-
-
ޝަރުމީލާ އަކީ އަބަދުވެސް ޙަޤީޤީ ނަސީބުވެރިޔާ ހެއްޔެވެ؟

ޝަރުމީލާ އަކީ އަބަދުވެސް ޙަޤީޤީ ނަސީބުވެރިޔާ ހެއްޔެވެ؟

އެންމެން ދައްކަނީ ޝަރުމީލާގެ ވާހަކައެވެ. ހޮޅުއަށިތަކާއި އުނދޯލިގެތަކާއި ކާގެތަކުގައެވެ. ހޮޓާތަކާއި ރެސްޓޯރެންޓް ތަކުގަ އެވެ. ދެ އަންހެނަކު ބައްދަލުވިޔަސް އެ ވާހަކަ އެވެ. ފޯނުން ވެސް އެ ވާހަކައެވެ. ޝަރުމީލާ ކުއްލިއަކަށް ކަޅުހެދުންލީ އެވެ. މޫނު ބުރުގާ ވެސް އެޅީ އެވެ. އެކަމަކު ކުރިން ޝަރުމީލާ އުޅުގޮތުން މީހުންނަށް އެކަން ގަބޫލުކުރަން ދަތިވީ އެވެ. ހަޖަމު ނުވަނީ އެވެ. ބަލައިގަންނަން ބޭނުން ނުވަނީ އެވެ.

ADS BY FENVARU

ޝަރުމީލާއަކީ ކުރީގައި މީސް މީޑިއާގެ ހުރިހާ މަންސަ ތަކަކަށް ހެޔޮވަރު ކުއްޖެ ކެވެ. ޙަޤީޤަތުގައިވެސް ރީތީގެ ރާނީއެ ކެވެ. ހެދިހުރި ތެދު ހަށިގަނޑަކާއި ހަމަ އިސްކޮޅެކެވެ. އިސްކޮޅާ ރޫފަ ގުޅިފައި ރީތި ދިވެހި ދޮންކުލައެކެވެ. އިންސްޓަގްރާމަށް ބަރާބަރަށް ފޮޓޯ އަޅާ ޒުވާނެކެވެ. ގަޔަށް ބާރު ކުރު ޓޮޕްކޮޅުތަކާއެކު ގައެވެ. ކަރުވަޅާއި އަތްވަޅު ބޮޑެތި ހެދުންތަކާއެކުގައެވެ. އެކި ކުލަކުލައިގެ ތުނިތުނި ނިދާ ހެދުންތައް ކަހަލަ ހެދުން ތަކުގައެވެ.

ބޮލުގެ އިސްތަށިގަނޑުގައި އެކި ދުވަހު އެކި ކުލައެވެ. އެކި ސްޓައިލެވެ. ބައެއް އިރަށް ކުރެވެ. އަނެއް ބައި އިރަށް ދިގެވެ. ބުޅިކޮށާއި ފަންކޮށެވެ. ތުންފަތުގައި ވެސް އެކިއެކި ކުލައެވެ. ހެދުމާ ގުޅެއެވެ. ހިމަހިމަ ކޮށް ކުރަހާފައިވާ ހިތި ފަތު ބުމަ އެކެވެ. ބައެއް ފަހަރަށް ތަންކޮޅެއް ބޮޑަށް މޭކަޕްކޮށް ފައެވެ. އަނެއްބައި ފަހަރަށް ވަރަށް ރީތި ސާދާ މޭކަޕެކެވެ. މޭމައްޗާއި ކަނދުރާމަތި ހާމައަށް އޮތުމަކީ އޭނާއަށް މައްސަލައެއް ނޫނެވެ.

