-
-
ބަނަވި ހަޔާތް-15

ބަނަވި ހަޔާތް-15

ފަތީނާ ދުވެފަ އައިސް ޝައުނާގެ އަތުން ދަރިފުޅު ޖަހައިގަތެވެ.

ADS BY FENVARU

"މަގޭ ދަރި." ފަތީނާ ދަރިފުޅު ނަގާ މެޔާލާ ބޮޑިކޮށްލިއެވެ.

ފަތީނާ ނަފްރަތުގެ ނަޒަރަކުން ޝައުނާ ދިމާލަށް ބަލާލިއެވެ. އިރުކޮޅަކުން ފެނުނީ ޝައުނާގެ މޫނުމަތީގައި ފަތީނާ އެތިފަހަރެއް އަޅާލިތަނެވެ.

"ޝައުނާ ހަމަހޭގަތަ ތިހިރީ. އެގޭތަ ތިކުރެވުނު ކަމެއް. މީ އަހަރެންގެ ދަރިފުޅޭ!"

"ދެން ކިހިނެއްވީ؟" ޝައުނާ ބުނެލިއެވެ.

"ކިހިނެއްވީހޭ! އަހަރެން ދުވަހަކުވެސް ހިޔެއްނުކުރަން އަހަރެން އެހާ ލޯބިން ބަލާބޮޑުކުރި ޝައުނާ މިއަދު އަހަރެންގެ ދަރިއަކަށް ގެއްލުމެއް ދީފާނޭ."

"ގެއްލުމޭ! އެންމެ ފަހަރަކު ކަރުހިއްކުން ފިލުވާލިޔަސް ތިދަރި މަރެއް ނުވާނޭ."

"ޝައުނާ!" އަނެއްކާވެސް ފަތީނާ ޖަހަން އުޅުމުން ޝައުނާ ފަތީނާގެ އަތުގައި ހިފެހެއްޓިއެވެ.

"ޚަބަރުދާރު! ދެން އެންމެ ފަހަރަކުވެސް އަހަރެން ގައިގަ ޖަހައިފިނަމަ ކަލޭގެ މުޅި އާއިލާ ނައްތާލާނަން." ޝައުނާ ހުރީ ރުޅިގަދަވެފައެވެ.

"ކަލޭ!" ފަތީނާއަށް ޤަބޫލުކުރަންވެސް ދަތިވިއެވެ.

"އާ! ކަލޭ. ކަލެޔަށް މިހާރު ދައްތަ ކިޔާހިތެއް ނުވޭ." ޝައުނާ ވާހަކަ ދައްކަމުން ގޮސް ޖޯލީގައި އިށީނެވެ.

"އެއީ ކީއްވެ؟" ފަތީނާ ހައިރާން ކަމާއެކު ޝައުނާއަށް ބަލާލިއެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގަ އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްލީ ކަލޭ. ދީމާއޭ ކިޔައިގެން ވާހަކަދައްކާ، އަހަރެންގެ ހިތުގައި ޝައްކު އުފައްދާ ނުވިތާކަށް އަހަރެން ލައްވާ ދީމާއަށް ހަމަލާވެސް ދިނީ ކަލޭ. އަހަރެން އެގޮތަށް ކަންތައް ނުކުރިނަމަ މިއަދު އަހަރެން ހުންނާނީ އަހަރެން ލޯބިވާ ފިރިމީހާ ކައިރީ. ކަލޭ އަހަރެންގެ އުފާތައް ނޮޅައިގަތީ. ކަލޭތީ ދައްތަ ކިޔަން ހެޔޮވަރުގެ މީހެއްނޫން." ޝައުނާގެ ވާހަކަތަކުން ފަތީނާއަށް ރޮވުނެވެ.

"އަހަރެން ކީއްކުރަން ޝައުނާގެ ދިރިއުޅުން ހަލާކުކޮށްލަންވީ. ތީ އަހަރެންގެ ކޮއްކޮއޭ. އަހަރެން ދުވަހަކުވެސް ނޭދެން ޝައުނާއަށް ދެރައެއް ދޭކަށް. އެކަމަކު މިއަދު ޝައުނާ ތިކުރީ ވަރަށް ބޮޑު ކުށެއް. ފަހުން ދެރަވާނެ."

