-
-
ރާއްޖޭގެ ފަރާތުން ތަޞްދީޤުކުރުމަށް ކެބިނެޓުން ނިންމާފައިވާ "އޮޕް ޝަނަލް ޕްރޮޓޮކޯލު" އެނގޭހެއްޔެވެ! އޮޕްޝަނަލް ޕްރޮޓޮކޯލު ޓު ދި އައިސީއީއެސްސީއާރު ރާއްޖޭގެ ފަރާތުން ތަސްދީޤުކުރުމަށް ނިންމުނު ކެބިނެޓް ބައްދަލުވުން (24.6.2020) / ފޮޓޯ / ރައީސް އޮފީސް

ރާއްޖޭގެ ފަރާތުން ތަޞްދީޤުކުރުމަށް ކެބިނެޓުން ނިންމާފައިވާ "އޮޕް ޝަނަލް ޕްރޮޓޮކޯލު" އެނގޭހެއްޔެވެ!

ދުނިޔޭގައި ގައުމުތައް ގުޅިގެން އުފައްދާފައިވާ އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ބައިނަލް އަގުވާމީ ޖަމާޢަތްކަމުގައިވާ، އެކުވެރިި ދައުލަތް (އދ) އަކީ، ތަފާތު އެކި ދާއިރާގެ ތެރޭގައި ހަރަކާތްތެރިވާ ގިނަ ގުނަވަން ތަކެެއްގެމައްޗަށް އެކުލެވޭ ޖަމާޢަތެކެވެ.

ADS BY FENVARU

އިގްތިސާދާއި، ތައުލީމާއި، ސިއްހަތުފަަދަ އަސާސީ ކަންކަން، އެންމެހައި މެމްބަރު ގައުމުތަކުގެ މެދުގައި ހަމަހަމަ އުސޫލަކުން ކަށަވަރުކޮށް ތަރައްގީ ކުރުމަކީ، އެޖަމިއްޔާ ވުޖޫދުވި ސަބުބުގެ ތެރަށް އިތުރުކުރެވުނު ބޮޅުތަކެވެ. ދެވަނަ ބޮޑުހަނގުރާމައަށް ފަހުގައި އދ "ވިއްސުވަން" މަޖްބޫރުވީ، ދޭދޭ ގައުމުތަކުގެ މެދުގައި އުފެދިގެންދާ ނުތަނަވަސްކަން ހަނގުރާމަތަކަށް ބަދަލު ވެގެންގޮސް، އިޢާދަ ނުކުރެވޭވަރުގެ ގެއްލުންތައް މުޅި ދުނިޔެއާއި އިންސާނިއްޔަތައްވެސް ލިބިގެންދާތީވެ، އެފަދަ ކޯޅުންތައް ހުއްޓުމަށް ނުވަތަ މަތަކުރުމަށް، މުޅި ދުނިޔޭގެ ބަލަދުވެރިއެއްގެ ގޮތުގައި ޖަމާއަތެއް އޮންނަންޖެހޭކަމަށް ގަބޫލުކުރެވުނު ހިނދުއެވެ.

މުޅި ދުނިޔޭގެ ސަލާމަތާއި، އަސާސީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމުގެ މަތިވެރި މަގްސަދު ހާސިލުކުރުމަށް އުފެއްދުނު މިޖަމްއިއްޔާގެ ތެރެއަށްވެސް، ފައިސާވެރި ގައުމުތަކުގެ ނުފޫޒާއި އެކު، "ބޮޑު" ޚިޔާނާތަށް ވުރެންވެސް ބޮޑެތި ކޮރަޕްޝަނުގެ ވަކިތައް ފާއްދާލެވެން ފެށިއެވެ. އަސްލު މަގްސަދު މިހާރުވަނީ، ނުހަނު ގަދަ "އޮފަކުން" ދުނިޔޭގެ ހަތަރު އުދަރެހަށް ވިދައި ބަބުޅާފަދަ ގޮތަކަށް ނަން ފިލާގަނޑެއްގައި އަޅުވާ ލެވިފައެވެ. އަކުރުކޮޅު އެކަންޏެވެ. ހަގީގީ މަގްސަދު އޮތީ "މަތާރަން ފިލާ" މަތީގައި ހިރަފުސްއަރައި ފޮރުވިފައެވެ.

