-
-
އާނ... އެކެވެ. އަހަރެން ނަކީ އަންހެނެކެވެ.

އާނ... އެކެވެ. އަހަރެން ނަކީ އަންހެނެކެވެ.

އެއްދުވަހަކު އަހަރެމެން ދެމީހުން ދޭތެރޭގައި މައްސަލައެއް ޖެހުނެވެ. އެކަން ހައްލު ނުކުރެވި ދެމީހުންގެ ދެމެދު ޒުވާބު ކުރެވެން ފެށުނެވެ. މި ޒުވާބު ގަނޑުގެ ތެރޭގައި ފިރިމީހާ އަހަރެންގެ ކަންކަށިމަތީ އެތިފަހަރެއް ޖެހިއެވެ. މި މަންޒަރު ދެކެފައި ބަޔަކު ބުނެފޫއެވެ. ފިރިމީހާގެ ކުރިމަތީ ކަލޭ ހިމޭން ވާށެވެ. ފިރިމީހާއަށް އިހްތިރާމު ކުރާށެވެ. އޭނާގެ ކުރިމަތީ ޒުވާބު ނުކުރާށެވެ. ގޮސް އޭނާގެ ކިބައިން މައާފަށް އެދޭށެވެ. ކަލޭ ތިޔައީ އަންހެކެވެ.

ADS BY FENVARU

ޖެހިގެން އައި ދުވަހުވެސް އަހަރެމެން ދެމީހުން ދޭތެރޭގައި މައްސަލައެއް ދިމާވިއެވެ. އެކަން ހައްލު ނުކުރެވި ދެމީހުންގެ ދެމެދު އަނެއްކާވެސް ޒުވާބެއް ފެށުނެވެ. މި ޒުވާބު ގަނޑުގެ ތެރޭގައި އެދުވަހު ފިރިމީހާގެ ކަންކަށިމަތީ އަހަރެން އެތިފަހަރެއް ޖެހީމެވެ. މި މަންޒަރު ދެކެފައި ބަޔަކު ބުނެފޫއެވެ. ކަލެއަކީ ވަރަށް ގޮތެއް ނެތް ގޮތްކުޑަ އަންހެނެކެވެ. ފިރިމީހާގެ ގައިގައި ޖަހަން ކެރޭނީ ވަރަށް ހަޔާތް ކުޑަވީމައެވެ. އަޚުލާޤްގެ ކަންފުޅެއްވެސް ނެތީހެއްޔެވެ. ގޮސް ފިރިމީހާގެ ކިބައިން މައާފަށް އެދޭށެވެ. ކަލޭ ތިޔައީ އަންހެނެކެވެ.

އާނ... އެކެވެ. އަހަރެންނަކީ އަންހެނެކެވެ. އަންހެނުންނަށް އުޅިއައުމުގެ ހައްގު ނޯންނަނީ ހެއްޔެވެ. ނަފުސުގެ ދިފާއުގައި ތެދުވުކުގެ ހައްގު ނޯންނަނީ ހެއްޔެވެ. " އަންހެން " މި ލަފުޒުގެ މާނަ އަކީ ފިރިހެނަކު ހެދިހައި ގޮތެއް ހެދިގެން ހުރުން ހެއްޔެވެ. ފިރިންނަށް އިހްތިރާމު ކުރުމައި އޯގާވެރި ވުމަކީ، އަލިފާނުގައި އަނދާ އަޅިއަށް ވުން ހެއްޔެވެ.

އާނ...އެކެވެ އަހަރެންނަކީ އަންހެނެކެވެ. އިހްސާސްތަކެއް އެބަވެއެވެ. މަންޒަރުތަކެއް އެބަ ފެނެއެވެ. ދެރަވެސް ވެއެވެ. އަސަރުވެސް ކުރެއެވެ. އަނިޔާވެރި ކަމުގެ ކުރިމަތީ ކުޑަކަކޫ ޖެހުމަކީ އަންހެނުންގެ، އެންމެ އަންހެން ވަންތަ ސިފަކަމުގައި ދުށް ޒަމާން މާޒީވެ ހިނގާއްޖެތެވެ.

އުފަން ރަށައި ލޯބިވާ އާއިލާ ދޫކޮށް، ތިބާގެ އަތުގައި އިފައިގެން އަހުރެން އައީ އުންމީދެއްގައެވެ. ކުރިމަގު ބިނާ ކުރުމުގެ ނަމުގައި ދެމީހުންގެ ބުރަމަސައްކަތުން ބިނާކުރި ގެ ގަނޑު ކިތަންމެ ކުޑަޔަސް އަހަރެންނަށް އެއީ ގަނޑުވަރެކެވެ. ނަމަވެސް އާނ.... ދެން ބޭނުމެއް ނެތޭ ދާށޭ ބުނީމާ، ކުރި ހުރިހާ މަސައްކަތަކައި، ހޭދަކުރި ހުރިހާ ވަގުތަކީ ބޭކާރު އެއްޗެއް ކަމުގައި ނިންމާ، ކުޑަކުޑަ ކޮތަޅަކަށް ދެތިން ހެދުން ލައިގެން ނިކުމެ މަގުމަތި ވީ އަހަރެންނެވެ. އާނ... އެކެވެ. އަހަރެން ނަކީ އަންހެނެކެވެ. އަހަރެންގެ ކުށަކީ ވެސް އެއީ އެވެ.

ލިޔުން ކަމުދިޔަ ނަމަ ޝެއަރ ކޮށްލަދެއްވުމަށް ފަހު، https://www.facebook.com/fenvaru/ޕޭޖަށް ލައިކެއް ޖައްސަވާލަ ދެއްވަން ވާނެއެވެ.