-
-
ލީޑަރުން "ތެޔޮވަޅެއް" ގައެވެ. މީޑިއާ "ކޮތަރު ކޮއްޓެއް" ގައެވެ. ޒުވާނުން "ޝަރުމީލާ" ހޯދަނީއެވެ. ޢަޤީދާ ގާދޫ ކޮލުން ބޭރަށެވެ! އޮޕްޝަނަލް ޕްރޮޓޮކޯލު ޓު ދި އައިސީއީއެސްސީއާރު ޕްރޮމޯޓްކުރުމަށް ބޭނުންކުރަމުންދާ ކުރެހުމެއް

ލީޑަރުން "ތެޔޮވަޅެއް" ގައެވެ. މީޑިއާ "ކޮތަރު ކޮއްޓެއް" ގައެވެ. ޒުވާނުން "ޝަރުމީލާ" ހޯދަނީއެވެ. ޢަޤީދާ ގާދޫ ކޮލުން ބޭރަށެވެ!

އަޅުގަނޑުމެން ބޮޑުވެގެން އައިއިރުގައި އިވެމުންދަނީ، ދޫމައްޗަށް ފަސޭހަ މީޒާނުގައި ބުރަ ދެ ކަލިމައެއްގެ ވަހަކައެވެ. މާތް ﷲ ޙަމްދު ޘަނާކިޔައި، އެއިލާހުގެ މަތިވެރިކަން ހަނދުމަކޮށް ތަސްބީޙަ ކިޔުމަށް ބޭނުންކުރެވޭ، އަޅުކަމުގެ ދެކަލިމަ؛ "سبحان الله وبحمده، سبحان الله العظيم" އެވެ.

ADS BY FENVARU

ޒަމާން މިވަނީ ތަހުޒީބުވެފައެވެ. ދުނިޔެ މިވަނީ ބަވަނަވެފައެވެ. އިންސާނާ ތަމައްދުނު ވެފައެވެ. އިވޭ އަޑުތަކާއި ފެންނަ މަންޒަރުތައް އިންތިހާ ތަފާތެވެ. އާދަކާދައާއި ސަގާފަތާއި އިޖްތިމާއީ ވައްޓަފާޅިވެސް މިވަނީ "މޮޑަރން" ވެފައެވެ. އާދޭހެވެ! އިންސާނާގެ ވިސްނުމާއި ޚިޔާލާތާއި އަދި ވައްޓަފާޅިތައްވެސް ތަހްޒީބު ވާންޖެހެއެވެ. އެހެނެއްކަމަކު އެކަންވެސް ކުރަންޖެހޭނީ "މެދު މިން" ގަ ނޫންހެއްޔެވެ؟ ނޫންނަމަ "ހަރު ކަށި" ފިކުރަކަށްވެ ހައްގުނޫން މިންވަރު ދެވެނީ ކަމަށްވުން ގާތެވެ.

ޑިމޮކްރަސީގެ މޮޑާރން އަދުގެ ދުނިޔޭގައިވެސް، ދެ ކަލިމައެއްގެ އަޑު ނުހަނު ގަދައެވެ. ތުރާކުނުން ފެށިގެން އައްޑު އަތޮޅު ހިތަދުއާއި ހަމައަކަށް އެކަންޏެއް ނޫނެވެ. މުޅި މަޝްރިޤާއި މަޣްރިބް ގައިވެސްމެއެވެ. ދޫމައްޗަށް ފަސޭހައީ އެކަންޏެއް ނޫނެވެ. ޒުވާން ކަންފަތްތަކުން އަޑު އަހައިލުމަށްވެސް ނުހަނު ފަސޭހައެވެ. ބޭރުފުށުގެ އޮމާންކަށް، އެއްމެ ކޮލިޓީ ފައުންޑޭޝަނެއް އުނގުޅާލެވިފައި ހުންނަ ކަށި މޫނަކަށް ވުރެވެސް އޮމާނެވެ. "އިންސާނީ ޙައްޤުތައް"  މި ދެ ކަލިމައިގެ ވާހަކައެވެ. މިދެކަލިމައިގެ، މީޒާނުގެ ބަރުދަން އެނގޭނީ އިންސާފުގެ ތަރާދުން ކިރައިލީމައި ނޫންހެއްޔެވެ!

އެންމެ ފުރަތަމަ، އެ ޖުމްލައިގެ ލުޣަވީ ނުވަތަ ލިޓަރަސީ ނުވަތަ ބަހުގެ ގޮތުން މާނައަށް ބަލައިލަމާހެއްޔެވެ؟ ދެބަހުގެ ކުރު ޖުމްލައެކެވެ. "އިންސާނީ" އަދި "ހައްގު" މި ދެބަހެވެ. "އިންސާނީ" މި ލަފްޒު ބޭނުންކުރެވިފައި އޮތީ، ފަހަތުގައި އޮތް ބަސް "ހައްގު" މިއަށް ސިފައެއް ދިނުމަށެވެ. އިންސާނީ މި ސިފަ ބޭނުން ކުރެވުމާއިއެކު، ޖަނަވާރުތައް ނުވަތަ އިންސާނީ ޢާއިލާއިން ބޭރު އެންމެހައި އެއްޗެއްގެ ސިފަތައް ނަފީ ނުކުރެވޭތޯއެވެ؟ އަދި ނަމެއްގެ ގޮތުގައި "ހައްގު" މިބަސް ބޭނުން ކުރެވިފައި އޮތް އިރު، ބާޠިލަކީ ހައްގުގެ އިދިކޮޅުކަމުގައި ވުމުން، ބާޠިލު އެއްވެސް ކަމެއް، ހައްގެއްގެ ގޮތުގައި ބަލައެއް ނުގަނެވޭނެ ނޫންތޯއެވެ؟

ވީހިނދު، "އިންސާނީ ހައްގު" ގެ އަސްލު މުރާދަކީ ނުވަތަ ރަނގަޅު މާނައަކީ، އިންސާނުންނާއި އެކަށީގެންވާ ހައްގު ގޮތްތަކެވެ. އެހެން ނަމަވެސް މިއަދުގެ ދުނިޔޭގައި "އިންސާނީ ހައްގު" މާނަ ކުރެވިގެންދަނީ "މެދު މިން" ގައެއް ނޫނެވެ. އަދުގެ ދުނިޔޭގައި މުސްތަޝްރިކުން އިންސާނީ ހައްގޭ ކިޔައި އުޅެނީ، ހަވާނަފްސުގެ އެދުންތަކަށެވެ. ބޭނުންކުރަނީ މުސްލިމުން ވާވައްދުވާ ދަންތުރައަކަށެވެ.

