-
-
ލަސްނުކުރައްވާ އޭގެ ޙައްޤުވެރިންނަށް ޙަވާލުކުރައްވާ

ލަސްނުކުރައްވާ އޭގެ ޙައްޤުވެރިންނަށް ޙަވާލުކުރައްވާ

އެންމެވެސް ޤަބޫލުކުރާނެގޮތުގައި މިއަދަކީ ދިރުއުޅުމުގެ ވަށްޓަފާޅި ބަދަލުވެ ބޮޑެތިގޯތިތައްދޫކޮށް މަތިމައްޗަށްހުރި ގޮޅިތަކެއްގައި އުޅެންޖެހިފައިވާ ޒަމާނެކެވެ. މިއަދަކީ މަސްދޯނި ދުއްވާ މަސްވެރިންވެސް އެމީހުންގެ އަނބިންލައްވައި މަސްކައްކާ ރިހާކުރު ކައްކާ ޒަމާނެއްވެސް ނޫނެވެ. މިއަދު މިވަނީ މަސްވެރިން މަހަށްދިޔުމުގެ ވަށްޓަފާޅިވެސް ބަދަލުވެ ކޮންމެ މަސްވެރިއަކަށްވެސް އޮޑީގައި ހަމަޖެހިލައިގެން ނިދާލެވޭނެ އިންތިޒާމުވެސް ހަމަޖެހިފައެވެ. އަދި  އަމިއްލަ ކާރުގައި ބަދަރަށްއައިސް ހެދުން ބަދަލުކޮށްލައިގެން މަހަށްގޮސް އަނބުރާއައިސް ނަލަހެދުމުގައި އަނެއްކާވެސް އަމިއްލަކާރުގައި ގެއަށްދާ ޒަމާނެވެ.

ADS BY FENVARU

އެއިރު އަންހެނުންނާއި ތުއްތުކުދިންކޮޅު ތިބޭނީ ސިޓިންގރޫމުގައި ޓީވީ ޝޯވްތައް ބަލާށެވެ. ފިރިމީހާ ގެއަށް އައިކަމެއް އަދި ކާންދޭންވާނެކަމެއް އަނބިން ވިސްނައި އެކަމަށް ވަގުތުހުސްކުރާ ޒަމާނެއްވެސް ނުމެ ނޫންމެއެވެ. މިއަދު މިވަނީ ފިރިންނާއި އަނބިންގެ ހަމަހަމަކަން ދުނިޔެއަށް އާންމު ވެފައެވެ.

އަޅުގަނޑުމެން މިއަދު މުޅިދުނިޔެއިންވެސް މިސާލު ނަގަމުންމިދާ ސިންގަޕޯރ ގައި ވެސް ފުރަތަމަ ބޯހިޔާވަހިކަން ތަރައްޤީކުރީ ވަރަށްކުދި ހަމަ 500 ވަރަކަށް އަކަފޫޓްގެ ފުލެޓް ތަކެއްގައެވެ. މިއަދު އަޅުގަނޑުމެން ދިވެހިންގެ ދިރިއުޅުން ފުލެޓްގެ މާހައުލަށް ބަދަލުވާއިރު ސަރުކާރަށް ކެރިފޯރުންހުރި މިންވަރުއެއީ ރައްޔިތުންވެސް ޝުކުރުކޮށް ބަލައިގަންނަން ޖެހޭނެ މިންވަރެވެ.

މިދެންނެވި ސިންގަޕޯރގައި އެބައިމީހުން ދިރިއުޅުނީ ގޭގައި ބޭނުންކުރާ ތެލިތަށި އެލެކްޓުރި އަދި ހިފައިގެންގުޅޭ  ސާމާނުތައް ވީހައިވެސް މަދުން ބޭނުންކޮށްގެންނެވެ. އެހެންކަމުން މިއަދުގެ މިދަތިޙާލުގައި ދިވެހިންވެސް ލިބުނު ތަންކޮޅުގެ ބޭނުންހިފައި ޝަކުވާނުކޮށް ޚަރަދުތައްކުޑަކޮށް އެހެންދުވަހަކުން ދިރިއުޅުންތަނަވަސް ތަނަކަށް ބަދަލުކުރާނެ ތަނަވަސްކަމެއް ހޯދުމަށް ފަހަށް ރަށްކާކުރަން މިއަދުމިވަނީ ބޭނުންވެފައެވެ.

ދިވެހި ރައްޔިތުން ޤަބޫލުކުރާނެގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އަޅުއްވައިދެއްވި 7000 ފުލެޓަކީ ވަރަށްކުދި އަދި އެހައިމެ ތަނަވަސްކަންކުޑަ ތަންތަނެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި އެމަނިކުފާނު އެގޮތަށްނަމަވެސް އެ 7000 ފުލެޓް އެޅުއްވީ ވަގުތީގޮތުންނަމަވެސް މާލޭގެ ގެދޮރުގެ ކުލީގެ ޙާލަތު ހަމައަކަށްއަޅުއްވައި ދެއްވައި ދަތިހާލުގައި 600 ވަރަކަށް އަކަފޫޓްގެ ފުލެޓެއްގައި ވިއްސަކަށް މީހުން ދިރިއުޅެމުންއައި ހާލަތު ބަދަލުކޮށް ކޮންމެ ކުޑަ ޢާއިލާއަކަށް ދިރިއުޅެވޭނެ ވަގުތީ ހަމަޖެހުމެއް ހޯއްދަވައިދެއްވުމުގެ މަތިވެރި މަޤުޞަދުގަ އެވެ.

