-
-
ބަނަވި ހަޔާތް-14

ބަނަވި ހަޔާތް-14

ޝައުނާ މިހެން ބުނުމުން ނީލް އަނެއް ފަތާރަށް މޫނު އަބުރާލިއެވެ.

ADS BY FENVARU

ޝައުނާގެ ޚަބަރެއް ނުވުމުން ނީލް އެބުރި ބަލާލިއިރު ކޮޓަރިތެރޭގައި ނީލް ފިޔަވައި އެއްވެސް މީހަކު ނޫޅެއެވެ. ނީލް ދެރަވީ ވަރުން ޝެރިންގެ ފޮޓޯގަނޑު ނަގާ މޭގައި ޖައްސާލިއެވެ. ނީލްއަށް ނިދުނުއިރުވެސް ޝެރިންގެ ފޮޓޯ އޮތީ ނީލްގެ މޭމަތީގައެވެ.

ޝައުނާ އިނީ އަތިރިމަތީގައި ހުރި ކަށިކެޔޮގަހެއްގެ ދަށުގައި ރޯށެވެ.

"ކޮއްކޯ!" މީހަކު ގޮވާލި އަޑަށް ޝައުނާ ބަލާލިއިރު ކުރިމަތީގައި ހުރީ ފަތީނާއެވެ.

"ދައްތާ!" ޝައުނާ ތެދުވެގެން ދުވެފަ ގޮސް ފަތީނާގެ ގައިގައި ބައްދައިގަތެވެ.

"ކޮއްކޯ! ދެންނުރޮއި. އަހަރެން ބުނީމެއްނު. މިއިންސާނުންނަކީ ވަރަށް ނުބައި ނުލަފާ ބަޔެކޭ. އެމީހުން އަހަރެމެންގެ މަންމައަށް ހަދާލިގޮތް ދުވަހަކުވެސް އަހަރެންގެ ހިތުން ފިލައިގެން ނުދާނެ. އަހަރެން އޭރުގަވެސް ކޮއްކޮ ކައިރީ ބުނިން ތިމީހުންނަށްޓަކައި ތިވަނީ ބޭކާރު ޤުރުބާނީއެކޭ. ކޮއްކޮގެ ހަގީގަތް އެގޭ ދުވަހު ކޮއްކޮ ބާކީ ކޮށްލާނޭ. ނަސީބެއްނު އެމީހުން ކޮއްކޮ މަރާނުލާ ދޫކޮށްލިކަން. ދެންވެސް ދައްތަ މިދައްކާ ވާހަކަ ގަބޫލުކޮށްބަލަ. ކޮއްކޮގެ އުފާތައް ފޭރިގެންފަ، ރޮއްވާލާފަ އެނީލްއަށް އުފަލުގަ އުޅެވޭތޯ އަހަރެން ބަލާނަމޭ." ފަތީނާ ހުރީ ވަރަށް ރުޅި އައިސްފައެވެ.

"ނޫން ދައްތާ! ނީލްއަށް އެއްވެސް ކަމެއް ނުކުރާތި. އަހަރެން އަދިވެސް ވަރަށް ލޯބިވޭ ނީލްދެކެ." ޝައުނާ ބުނެލިއެވެ.

"އެކަމަކު ކޮއްކޯ!"

"ދައްތަ ބުނާ ހުރިހާ ވާހަކައެއް އަހަރެން ގަބޫލުކުރާނަން އެކަމަކު އާދޭސްކޮށްފަ ބުނަން ނީލްއަށް އެއްވެސް ކަމެއް ނުކުރާތި." ޝައުނާ ފަތީނާގެ އަތުގަ ހިފައިގެން ހުރެ ބުނެލިއެވެ.

"އެންމެ ރަނަގަޅު އަހަރެން ދެން ދަނީ. އަހަރެންގެ ދަރިފުޅު ހޭލައިގެން އެބަރޮއެ. ފިރިމީހާވެސް އަދި ގެޔަށް ނާދެ."

ފަތީނާ އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ބުނެލިއެވެ.