ބުނެވިދިޔަ ދެކަލިމަ، "އިންސާނީ ހައްގުތައް" ބަޔާންކޮށް އެކުލަވައިލެވުނު ބައިނަލް އަގުވާމީ މުއާހަދާ ނުވަތަ "ޔުނިވާރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އެކުލަވައިލެވުނީ، ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވުނު، އެކުވެރި ދައުލަތުގެ ޖަމިއްޔާ ނުވަތަ އދ. ގެ މައި ޖަލްސާއެއްގައެވެ. މީލާދީން 1948 ވަނައަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި މުޢާހަދާގައިވެސް އިންސާނީ ހައްގުތައް ގެނެވިފައިވަނީ މައިގަނޑު ދެ ދާއިރާއެއްގައެވެ. ދިރި ހުރުމުގެ ހައްގުތަކާއި ދިރިއުޅުމުގެ ހައްގުތަކުގެ ދަށުންނެވެ.

ތަންކޮޅެއް ކުރިއަށް، އުނހު، ވަރަށް ކުރިއަށް ޖެހިލަމާ ހިނގާށެވެ. "ޔުނިވާރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އުފަންވުން ކިއެއްތަ، ގަރުބަގަންނަންވެސް ހިތައް އެރުމުގެވެސް މާކުރިއަށެވެ. އިންސާނީ ހައްގުތަކުގެ "ބޮޑު" މުއާހަދާގެ ބާރތު ޑޭއަށްވުރެ ގަރުނަކަށް ވުރެވެސް ކުރިއަށެވެ. ބޮޑު މުއާހަދާގެ އުފަންވުމުގެ 1360 އަހަރު ކުރިއަށެވެ. ހިޖްރައިން 10 ވަނަ އަހަރުގެ ޙައްޖުމަހުގެ ނުވަ ވަނަ ދުވަސް، ޢަރަފާތް ދުވަހުގެ އިރު މެދުޖެހުނު ވަގުތަށެވެ.

މިއުންމަތުގެ އިމާމު، މުޅި އިންސާނިއްޔަތުގެވެސް ނާމޫނާ، ސުވަރުގެ ވަޑައިގަތުމުގެ ކުރިން، އެންމެގިނަ މުސްލިމުންނާއި އެއްވަގުތެއްގައި އެއްތަނަކުން ބައްދަލުކުރަށްވައި، ދެއްވި ވަދާޢީ ޙައްޖުގެ ޝާމިލު ޚުޠުބާގައި، އިތުރު އެކަލޭގެ ފާނު ޙަދީޘްފުޅު ކުރަށްވައި މުސްލިމް އުންމަތާއި މުޚާޠަބުކޮށް ވިދާޅުވިއެވެ؛ (إنَّ دماءَكم، وأموالَكم حرامٌ عليكم، كحرمةِ يومِكم هذا، في شهرِكم هذا، في بلدِكم هذا) "ހަމަ ކަށަވަރުން ތިޔަބައިމީހުންގެ ލެޔާއި މުދާ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ޙުރުމަތްތެރި ވެގެންވެއެވެ. މި މަސްވަރާއި، މި ދުވަހާއި، މި ރަށް ޙުރުމަތްތެރި ވެގެންވީ ފަދައިންނެވެ"  އެބަހީ، ހެޔޮކަން ބޮޑުވެގެންވާ ޙައްޖުމަހާއި، މާތްވެގެންވާ ޢަރަފާތް ދުވަހާއި އަދި ޙުރުމަތްތެރި ވެގެންވާ މައްކާ ފަދައިންނެވެ.

މިއަދުގެ މުޢާހަދާތަކުގެވެސް، އިންސާނީ މައިގަނޑު ދެ ހައްގުކަމުގައިވާ، ދިރިހުރުމާއި ދިރިއުޅުމުގެ އެންމެ އަސާސީ ދެ ޙައްގަކީ، ފުރާނައާއި މުދާކަން ކަށަވަރެވެ. މި ދެހައްގު އިސްލާމް ދީނުގައި ހިމާޔަތްކުރެވިފައިވާ މިންވަރު ނަބިއްޔާ ބަޔާންކޮށްދެއްވި ބަސްމަގާއިމެދު އަދި އެއްފަހަރު ވިސްނާލާށެވެ. އަލުން އެނބުރި މަތީގައިވާ ތަރުޖަމާ އަދި އެއްފަހަރު ކިޔާލައިގެން ނަމަހީވެސްމެއެވެ. ހަމައެކަނި ދުލަކުން ނޫނެވެ. ސިކުނޑިއާއި އެކުއެވެ.

އެދުވަހު ޚުޠުބާ ދެއްވީ އިލާހީ ވަޙީ ލިބިލައްވާ ޙާލު ހުންނެވި، އެންމެހައި އިންސީންނާއި ޖިންނީންގެވެސް ނަބިއްޔާއެވެ. އެނަބިއްޔާގެ ބަސްފުޅަކީ ވެސް، ސިއްރާއި ފާޅާއި މާޒީއާއި މުސްތަޤުބަލުވެސް ފުރިހަމައަށް ދެނެވޮޑިގަންނަވާ އިލާހުގެ ވަހީބަސްފުޅުކަމުން، މި ދުވަސްވެސް އަންނާނެކަން ވަންހަނާވެގެން ނުވެއެވެ. އިންސާނީ ހައްގުތަކާއި އަންހެނުންގެ ހައްގުތަކުގެ މައްސަލަވެސް ފެންމަތި ކުރެވިގެން ދާނެކަން އެއިލާހަށާއި އެއިލާހުގެ ނަބިއްޔާއަށް ލިބިލައްވާ ވަޙީއަށް ސިއްރުވެގެން ނުދާނެކަން ކަށަވަރެވެ.