"ހަ. ކަލޭ އަބަދުވެސް ކިޔަމުން އަންނަ އެއްޗެއްނު މިއިންސާނުންނަށް އަދި އަހަރެންގެ ގޮތެއް ނޭގޭނޭ. ކަލެޔަށްވެސް އަހަރެންގެ ގޮތެއް ނޭގުނެއްނު. ކަލެޔަށް އެގޭދޯ އަހަރެން ކަލެޔަށްވުރެ މާ ބާރުގަދަކަން. ގަބޫލުކުރަންދޯ! އެހެންވީމަ ދެންވެސް އަހަންނާ ކުޅެން ނޫޅޭތި. އަހަރެން ބޭނުންނަމަ މިރޭ ތިދަރިފުޅު މަރާވެސް ލެވިދާނެ. އަހަރެން އުޅޭނޫޅޭ މީގެ ފަހުން ބަލައިގެން ނުވާނެ. އަހަރެން އުޅޭނީ އަހަރެން ބޭނުން ގޮތަކަށް." މިހެންބުނެ ޝައުނާ ނުކުމެގެން ދިޔައީއެވެ.

"ޝައުނާ މަޑުކޮށްބަ!" ފަތީނާ ގޮވާލިއެވެ. އެއަޑު ޝައުނާ އިވުނުކަމުގައިވިޔަސް ޝައުނާ ދިނީ ބީރުކަންފަތެކެވެ.

ފަތީނާ ދަރިފުޅުގޮވައިގެން އެތެރެޔަށް ވަނީ ރޮމުންނެވެ. މަންމަ މަރުވުމަށްފަހު ޝައުނާގެ ހުރިހާ ކަމެއް ފަތީނާ ބެލެހެއްޓީ މަންމައެއް ފަދައިންނެވެ. އެހެންނަމަވެސް ޝައުނާ މިރޭ ކުރިކަމަކީ މާފްކުރެވޭނެ ކަމެއްނޫނެވެ. ފަތީނާ ހުރީ ވަރަށް ދެރަވެފައެވެ.

ދެދުވަސް ނިމިގެން ދިޔައިރުވެސް ޝައުނާގެ ޚަބަރެއް ފަތީނާއަކަށް ނުވެއެވެ. ރަށުގެ އެއްވެސް ތަނަކުން ޝައުނާ ނުފެނެއެވެ. ޝައުނާއަށް ވީ ގޮތެއް ފަތީނާއަކަށް ނޭގެއެވެ. ރުޅިއަޔަސް އެއްދުވަހަށްވުރެ ގިނަ ދުވަހު ޝައުނާ ނުހުންނާނެކަން ފަތީނާއަށް އެގެއެވެ.

އެންމެ ފަހުން ކެތްނުކުރެވިގެން ފަތީނާ ނީލްގެ ފިހާރަޔަށް ދިޔައެވެ. ނީލްގެ ފަރާތުން މައުލޫމާތެއް ލިބޭތޯއެވެ.

"އަހަ ފަތީނާއްތާ! ހާދަ ނުފެނޭ މިހާރަކަށް އައިސް. ކުރިން ގެޔަށްވެސް ވަދެލާނެ. މިހާރު އެހެންވެސް ނުފެންނަތާ ދުވަސްކޮޅެއްވެއްޖެ. ކިހިނެއްވީބާ." ފަތީނާ ފެނުމުން ނީލް އަހާލިއެވެ.

"އާ! ކުޑަ މަންޖެ ބަލިވެ އުޅޭތީ ގެއިން ބޭރަށް ނުނުކުމެވެނީ." ފަތީނާ ބުނެލިއެވެ.

"ކޮބާތަ މިހާރު ޝެރިން. އޭނަވެސް ނުފެނޭ މިހާރު. އެހެންޏާ އަހަރެންގެ ޚަބަރެއް ނުވުމުން އޭނަ އަންނާނެ އަހަރެންގެ ގެޔަށް. އޭނަ ކޮބާތަ؟" ނުސީދާ ގޮތަކަށް ފަތީނާ ޝައުނާގެ ވާހަކަ އަހާލިއެވެ.

ނީލް ފިހާރައިން ބޭރަށް ނުކުތުމުން ފަތީނާވެސް ފަހަތުން ނުކުތެވެ.

"ކިހިނެއްވީ. އަނެއްކާ ޝެރިންއަށް ކަމެއްވީތަ." ފަތީނާ އަހާލިއެވެ.

"ފަތީނައްތާ! މިވާހަކަ އަދި އަހަރެން އެއްވެސް މީހަކު ކައިރީ ނުބުނަން އެކަމަކު ފަތީނައްތަ ވީމަ ބުނެލާނަން. އަހަރެން މިރަށު މީހުން ކައިރީ ބުނީ ދީމާ މާލެ ދިޔައިރު ދީމާއެކު ޝެރިންވެސް މާލެ ގޮސްއޭ ވީ. އެކަމަކު ތެދުތެދަށް ބުނަންޏާ އަހަރެންގެ ޝެރިން އަހަންނާ ކައިވެނި ނުކުރަނީސް މަރުވެއްޖެ." ނީލްގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ނީލް ބުނެލިއެވެ.