ޝައުނާ އަނެއްކާވެސް އެކަނި އެތާގައި އިނީއެވެ. ނީލްއާއެކީ ހޭދަވި އުފާވެރި ދުވަސްތައް މަތިން ހަދާންކުރަނީއެވެ. ނީލް އޭނައަށް ކިހާ ރަނގަޅުހެއްޔެވެ. އޭނައަކީ އިންސާނެއް ނޫންކަން އެގުމުންވެސް އޭނައަށް އެއްވެސް ގޯނާއެއް ނުކޮށް ދޫކޮށްލީއެވެ. ދެން ދައްތަ ދައްކާ ވާހަކަތައް ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ. އެކަމަކު ނީލްއަށް އެހުރިހާ ކަމެއް އެގުނީ ކިހިނެއްބާއެވެ. ނީލްކައިރީ އެވާހަކަތައް ދެއްކީ ކާކުބާއެވެ. ޝައުނާ ވިސްނާލިއެވެ. އިރުކޮޅަކަށް ލޯމަރައިގެން އިދެ ވިސްނާލިއެވެ. ޝައުނާ ލޯމަރާލުމުން ޝެރިން އާއި ނީލް ހޮސްޕިޓަލުގެ ގޯތިތެރޭގައި ތިއްބާ ފެނުނެވެ. ޝެރިން ހުރީ ތެމިފޯވެގެންނެވެ. ޝައުނާ ލޯހުޅުވާލިއެވެ. ހުރިހާ ސުވާލަކަށް ޖަވާބު ލިބުނު ކަހަލައެވެ.

ނީލް އޮތީ ނިދާފައެވެ. ކުޑަދޮރުކައިރިން ގަދަ އައްޔެއް ލޮލަށް އެޅިގެން ނީލްއަށް ހޭލެވުނެވެ. ނީލް އެދިމާލަށް ބަލަހައްޓައިގެން އޮތީއެވެ. ނީލް ހީކުރީ ޝައުނާގެ ކަމެއް ކަމަށެވެ. އެހެންނަމަވެސް އެއަލި މަޑުވަމުންގޮސް މީހަކު ސިފަވާން ފެށިއެވެ.

"ޝެރިން." ނީލް ފުންމައިގެން ތެދުވެ ކުޑަދޮރުކައިރިޔަށް ދިޔައެވެ.

"ލޯބިވާ ނީލް!" ޝެރިން ނީލްގެ އަތަށް ބޮސްދެމުން ބުނެލިއެވެ.

" މީ އަހަރެން ލޯބިވާ ނީލްއާ މިގޮތަށް ބައްދަލުވާނޭ އެންމެ ފަހު ފަހަރު."

"ނޫން. ނޫން. ތިހެނ ނުބުނޭ. އަހަންނަށް ޝެރިންއާ ނުލާ ދުނިޔޭގަ ނޫޅެވޭނެ. އަހަރެން ދޫކޮށްފައިނުދޭ!" ނީލް ޝެރިންގެ ދިޔަނުދިނުމަށްޓަކައި ބާރަށް ހިފައި ބައްދައިގަތެވެ.

"އަހަންނަށް މަޖުބޫރު. އަހަރެންވެސް ބޭނުމެއްނޫން ނީލް ދޫކޮށްލާފަ ދާކަށް. އެކަމަކު އަހަރެންގެ ނުފުދި އޮތް އެދުމެއް އޮތުމުން އަހަރެން މިގޮތަށް ނީލްއާ ބައްދަލުމިވީ. އަހަރެން ބޭނުންވީ ލޯބިވާ އޭތީގެ ކިބައިން ސަލާމަތްކުރަން. އަހަރެން ލޯބިވާ ސަލާމަތްކޮށްދީފިން. އެމީހުންނަށް މިހާރު އެގޭނެ އަހަރެންކަން ނީލް ކައިރީ އެވާހަކަތައް ދެއްކީ. އެމީހުން އަހަންނާ ހަމަޔަށް އައުމުގެ ކުރިން އަހަރެން ދާންޖެހޭ. ލޯބިވާ އެކަނި ދޫކޮށްފައި ދާންޖެހޭތީ އަހަންނަށް މާފްކުރޭ." ނީލް ދުރަށް ޖައްސާފައި ފަހަތަށް ޖެހެމުން ޝެރިން ވާހަކަ ދެއްކިއެވެ.

"ނޫން ޝެރިން. އަހަންނަށް ތިހެން ނަހަދާ!" ނީލް ރޮމުން ގޮސް ޝެރިންގެ އަތުގައި ހިފަން އުޅުމުން ޝެރިން ގެއްލިއްޖެއެވެ.

"ޝެރިން!" ނީލް ދެކަކޫމައްޗަށް ތިރިވެ ރޯންފެށިއެވެ. މިދުނިޔޭގައި އޭނާ މުޅިން އެކަނިވެރިވީއެވެ. މިއަދު ނީލް ކިތަންމެ ވަރަކަށް ރުޔަސް އެއަޑު އަހާނޭ އިތުރު މީހަކު އެއޮތް ބޮޑު ގޭގަވެސް ނެތެވެ. ނީލް އަޑުން އަޑު ނަގާ ރޮމުންގެންދިޔައެވެ.