ޚުޠުބާގައި އިތުރަށް ތަފްސީލް ކޮށްދެއްވަމުން ޙަދީޘް ކުރެއްވިއެވެ؛

(فاتقوا الله في النساء؛ فإنكم أخذتموهن بأمانةِ الله، واستحللتم فروجَهنَّ بكلمة الله)

"ކަނބަލުންނާއިމެދު ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން އެ ކަނބަލުން އިޚްތިޔާރު ކުރީ، ﷲ ތަޢާލާގެ އަމާނަތެއްގެ ގޮތުންނެވެ. އަދި އެކަނބަލުންގެ ފަރްޖުތައް ހުއްދަކުރީ، އެއިލާހުގެ ކަލިމައާއި އެކުއެވެ"

ކަނބަލުންނަށް ނިސްބަތް ކުރަށްވައި، "ބިއްލޫރި" އާއި މެދު އޯގާތެރިވެ މަޑުމޮޅި ވުމަށްވެސް އަމުރުކުރެއްވި، އުންމަތުގެ ނަބިއްޔާ މިވަނީ އެކަލޭގެފާނުގެ ވަދާޢީ ޚުޠުބާގައި އިންސާނީ ޙައްޤުތައް ޖުމްލަ ގޮތެއްގަޔާއި ތަފްސީލު ކޮށްވެސް ބަޔާން ކޮށްދެއްވާފައެވެ. މުޅި ދުނިޔެ އެއްބަޔެއް އަނެއްބަޔަކަށް މަދަދުވެރިވެ، މިލިއަނުން މިލިއަނުން ޑޮލަރާއި ޔޫރޯ ޚަރަދުކޮށްވެސް ނުހޯދިގެން އުޅޭ އަންހެނުންގެ "ހައްގުތަކަށް" ދާންދެންވެސް މެއެވެ. މާފް ކުރަށްވާށެވެ!

ގަރުނެއްގެ ކުރީގެ ވާހަކަ ތަކެއް ދެއްކުނީތީއެވެ. ދުނިޔެ ބަވަނަވެފައެވެ. ޒަމާން ތަރައްގީވެފައެވެ. އައު ގޮތްތައް ހޯދައި ވިސްނުން ތަހުޒީބު ކުރަންޖެހެއެވެ. "ކަޓު" ގޮތްތަކާއި "ސަހަރާ" ތެރޭގެ ގޮތްތައް މި ޒަމާނަކަށް ނުފެތޭނެތާ ދޯއެވެ!!

މިހެންވެސް ބަތަކު ބުނެއުޅެތާއެވެ. އޯކޭއެވެ! މިއަދު މިވަކާލާތު ކުރެވޭ ޒަމާނީ އިންސާނީ ހައްގުތައް، އިންސާފުގެ ތިލަފަތަކަށް ލަމާހިނގާށެވެ. ހަގީގީ ބަރުދަން އެނގޭނީ އޭރުންތާ ދޯއެވެ.

އިސްލާމް ދީނުގައި، ގޮތް ނޭނގޭގޮތަށް ނަގާލެވިފައި ވާކަމަށް ނުވަތަ ގަސްދުގައި ނައްތާލާފައިވާ ކަމަށްބުނެވޭ، އިންސާނީ ހައްގޭ ކިޔައި އެންމެ ބޮޑަށް އަޑުއުފުލޭ، އަންހެނުންގެ ހައްގުތަކާއި ކުޑަކުދީންގެ ހައްގުތައްފަދަ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށްކަމަށްބުނެ، ޒަމާނީ ޑިމޮކްރަސީގައި ކުރެވިފައިވާ މަސައްކަތާއި، އެކަމުގެ ނަތީޖާ ބަލައިލަމާ ހިނގާށެވެ.

އަދި އިހަށް އެއްޗެއް ބުނެލާނަމެވެ. މާ ދިގެއް ނުކުރާނަމަވެ. ހަމަ އެންމެ ނުކުތާއެކެވެ. ކަނބަލުން ރުޅި ނުދުރުވައްޗެވެ. ތިޔަ ކަނބަލުންނަށް ކުޑައިމީސް ބަހެއް ނޫނެވެ. އެހެނެއްކަމަކު "ޗިޕޭ" މެންގެ ފޭކްކަން ދެނެގަންނަން ހަމަ ކުޑަކުޑަ ވާރމްއަޕެކެވެ.

މި އުޅޭ ބަޔަކު ވަކާލާތު މިކުރަނީ އިންސާނީ ހައްގަށެވެ. ދުވަހަކުވެސް އެކަނިވެރި ބަފައެއް ނުވަތަ ފިރިހެނެއްގެ ހައްގަކާއި މެދު ބަޔަކު އަޑު އުފުލިތަން ހުވަފެނުންވެސް ދުށީމު ހެއްޔެވެ؟ ފިރިހެނުންނީ އިންސާނީ ނަސްލުން ބޭރު ބަޔަކީހެއްޔެވެ؟ އިންސާނީ ހައްގުތަށް ލިބުމުގައި ޖިންސުގެ މެދުގައި ތަފާތުކުރުން ނުގެންގުޅެވޭނެއޭ ކިޔައި، އަޑުގެ ކޮޅަށް ހަޅޭއްލަވަމުންދާ މީހުންނަށް އިންސާނީ ހައްގު ވަނީ އެއްކޮޅަށް ދުއްވާ މަގަކަށެވެ.

އަދި އެންމެ މިސާލެކެވެ. އިންސާނުންނަށް ކެއުން ހުއްދަވެގެންވާ ވެލާ ބިހެއްގެ މިންވަރު ކައިލިޔަސް، ބޮޑެތި ޢަދަދުން ޖުރުމަނާ ދައްކަން ޖެހި، ތޭރިތަކުގެ ފުރަގަހަށް އަހަރު ތަކަކަށްވެސް ދާންއެބަޖެހެއެވެ. ރާއްޖޭގެ ވާހަކަ އެކަންޏެއް ނޫނެވެ. މިހެން ބުނީމައި އިންސާނީ ހައްގޭކިޔައި ގޮސް މިރޭ ވެލާ ހިފާނީކީ ނޫނެވެ. މަގްސަދަކީ ގާނޫނަށް ގޮންޖަހައި ވެލާ ހިފުން ހުއްދަކުރުމެއް ނޫނެވެ. މިހައި ބޮޑަށް ޕްރޮމޯޓު ކުރެވި، އެ ހައްގެއް ނުލިބެނީސް ހަމަ ނިދި ނުނިދިގެން އުޅޭ، އިންސާނީ ހައްގުތައް ޑިމޮކްރަސީގައި އޮތް މިންވަރު ދެނެގަތުމަށް ވާރމްއަޕެކެވެ. މިހާރުދެން ދެން ވާރމްއަޕް ވެއްޖެކަމަށް ގަބޫލުކޮށް، އިންސާނީ ހައްގޭ މިކިޔޭ އެއްޗެއްގެ ފަތިފުށްވެސް ބަލައިލަމާ ހިނގާށެވެ.

