-
-
ބަނަވި ހަޔާތް-13

ބަނަވި ހަޔާތް-13

ނީލް ނުކުމެން އައިއިރު ޝެރިން އިންދާ ފެނުނެވެ.

ADS BY FENVARU

"އަދިވެސް ގެޔަށް ނުދަނީތަ؟" ނީލް އައިސް ޖެހިގެން ހުރި ގޮޑީގައި އިށީނެވެ.

"އަހަރެން ހީކުރީ އަހަރެން ގެޔަށް ނުގޮސް މަޑުކުރީމަ ނީލް އުފާވާނެކަމަށް." ޝެރިން ބުނެލިއެވެ.

"ޝެރިން އިނީމަ އަހަރެން ކޮން އުފަލެއްވާނީ. އެހެންނޫނަސް މީ ހޮސްޕިޓަލް. މިތާގަ އިނުމަށްވުރެ ޝެރިންއަށް ރަގަޅުވާނީ ގޭގަ ހުރިއްޔާ." ނުސީދާގޮތަށް ދާށޭ ބުނިކަން ޝެރިންއަށް އެގުނެވެ.

ޝެރިން ނުކުމެގެން ދިޔައިއެވެ. ހޮސްޕިޓަލުގެ ދޮރާށިން ނުކުތްކަން އެގުނެވެ. ދެންފެނުނީ އުދުހިގަތްތަނެވެ. ހޮސްޕިޓަލުގެ ސެކިއުރިޓީއަކަށް ހުރި މީހާއަށް މިމަންޒަރު ވަރަށް ރީއްޗަށް ފެނުނެވެ. އެމީހާ ހުރީ ބިރުން ފިތްކަޑައިގެންދާ ވަރުވެފައެވެ. އަވަހަށް ގޮސް ހޮސްޕިޓަލުގެ އެތެރެޔަށް ވަދެ މަސައްކަތު މީހުން ކައިރީގައި އިށީނެވެ.

ދީމާއަށް ހޭވެރިކަންވީ ފަތިސްވީ ފަހުންނެވެ. ކައިރީގައި ނީލް ނިދާފައި އޮތްވާ ފެނުމުން ދީމާ ނީލްގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ނުބުންޏަސް ދީމާގެ ހިތުގައި މިހާރު ނީލްއަށް ހާއްސަ މަގާމެއް ދެވިފައި އޮވެއެވެ. ނީލްއަށް ހޭލެވުނީ ވޯޑުގައި އޮތް އެހެން ބަލިމީހަކު ކެއްސާ އަޑަށެވެ.

"އަހަ ދީމްސް. ހޭލީތަ. މިހާރު ކިހިނެއް؟" ނީލް އަހާލިއެވެ.

"އަހަންނަށް ކިހިނެއްވީ. އަހަރެން ވަރަށް ފިޓު ހަމަ." ދީމާ ހިނިތުންވެލާފައި ބުނެލިއެވެ.

"އަސްލު ރޭގަ ކިހިނެއްވީ. ދީމާ ހޮސްޕިޓަލަށް ގެނައި މީހުން ބުނި ފާޑެއްގެ އެއްޗެއް ދީމާއާ އަޅައިގަތީއޭ. އެއީ ތެދެއްތަ؟"

"ތީކާކު ދެއްކި ވާހަކައެއް. އަހަންނަކަށްނޭގެ އަހަރެން ހޮސްޕިޓަލަށް އައި ގޮތެއްވެސް. އަހަރެން މީ ނިދަން ކޮޓަރީގައި އޮތް މީހެއް. ހޭލެވުނުއިރު މިއޮތީ މިތާގައި. ކައިރީގައި ތިއިނީ ނީލް." ރޭގަ ހިގާދިޔަ ކަންތައް ދެންމެ ވީ ކަމެއްހެން ދީމާގެ ހަދާނުގައި އެބަހުއްޓެވެ. އެހެންނަމަވެސް އެކަންތައް ނީލްއަށް ނާންގަންވެގެން ނޭގޭކަމަށް ހެދުނީއެވެ.

