން މިހެން ބުނުމުން ކައިރީގައި މިހިރީ އަސްލު ޝެރިން ނޫންކަން ނީލްއަށް އެގުނެވެ. ޝެރިން ނީލްގެ އަތުގައި ހިފުމުން ފުރަތަމަ ފަހަރަށް ނީލް ބިރުން ޝެރިންގެ އަތް ފޮޅާލިއެވެ. ނީލް އެތެރެޔަށް ހިގައިގަތުމުން ޝެރިންވެސް ފަހަތުން ވަދެގެން ދިޔައީއެވެ.

'' ނިދާފަ ދޯ." ދީމާގެ ބޮލުގައި ފިރުމާލަމުން ޝެރިން ބުނެލިއެވެ.

"ހޫމް!" ނީލް ދިނީ ކުރު ޖަވާބެކެވެ.

"އޯކޭތަ އަހަރެން ދީމާ ކައިރީ މިތާގަ މަޑުކޮށްލިޔަސް؟" ޝެރިން އަހާލިއެވެ.

ނީލް ބަލާލީ އެތާގައި ތިބި ނަރުސް ކުދިންނަށެވެ. އެންމެން ތިއްބާ ޝެރިންއަށް އެއްވެސް ކަމެއް ކުރާކަށް ނުކެރޭނޭ ހިތާ ނީލް ބޯޖަހާލިއެވެ.

"އަހަރެން މިއިނީ ބޭރުގައި. މިތާގައި އެކަކަށްވުރެ ގިނަ މީހުންނަށް ނުތިބެވޭނެ." މިހެންބުނެ ނީލް ނުކުތީ ބޭރަށެވެ.

ޝެރިން އިނީ ދީމާއަށް ބަލަހައްޓައިގެންނެވެ. އޮބްޒަވޭޝަންގެ ތެރޭގައި އެހެން ބަލިމީހަކުވެސް އޮތުމުން އެމީހާގެ އާއިލާ މީހަކާއި ހަތަރު ނަރުހުން ތިއްބެވެ. ޝެރިން އެންމެނަށް ވަކިވަކިން ބަލާފައި މޫނުކުނިކޮށްލިއެވެ. އަގައިން ވައްތަރެއް ޖައްސާލަމުން ފޯނާއިކުޅެން އިނީއެވެ. ޝެރިންގެ ބޭނުމަކަށްވީ ދީމާ ކައިރީގައި ނީލް ނުބޭންދުމެވެ.

ނީލް ނުކުތީ ހޮސްޕިޓަލުގެ ގޯތިތެރެއަށެވެ.

"ލޯބިވާ ނީލް!" ޝެރިން ގޮވާލިއަޑު އިވުނެވެ.

ނީލް ބަލާލިއިރު ޝެރިން ހުރީ ފެތިރޯނުގަހެއްގެ ދަށުގައެވެ. ޝެރިން ހުރީ ތެމިފޯވެގެންނެވެ. އެހެންނަމަވެސް ނީލް އެދިޔަގޮތަށް ގޮސް ޝެރިންގެ ގައިގައި ބައްދައިގަތެވެ. ނީލްއަށް ރޮވުނެވެ.

"ލޯބިވާ ނީލް. ދެން ނޮރޮއި ހުއްޓާލާ." ޝެރިން ނީލްގެ ކަރުނަ ފޮހެދިނެވެ.

"އަހަރެން ކުރާ ސުވާލުތަކަށް ޖަވާބު ދީފާނަންތަ.؟" ނީލް އަހާލުމުން ޝެރިން ބޯޖަހާލިއެވެ.

"ޝެރިން ތިއުޅެނީ ކޮންތާކު. ކީއްވެ ޝެރިން ކުރިން އަހަރެން ކައިރީ ތިހުރިހާ ވާހަކައެއް ނުދެއްކީ. އެއީ ކާކުތަ ޝެރިން ކަމަށް ހެދިގެން އައިސް އެއުޅެނީ. ޝެރިންއަށް އެގޭތަ ޝެރިންގެ މަންމަ އާއި އަހަރެންގެ ބައްޕަވެސް މަރުވެއްޖެ. އަހަރެން މުޅިން އެކަނިވެއްޖެ." ނީލް އަމިއްލައަށް ކަރުނަފޮހެމުން ވާހަކަ ދެއްކިއެވެ.

"ލޯބިވާ ނީލް. އަހަންނަށް އެގޭ އަހަރެންގެ މަންމަ މަރާލިކަންވެސް."