މިމަންޒަރު ބަލަން އެގޭގެ ބަގީޗާތެރޭ ގަހެއްގެ ނިވަލުގައި ޝައުނާ ހުއްޓެވެ. ކޮޓަރިތެރޭ ހިގާ ހުރިހާ ކަމެއް ކުޑަދޮރުން ޝައުނާއަށް ފެނެއެވެ. ނީލް ރޯވަރަކަށް ޝައުނާވެސް ރޮނީއެވެ.

އަންހެން ކުއްޖަކު ގިސްލާއަޑު ނީލްއަށް އިވުނީ ވަރަށް މަޑުންނެވެ. ނީލްގެ ސަމާލުކަން ދަމައިގަތީ އެއަޑަށެވެ. ނީލް ކަރުނަ ފޮހެލާފައި ތެދުވެ ކުޑަދޮރުން ބޭރު ބަލާލިއެވެ. ޝައުނާ އުދުހިގަތީ އެވަގުތުއެވެ. ނީލްއަށް ޝައުނާ ނުފެންނާނެއެވެ.

ދަންވަރުގެ ހަމަހިމޭންވަގުތެކެވެ. ޝައުނާ އިނީ އެކަނިވެފައެވެ. މިގަޑިއަކީ އާއްމުކޮށް ޝައުނާ ލޭ ބޭނުންވާ ގަޑިއެވެ. ލެޔަށް ކަރު ހިއްކާތީ ޝައުނާ އިނީ ކުރާނެ ކަމެއް ނޭގިފައެވެ. ފަތީނާގެ ހަބަރެއްވެސް އެފަހުން ނުވެއެވެ. ޝައުނާ ރަށާދިމާލަށް އުދުހިގަތެވެ.

"އާމިރު މިރޭ ރިކޯޑް ހަދާފަ ތިހުރީ. ދުވަހަކުވެސް ނުބާނާވަރަށް މިރޭ މަސް ބާނައިފި ވިއްޔާ." ބަޔަކު ވާހަކަދައްކަމުންދާ އަޑަށް ޝައުނާ ބަލާލިއެވެ. ދެތިން ފިރިހެން ކުދިން މަސްބާނައިގެން މަސްހިފައިގެން އަންނަތަން ފެނުނެވެ. ކިތަންމެ ކަރުހިއްކިޔަސް ކުށެއްނެތް އިންސާނަކަށް އަނިޔާ ކުރާކަށް ޝައުނާއަކަށް ނުކެރުނެވެ. އެމީހުން ފަހަތުން ފިލަފިލަމުން ޝައުނާ ދިޔައެވެ.

"ފާލިހު! އަހަންނަށް ހީވަނީ މިރޭ ސަލާމަތެއް ނެތްހެން." އެކަކު ބުނެލިއެވެ.

"އާ! މިދުވަނީ ރަނގަޅު ވަހެއް ނޫން." އާމިރު ބުނެލިއެވެ.

"އަހަންނަށް ހީވަނީ މިމަސްތަކަށްހެން ދަހިއެވަނީ. ހިގާ ފުރާނަ ސަލާމަތްކުރަން މަސްތައް އުކާލަމާ." ފާލިހު ބުނެލިއެވެ.

"އާ! އަހަންނަށްވެސް ފެންނަނީ ތިހެން ހަދަން. ފުރާނަހުރިއްޔާ މަސް ލިބިދާނެ."

މިހެންކިޔާ ތިންކުދިން މަސްތައް ގެއެއްގެ ފާރުކައިރީ ބަހައްޓާފައި އެންމެ އަވަހަށް ޖެހުނު ގެޔަށް ވަންނަކަމަށް ހަދާފައި ފިލައިގެން ތިބީއެވެ.

ކުއްލިއަކަށް ޝައުނާ އުދުހިފަ އައިސް ތިރިވާތަން އެތިންމީހުންނަށް ފެނުނެވެ. މަސްތައްކައިރީ އިށީދެގެން އިދެ މަސްތައް ކާން ފެށިއެވެ. އެމީހުން ތިބީ ބިރުންނެވެ. އާމިރު ކިބިއްސެއް އަޅާލިއަޑަށް ޝައުނާ އެބުރި ބަލާލިއެވެ. އެވަގުތު އެމީހުންނަށް ފެނުނީ އަގުރު އަލިފާންހެން ދިއްލިފައިވާ ޝައުނާގެ ދެލޮލެވެ. އަގަޔާއި ދެއަތުގައި ހުރީ މަސްލެއެވެ. ޝައުނާ ދެތިން ހަތަރު މަސް ނަގައިގެން އުދުހިގަތީއެވެ.