"ދީމްސް މާލެ ދަނީ ކޮންދުވަހަކު؟" ނީލް އަހާލިއެވެ.

"ކިހިނެއްވީ! މާވަރަކަށް އަހަރެން ފޮނުވާލަން ތިއުޅެނީޔޯ."

"ކަމެއްނުވޭ އަހާލީ." ނީލް ފާޑަކަށް އިދެ ބުނެލިއެވެ.

"އަހަރެން އެބަ ވިސްނަން ދެތިންދުވަސް ފަހުން މާލެ ދާން." ދީމާ މިހެންބުނުމުން ނީލް ދީމާގެ މޫނަށް ބަލާލީ ނުދާށޭ ބުނާ ނަޒަރަކުންނެވެ.

ދީމާއަށް އެކަން އިހުސާސްކުރެވުނެވެ. އެހެންނަމަވެސް މިވަގުތަށް ދެމީހުންނަށްވެސް ރަގަޅުގޮތަކީ އެއީކަން ދީމާއަށް ވިސްނުނެވެ. ދީމާ އިތުރަށް އެރަށުގައި މަޑުކޮށްފިއްޔާ ދީމާގެ ފުރާނަޔަށް ނުރައްކާކަން ދީމާއަށް ވިސްނޭތީއެވެ.

ޑޮކްޓަރު އައިސް ބަލާފައި ދީމާ ގެޔަށް ދޫކޮށްލީއެވެ. ދީމާ ގެޔަށް ދެވުމާއެކީ ދަތުރު ފަށައިފިއެވެ. ޝެރިންއަށް އެކަން އެގުމުން ޝެރިން ހުންނަނި ވަރަށް އުފަލުންނެވެ. އެކަމަކު ނީލް ވީވަރަކުން ޝެރިންއާ ދުރުގައި އުޅެވޭތޯ ބަލައެވެ. ދީމާ ފުރައިގެން ދިޔައިމާ ނީލް ނިންމާފައި އޮތީ ވިޔަފާރި އޭނަގެ މެނޭޖަރާ ހަވާލުކޮށްފައި ފުރައިގެން އޮސްޓްރޭލިޔާއަށް އޭނަ މަންމަ ކައިރިޔަށް ދިޔުމަށެވެ.

ދެދުވަސްފަހުން ދީމާ ފުރައިގެން ދިޔައީއެވެ. ނީލް އާދައިގެމަތިން ފިހާރައިން ނިންމާފައި ގެޔަށް އައީ ވަރަށް ދަންކޮށްފައެވެ. އައިގޮތަށް އައިސް ސިޓިންރޫމް ސޯފާގައި އޮށޯތެވެ. އެހެން އޮތްވާ ނިދިއްޖެއެވެ. ނީލްއަށް ހޭލެވުނީ ޝެރިން އޭނަގެ ބޮލުގައި ފިރުމާލަ ފިރުމާލާ އިންދާއެވެ. ސިއްސައިގެން ގޮސް ނީލް ތެދުވިއެވެ.

"ނީލް! އަހަރެން އެއްޗެއް އަހާލަންތަ؟"

ނީލް އާއެކޭ ބުނުމުން ޝެރިން އައިސް ސޯފާގައި އިށީނެވެ.

"އަހަންނަށް ފާހަގަކުރެވޭ ފާއިތުވީ ދެދުވަހުވެސް ނީލް އަހަންނާ ވަރަށް ދުރުވެއްޖެކަން. އެއީ ކީއްވެ. އަހަންނަށް ކޮންކުށެއް ކުރެވިގެން." ޝެރިން ބުނެލިއެވެ.

"އަހަރެން މިވަގުތު ވާހަކަ ދައްކާ މޫޑެއް ނެތް. ނިދަން މިދަނީ!" ނީލް ސޯފާއިން ތެދުވެގެން ހިގައިގަތެވެ.

"ނީލް! މަޑުކޮށްބަ." ޝެރިން އާދޭސްކުރަން ފެށުމުންވެސް ނީލް މަޑުނުކޮށް ސިޑިން އަރައިގެން ދިޔައީއެވެ.