އިންސާނީ ހައްގޭ ކިޔައި އެންމެ ބޮޑަށް އަޑުއުފުލޭ، އަންހެނުންގެ ހައްގުތަކާއި ކުޑަކުދީންގެ ހައްގުތައްފަދަ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ދިވެހިރާއްޖޭގައި ކިތައް ގާނޫނު ހެދި ޢަމަލު ކުރެވެމުން ދާކަން އެނގިލައްވާތޯއެވެ؟

1991 ވަނަ އަހަރު އެކުލަވައިލެވުނު، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނާއި، 2000 ވަނަ އަހަރު އެކުލަވައި ލެވުނު ޢާއިލާއާބެހޭ ޤާނޫނާއި، 2009 ވަނަ އަހަރު އެކުލަވައި ލެވުނު ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނާއި، 2012 ވަނަ އަހަރު އެކުލަވައި ލެވުނު ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، 2014 ވަނަ އަހަރު އެކުލަވައި ލެވުނު ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނާއި، ހަމަ އެ އަހަރު އެކުލަވައި ލެވުނު ޖިންސީ ކުށުގެ ޤާނޫނާއި، ފާއިތުވެ ދިޔަ އަހަރު އެކުލަވައި ލެވުނު ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ އިތުރުން، ހަމަ އެ އަހަރުގައި އެކުލަވައި ލެވިފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު ހިމެނެއެވެ.

ކުޑަކުދިންގެ ޙައްގުތަކާއި އަންހެނުންގެ ހައްގުތައް ހިމާޔަތް ކޮށްދީ ރައްކާތެރި ކޮށްދިނުމަށް، ތަފާތު ނުވަ ގާނޫނެއްހެދި ޢަމަލު ކުރެވެމުން އެބަދެއެވެ. އެފަދަ ގަވާއިދުތަކުގެ އަދަދުވެސް ނޭނގެއެވެ. ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ގާނޫނުތައް ހެދޭތީވެ، އަޅުގަނޑަކީ ފިރިހެނަކަށް ވީތީވެ، ނުވަތަ ބިލެތުގައި ބަހައްޓާއެތީގެ ނަންދެވުނު ކައްޓެއްގެ އަހުލުވެރި އަކަށްވެ، ކަންބޮޑުވުން ފާޅު ކުރަނީކީ ނޫނެވެ. ގިނަ ގާނޫނުތަކާއި ގާވާއިދުތައް ހެދިފައި ވީހިނދުވެސް، އެފަދަ ހައްގުތައް ހިމާޔަތް ކުރެވިގެން ނުދާތީވެ ކަންބޮޑު ވަނީއެވެ. އިންސާނީ ހައްގުގެ ގޮތުގައި ކުރިއަށް ނެރެވި، ކުޑަކުދިންނާއި އަންހެންނުންގެ ހައްގުތަކޭ ކިޔައި ގޮވޭ ގޮވެލިފަތި، އިންސާފުގެ ތިލަފަތައް، ހަމަ ލެވުނީއެވެ. ބަރުދަން ބަލައި ލާންށެވެ. މިހާރު ކޮންމެވެސް ވަރަކަށް އެނގިއްޖެތާ ދޯއެވެ؟ ތިލަފަތް ގައިމު އެއޮތީ ޔޯގާގެ "ޕޯސް" އެއްގައެވެ.

އެނގިއްޖެއެވެ! ގާނޫނުތައް މިހާރު އެބަހުއްޓެވެ. އެކަމަކު ބައިބަލް އަގުވާމީ ބައެއް މުހިންމު މުއާހަދާތަކުގައި ސޮއިކޮށް، ޢަމަލުކޮށް ތަންފީޒުކުރަން ފެށުނީމައި އޯކޭވާނެއެވެ!! އިންސާނީ ހައްގުތައް ހިމާޔަތްކުރެވޭނެއެވެ!! އަނގަމައްޗަށް ޖަހައިގެން އޮންނަހިނދު އަނގަޔަށް ވެއްޓޭވަރަށް ޑިމޮކްރަސީ ދޮންވެ ފައްކާވާނެއެވެ!!

ކުށް ހީއެކެވެ. ޝަރުޢީގޮތުން އެކަންޏެއް ނޫނެވެ. ބުއްދީގެ ގޮތުންނާއި، ދުނިޔެ ދައްކާފައިވާ ހަގީގަތްތަކަށް ބެލިޔަސްމެއެވެ. "އިންސާނީ ހައްގު" ތައް އެންމެ، އާދެ އެންމެ ފުރިހަމައަށް ކަށަވަރުކޮށްދީ ހިމާޔަތް ކޮށްދީފައި އޮތީ އިސްލާމް ދީނުގައެވެ. އެދީނުގެ އުސޫތަކުން ބޭރުން، ހިމާޔަތް ކުރުމަށް ގޮވާލެވޭ އިންސާނީ ހައްގުތަކަކީ، ހަގީގީ އިންސާނީ ހައްގުތަކެއް ނޫނެވެ.

ބައެއް ފަރާތްތަކުން ގެންގުޅޭ މިފަދަ ވިސްނުމުގައި ފިލޯސަފީއާއި ސައިކޮލޮޖީއަށް އިސްކަމެއް ދެއްވާނަމަ، އެފަދަ ކަންކަމުގައި އަރައިތިއްބެވި ހުޅަނގުގެ ފަރާތްތަކުގެ ބަސްތަކަށް ބަލާލަމާ ހިނގާށެވެ.