"އަސްތައުފިރުﷲ. އެއީ ކޯޗެއް." ފާލިހު ބުނެލިއެވެ.

"ކިރިޔާނުން އަހަރެމެން ސަލާމަތްވިކަން. ދޯ ހަސަނާ" އާމިރު ބަލާލިއިރު ހަސަން އޮތީ ހޭނެތިގެން ވެއްޓިފައެވެ. އާމިރު އާއި ފާލިހު ހަސަން ކޮޑަށް ނަގައިގެން ގެޔާ ދިމާލަށް ދުއްވައިގަތީއެވެ. އެންމެ އަވަހަށް ޖެހުނީ ފާލިހުގެ ގެކަމުން ތިންމީހުން އިރުއަރަންދެން ތިބީ އެގޭގައެވެ.

އެދުވަހު މުޅި ރަށުގައި އޮތީ އެވާހަކައެވެ. އެރަށަށް ނުބައި ފުރޭތައެއް އަރާ ވާހަކައެވެ. ބައެއް މީހުން ފަންޑިތަ ހަދާ ވާހަކަ ދައްކާ އިރު އަނެއް ބަޔަކު ދައްކުމުން ދަނީ މުޅި ރަށުތެރޭގައި ކިޔެވެލި ކިޔަވާ ވާހަކައެވެ. އެދުވަހު ނީލް ފިހާރައަށް ދިއުމުން ފިހާރައިގަ ހުރި މީހާވެސް ދެއްކީ އެވާހަކައެވެ. އެއީ ޝައުނާގެ ކަންތައްކަން ނީލްއަށް ވަގުތުން އެގުނެވެ. އެހެންނަމަވެސް އަޅާނުލީއެވެ.

ފަތީނާ ދިޔައީ ދަރިފުޅު ސްކޫލަށް ލާފައި އަތިރިއަށެވެ. ޝައުނާ ފެނޭތޯއެވެ. ރޭގަ ހިގާދިޔަ ކަންތައްތަކަކީ ޝައުނާގެ ކަމެއްކަން ފަތީނާއަށްވެސް އެގެއެވެ.

"ކޮއްކޯ!" ފަތީނާއަށް ޝައުނާ ފެނުނީ އަތިރިމަތީހުރި ޖޯއްޔެއްގައި އިންދާއެވެ.

"ރަށުތެރޭ މިދައްކަނީ ކޮންވާހަކައެއް."

"ކޮންވާހަކައެއް.'' ޝައުނާ ނޭގޭ ކަމަށް ހަދާލިއެވެ.

"މިރަށަށް ފުރޭތައެއް އެރިޔޯ ރޭގަ." ހެމުން ފަތީނާ ބުނެލިއެވެ.

"އެހެންތަ." ޝައުނާ ޖަވާބުގައި ބުނެލިއެވެ.

"އަހަންނަށް އެގޭ އެއީ ކޮއްކޮގެ ކަންތައްކަން. ކޮއްކޮ އަދި އާ ވާނެ ތިކަހަލަ ކަންތަކަށް. މީހުންގެ ނަޒަރުން ރެކެން ޖެހޭ އެހެންނޫނީ އަހަރެމެންނަށް މިރަށުގައި ނޫޅެވޭނެ." ފަތީނާ ބުނެލިއެވެ.

"އަހަރެން ބޭނުމެއްނޫން ދެން އެއްވެސް ކަމެއް ސިއްރުން ކުރާކަށް. އަހަރެން ހުރިހާ ކަމެއްވެސް ކުރާނީ ފާޅުގައި."

"ސާބަސް ކޮއްކޮއަށް. އޭރުން ދެރަވާނީވެސް އަހަރެމެންނަށް. އަހަރެމެން ޖެހޭނީ މިރަށް ދޫކޮށްފަ އާއިލާ ދޫކޮށްފަ ދާން. އޭރުންނޯ!" ފަތީނާ މިހެން ބުނިތަނުން އެތަނަށް ދެ އަންހެންވެރިން އަތުވެއްޖެއެވެ.