ޢިރާގާއި މިޞްރާއި ލީބިޔާގައި ހިންގާފައިވާ ކަންކަމާއި، ޕަލަސްޠީނާއި ޔަމަނާއި ސޫރިޔާގައި ހިންގަމުން ދާކަންކަމީ، ކުޑަކުދިންނާއި އަންހެނުން ލައިގެންތިބޭ ހެދުމަށް ރުލެއްވެސް އަރައިގެން ނުދާނެހާ ފުރިހަމަކޮށް، އިންސާނީ ހައްގުތައް ކަށަވަރުކުރެވިގެން ހިންގެމުންދާ ކަންކަން ވިއްޔާއެވެ!

ކިތައްމެ ގަބޫލުކުރަން ދަތި ނަމަވެސް، އެކުވެރި ދައުލަތް މިއަދު މިވަނީ، ނުފޫޒު ގަދަ ބައެއްގެ "ގޮނޑި ކޮއްކޮ" އަކަށް ބަދަލުވެ، ޢަދުލުވެރިކަމާއި އިންސާނީ ހައްގުތަކަށްވުރެ، ވަކިބައެއްގެ ހަވާނަފްސުގެ އެދުންތަކާއި އަމިއްލަ އެދުން ހާސިލުކުރުމަށް "ޕްރޮޕެގެންޑާ" ވިހަން މަޖްބޫރުވާ "މަޔަކަށް" ބަދަލުވެފައެވެ. އެފްރިކާ ބައްރުގެ ފަގީރު ގައުމުތަކާއި، ޢަރަބި އިސްލާމީ ބިންތަކުގައި ލެއްވިފައިވާ ގުދުރަތީ މުއްސަނދިކަން، ދޭމީހާ ދިނުމުން ކާމީހާ ބެލުމެއްނެތި ކެއުމުގެ އިތުރުން، ނުދީފިނަމަ "ޖަހައިގަނެގެން" ނަމަހީވެސް، އަބަދުމެ "ދަ ގްރޭޓް"ގެ ގޮތުގައި މުޅި ދުނިޔެއަށް ހަންފެތުރުމެވެ. މި މަގުސަދަށް ވާސިލުވުމަށް ކުރިމަތިވާނެ އެންމެބޮޑު ހުރަހަކީ، މުސްލިމު އުންމަތް އެއްބައެއްގެ ގޮތުގައި، އެކަތި ގަނޑަކަށްވެ ސާބިތު ޢަޤީދާއެއްގެ މަތީގައި ތިބުންކަން، އަހަރެމެނަށްވުރެ ބޮޑަށް އެއުރެންނަށް އެނގެއެވެ.

ނަތީޖާއަކަށް ވެގެން ދިޔައީ، އިހު ޒަަމާނުގައި ވިހަން ތަނަށްއަރައި، ވިހުމަށް ދަތިވާ މައިންނަށް ބިލެއް ގަނޑަކަށްލައި ކިލާފަނި ކާންދޭ އުސޫލުން، އިސްލާމް ދީނާއި ދިމާ އިދިކީލި، އެދީނުގެ މަތިވެރި ނިޢުމަތުގައި ކުޑަވެސް ނަސީބެއް ލިބިގެންނުވާ ކަންކަން، މުސްލިމުންގެ ތެރޭގައި ފެތުރުމަށް "ދެފަންޖެހި އޮތްޔާއިގެން" ދުވަންފެށުމެވެ. އިންސާނީ ހައްގުތަކާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައްފަދަ ރިވެތި ނަންތަކެއް ދީގެންނެވެ. މުސްލިމެއްގެ ކައިރީގައި ފާޅުގައި ނުކުމެ ޒިނޭކުރާށޭ "އޯކޭ" ވާނެއޭ ބުނެފިނަމަ، ނުވަތަ ފައްޅިޔަކަށްގޮސް ބުދައް އަޅުކަން ކުރާށެ ބުނެފިނަމަ، ނުވަތަ އެއްޖިންސުން ކައިވެނިކުރާށޭ ބުނެފިނަމަ، އެހެން ބުނާމީހެއްގެ ކަންފަތްމައްޗަށް "އަތްދޮވެލާނެ" ނޫންހެއްޔެވެ.! އޭގެ ބަދަލުގައި، އުފަންވެނި ސިއްހަތުގެ މައުލޫމާތައި ތަމްރީނޭ، ޔޯގާއޭ، ނުވަތަ ދެޖިންސު ހަމަހަމަ ސަގާފީ ހައްގުތަކޭ ބުނެފިނަމަ، ރޭކާނުލާމެ ތިބެވިގެން ނަމަހީވެސް އެކަންކަމަށް އަތްޖަހަމުން އެބަގެންދޭތާއެވެ. ފަރުދުންގެ ލެވަލުގައާއި ގައުމީ ލެވަލުގައިވެސް މެއެވެ.