'' މަރާލީއޭ! ކާކު ޝެރިންގެ މަންމަ މަރާލީ. ކީއްވެ ތިހެން ތިބުނީ؟" އަނެއްކާވެސް ނީލްގެ ހިތުގައި އުފެދުނީ ސުވާލެކެވެ.

"އާ. އަހަރެންގެ މަންމަ މަރާލީ އަހަރެން ކުރިމަތީގައި. އެމީހުން އަހަންނަށްވުރެ މާ ބާރުގަދަ. އަހަރެން މަސައްކަތްކުރިން މަންމަ ސަލާމަތްކުރަން އެކަމަކު."

"ޝެރިން. އާދޭސްކޮށްފަ ބުނަން. ތިހުރިހާ ވާހަކައެއް އަހަންނަށް އެގޭހެން ކިޔައިދީބަ." ނީލް ބުނެލިއެވެ.

"އެންމެ ރަނގަޅު. އަޑުއަހާ. އަހަރެން ދަތުރުދިޔަ ދުވަހު އެކަނި އިންދާ ޝައުނާ ކިޔާ ކުއްޖަކާ އަހަންނާ ދިމާވި. އަހަރެން އޭނަ ކައިރީ ވަރަށް ގިނަ ވާހަކަތައް ދެއްކިން. އެއީ ވަރަށް އެކުވެރި ކުއްޖެއް. ވަރަށް ހިތްހަމަޖެހުނު އޭނަޔާ ވާހަކަ ދައްކާލުމުން ދެންނޭގެ ވީގޮތެއް. ހޭލެވުނުއިރު މުޅިރަށުގަވެސް ހުރީ އަހަރެން އެކަނި. ދަތުރުދިޔަ އެންމެން އަހަރެން ބަހައްޓާފައި ފުރައިގެން ދިޔައީ. އެހެން ހިގަމުން ދަނިކޮށް އަހަންނަށް ފެނުނީ އަހަރެންގެ ހަށިގަނޑު. ދެން އެގުނީ އަހަރެން މަރުވެއްޖެކަން."

"މަރުވީއޭ!" ނީލްއަށް އަހާލެވުނެވެ.

"ހޫމް. މަރުވީ. ދެން އަހަންނަށް ފެނުނީ ލޯބިވާ ނީލް އަހަރެންގެ ސިފައިގައި ހުރި މީހަކާއެކީ އުޅޭތަން. އަހަރެން ވަރަށް ދެރަވި. އަހަރެން މިއުޅެނީ އެމީހުންނަށް ފިލައިގެން. އެމީހުންނަށް އެގޭނަމަ އަހަރެން ލޯބިވާ ނީލްއާ ހަމައަށް އަޔަކަ ނުދޭނެ." ޝެރިން ހުރިހާ ވާހަކައެއް ދެއްކިއިރު ނީލް ހުރީ ބިރުން ބުނާނެ އެއްޗެއް ނޭގިފައެވެ.

"ކިހިނެއް ޝެރިން މަރުވީ؟"

"ބަޔަކު އަހަރެން މަރާލީ."

"ކޮންބައެއް؟"

"އަހަރެން މަރާލީ...." ޝެރިންއަށް މިހިސާބަށް ބުނެވުނުތަނާ ހޮސްޕިޓަލުގެ ތެރެއިން ބަޔަކު ގޮވައިގަތް އަޑުއިވުނެވެ. ނީލް ހޮސްޕިޓަލާ ދިމާލަށް ބަލާފައި ޝެރިންއަށް ބަލާލިއިރު ޝެރިން ފެންނާކަށް ނެތެވެ.

"ޝެރިން.. ޝެރިން..!" ނީލް ގޮވަމުން ދިޔައެވެ.

ހޮސްޕިޓަލުގެ ތެރެއިން ބަޔަކު ގޮވަމުން ނުކުމެގެން އަންނަތަން ފެނިގެން ނީލް ދުއްވައިގަތީ އެދިމާލަށެވެ. ވެގެން އުޅޭގޮތެއް ބަލާށެވެ.

ހޮސްޕިޓަލު ދޮރުން ނުވަދެވެނީސް ޝެރިން ދުވެފަ އައިސް ނީލްގެ ގައިގައި ބައްދައިގަތެވެ.