ފިކުރުބޮޑުވެ ގޮތްހުސްނުވެ ޝަކުވާ ނުކުރައްވައި އެފުލެޓްތަކަށް ވަޑައިގެން މާދަމާ އެއަށްވުރެ ތަނަވަސް ގެދޮރަށް ވަޑައިގަތުމުގެ އުންމީދުގައި ފަހަށް ރައްކައު ކުރައްވާށެވެ. މިއަދުގެ ޅަދަރިން މާދަމާބޮޑެތިވެ މިއަދު މަންމައާއި ބައްޕަ އެކުދިންނަށް ތަޢުލީމް ހޯއްދަވައިދެއްވުމަށް ތަޖްރިބާކުރެއްވި ބޮޑު ޤުރުބާނީ ހަނދާންކޮށް އެކުދިންގެ މަންމައާއި ބައްޕަ މުސްކުޅިވާދުވަހު ތަނަވަސް ޙާލަތުގައި ގެންގުޅޭނެކަމުގެ ފޮނިއުއްމީދުގައެވެ.

ހަމަމިއާއެކު ސަރުކާރަށް ކިރިޔާވެސް ކެރިފޯރުންތެރިކަން ހުރިނަމަ މި 7000 ފުލެޓްގެ ތެރެއިން 3000 ފުލެޓްދެއްވަންވީ ވަޒީފާއެއް ނުލިބިގެން މާލެއަށް ހިޖްރަކުރި ސަރުކާރުގެ ސިވިލް ސާވަންޓުންނަށް މުޅިންހިލެއެވެ. އެއީ ސަރުކާރުގެ ވަޒީފާ ދޫކޮށްލިއަސް އަދި ހަމަޖެހިފައިވާ އުޞޫލުން ވަކިކުރިއަސް އެތަންތަން ސަރުކާރަށް އަނބުރާދޭންޖެހޭ އުޞޫލުންނެވެ. އެއިރުން ސަރުކާރުގެ މުސާރަ ކުޑަކަމުން ކުރަމުންއައި ޝަކުވާއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެއެވެ. މިއަދުގެ މިޙާލަތުގައި ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ ކުރެވިދާނެކަމެއްވެސް ނޫނެވެ. މިއަދުގެ މުސާރަތަށް ބޮޑުކުރައްވާ ދުވަހަކުން އެބޮޑުކުރެއްވި ޢަދަދެއް މިދެންނެވި ފުލެޓްދިން ފަރާތްތަކުން ކެނޑިވެސްދާނެއެވެ.

ސިޔާސީ ޕާޓީތަކަކީވެސް ޤައުމު ފަސާދަކުރަން ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާ އޮނިގަޑެއްނޫނެވެ. އަބަދުވެސް ޤައުމުގެ ހަމަޖެހުމާއި ރައްޔިތުން ބިނާކުރަން މަސައްކަތްކޮށް ޤައުމުގެ ހަމަޖެހުމާއި ކަރާމަތަށް ވިސްނެވުން ރަގަނޅުވާނެކަމަށް އަޅުގަނޑު ދެކެމެވެ. ހަމައެފަދައިން އެ ފުލެޓްތައް ބިނާކުރުމުގައި ކަރަޕްޝަނުގެ ޢަމަލެއް ހިންގާފައިވާނަމަ އުޞޫލުގެ ތެރެއިން ފިޔަވަޅު އެޅުއްވުމަށްވެސް ގޮވާލަމެވެ.

މިއަދުމިވަނީ ގެދޮރުގެ ދަތިކަން އިންތިހާއަށްގޮސް ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ވަރަށްނިކަމެތިވެފައެވެ. ވީމާ އަޅުގަނޑުދަންނަވާނީ ވީހާވެސް އަވަހަކަށް މި ފުލެޓްތަށް އެހުރިގޮތަކަށް ރައްޔިތުންނަށް ދެއްވަވާ ސަރުކާރުގެ ފަރާތުން އެ އިމާރާތްތަކުގެ ސަލާމަތީ ކަންކަން (އަލިފާނުގެ) ފުރިހަމަކުރެއްވުމަށެވެ.

ރައްޔިތުން ޤަބޫލުކުރާނެގޮތުގައި ފުލެޓްތައް އެހުރިގޮތަކަށްނިމި ފާއިތުވެމިދާ ދެއަހަރަކީ އެބައިމީހުންގެ ހިތްތަކުން ސަރުކާރުގެ މައްޗަށް ނުރުހުން ބަންޑުންކޮށްލާނެ ދިގު ދުވަސްތަކެކެވެ. ފުލެޓްތައް ހުރިގޮތް މިހާރުމިވަނީ ހާމަވެފަ އެވެ. ވީމާ އެކަމުގެ ޝަކުވާއެއް އޮތްނަމަ ކުރާނީ ރައީސް ޔާމީނުގެ ސަރުކާރަށް ކަމަށް ޤަބޫލުކުރެވެ އެވެ. ފުރަތަމަވެސް ލަސްނުކުރައްވައި ފުލެޓްތައް އޭގެ ޙައްޤުވެރިންނަށް ޙަވާލުކުރެއްވުމަށް ގޮވާލަމެވެ. އިންސާނުންނަކީ ކެތްތެރިކަންކުޑަ ބޭނުންތައް ގިނަ ބައެއްކަން އެންމެންވެސް ދަންނަންޖެހެއެވެ.

ލިޔުނީ އޯކޭ ޒާޙިރު 2020