އެމެރިކާގެ ޕްރޮފެސަރެއް ކަމުގައިވާ ލިލިއަން އިޑޭލް ވިދާޅުވެފައި ވެއެވެ؛ "ހަމަޔަޤީނުން، އެމެރިކާގައި ޢާއިލީ ހަމަނުޖެހުމާއި މުޞީބާތްތަކުގެ ސަބަބަކީ، އަދި އެމެރިކާގެ މުޖްތަމަޢުގައި ޖަރީމާތައް ގިނަވުމުގެ ސިއްރަކީ އަނބިމީހާ އޭނާގެ ގެޔާއި ދުރުހެލިވުމެވެ."

އަދި އެހެން ބުނުމެއްގައި ވެއެވެ؛ "ޔަޤީންކަމާއިއެކު ތަޖުރިބާ ޘާބިތު ކޮށްދީފައިވަނީ، އަހަރަމެން ވެއްޓިފައި މިވާ ދަށު ދަރަޖައިން އައު ޖީލު ސަލާމަތްކޮށްދޭނެ ހަމައެކަނި މަގަކީ، އަންހެނާ އޭނާގެ ގޭގެ ވާޖިބުތަކާއި މަސްއޫލިއްޔަތު ތަކަށް އެނބުރި އައުން ކަމެވެ." މިއީ ކޮންމެ ޑިމޮކްރަސީ ދޮންވެ ފައްކާވެ ބިމަށް ވެއްޓޭވަރުވެފައި އޮވެމެ، ކޮންމެ ފަސް މިނެޓަކުން ރޭޕް ކޭސްއެއް ހިނގަމުންދާ އެމެރިކާގެ ހާލަތެވެ. އަޅުގަނޑުގެ ބަހެއްވެސް ނޫނެވެ. އަދި އެއްވެސް ކައްޓަކަށް ނިސްބަތްވާ ޝައިޚެއްގެ ބަހެއްވެސް ނޫނެވެ.

މުސްލިމް ކަނބަލުން ދަތުރު ކުރާނަމަ، އިތުރު ސެކިޔުރިޓީ ގާޑަކާއިއެކު ދަތުރުކުރުން އަންހެނުންގެ ހައްގަށް އަރައިގަތުމަށްވެފައި، އެކަނިމާއެކަނި ފޮނުވި އެތަކެއް ނޭދެވޭ ކަންކަން މެދުވެރިވުން، އެއީ އެ ކަނބަލުންނަށް ހައްގު މިންވަރު ހެއްޔެވެ؟ މަގުމަތިން ދާހާމީހަކު ފޮށި، ޖިންސީގޯނާތައް ކުރިމަތިވެދާނެތީވެ، އެކަނބަލުން އެކަށީގެންވާ ފޭރާމަކުން ނިވާކުރުން އަންހެނުންގެ ހައްގަށް އަރައިގަތުމަށްވެފައި، ރޯ ބަރަހަނާކޮށް ފިރިހެނުންނާއި މަސްހުނިކޮށްފައި މަގުތަކަށް ނެރުން އެއްއީ ހަމަ އެކަނބަލުންނަށް ހައްގު މިންވަރު ހެއްޔެވެ؟ ގްރޭޑް 10 އަށް ދާއިރުވެސް ނަރަކައާއި ސުވަރުގޭގެ ވާހަކަ ދެއްކުން މަނާވެފައި، ގްރޭޑް އެކެއްގައި ކިޔަވަމުންދާ ތުއްތު ކުއްޖާއަށްވެސް، ދޮންކެޔޮ ވަކެއްހިފައިގެން އައިސް އެބުނާ ޢިލްމެއް ދެވުން އެއީ ކުޑަކުދިންގެ ހައްގު ރައްކާތެރި ކުރުންހެއްޔެވެ؟

ބޮކަކާއި ކައިވެނި ކުރުން އިންސާނީ ހައްގެއްހެއްޔެވެ؟ ގަހަކާއި އިނުން އިންސާނީ ހައްގެއް ހެއްޔެވެ؟ މަންމަ ބައްޕަގެ އަލަތު ކައިވެނި ޕާރޓީއަށް ދަރި އައުން އެއީ އިންސާނީ ހައްގެއް ހެއްޔެވެ؟ ކުށެއްނެތް މައުސޫމު ފުރާނަތަކެއް ނެތިކޮށްލާ މީހާ، ދުވަސްކޮޅަކު ޖަލުގައި ހުރެލާފައި މިނިވަންވުން އެއީ އިންސާނީ ހައްގެއް ހެއްޔެވެ؟ ތިމާ މަސްތުގެ ހާލަތުގައި ވާނުވާ ނޭނގިގޮސް، މައެއް ބަފައެއް ވަކިނުވެ، ނުވަތަ އަންހެނެއް ފިރިހެނެއް ވަކިކުރުމެއްނެތި ފާޙިޝް ޢަމަލުތައް ހިންގުންވެސް އެއީ ހަމަ އިންސާނީ ހައްގުތޯއެވެ؟ އެއްދުވަހު މިސްކިތު ދާލައިގައި އިނދެފައި، އަނެއްދުވަހު ޖެހިގެން ހުންނަ ފައްޅިއެއްގައި ﷲ ނޫން ފަރާތަކަށް އަޅުކަންކުރަށް ހުރުން އެވެސް އިންސާނީ ހައްގެއް ހެއްޔެވެ؟ ޝައްކެއްވެސް ނެތެވެ. ކޮންމެ މުސްލިމް ދިވެހި ރައްޔިތެއްގެ ޖަވާބަކަށް ވާނީވެސް ނޫންކަން ކަށަވަރެވެ. އެހެން ނަމަވެސް އަޅުގަނޑު ތިބޭފުޅުންނާއި ޚިޔާލު ތަފާތެވެ. އަޅުގަނޑު ބުނާނީ އެއީ ހައްތަހާވެސް އިންސާނީ ހައްގެވެ.