ލާ ހެދުންތައް ބާރުކަމުން ގައިގެ ހުރިހާ ވަނާއެއް ފާޅުވިޔަސް އެ ގޮތް މާ ރީއްޗެވެ. ފޭސްބުކާއި ޓްވިޓާގައި ވެސް ޝަރުމީލާ ފަހަތުން ދުވާ އެތައްހާސް ރަހުމަތްތެރިންނެއް އުޅެއެވެ. ޓިކްޓޮކްތަކަށް ތަރުހީބު އޮހެނީއެވެ. އެހެން އުޅެމުން އައި ކުއްޖަކު ކުއްލިއަކަށް މޫނު ބުރުގާ އެޅީމާ މީހުން ހައިރާން ވީއެވެ. އެ ވާހަކަ ދައްކަނީއެވެ.

އެކަން އެންމެ ރަނގަޅަށް ގަބޫލުކުރަނީ ޚުދު ޝަރުމީލާއެވެ. މިކަމާ އަހަރެން ޖެހޭނީ ހިތްވަރާއެކު ކުރިމަތިލާށެވެ. ދުވަސް ކޮޅަކުން މިހާރު މި އަރައިގެންއުޅޭ ފޯރިގަނޑު ކެނޑިދާނެއެވެ. އެކަމަކު އެކަން ގަބޫލުނުކުރަނީ އޭނާ ފުން ދެލޮކެވެ. އެ ދެ ލޮލުން ފައިބާ ކަރުނަތައް މޫނު މަތިން ވައްޓާލައިފައިވާ ކަޅު ފޮތިކޮޅު ފޯކުރަނީއެވެ.

ޝަރުމީލާއަށް ކުރިން އުޅެވެމުން އައީ ރަނގަޅަށް ނޫންކަން އެނގުނީ ފާޒު އާ ބައްދަލުވި ފަހުންނެވެ. އެއީ ފުރަތަމަ މީސް މީޑިއާގެ އެކުވެރިއެކެވެ. ފާޒަށް ޝަރުމީލާ ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމާ ހައިރާންވާހާ ވެއެވެ. އެކި ދުވަސްމަތިން ދެކެވުނު ވާހަކަތަކާއެކު ޝަރުމީލާގެ މުޅި ބިތުފަންގި އެއްކޮށް އޭނާ ހިއްލާލިއެވެ. އެކިއެކި މީހުންނާ އޮތް އެކިވަރުގެ ގުޅުންތަކެވެ. އެކި މީހުން ދީފައިވާ އެކި ވަރުގެ ހަދިޔާތަކެވެ.

އޭގެ ތެރެއިން ވެސް ފާހަގަވަނީ ބޮޑެތި ވިޔަފާރިވެރިންނާ އޮތް ގުޅުމެވެ. އެ މީހުންގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި އެކިރޭ ހޭދަކުރި އުފާވެރި ވަގުތުތަކެވެ. އެ ވިޔަފާރިތަކުގައި ހޮވި އެކިއެކި ނަސީބުވެރިންގެ ނަމުގައި ޝަރުމީލާ އަދާކޮށްދިން މުހިންމު ދައުރެވެ. ގުރުއަތުން ނަސީބު ދިމާވާ މީހެއްގެ ކަންތައް ޝަރުމީލާ ހަމަޖައްސާލާ ގޮތެވެ. އެއްލައްކަ ދެލައްކަ ރުފިޔާގެ ނަސީބުވެރިންނަށް ހުޅުވާލާ ކޮންމެ ފުރުސަތެއްގައި ޙަޤީޤީ ނަސީބުވެރިޔަކީ އަބަދުވެސް ޝަރުމީލާ އެވެ.

ބައެއް ފަހަރު ޓީވީންނާއި ފޭސް ބުކާއި އިންސްޓަގްރާމުން ވެސް ލައިވް ކުރާނެއެވެ. އެއީ މުޅިން އޮޅުވާލުމެވެ. ދައްކާނީ ނަސީބުވެރިޔާގެ ފޯނު ނަންބަރެވެ. އެ ނަންބަރުގެ ޙަޤީޤީ ވެރި ފަރާތަކީ ޝަރުމީލާއެވެ. އެ ފައިސާއަކީ ވިޔަފާރިވެރިޔާގެ ޖީބަށް އަނބުރާ ވަންނަ އެއްޗެކެވެ. އެކަން ފާޒު އޮތީ ހޯދާފައެވެ.