މީގެ ދެތިން ދުވަހެއްކުރިން ދިވެހި މުސްލިމު މި ދައުލަތުގެ ކެބިނެޓުން، ރާއްޖޭގެ ފަރާތުން ތަސްދީގު ކުރެއްވުމަށް ނިންމި، "އޯޕީއައިސީއީއެސްސީއާރު" ވެސް މިފަދަ މަންޒަރެކެވެ.

"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދި އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް" ނުވަަތަ "އޯޕީއައިސީއީއެސްސީއާރު" އަކީ، 10 ޑިސެމްބަރ 2008 ގައި އދ. ގެ އާއްމު މަޖްލީހުން ފާސްކޮށް، 24 ސެޕްޓެމްބަރ 2009 ގައި ސޮއިކުރުމަށް ހުޅުވާލެވި އަދި 05 މެއި 2013 އިން ފެށިގެން ޢަމަލު ކުރެވެމުން އަންނަ، "އިންސާނީ ހައްގު" ތަކާއިބެހޭ މުޢާހަދާއެކެވެ.

ރާއްޖެއިން މި މުޢާހަދާ ތަސްދީޤު ކުރުމަށް ކެބިނެޓުން ނިންމާފައިވާއިރު، މި މުޢާހަދާގައި މިހާތަނަށް ސޮއިކޮށްފައިވާ 45 ގައުމުގެ ތެރޭގައި މިހާރުވެސް ރާއްޖެ ހިމެނެއެވެ. ރާއްޖެއިން މި މުޢާހަދާގައި ސޮއި ކޮށްފައިވަނީ، 21 ސެޕްޓެމްބަރ 2011 ގައި ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ރާއްޖެއިން ސޮއިކުރިފަހުން 10 އަހަރު ފާއިތުވެ ދާއިރުވެސް، މިހާތަނަށް މި މުޢާހަދާ ތަސްދީޤް ކޮށްފައި ނުވާތީވެ، އެ މުޢާހަދާގައި ބުނާކަންކަން ކުރުމަށް ގާނޫނީ ގޮތުން ރާއްޖެ ބަނދެވިފައެއް ނުވެއެވެ.

"އޮޕްޝަނަލް ޕްރޮޓޮކޯލު ޓު ދި އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް" މުޢާހަދާ ތަސްދީޤުކޮށް ގާނޫނީގޮތުން ބަނދެވުމަށް ރާއްޖޭގެ ކެބިނެޓުން ނިންމާފައިވާއިރު، މިހާތަނަށް މުޅި ދުނިޔެއިންވެސް މިމުޢާހަދާއިން ބަނދެވިފައިވަނީ އެންމެ 24 ގައުމެވެ. އަދި މުސްލިމު އެއްވެސް ގައުމެއް މީގެ ތެރޭގައި ހިމެނިފައި ނުވެއެވެ. ބޮޑެތި ބާރުތައް ކަމުގައިވާ، އެމެރިކާ، އިނގިރޭސި ވިލާތް، ޗައިނާ، ރަޝިއާ ޖަރުމަނުފަދަ ގައުމުތަކުގެ އިތުރުން، ސާރކުގެ އެއްވެސް ގައުމަކުންވެސް މި މުޢާހަދާގައި މިހާތަނަށް ސޮއިކޮށްފައިވެސް ނުވެއެވެ. ޔޫރަޕުން މި މުޢާހަދާ ތަސްދީޤު ކޮށްފައިވާ ބޮޑެތި ގައުމުތަކަކީ، ފްރާންސް، އިޓަލީ، ސްޕެއިން، އާރޖެންޓީނާ، ބެލްޖިއަމް ޕޯރޗުގަލް އެވެ. ގިނަ ދުވަސްތަކަކަށް މީޑިއާގައި ކެމްޕެއިންކުރުމާއިއެކުވެސް މި މުޢާހަދާއަށް އެކަށޭނަ ތަރުހީިބެއް ދުނިޔެއިން ދީފައި ނުވެއެވެ.

އާދޭހެވެ! އެއްގޮތް ދެ މުޢާހަދާއެއް ހިމެނޭތީވެ އޮޅިދާނެއެވެ. ދެންމެ ބަޔާން މިކުރެވުނީ، ރާއްޖޭގެ ފަރާތުން ތަސްދީގު ކުރުމަށް، ރޭގައި ކެބިނެޓުން ނިންމި، "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދި އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް" މުޢާހަދާއާއިބެހޭ މައުލޫމާތު ތަކެކެވެ. މި މުޢާހަދާ ހަގީގަތުގައި ބިނާވަނީ މައިގަނޑު އެހެން މުޢާހަދާއެއްގެ މައްޗަށެވެ. އެ މައިގަނޑު މުޢާހަދާއަކީ، "އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް" މުޢާހަދާއެވެ.

އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް މުޢާހަދާއަށް ރާއްޖެއިން ވަދެފައިވަނީ 19 ސެޕްޓެމްބަރ 2006 ގައެވެ. މި މުޢާހަދާގައި ޖުމްލަ 171 ގައުމަކުން ބައިވެރިވެފައި ވެއެވެ. ސާރކުގެ ގައުމުތަކުގެ އިތުރުން، މިސްރު، ޕާކިސްތާނު، ޤަޠަރު، ކުވެއިތު އަދި ބަނގްލަދޭސްފަދަ ބައެއް މުސްލިމް ގައުމުތައްވެސް ހިމެނެއެވެ. ނަމަވެސް އެމެރިކާ އަދި އިނގިރޭސި ވިލާތެއް މި މުޢާހަދާގައިވެސް ބައިވެރިވެފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި މުޢާހަދާގައި ބައިވެރި ވެފައިވަނީ އެއްވެސް ރިޒަވޭޝަނަކާއި ނުލައިނަމަވެސް، މި މުޢާހަދާގައި ބައިވެރިވެފައިވާ މުސްލިމު ގައުމުތަކުން ވަނީ، ރިސަވޭޝަންސްތައް ހުށައަޅާފައެވެ. ޚާއްޝަކޮށް، މި މައިގަނޑު މުޢާހަދާ، އައިސީއީއެސްސީއާރުގެ ތިންވަނަ މާއްދާއިން އިސްތިސްނާ ނަގާފައިވާކަން ފާހަގަ ކުރެވެއެވެ.

"އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް" (އައިސީއީއެސްސީއާރު) ގައި ބަޔާން ކޮށްފައިވަނީ، ދީނެއް މިއްލަތެއް މަޒްހަބެއް ބެލުމެއްނެތި، އިގްތިސާދީ، އިޖްތިމާޢީ އަދި ސަގާފީ އެންމެހައި "އިންސާނީ ހައްގުތައް" ކޮންމެ މީހަކަށްމެ ލިބިގެންވާކަމެެވެ. އަދި އަންހެނެއް ފިރިހެނެއް އެއްވެސް މިންވަރަކަށް ތަފާތު ކުރުމަކާއި ނުލައި، އިގްތިސާދީ އިޖްތިމާޢި އަދި ސަގާފީ އެންމެހައި ހައްގުތައް ލިބިދޭކަމުގައި އެ މުޢާހަދާ ކަށަވަރު ކޮށްދެއެވެ.

ތަރިކަ މުދަލާއި، ވަރިކައިވެންޏާއި، ހަޟާނާތުގެ އިތުރުން، އުފަންވެނި ސިއްޙަތާއި ގުޅުންހުރި އެންމެހައި ކަންކަމުގައިވެސް، އަންހެނުންނާއި ފިރިހެންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެކަމުގައި މި މާއްދާ ލާޒިމުކުރެއެވެ. އަދި "އިންސާނީ ޙައްގެއް" ކަމަށް މިފަދަ މުޢާހަދާތަކުގައި ކަނޑައެޅިފައިވާ، މަޔެއް ދަރިއެއް، އެއްބަނޑެއް ތިމާގެއެއް، ވަރިއެއް ކައިވެންޏެއް، އަންހެނެއް ފިރިހެނެއް، އިންސާނެއް ޖަނަވާރެއް، ގަހެއް ގެއްސެއް އަދި މަހެއް މެއްސެއް ބެލުމެއްނެތިވެސް، "ޝަހުވާނީ" އެދުންތައް ފުއްދުމުގެ "ހައްގު" ލިބިދެއެވެ.

ރާއްޖެއާއި ޚިލާފަށް، މި މުޢާހަދާގައި ސޮއިކޮށްފައިވާ އެހެން މުސްލިމު ގައުމުތަކުން ވަނީ، މި މައްދާ އިސްތިސްނާކޮށް ރިޝަވޭޝަން ލާފައެވެ. އެފަދަ ރިޝަވޭޝަންސްތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ، އެ ގައުމުތަކުގެ ގާނޫނު އަސާސީ ނުވަތަ އިސްލާމީ ޝަރީޢަތާއި ޚިލާފް ކަންކަން ހިމެނޭ މާއްދާއެއްކަމުގައި ވާތީވެ އިސްތިސްނާ ކުރާކަމުގައެވެ.