މާފް ކުރަށްވާށެވެ! އަޅުގަނޑުގެ އަމިއްލަ ޚިޔާލެއް ނޫނެވެ. އަދި ހައްގު ގޮތްވެސް ނޫންމެއެވެ. އެހެނެއްކަމަކު އަދުގެ ދުނިޔޭގައި، އިސްލާމް ދީނުގެ އަދުއްވުން އިސްވެތިބެ އުފައްދައި ހަރަކާތްތެރި ވަމުންދާ، ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން އިންސާނީ ހައްގުތައް މާނަކުރަނީ މިގޮތަށެވެ. އަޅުގަނޑުމެން މުސްލިމް މި ދިވެހި ލޮބްވެތި ފަސްގަނޑުގައިމެ ހަރަކާތްތެރި ވަމުންދާ، މުސްލިމް މަޔަކާއި ބަފަޔަކަށް އުފަން ދިވެހި މަދު ބައެއް ރައްޔިތުންނަށްވެސް އިންސާނީ ހައްގު މާނަ މިކުރެވެނީ ބާޠިލު މާނައިގައެވެ.

ލޮލުން ކަރުނަ ހިލޭ ހާލު ހިތަމަޔާއި އެކު ފާހަގަ ކުރަން ޖެހެނީ، މުސްލިމު ދައުލަތެއްގެ އެންމެ އިސްވެރިޔާވެސް ހިމެނިގެން، ވެރިކަން ހިންގުމުގެ ބާރުގެ މަޝްވަރާ މަޖްލީހުން ނުވަތަ ރާއްޖޭގެ ކެބިނެޓުންވެސް މިފަދަ ދަންތޫރަ ތަކުގައި ޖެހެމުންދާކަމެވެ. ނޭނގުމެއްގެ ތެރެގައި ނަމަ ޢިލްމުވެރީންގެ ބަސް އަހާނެ ނޫންހެއްޔެވެ؟ ގަސްދުގައި ނަމަ ކޮންފަދަ މަޖްބޫރުކަމެއްގައި ހެއްޔެވެ؟

ޒުވާނުންނޭވެ! އަދިވެސް ހޭލާން ނުވޭހެއްޔެވެ؟ ކަނބަލުންނޭވެ! ތިޔަ ކަނބަލުންނަށް ހައްގު މިންވަރުއޮތީ އިސްލާމް ދީނުގައިކަން ކަށަވަރެވެ! ކޯލިޝަން ލީޑަރުންނޭވެ! ރައްޔިތުން ކުރިމަތީގައި ވީ ވަޢުދާއި ޢަހުދު ހަނދާން ނެތުނީހެއްޔެވެ؟ ރައްޔިތުން ނުހުނު އިތުބާރެއްކޮށް، ހަވާލުކުރި އަމާނާތައް ޚިޔާނާތްތެރިވެ ލައްވަނީތޯއެވެ؟ ލޮބެވެތި ރައީސުލް ޖުމްހޫރިއްޔާއެވެ! މިއީ މުސްލިމް ދައުލަތެކެވެ! މަނިކުފާނުގެ ހުވަޔާއި ޚިލާފްވެ ނުލަށްވާށެވެ! ހުވައިގެ ޢިބާރާތުގެ އެންމެ ފުރަތަމަ ކަންތައް ހަނދުމަ ކުރަށްވާށެވެ!

"އިންސާނީ ޙައްޤުތަކާ ބެހޭ މުހިންމު ދެ މުޢާހަދާއެއް ދިވެހިރާއްޖެއިން ތަޞްދީޤުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ"

މިއީ މި މުސްލިމް ދިވެހި ދައުލަތުގެ އެންމެ އިސް އޮފީހުގެ ރަސްމީ ވެބްސައިޓުގައި، ރޭގެ ވަގުތެއްގައި ޝާއިޢު ކުރެވިގެންދިޔަ ޚަބަރެކެވެ. އިއްޔަގެ ވަގުތެއްގައި ކެބިނެޓުން ނިންމެވި ނިންމެވުމެއްގެ ޚަބަރެވެ.

އާދޭހެވެ! ސުރުހީ ބޭރުފުށުން ވަރަށް އޮމާންވެފައި ފުރިހަމައެވެ. ހިތްތަކަށް ފިނިކަންވެސް ގެނެސްދެއެވެ. އަޅުގަނޑުގެ ހިތައްވެސް މެއެވެ. އެހެނެއްކަމަކު ހަމަ އެކަނި ސުރުހީ ކިޔައިލުމާއިއެކު އިތުރަށް ވިސްނައި ނުލާނަމައެވެ. އެހެނީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ބޭނުން ނުވާނެ އިންސާނަކު ނުހުންނާނެތީއެވެ.

އަދުގެ ދުނިޔޭގައި އިންސާނީ ހައްގު މާނަކުރަނީ ހަގީގީ މަގާމުގައި ނޫންކަމާއި، އަދުގެ ދުނިޔޭގައި އެ ދެލަފްޒު ބޭނުން ކުރެވެމުންދާގޮތް، ސަލާމަތް ބުއްދީގެ އަހުލުވެރިއަކަށްމެ، މި ލިޔުން މިހައި ހިސާބަށް ކިޔުނުއިރު އެނގިފައި އޮންނާނެކަމަށް ގަބޫލުކުރާހިތް ނޫން އެހެން ހިތަކާއެއް އަޅުގަނޑު ނުވެއެވެ.

ރައީސް އޮފީހުން ރަސްމީކޮށް ހާމަކުރަށްވާފައިވާ މައުލޫމާތަށް ބަލާއިރު، އިންސާނީ ހައްގުތަކާއި ގުޅޭ އެ ދެ މުއާހަދާއަކީ ކޮބައިކަންވެސް ބަޔާންކޮށްފައި ވެއެވެ. މުއާހަދާތަކުގެ ނަމެވެ. އެތަނުން އެއް މުއާހަދާއަކީ، އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް ޤާއިމުކުރެވިފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯޕީއައިސީއީއެސްސީއާރު)" އެވެ.

އޯޕީއައިސީއީއެސްސީއާރު އަދި އައިސީއީއެސްސީއާރު

ރާއްޖޭގެ ފަރާތުން ތަސްދީގު ކުރެއްވުމަށް ކެބިނެޓުން ރޭގައި ނިންމި، "އޯޕީއައިސީއީއެސްސީއާރު" އަކީ، 10 ޑިސެމްބަރ 2008 ގައި އދ. ގެ އާއްމު މަޖްލީހުން ފާސްކޮށް، 24 ސެޕްޓެމްބަރ 2009 ގައި ސޮއިކުރުމަށް ހުޅުވާލެވި އަދި 05 މެއި 2013 އިން ފެށިގެން ޢަމަލު ކުރެވެމުން އަންނަ މުޢާހަދާއެކެވެ.