ނީލް ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއިރު ކުރިމަތީގައި ޝެރިން ހުއްޓާ ފެނުމުން ނީލް ސިއްސައިގެން ދިޔައެވެ. ބިރުވެސް ގަތެވެ. އެކަމަކުވެސް އަޅާނުލާ ގޮސް އެދުގައި އިށީނެވެ. ޝެރިން ހުރީ ކޮޓަރީގެ ދޮރުމަތީގައި ހުރިގޮތަށެވެ. ނީލް ބޫޓު ބޭލުމަށްފަހު ގަމީސްވެސް ބާލާފައި ނިދަން އޮށޯތެވެ. ޝެރިން އަދިވެސް ހުރީ ކޮޓަރީގެ ދޮރުމަތީގައެވެ. ދޮރުވެސް ހުރީ ހުޅުވާފައެވެ.

"އަހަރެން މިދައްކާ ވާހަކަ އަޑުނާހާ ލާހިކެއްނޫން މިރޭ ނިދާލާކަށް."ޝެރިން ބަރުއަޑަކުން އެހެން ބުނުމުން ނީލް ލޯހުޅުވާލިއެވެ. މިރޭ ސަލާމަތެއް ނެތޭ ހިތާ އެބުރި ޝެރިންއަށް ބަލާލިއެވެ.

"ކިޔާބަ!" ވަރަށް ހިތްވަރުކޮށްފައި ނީލް ބުނެލިއެވެ.

"ނީލް. ކީއްވެ އަހަންނަށް ތިހެން ތިހަދަނީ. އަހަރެންގެ ކުށަކީ ކޮބާ؟ ކުއްލިއަކަށް ނީލްއަށް ތިއައީ ކޮންބަދަލެއް. ކިހިނެއް ވީތަ. ވީގޮތެއް ކިޔައިދީބަ. އޭރުން އަހަރެން އެކަންތައް ރަނގަޅުކުރާނަމޭ." ޝެރިން އައިސް ނީލްގެ ކަކުލުގައި އަތްއަޅައިގެން އިދެ ލޯބިން ވާހަކަދެއްކިއެވެ.

"ކޮންކަމެއް ރަނގަޅުކުރެވޭނީ؟" މަލާމާތުގެ ރާގަކަށް ނީލް ބުނެލިއެވެ.

"ނީލް ބުނި ކޮންމެ ކަމެއް."

"އަހަރެންގެ ޝެރިން އަހަންނަށް އަބުރާ ލިބިދާނެތަ؟" ނީލް މިކުރި ސުވާލުން ޝެރިން ދިޔައީ ސިއްސައިގެންނެވެ.

"ތިބުނީ ކީކޭ. އަހަންނަށް ކިހިނެއްވީ؟" ނޭގޭކަމަށް ހަދާފައި ޝެރިން އަހާލިއެވެ.

"އަހަރެން މިބުނީ އަހަރެން ފުރާނަފަދައިން ލޯބިވި އަހަރެންގެ ޝެރިން އަހަންނަށް އަބުރާ ލިބިދާނެހޭ."

"ނީލް! ކީކޭ ތިކިޔަނީ. އަހަރެން މިހިރީ ނީލް ކައިރީގަ ނޫންތަ؟"

ނީލްގެ ލޮލުން ކަރުނަ އޮހިގަތެވެ. ޝެރިންއަށް މިމަންޒަރުފެނުމުން ޝެރިން ނީލްގެ ކަރުނަ ފޮހެން އުޅުމުން ނީލް ތެދުވެގެން ގޮސް ކުޑަދޮރުކައިރީ މަޑުކޮށްލިއެވެ.

ޝެރިން އައިސް ފަހަތުން ނީލްގެ ގައިގައި ބައްދައިގަތެވެ.

"އަހަރެން ގައިގަ އަތްނުލާތި. ޝައުނާއަށް އެއްވެސް ހައްގެއް ނޯންނާނެ އަހަރެންގައިގަ އަތްލާކަށް." ނީލް ޝެރިން ދުރަށް ޖައްސާލިއެވެ.