"ނީލް. ދީމާ!" ޝެރިން އެހެން ބުނުމުން ނީލް ޝެރިން ދުރަށް ޖައްސާލާފައި އެތެރެޔަށް ވަދެގެން ދިޔައެވެ. އޮބްޒަވޭޝަނުގައި އަލިފާން ރޯވެގެން އެތާގައި ތިބި ބަލިމީހުން އެތަނުން ނެރެން އެންމެން ދިޔައީ މަސައްކަތްކުރަމުންނެވެ. ނީލް އެތެރެޔަށް ވަންނަން ދިއުމުން އެހެން މީހަކު ނީލްގެ ގައިގައި ހިފެހެއްޓިއެވެ.

"އެތެރެޔަށް ނުވަދެވޭ. އަލިފާން ރޯވެފައި ހުރީ ނުކުންނަ ދޮރާ ދިމާލަށް." އެމީހާ ބުނެލިއެވެ.

ނީލް ނުކުތީ ބޭރަށެވެ. ބޭރަށް ހުރި ކުޑަދޮރެއްގެ ބިއްލޫރިގަނޑެއް ނީލް ތަޅާލިއެވެ. ނީލްގެ އަތްވެސް ކަޑާއިގެން ދިޔައެވެ. ހޮސްޕިޓަލުގެ މުވައްޒަފަކާއި ނީލް އޮބްޒަވޭޝަންގެ އެތެރެޔަށް ފުންމާލިއެވެ. ބަލިމީހުންގެ އެދާހަމަޔަށް އަލިފާންގަނޑު ނާންނަނީސް އަވަހަށް ބަލިމީހުން ކުޑަދޮރުން  ބޭރަށް ނެރުނީއެވެ. ނީލްގެ އަތްމައްޗަށް ދީމާ ނަގައިގެން ނީލް ހޮސްޕިޓަލުގެ އެތެރެޔަށް ވަންތަން ބަލަހައްޓައިގެން ޝެރިން އިނެވެ.

ހޮސްޕިޓަލުގެ މުވައްޒަފުން އަލިފާންގަނޑު ނިއްވާލިއެވެ.

ނީލް އިނީ ދީމާ ކައިރީ އަންހެނުންގެ ވޯޑުގައެވެ. އެހެން އިންދާ ޝެރިންއައެވެ.

"ނީލް. އަހަރެން މަޑުކޮށްލާނަން މިތާގައި. ނީލް ދާންވީނުން ގެޔަށް ޖައްސާލަން." ޝެރިން ގޮސް ލޯބިން ބުނެލިއެވެ.

"ދެންމެވެސް ފެނިއްޖެއެއްނު ޝެރިން ބައިންދާފައި އަހަރެން ބޭރަށް ނުކުތުމުން ވީގޮތް ދޯ." ނީލް ހިތްހަމަނުޖެހިފައި ބުނެލިއެވެ.

"ތިހެން ބުނީމަ ހީވަނީ އެއީ އަހަރެން ކުރިކަމެއްހެން." ޝެރިން ދެރަވެލާފައި ބުނެލިއެވެ.

"ދެން ކިހިނެއް އަލިފާން ރޯވީ!"

"އަހަންނަށް ކިހިނެއް އެގޭނީ." ޝެރިން ރުޅިއައިސްގެން ނުކުމެގެން ހިގައްޖެއެވެ. އިރުކޮޅަކުން ނީލްގެ ފޯނަށް މެސެޖެއް ލިބުނެވެ. ނީލް މެސެޖް ބަލާލިއެވެ.

"އަހަރެން މިތާގަ ހުރެގެން ނީލްއަށް އުދަގޫވަންޏާ އަހަރެން ހިގައިދާނަން. ދަނީ." ޝެރިންގެ މެސެޖް ލިބުމުން ނީލް އަޅާވެސްނުލިއެވެ. ނީލް ގޮސް ވަނީ ފާޚާނާއަށެވެ. ތަޅުލައިގެން ހުރެ ރޯން ފެށިއެވެ. އެންމެ ދެރަވަނީ ފުރާނަފަދައިން ލޯބިވި ޝެރިން މިދުނިޔޭގައި ނެތްކަން އެގުމުންނެވެ.

"ޝެރިން!" ނީލްއަށް ބުނެވުނެވެ. ބައިގަޑިއިރުވަންދެން ފާޚާނަތެރޭގައި ރޯން އިދެފައި ނީލް ނުކުމެން އައިއިރު ވޯޑުޑގައި ޝެރިން އިންދާ ފެނުނެވެ.

(ނުނިމޭ)