ރާއްޖެއިން މި މުޢާހަދާ ތަސްދީޤު ކުރުމަށް އިއްޔަ ކެބިނެޓުން ނިންމާފައިވާއިރު، މި މުޢާހަދާގައި މިހާތަނަށް ސޮއިކޮށްފައިވާ 45 ގައުމުގެ ތެރޭގައި މިހާރުވެސް ރާއްޖެ ހިމެނެއެވެ. ރާއްޖެއިން މި މުޢާހަދާގައި ސޮއި ކޮށްފައިވަނީ، 21 ސެޕްޓެމްބަރ 2011 ގައި ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ރާއްޖެއިން ސޮއިކުރިފަހުން 10 އަހަރު ފާއިތުވެ ދާއިރުވެސް، މިހާތަނަށް މި މުޢާހަދާ ތަސްދީޤް ކޮށްފައި ނުވާތީވެ، އެ މުޢާހަދާގައި ބުނާކަންކަން ކުރުމަށް ގާނޫނީ ގޮތުން ރާއްޖެ ބަނދެވިފައެއް ނުވެއެވެ.

އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލު، ތަސްދީޤުކޮށް ގާނޫނީގޮތުން ބަނދެވުމަށް ރާއްޖޭގެ ކެބިނެޓުން ނިންމާފައިވާއިރު، މިހާތަނަށް މުޅި ދުނިޔެއިންވެސް ބަނދެވިފައިވަނީ އެންމެ 24 ގައުމެވެ. އަދި މުސްލިމު އެއްވެސް ގައުމެއް މީގެ ތެރޭގައި ހިމެނިފައި ނުވެއެވެ. ބޮޑެތި ބާރުތައް ކަމުގައިވާ، އެމެރިކާ، އިނގިރޭސި ވިލާތް، ޗައިނާ، ރަޝިއާ ޖަރުމަނުފަދަ ގައުމުތަކުގެ އިތުރުން، ސާރކުގެ އެއްވެސް ގައުމަކުންވެސް މި މުޢާހަދާގައި މިހާތަނަށް ސޮއިކޮށްފައިވެސް ނުވެއެވެ. ޔޫރަޕުން މި މުޢާހަދާ ތަސްދީޤު ކޮށްފައިވާ ބޮޑެތި ގައުމުތަކަކީ، ފްރާންސް، އިޓަލީ، ސްޕެއިން، އާރޖެންޓީނާ، ބެލްޖިއަމް ޕޯރޗުގަލް އެވެ.

އާދޭހެވެ! އެއްގޮތް ދެ މުޢާހަދާއެއް ހިމެނޭތީވެ އޮޅިދާނެއެވެ. ދެންމެ ބަޔާން މިކުރެވުނީ، ރާއްޖޭގެ ފަރާތުން ތަސްދީގު ކުރުމަށް، ރޭގައި ކެބިނެޓުން ނިންމި، "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް" މުޢާހަދާއާއި ބެހޭ މައުލޫމާތު ތަކެކެވެ. މި މުޢާހަދާ ހަގީގަތުގައި ބިނާވަނީ މައިގަނޑު އެހެން މުޢާހަދާއެއްގެ މައްޗަށެވެ. އެ މައިގަނޑު މުޢާހަދާއަކީ، "އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް" މުޢާހަދާއެވެ.

އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް މުޢާހަދާއަށް ރާއްޖެއިން ވަދެފައިވަނީ 19 ސެޕްޓެމްބަރ 2006 ގައެވެ. މި މުޢާހަދާގައި ޖުމްލަ 171 ގައުމަކުން ބައިވެރިވެފައި ވެއެވެ. ސާރކުގެ ގައުމުތަކުގެ އިތުރުން، މިސްރު، ޕާކިސްތާނު، ޤަޠަރު، ކުވެއިތު އަދި ބަނގުލަދޭސްފަދަ ބައެއް މުސްލިމް ގައުމުތައްވެސް ހިމެނެއެވެ. ނަމަވެސް އެމެރިކާ އަދި އިނގިރޭސި ވިލާތެއް މި މުޢާހަދާގައިވެސް ބައިވެރިވެފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި މުޢާހަދާގައި ބައިވެރިވެވެފައި ވަނީ އެއްވެސް ރިޒަވޭޝަނަކާއި ނުލައިނަމަވެސް، މި މުޢާހަދާގައި ބައިވެރިވެފައިވާ މުސްލިމު ގައުމުތަކުން ވަނީ، ރިސަވޭޝަންސްތައް ހުށައަޅާފައެވެ. ޚާއްޝަކޮށް، މި މައިގަނޑު މުޢާހަދާ، އައިސީއީއެސްސީއާރުގެ ތިންވަނަ މާއްދާއިން އިސްތިސްނާ ނަގާފައިވާކަން ފާހަގަ ކުރެވެއެވެ.

އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އައިސީއީއެސްސީއާރު) ގެ ތިންވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، އަންހެނެއް ފިރިހެނެއް އެއްވެސް މިންވަރަކަށް ތަފާތު ކުރުމަކާއި ނުލައި، އިގްތިސާދީ އިޖްތިމާޢި އަދި ސަގާފީ އެންމެހައި ހައްގުތައް ލިބިދޭކަމުގައެވެ. ތަރިކަ މުދަލާއި، ވަރިކައިވެންޏާއި، ހަޟާނާތުގެ އިތުރުން، އުފަންވެނި ސިއްޙަތާއި ގުޅުންހުރި އެންމެހައި ކަންކަމުގައިވެސް، އަންހެނުންނާއި ފިރިހެންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެކަމުގައި މި މާއްދާ ލާޒިމުކުރެއެވެ.

ރާއްޖެއާއި ޚިލާފަށް، މި މުޢާހަދާގައި ސޮއިކޮށްފައިވާ އެހެން މުސްލިމު ގައުމުތަކުން ވަނީ، މި މައްދާ އިސްތިސްނާކޮށް ރިޝަވޭޝަން ލާފައެވެ. އެފަދަ ރިޝަވޭޝަންސްތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ، އެ ގައުމުތަކުގެ ގާނޫނު އަސާސީ ނުވަތަ އިސްލާމީ ޝަރީޢަތާއި ޚިލާފް ކަންކަން ހިމެނޭ މާއްދާއެއްކަމުގައި ވާތީވެ އިސްތިސްނާ ކުރާކަމުގައެވެ.