ފާޒަށް އެ ހުރިހާކަމެއް އެނގުނީ ކިހިނެތްކަމެއް ނޭނގެއެވެ. އޭނާ ދައްކަނީ ޙަޤީޤީ ވާހަކައެވެ. މުޅިން ތެދެވެ. މި ހިސާބުން ދެން ސަލާމަތްވާން އޮތީ މޫނު ބުރުގާ އަޅައިގެންނެވެ. ހަތަރު އުދަރެސް ފެނުޖެހުނީއެވެ.

ޝަރުމީލާ ގަބޫލުކުރާ ގޮތުގައި މައްސަލައަކީ މޫނު ބުރުގާ އަޅާފައި ނެގި ފޮޓޯ ފޭސްބުކުގައި ހިއްސާ ކުރުމެވެ. ނޫނީ ކުރިން އަޅާފައިހުރި ހުރިހާ ފޮޓޯއެއް ނެގުމެވެ. ޝަރުމީލާއަށް ވިސްނެނީ މިހެންނެވެ. މީ ކުޑަ ދުވަސްކޮޅެއްގެ ކަމެކެވެ. އަހަރެމެންނަކީ ވަރަށް އަވަހަށް ކަންކަން ހަނދާން ނެތޭ ބައެކެވެ. މާބޮޑުވަރު ވަންޏާ މީސްމީޑިއާއިން ނިކުތިމާ ހުރިހާ ކަމެއް އެ ނިމުނީއެވެ. ޝަރުމީލާއަށް ވިސްނައިދީފައިވަނީ މިގޮތަށެވެ.

ޝަރުމީލާގެ ވާހަކަ ހުރިހާ ނޫހެއްގައި ޖަހައިފިއެވެ. ކުރިން ނުދަންނަ އެތައް ބަޔަކު ވެސް ޝަރުމީލާ ދަސްކޮށްފިއެވެ. ރަހުމަތްތެރިވާން މީސްމީޑިއާގައި އާދޭސް ފޮނުވަން ފަށައިފިއެވެ. މި ފޯރިގަނޑެއް މި އެރީ ޝަރުމީލާ މޫނުބުރުގާ އެޅުމާއެކުގައެވެ. ހީވަނީ މީސް މީޑިއާއަށް ބޮޑު ސުނާމީއެއް އެރައިގެން އުޅޭހެންނެވެ. ތަހުގީގު ފަށައިފިއެވެ. ރާއްޖޭގައި ތިބީ ޝަރުމީލާ ކިޔާ 106 މީހުންކަން ހޯދައިފިއެވެ. އަދި އައިޝަތު ޝަރުމީލާ ކިޔާ 15 މީހުންކަން ވެސް ހޯދައިފިއެވެ. އަޅެ މީ ކޮން ކަމެއް ހެއްޔެވެ.

ނޫސްތަކުގައި ލިޔާ ޝަރުމީލާގެ ޚަބަރުތަކަށް ޚިޔާލުތައް އޮއްސަނީއެވެ. ނުލިޔާ ހަޑިހުތުރު ވާހަކައެއް ނެތެވެ. އަޅުވާ ނުކިޔާ މީހަކު ނެތެވެ. ޢާއިލީގޮތުން ކައިވެނި ހުއްދަވާ މީހެއް އެހެން މީހެއް ނުބަލައެވެ. ނުކުރާ ތުހުމަތެއް ނެތެވެ. "ދެން އިވޭނީ ކޮންމެ ވެސް ބޭރު ޤައުމަކަށް ޖިހާދަށް ދިޔަ އަޑު" ޝަރުމީލާ ހިތަށް އެރިއެވެ. ސަހަރޯއެވެ. އެފަދަ އެއްވެސް ވިސްނުމެއް އަހަރެންގެ ނެތެވެ.