"ޝައުނާ އޭ!" ޝެރިން ނޭގޭ ކަމަށް ހެދިގަތެވެ.

"އާ! ޝައުނާ. ތީ ޝައުނާ. އަހަރެންގެ ޝެރިން މިހާރު މިދުނިޔޭގައި ނެތްކަން އަހަންނަށް އެގޭ." ނީލްއަށް ރަގަޅަށްވެސް ރޮވުނެވެ.

"ނީލްއަށް ކިހިނެއް އަހަރެންގެ ނަންއެގުނީ."

"ނަން އެކަންޏެއް ނޫން. އަހަންނަށް އެގޭ ތީ އިންސާނެއް ނޫންކަންވެސް." ނީލްގެ މިޖުމްލައިން ޝައުނާގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ.

"އިންސާނެއް ނޫން ވިޔަސް އަހަރެން ނީލް ދެކެ ލޯބިވާ ވަރަށް ޝެރިންއަކަށްވެސް ލޯބި ނުވެވޭނެ. ޝެރިން ދުނިޔޭގަ ނެތަސް އަހަރެން ބެލިގޮތަށް ޝެރިންގެ މަންމަ ބަލާނެ މީހަކު ނުވެސް ހުންނާނެ. އަހަރެން ނެތްނަމަ މިއަދު ނީލްވެސް މިދުނިޔޭގަ ނުހުންނާނެ."

"ތިބުނީ ކީކޭ!" ނީލް ޝައުނާއަށް ބަލާލިއެވެ.

" އާ. ހަދާންވޭތަ ކައިވެންޏަށް ބައްޕަގެ ރުހުން ލިބުނު ދުވަހު ނީލް އެކްސިޑެންޓްވިކަން. އެދުވަހު އަހަރެން ނީލް ސަލާމަތްކުރީ. އެހެންނޫންނަމަ ނީލްވެސް މިދުނިޔޭގަ ނުހުންނާނެ. އަހަރެން ވަރަށް ލޯބިވޭ ނީލް ދެކެ. އާދޭސްކޮށްފަ ބުނަން ނީލް. އަހަރެން ދޫކޮށްނުލާތި. އެހެންނޫނީ ދެންވާނެ ގޮތެއް އަހަންނަކަށް ނޭގެ."

"އަހަރެން ބުނަންތަ ދެންވާނެ ގޮތެއް. ޝައުނާ ބޭނުންގޮތަކަށް އަހަރެން ކަންތައް ނުކުރުމުން ޝައުނާ އަހަރެން މަރާލާނީ. އެހެންނޫންތަ. އަހަންނަށް ހެޔޮ އަހަރެން މަރާލިޔަސް. އަހަރެންގެ ޝެރިން ނެތް ދުނިޔެއަކު އަހަރެންވެސް ހުންނާކަށް ބޭނުމެއް ނޫން. ބޭނުމެއް ނޫން." ނީލް ރޮމުން އައިސް އެދުގައި އިށީނެވެ.

ޝެރިން އައިސް ނީލްގެ ކޮޑުގައި އަތްއަޅާލިއެވެ.

"ޚަބަރުދާރު. އަހަރެން ހަމަހޭގަ ހުއްޓާ އަހަރެންގެ ހަށިގަނޑުގައި ތިހަޑިމުޑުދާރު އަތް ޖައްސައިގެންވެސް ނުވާނެ." ނީލްގެ ބަސްތަކުން ޝައުނާގެ ހިތަފަޅައިގެންދާވަރުވިއެވެ. ޖިންނިއެއް ކަމަކު އިންސާނަކު ދެކެ ހަގީގީ ލޯބިވެވިދާނެ ކަމަށް ޝައުނާ ގަބޫލުކުރެއެވެ. ޝައުނާ އަޑުން އަޑު ނަގާ ރޯންފެށިއެވެ.

ކުއްލިއަކަށް މުޅި ކޮޓަރިތެރެޔަށް ދުންފެތުރެންފެށިއެވެ. ނީލް ރޮއިރޮއި އިންދާ ދުމުގެ ސަބަބުން ކެއްސައިގަތެވެ.