މައިގަނޑު މުޢާހަދާގައި ރާއްޖެއިން ބައިވެރިވެރިވި ފަހުން 14 އަހަރު ވެފައިވާއިރު، މާބޮޑެތި ކަންބޮޑުވުންތަކެއް ފާޅުވެގެން ގޮސްފައި ނުވިނަމަވެސް، ރާއްޖޭގެ ފަރާތުން ތަސްދީގު ކުރުމަށް ކެބިނެޓުން ރޭގައި ނިންމުނު މުޢާހަދާ، "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް" ގައި ރާއްޖެ ބަނދެވިއްޖެނަމަ، އަޅުގަނޑުމެންގެ 800 އަހަރަށްވުރެ ގިނަ ޒަމާންވީ އިސްލާމީ އުސޫލުތައް ގެއްލުވާލުމުގެ ގާނޫނީ ބާރު، އެފަދަ ކަންކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފަހިވެގެން ދިޔައީއެވެ.

"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް" މި މުޢާހަދާގެ މައިގަނޑު މަގްސަދަކީ، "އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް" މި މުޢާހަދާގައި ބަޔާންކުރާ އެންމެހައި ކަންކަން ތަންފީޒުވެގެން ދޭތޯ ކަށަވަރު ކުރުމެވެ. އަދި ނުދާނަމަ، "ހައްގުތައް" ގެއްލޭ ފަރާތްތަކަށް، ބައިނަލް އަގްވާމީ ދަރަޖައިގައި ޝަކުވާހުށައެޅުމާއި، ބައިނަލް އަގުވާމީ ކޯޓުތަކަށް ގޮސް، ދިވެހި ދައުލަތާއި ދެކޮޅަށް ފަރުދީ ގޮތުންވެސް ދައުވާ ކޮށް "ހައްގުތައް" ހޯދުމަށް މަސައްކަތް ކުރުމުގެ ފުރުސަތު އެންމެހައި ދިވެހީންނަށް ލިބިގެން ދިޔައީއެވެ.

ރާއްޖޭގެ ކޯޓަކުން ކުރާ ކައިވެންޏެއް، އަނބިމީހާއަށް ވަރިކުރެވޭނެ ކަމަށް ދުނިޔޭގެ އެހެން ކޯޓަކުން ކަނޑައެޅުމަކީވެސް ލިބިގެންދާނެ ފުރުޞަތެކެވެ. ރާއްޖޭގެ ކޯޓުތަކުން، ޝަރީޢަތާއި އެއްގޮތަށް ނިންމާ ޢާއިލީ މައްސަލަތައް ނުވަތަ ޙަޟާނާތުގެ މައްސަލަތައް ދުނިޔޭގެ އެހެން ކޯޓަކުން، ދިމާ އިދިކޮޅަށްޖެހުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. ދީނީގޮތުން ނޫނަސް، އިޖްތިމާޢީ ގޮތުންވެސް ގައުމުގައި އުފެދޭނެ މައްސަލަތައް ހިތައްގެންނަވާށެވެ! މިއީ ހަމަ އިންސާނީ ހައްގުތައް ތޯއެވެ؟ އަޅުގަނޑުގެ ދުޢާއަކީ މިފަދަ ދުވަހެއް މި މުސްލިމް ދައުލަތަށް މާތްﷲ ނުދެއްކެމެވެ.

ކޯލިޝަންގެ އިތުރުން އިދިކޮޅު ސިޔާސީ ލީޑަރުންނޭވެ! ސިޔާސީ މަންފާއަކަށްޓަކައި "ތެޔޮ ވަޅެއް" ގެ ތުންފަތްމަތީގައި އެނބުރެން ނުތިއްބަވާށެވެ. ގައުމުގެ ޒުވާނުންނޭވެ! ޕަބްޖީއާއި "ޝަރުމީލާ" ހޯދުމުގެ އަވައިގައި ޖެހި ގައުމުގައި ވާއެއް ނުވާއެއް ނޭނގޭ ދަރަޖައަށް ވެއްޓި ނުދާށެވެ. މީޑިއާތަކެވެ ! އަލިފާން ފޮއްޓެއްތޯ ކޮތަރު ކޮއްޓެއްތޯ ބެލުމުގައި އަވަދިވެގޮސް، ގައުމުގައި ހުރި އަންދާޒާ ނުކުރެވޭވަރުގެ ގެއްލުންބޮޑު ހައްސާސު މައްސަލަތަކާއި ކަންބޮޑުވުންތައް ހާމަކޮށް ދައުލަތުގެ ސަމާލުކަމަށް ގެންނަވައި އިސްލާޙްކުރުމަށް އެހީވެދެއްވާށެވެ.

އާދޭހެވެ! އާދޭހެވެ! އަދިވެސް އާދޭހެވެ! އިސްލާމް ދީނުގެ މަތިވެރި ނިޢުމަތުގެ ޢަޤީދާ، ގާދޫކޮލުން ބޭރުވާން ހިފައިފިއެވެ. "ބޭރު އޮއި" ދަމަމުންދަނީ ނުހަނު ބާރަށެވެ. އިސްލާމް ދީނުގެ އުސޫލުތައް ދޫކޮށްލާފައި ލިބޭނެ، އުޚްރަވީ ކިއެއްތަ، ދުނިޔަވީ މަންފާއެއްވެސް ނޯންނާނެކަން ކަށަވަރެވެ. ހޯދޭނެ އިންސާނީ ހައްގެއްވެސް ނޯންނާނެއެވެ.

(فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ)

"މާތް ﷲ ގެ އަމުރުފުޅާއި ޚިލާފްވާ މީހުން، ބިރުވެތިވެ އިންޒާރު ލިބިގަންނާށެވެ! އެބައި މީހުންނަށް ދުނިޔެމަތީގައި މުޞީބާތެއް ކުރިމަތިވެ، ނުވަތަ އާޚިރަތުގެ ޢަޛާބާއި ކުރިމަތި ލާންޖެހިދާނެ ކަމަށްޓަކައެވެ"

ألا هل بلغت: اللهم فاشهد.....