"ކީކޭ ނީލް ތިކިޔަނީ. އަހަންނަށް ނުވިސްނުނު."

"މިބުނީ މިހުރިހާ ދުވަހު އަހަރެން ޝެރިން ކަމަށް ހީކޮށްގެން އުޅުނީ އެއީ އިންސާނެއް ނޫނޭ."

"ކިހިނެއް ނީލްއަށް އެގުނީ." ފަތީނާ ވާހަކަ ހޯދަން މަސައްކަތްކުރިއެވެ.

"ދެން ކޮންމެވެސް ދުވަހަކުން އެގޭނެ ދޯ. އެކަހަލަ ކަންތައްތަކަކީ ސިއްރުކުރެވޭނެ ކަންތައްތަކެއް ނޫން." ނީލް ޝެރިންގެ ވާހަކަ އެއްވެސް މީހަކު ކައިރީ ނުބުނަންވެގެން ނުބުނީއެވެ.

ޝެރިން ބުނި ވާހަކަ ހަދާންހުރީމަ ގަސްތުގަ ނުބުނީއެވެ. ޝެރިން އޮތީ ނީލްކައިރީ ހުރިހާ ވާހަކައެއް ކިޔައިދީފައެވެ. މިރަށުގައި އޭގެ ދެޖިންނި އުޅޭ ކަމާއި އެތަނުން އެކަކީ ޝައުނާ ކަމެވެ. އެހެންކަމުން އެއްވެސް މީހަކު ކައިރީ އެވާހަކަ ބުނަން ނީލް ބޭނުން ނުވަނީއެވެ. މިހާރު އެއްވެސް މީހަކަށް އިތުބާރު ނުކުރެވޭތީއެވެ.

"ދެން މިހާރު ކޮބާ ޝެރިން. މިބުނީ އެ ޖިންނި؟" ފަތީނާ އަޅައިގަންނަމުން ވާހަކަދެއްކިއެވެ.

"ތިހިރީ ކުރިމަތީގައި!" ނީލް ބުނެލިއެވެ.

ފަތީނާ ދިޔައީ ސިއްސައިގެންނެވެ. ނީލްއަށް އޭނަގެ ހަގީގަތް އެކުނީކަމަށް ހީކޮށްފައި ބިރުގަތީއެވެ. ފަތީނާއާ ދިމާލަށް އިގިލިދިއްކޮށްފައި ނީލް އެހެންބުނުމުން ފަތީނާ ފަހަތަށް ޖެހުނީ ބޭއިޚްތިޔާރުގައެވެ.

"ތިބުނި އެއްޗެއް ނޭގުނު." ފަތީނާ ބުނެލިއެވެ.

"މިބުނީ ފަތީނައްތަ ސިފައިގަވެސް އެޖިންނި ހުރެދާނޭ. އެއީ މީހުންގެ ސިފައަށް ބަދަލުވެގެން ރަށުތެރޭ އުޅޭ އެއްޗެއް. ކިހިނެއް އެގޭނީ އަހަރެން ކަމަށް ހެދިގެން ފަތީނައްތައާ ވާހަކަ ދައްކަން މިހިރީ އެޖިންނި ކަމެއް.؟" ނީލް އެހެންބުނުމުން ފަތީނާ ވާހަކަ ކުރުކޮށްލާފައި ދާން ހިގައިގަތެވެ.

"ފަތީނައްތާ. އެއީ މަޖަލަކަށް ބުނިއެއްޗެއް. ބިރުގަތީތަ. މިވާހަކަ އެއްވެސް މީހަކު ކައިރީ ނުދައްކައްޗޭ." ފަތީނާ ހިގައިގަތުމުން ނީލް ބުނެލިއެވެ.

ފަތީނާ ގެޔަށް ދިޔައިރު ގޭގައި އެއްވެސް މީހަކު ނޫޅެއެވެ. ފަތީނާ ބިރުގަތެވެ. ޝައުނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން ފަތީނާއަށް އެގޭތީއެވެ. އަވަހަށް ފޯނުނަގާ ފިރިމީހާއަށް ގުޅާލިއެވެ. ފިރިމީހާ ދެއްކި ވާހަކަތައް އަޑުއަހަން ހުރެފައި ފަތީނާ އަޑުންއަޑުނަގާ ރޮއިގަތެވެ. ދުވަމުން ގޮސް ހޮސްޕިޓަލަށް ވަނެވެ. ފަތީނާގެ ފިރިމީހާވެސް ރޮނީއެވެ. ކައިރީގައި ތިބި އެހެންކުދިންވެސް ރޮނީއެވެ.