"ނޫން ދައްތާ! ދެމަފިރިންގެ ދޭތެރެޔަށް ދައްތަ ނުވަނިއްޔާ އަހަންނަށް ރަގަޅީ." ޝައުނާ ބުނެލިއެވެ.

"ކޮއްކޮއަކީ ކިހާ ވަރެއްގެ މީހެއް ކަމެއް އަދި މިއިންސާނުންނަކަށް ނޭގޭނެ. ތިގޮތަށް އިންސާނުންކު ކުރިމަތީ ރޮއި އާދޭސްކޮށް ތިހާ ދަށް ފެންވަރަށް ކޮއްކޮ ވެއްޓޭތަން ބަލަން ދައްތައަކަށް ކެތެއް ނުވާނެ." ފަތީނާ ވާހަކަ ދައްކާ އަޑު އިވުނަސް ދުންގަނޑުގެ ތެރެއިން ނީލްއަށް މީހަކު ނުފެނެއެވެ.

ނީލް ވަރަށް ހިތްވަރުކޮށްފައި އެދުންތެދުވެ ގަދަކޮށްލިއެވެ.

"ކަލޭމެންގެ ތިކުޅިގަނޑު އެހެން މީހަކަށް ގޮސް ދައްކާ. އަހަރެން ބިރެއް ނުގަނޭ ކަލޭމެންދެކެ. ކަލޭމެންނަށްވުރެ މާ ބާރުގަދަ ފަރާތެއް ވާކަމަށް އަހަރެން ގަބޫލުކުރަން. ތިދެމީހުންވެސް ދާންއުޅޭ މިތަނުން." ނީލް ހަޅޭއްލަވައިގަތެވެ.

"އަހަރެން ހިގައިދާނަން. އެކަމަކު ހީނުކުރާތި އަހަރެން ނީލް ދޫކޮށްލާނޭ. އަހަރެން އަބަދުވެސް ނީލްއާ އެކުގަވާނަން. އެކަމަކު އަހަރެން ދިޔުމުގެ ކުރިން އަހަރެންގެ އަސްލު ސިފަ ނީލްއަށް ދައްކާލަން ބޭނުން. މިހުރިހާ ދުވަހު ނީލްއަށް އަހަރެން ފެނިފަ ވާނީ ޝެރިންގެ ސިފައިގައި. މިއަދު އަހަރެންގެ އަސްލު ސިފަ ނީލްއަށް ފެންނާނެ. ނީލް. އަހަރެން ވަރަށް ލޯބިވޭ ނީލްދެކެ." ޝައުނާ މިހެން ބުނުމުން ކޮޓަރިތެރޭ ހުރި ދުންގަނޑު ކުޑަދޮރުން ނުކުގެން ހިގައްޖެއެވެ.

އަދި ނީލް ބަލާލިއިރު ކުރިމަތީގައި ހުރީ ނުވެސް ދަންނަ މޫނެކެވެ. އެއީ ޝައުނާއެވެ. ޝެރިން އެކޭ އެއްގޮތަށް ރީތި ހަށިގަނޑެއް ލިބިފައިވާ ދިގު އިސްތަށިގަޑެއްގެ ވެރިއެކެވެ. ނީލްއަށް ކަޅިޖަހާނުލާ ޝައުނާ ދިމާލަށް ބަލަން ހުރެވުނެވެ.

"އަހަރެން ދެން ނީލްގެ ކުރިމައްޗަށް އަރާނީ ނީލް އަހަރެން ދެކިލަން ބޭނުންވީމަ. އަހަރެންގެ ފަރާތުން ނީލްއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ. ނީލް އެބުރި އަންނާނެ ދުވަހަކަށް އަހަރެން އިންތިޒާރުގައި ހުންނާނަން. ނީލްގެ ހިޔަނީގައި ދިރިއުޅޭނަން." ޝައުނާ މިހެން ބުނުމުން ނީލް އަނެއް ފަތާރަށް މޫނު އަބުރާލިއެވެ.

(ނުނިމޭ)