"ފަތީނާ މީ ކޮންކުއްޖެއް. އެހެންޏާ މިރަށުން ފެންނަ ކުއްޖެއް ނޫން ތިޔަ."

"މީ އަހަރެންގެ އާއިލާ ތިމާގެ ކުއްޖެއް. މިރަށަށް ޗުއްޓީއަކަށް އައިސްގެން އެއުޅެނީ." ފަތީނާ ދޮގުހެދިއެވެ.

" އާ. އިއްޔެ މިރަށަށް ބީރައްޓެހިން  އެރި ދުވަހެކޭ. މިއުޅޭ އާމިނަ ގޭގަވެސް އެބައުޅޭ ތިންމީހުން." އެމީހުން ވާހަކަ ދައްކަން ތިބެފައި ދިޔައީއެވެ.

"ކޮއްކޯ. ދައްތަ ބުނާގޮތަށް ނަހަދަނީ ކީއްވެ. ކޮއްކޮއަށް ލިބޭ ދެރައަކީ ދައްތައަށްވެސް ލިބޭ ދެރައެއްދޯ"

"ދައްތަ ބުންޏަސް ތީ ދޮގެއް. ދައްތަ ތިއުޅެނީ އުފަލުގައި. ދިރިއުޅުން ބަރުބާދުވީ އަހަރެންގެ. ރަށަށް ގިނަވެ ހާލުގައި ޖެހުނީ އަހަރެން. އަހަރެން ދެން އުޅޭނީ އަހަންނަށް ފެންނަ ގޮތަކަށް. ދައްތަ ބިރުތިގަންނަނީ ދައްތަ އާއިލާ ރޫޅިދާނެތީ. އަހަންނާ މެދު ދައްތަ ނުވިސްނާ. އަހަރެންވެސް ނުވިސްނާނަން ދެން ދައްތައާ ދޭތެރޭ." މިހެން ބުނެ ޝައުނާ އެތަނުން ހިގައިގަތެވެ.

"ޝައުނާއަށް ހާދަ ނުވިސްނޭ." ފަތީނާ ހިތަށް އެރިއެވެ.

ޖެހިގެން އައިރޭ ރަށުގެ އެންމެން އިރުއޮއްސުމުން ގެޔަށް ވަދެ ފިލީއެވެ. އެކަކުވެސް ރޭގަނޑު ބޭރަށް ނުނުކުންނަށް އެންމެނަށް އޮތީ އަންގާފައެވެ.

ފަތީނާގެ ފިރިމީހާ ގެޔަށް ނައިސްގެން ކުދިން ނިންދަވާފައި ފަތީނާ ނުކުތީ ފިރިމީހާ ވީ ތަނެއް ބަލާށެވެ. ފަތީނާ ނުކުތްތަނުން ޝައުނާ އައިސް އެގެޔަށް ވަނީއެވެ. މިއަދު ދައްތައާ ހަޑިކޮށް ވާހަކަ ދެއްކުނީތީ މާފަށް އެދެން އައީއެވެ. ބޭރުގައި ހުރެ ގޮވާ ގޮވާ ފަތީނާގެ ހަބަރެއް ނުވިއެވެ. ޝައުނާ ދާންއުޅުނުތަނުން ފަތީނާގެ އެންމެ ހަގު ދަރިފުޅު ރޮމުން ނުކުމެގެން އަންނަތަން ޝައުނާއަށް ފެނުނެވެ. ޝައުނާ ގޮސް ވަރަށް ލޯބިން އޭނަ އުރާލުމަށްފަހު ކޮޑުމަތީ ބާއްވާލިއެވެ. އިރުކޮޅަކު ދެކޮޅަށް ހިގަހިގާ ހުރުމަށްފަހު ޝައުނާގެ ނިޔަތް ގޯސްވިއެވެ. ކަރުހިއްކާފަ ހުރުމުން ކުޑަ އެތިކޮޅެއް ބޯލާނަމޭ ހިތާ އެކުއްޖާގެ ކަރުގައި ޝައުނާގެ ދިގު ދެދަތް ޖައްސާލިއެވެ. ނިދާފަ އޮތް ކުއްޖާއަށް ހޭލެވިގެން ރޯންފެށުމުންވެސް ޝައުނާއަށް ހޭވެރިކަމެއް ނުވިއެވެ. ހަމަ ލޭބޮނީއެވެ.

"ޝައުނާ!" ފަތީނާ ދުވެފަ އައިސް ޝައުނާގެ އަތުން ދަރިފުޅު ޖަހައިގަތެވެ.

(ނުނިމޭ)