"ﷲ އަކުބަރު. އުޚުތާއަށް ސާބިތުކަން ދެއްވާށި. މީހުން ދައްކާ ވާހަކައަށް ނުބަލާ. ޙައްޤުމަގުގައި ކުރިއަށްދޭ. މާޝާﷲ" އެހެން މީހެއްގެ ޚިޔާލެވެ. ޝަރުމީލާ މޫނުބުރުގާ އަޅައިގެން އެއް ބަޔަކު އޭނާއާ ދިމާކޮށް ހަދާއިރު އަނެއް ބަޔަކު ހިތްވަރު ދެނީއެވެ. ހީވަނީ ލޮލުން ފައިބާ ކަރުނަތައް ފޮހެދޭ ހެންނެވެ. ބުރަކަށީގައި ފިރުމާ ހެންނެވެ.

ޝަރުމީލާގެ ދުނިޔެ ކުޑަވާންފެށިއެވެ. އޭނާއަށް ހީވަނީ ފުން އަނދިރިގަނޑެއްގެ ތެރެއަށް ވަދެވޭ ހެންނެވެ. ދުވަހަކު ވެސް ފާޒު ހަމަ ލޮލަކަށް ނުފެނެއެވެ. އެކަމަކު ބަރާބަރަށް ވާހަކަ ދައްކައެވެ. ކަމެއްގައި ދަތިވެގެން ހުންނާކަށް ނުޖެހެވެ. ފައިސާ ފޮނުވައެވެ. އެކަމަކު ހިތްހަމަ ޖެހުމެއް ނުލިބެއެވެ. އެންމެ ބޮޑަށް ހިތް ނުތަނަވަސް ވަނީ އަލަތު ކައިވެނި ދުވަހަކު ވެސް ނުދެކޭ މީހަކާ ކުރަންޖެހޭތީއެވެ. އެއީވެސް ހަތަރު ވަނަ އަނތްބެއްގެ ގޮތުގައެވެ. ކޯޓުން ވެސް ބޭރުގައެވެ. މައިންބަފައިން ނަށް ވެސް ސިއްރުންނެވެ.

ޝަރުމީލާއަށް ހޭލެވުނީ އޭނާ އޮތް ފޭލިގެއަށް ބަޔަކު ހަމަލާދޭން ފެށުމުންނެވެ. ދެކޮޅުން ބަޑިޖަހަނީއެވެ. އަވަސް އަވަހަށް މޫނުގެ ފޮތިގަނޑު ވައްޓާލިއެވެ. ދޭތެރޭ ދޭތެރެއިން މިފަދަ ހަމަލާތަކާ ކުރިމަތިލާން ޖެހެއެވެ. އެއީ ސީރިއާ ސިފައިންދޭ ހަމަލާތަކެއް ނޫނެވެ. އެކަމަކު އެއީ ސީރިއާ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރާ އެހެން ކޮންމެވެސް ޖަމާޢަތެއްގެ ކަމެކެވެ. އެއް ބަޔަކު އަނެއްބަޔެއްގެ މައްޗަށް ގަދަވެގަންނަން އުޅެނީއެވެ. އެއްބަޔަކު އަނެއް ބަޔަކު ކާފަރު ކުރަނީއެވެ. މިއިން ކޮންމެ ޖަމާޢަތެއްގައިވެސް ދިވެހި ހަނގުރާމަވެރިން އުޅެއެވެ. އެއްބަޔަކު އަނެތް ބައެއްގެ އަނބިންނާއި ދަރިން ފޭރި ޖާރިޔާއިންގެ ގޮތުގައި ގެންގުޅެއެވެ.