"ފަތީނާ! އަހަރެމެންގެ ދަރިފުޅު." ފަތީނާ ފެނުމުން ފިރިމީހާ ބުނެލިއެވެ.

"ކިހިނެއްވީ. ކޮބާ މަގޭ ދަރިފުޅު" ފަތީނާގެ ފިރިމީހާ އިޝާރާތްކުރީ އަވަސްފަރުވާދޭ ކޮޓަރިއަށެވެ. ފަތީނާ ދުވެފަގޮސް ވަންއިރު ދަރިފުޅު ގައިމަތީ އޮތީ ހުދު ފޮތިގަނޑެއް އަޅާފައެވެ. ފަތީނާ މަޑުމަޑުން ގޮސް ފޮތިގަނޑު ނަގާ ދަރިފުޅުގެ މޫނަށް ބަލާލިއެވެ. ދަރިފުޅުގެ މޫނު އޮތީ އެއްކޮށް ހުދުވެފައެވެ. ފަތީނާ ދަރިފުޅު ގައިގައި ބައްދައިގެން އޮވެ ރޮމުންގެންދިޔައެވެ. ފަތީނާގެ ފިރިމީހާ އައިސް ފަތީނާ ބޭރަށް ނެރުނެވެ.

"ކިހިނެއްވީ މަގޭ ދަރިފުޅު މަރުވީ؟"

"ދަރިފުޅު ރޯންފެށުމުން އަހަރެން އޭނަ ނަގައިގެން ކޮޑަށް ލައިގެން ހުއްޓާ ޚަބަރެއް ނުވެގެން ބެލިއިރު ހުއްޓިފަ އޮތީ. އަވަހަށް ހޮސްޕިޓަލަށް ގެނައީ. ޑޮކްޓަރު ބުނީ ހަށިގަނޑުން ލޭ މަދުވެގެންނޭ ދަރިފުޅު މަރުވީ." ފިރިމީހާ މިހެން ބުނުމުން ފަތީނާ އޭނަގެ މޫނަށް ބަލާލިއެވެ. ކަރުނަ ފޮހެލާފައި ތެދުވެގެން ގޮސް ދަރިފުޅުގެ ގައިގައި އަޅާފައި އޮތް ފޮތިގަނޑު ނަގާ އެއްލާލިއެވެ. ދަރިފުޅުގެ ކަރުގައި އަތްއަޅާލާފައި އަތްނަގާލިއިރު ކަރުގައި ކުރިން ފެންނަން ނެތް ނިޝާންތަކެއް ހުއްޓެވެ. ތިންތަނެއްގައި ދަތްއަޅާފައި ހުއްޓާ ފެނުނެވެ. އެއީ ޝައުނާގެ ކަންތައްކަން ވަގުތުން ފަތީނާއަށް އެގުނެވެ. ބާރަށް ހިގާފައި ގޮސް ފަތީނާ ހޮސްޕިޓަލުން ނުކުމެގެން ދިޔައީއެވެ. ފަތީނާގެ ފިރިމީހާ ހީކުރީ ދަރިފުޅު މަރުވުމުން އެކަމާ ދެރަވެގެން ދިޔައީ ކަމަށެވެ.

ފަތީނާ ހުރީ ރުޅިއައިސް ރަތްވެފައެވެ. މިވަގުތު ޝައުނާ ފެނިއްޖިއްޔާ އެދެމެދު ބޮޑު ހަގުރާމައެއް މިއަދު ހިގާނެއެވެ. ފަތީނާ މުޅިރަށް ހޯދާ ބެލުމުންވެސް ޝައުނާ ނުފެނުނެވެ. ކުރާނެކަމެއް ނޭގިފައި މަގުމަތީ ހުރި ޖޯއްޔެއްގައި އިންދާ ނީލްއާއި ދީމާ ސައިކަލުގައި ދިޔަތަން ފަތީނާއަށް ފެނުނެވެ. ނީލް ބުނިގޮތުންވިއްޔާ ދީމާ ހުރީ މާލޭގައެވެ. ނީލްއާއެކީ ދީމާ ފެނުމުން ކޮންމެވެސް ނުބަޔެއް އުޅެނީކަން ފަތީނާއަށް އެގުނެވެ. ފަތީނާ އެމީހުންގެ ފަހަތުން ފާރަލަމުން އެގެޔަށް ދިޔައެވެ.

އެގެއިން ފެނުނު މަންޒަރުން ފަތީނާގެ ދެފައި ރޫރޫ އަޅައިގަތެވެ.

(ނުނިމޭ)