މައިގަނޑު މުޢާހަދާގައި ރާއްޖެއިން ބައިވެރިވެރިވި ފަހުން 14 އަހަރު ވެފައިވާއިރު، މާބޮޑެތި ކަންބޮޑުވުންތަކެއް ފާޅުވެގެން ގޮސްފައި ނުވިނަމަވެސް، ރާއްޖޭގެ ފަރާތުން ތަސްދީގު ކުރުމަށް ކެބިނެޓުން މިހާރު ނިންމިފައިވާ މުޢާހަދާ، "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް" ގައި ރާއްޖެ ބަނދެވިއްޖެނަމަ، އަޅުގަނޑުމެންގެ 800 އަހަރަށްވުރެ ގިނަ ޒަމާންވީ އިސްލާމީ އުސޫލުތައް ގެއްލުވާލުމުގެ ގާނޫނީ ބާރު، އެފަދަ ކަންކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފަހިވެގެން ދިޔައީއެވެ.

"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް" މި މުޢާހަދާގެ މައިގަނޑު މަގްސަދަކީ، "އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް" މި މުޢާހަދާގައި ބަޔާންކުރާ އެންމެހައި ކަންކަން ތަންފީޒުވެގެން ދޭތޯ ކަށަވަރު ކުރުމެވެ. އަދި ނުދާނަމަ، "ހައްގުތައް" ގެއްލޭ ފަރާތްތަކަށް، ބައިނަލް އަގްވާމީ ދަރަޖައިގައި ޝަކުވާހުށައެޅުމާއި، ބައިނަލް އަގުވާމީ ކޯޓުތަކަށް ގޮސް، ދިވެހި ދައުލަތާއި ދެކޮޅަށް ފަރުދީ ގޮތުންވެސް ދައުވާ ކޮށް "ހައްގުތައް" ހޯދުމަށް މަސައްކަތް ކުރުމުގެ ފުރުސަތު އެންމެހައި ދިވެހީންނަށް ލިބިގެން ދިޔައީއެވެ.

ރާއްޖޭގެ ކޯޓުތަކުގައި ހިނގާ ދިވެހި ރައްޔިތުންގެ ވަރިކައިވެނީގެ މައްސަލަތުކުގައިި، ވަލީ ވެރިޔާއަކީ މަންމަކަމަށް ކަނޑައެޅި އަދި ވަރިކުރުމުގެ ހައްގު އޮތީ އަނބިމީހާކަމަށް، ދުނިޔޭގެ ކާފަރު ކޯޓަކުން ކަނޑައެޅުމަކީވެސް ލިބިގެންދާނެ ފުރުޞަތެކެވެ. ރުހިގެން ކުރެވިއްޖެނަމަ ޒިނޭއަކަށްވެސް ނުވާނެއެވެ. ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަކޮށް ކުރެވި އަދި ދެމިއޮތް ކައިވެންޏެއްގެ ސަބަބުން، ތިންވަނަ ފަރާތެއްގެ ޝަކުވާއަކާއިހެދި އަދަބާއި ކުރިމަތި ލާންޖެހިދާނެއެވެ. ކުރުކޮށް ބުނާނަމަ، ރާއްޖޭގައި މިއަދު ހެދިފައިމިވާ ގާނޫނުތަކުގައި އިސްލާމް ދީނަށްދެވިފައިވާ އެންމެހައި ބާރުތަކާއި އެއްގޮތަށް، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ނުވަތަ ތަންފީޒީ އިދާރާއަކުން އަޅާފިޔަވަޅަކާއި އެއްވެސް މީހަކު ނުރުހިއްޖެނަމަ، ބައިނަލް އަގުވާމީ އިދާރާތަކުގެ އިތުރުން، ދުނިޔޭގެ ޔަހޫދީ ނުވަތަ ނަޞާރާއިންގެ ކޯޓުތަކަށް މިމުސްލިމް ދައުލަތާއި ދެކޮޅަށް މައްސަލަ ލުމުގެ ފުރުސަތު ދިވެހިންނަށް ފަހިވެގެން ދިޔައީއެވެ. ދީނީގޮތުން ނޫނަސް، އިޖްތިމާޢީ ގޮތުންވެސް ގައުމުގައި އުފެދޭނެ މައްސަލަތައް ހިތަށްގެންނަވާށެވެ! މިއީ ހަމަ އިންސާނީ ހައްގުތައް ތޯއެވެ؟ އަޅުގަނޑުގެ ދުޢާއަކީ މިފަދަ ދުވަހެއް މި މުސްލިމް ދައުލަތަށް މާތްﷲ ނުދެއްކެވުމެވެ.