"މަންމާ. މަންމާ އާދޭ އާދޭ އަވަހަށް އާދޭ" ޝަރުމީލާގެ އަތުގައި ހައަހަރުގެ ދަރިފުޅު ހިފާ ދަމަންފެށިއެވެ. އޭރު އެހެން މީހުން ދަރިންކޮޅު ކިހިލި ޖަހައިގެން ރޮމުންރޮމުން ފޭލިގެއިން ބޭރަށް ނިކުންނަނީއެވެ. މުޅިތަނަށް ވެރިވެފައިވަނީ ރުއިމުގެ އަޑާއި ބަޑީގެ އަޑެވެ. އެއީ ސީރިއާގައި އެންމެ ގިނަ ދިވެހިން ތިބި ފޭލިގެއެވެ. ގިނައީ ޝަރުމީލާގެ ދެމައިން ފަދަ ޖާރިޔާއިންނާއި ޔަތީމު ތުއްތުތުއްތު ކުދިންނާއި ހުވަފަތް އަނބިންނެވެ.

ޝަރުމީލާ ބޭރަށް ނިކުންނަށް ތެދުވިއެވެ. ދުއްވައިގަންނަން ބޭނުންވިއެވެ. އެކަމަކު ދުއްވައި ގަނެވޭނީ ކިހިނެތް ހެއްޔެވެ. ދުވަސް ފުރިފައިވާ ބޮޑު ބަޑާއެކު އޭނާއަށް ހިނގާބިނގާވެ އުޅެން ވެސް ދައްޗެވެ. އެކަމަކު ހިތްވަރު ކޮށްފައި ދަރިފުޅުގެ އަތުގައިހިފައިގެން ފޭލިގެއިން ނުކުތެވެ. އެ ވަގުތަކީ ބޮލާ މޫނު ނިވާކޮށްގެންހުރި ހަނގުރާމަ ވެރިޔަކު ފޭލިގޭ ކުރިމައްޗަށް ކުއްލިއަކަށް ނުކުމެ ތަނެއް ދޮރެއް ނުބަލައި ބަޑިޖަހަން ފެށި ވަގުތެވެ. ފުރަތަމަ ވެސް އޮޓޯގައި ކޮށްލީ ސްޕްރޭ އެވެ. އެ ވަގުތު އެ ބޮޑު ބަނޑާއެކު ޝަރުމީލާ ސަރަހާގެ ވެލިގަނޑުގެ ތެރެއަށް ވެއްޓުނެވެ. މޫނު ވަތަށެވެ. އޭނާގެ ދަރިފުޅު ރޮމުންރޮމުން އައިސް ޝަރުމީލާގެ ގައިގައި އޮޅުލައިގަތެވެ. މަންމާއެވެ. މަންމާއެވެ. ތުއްތު ދަރިފުޅު ޝަރުމީލާގެ މޫނުން ވެލި ފޮޅައިދޭން ފެށިއެވެ. އެ ވަގުތު ހިތްވަރުކޮށްފައި ލޯހުޅުވާލިއެވެ. އެންމެ ފަހު ވަގުތު ވެސް ލޯބިވާ ދަރިފުޅު ދެކިލުމަށެވެ. ބޯ ހިއްލާލިއެވެ. ޝަރުމީލާއަށް ފެނުނީ އޭނާގެ ކުރިމަތީގައި ބަޑިއެއް ހިފައިގެން ފާޒު ހުއްޓައެވެ. މޫނު ނިވާކޮށްގެން ހުއްޓަސް އެ ދެލޯ އޭނާ ހިތުދަހެވެ. "ފަ ފަ ފާ ޒު...." ކުއްލިކުއްލިއަށް ޝަރުމީލާއަށް ލެވެމުންދިޔަ ކުރު ނޭވާ ހިމޭންވިއެވެ. އޭނާއަކަށް ހަމަ އެންމެ ޖުމުލައެއް ވެސް ނުބުނެވުނެވެ.

(ނިމުނީ)