-
-
ބަނަވި ހަޔާތް-16

ބަނަވި ހަޔާތް-16

ފެނުނު މަންޒަރުން ފަތީނާގެ ދެފައި ރޫރޫ އަޅައިގަތެވެ.

ADS BY FENVARU

ނީލްގެ ގޭގެ ސިޓިންގރޫމްގައި ބޮޑު ގުރޫޕެއް ކިޔެވެލި ކިޔަވަން ތިބި މަންޒަރެވެ. ދީމާއާއި ނީލްވެސް ގޮސް އެމީހުން ކައިރީ އިށީނީއެވެ. ފަތީނާ ހުރީ ވާނުވާ ނޭގި ބިރުންނެވެ.

''މީ ކޮންބަޔެއްބާ. މިމީހުން ކިޔެވެލި މިކިޔަވަނީ ކޮންކަމަކަށްބާ. އަނެއްކާ މިމީހުން ފަންޑިތަ ހަދަނީބާ!" ފަތީނާގެ ހިތް ސުވާލުތަކުން ބަންޑުން ޖަހާލިއެވެ.

"މިތާގައި އަހަރެމެން ނޫން އެހެން މީހަކު އެބަހުރި. ފިލައިގެން ނުހުރެ ކުރިމައްޗަށް އާދޭ!" ގޭތެރޭ ތިބި މީހުންގެ ތެރެއިން އެކަކު ބުނެލިއެވެ. އެމީހާ އެދެއްކީ ފަތީނާގެ ވާހަކަކަން ފަތީނާއަށް އެގުނެވެ.

'' ވާފިރުބެ ކީކޭ ތިކިޔަނީ. މިގޭގައި އަހަރެމެން ނޫން އެހެން ބަޔަކު ނެތް." ނީލް ބުނެލިއެވެ.

"ނޫން. މިގޭގައި އަހަރެމެންގެ އިތުރުން އެހެން މީހަކުވެސް އެބަހުރި. އެއީ ޝައިތާނެއް. އޭތި ހުރީ ގޯތިތެރޭ ފިލައިގެން އަހަރެމެންގެ ވާހަކަ އަޑުއަހަން." ވާފިރުބެ މިހެން ބުނުމުން ފަތީނާ ދިޔައީ ސިއްސައިގެންނެވެ. ފަތީނާ ބޭރުގައި ހުރިތަން އެއްވެސް މީހަކަށް ނުފެންނާނެއެވެ. ދެން ވާފިރުބެއަށް އެގުނީ ކިހިނެއް ހެއްޔެވެ.

ނީލްއާއި ދީމާ ގޭގެ ބޮޑުދޮރާ ދިމާލަށް އަންނަން ފެށުމުން ފަތީނާ އުދުހިގަތެވެ.

"މިތާގައި އެއްވެސް މީހަކު ނެތް." ދީމާ ގޯތިތެރެޔަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ.

"އޭތި މިހާރު ގޮސްސި." ވާފިރުބެ ބުނެލިއެވެ.

"ވާފިރުބޭ! ޝައުނާ މިހާރުކޮބާ! އޭނަ މަރުވީތަ." ނީލް އަހާލިއެވެ.

"ނޫން. އޭތި އަދި މަރެއް ނުވޭ. އަހަރެން އިނީ އޭތި ހައްޔަރުކޮށްފަ. އެއީ ވަރަށް ބާރުގަދަ ޝައިތާނެއް. އެކަމަކު ﷲގެ އިރާދަފުޅުން އަހަރެމެންނަށް ކާމިޔާބު ހޯދޭނެ. އޭތި ކިތަންމެ ބާރުގަދަވިޔަސް މާތްﷲގެ ހަޟްރަތުގައި އެއީ ވަރަށް ނިކަމެތި އެއްޗެއް. ﷲގެ އިސްމުފުޅުގެ ކުރިމަތީގައި އޭތީގެ އެއްވެސް ބާރެއް ނެތް. ދަރިފުޅު ހާސްނުވޭ. ދަރިފުޅު ތިހިރީ އެކަމުން ސަލާމަތްވެފަ." ވާފިރުބެ އެހެން ބުނުމުން ނީލް އުފާވިއެވެ.

''އެކަމަކު ސަމާލުވާތި. ކޮންމެހެންވެސް އަހަރެމެން މިރަށުގައި ތިބިކަމާއި ފަންޑިތަ ހަދާކަން އެއްވެސް ބަޔަކަށް އެގިގެން ނުވާނެ. އަނެއް ޖިންނިއަށް މިރޭ ފަޅާއަރައިފި. އޭނަ ރަށުތެރޭ ޚަބަރު ފަތުރަން މަސައްކަތްކުރާނެ."

"އެކަމާ ވާފިރުބެ ހާސްނުވޭ! އަހަރެން އެކަން ހުއްޓުވާނަން." ދީމާ ބުނެލިއެވެ.

ފަތީނާ ގޮސް އިށީނީ ގޭގެ ޖޯލިފަތީގައެވެ. ދަރިފުޅު މަރުވުމާއެކު ޝައުނާ ގެއްލުން ވެގެންދިޔައީ ފަތީނާގެ ރިހޭ ފައިމައްޗަށް ފޮއެ ވެއްޓުމަކަށެވެ. ދެހިތާމަޔާ އެއްފަހަރު ކުރިމަތިލާންޖެހުނީއެވެ. މިރޭ ފެނުނު މަންޒަރާއި ޝައުނާ ގެއްލުމާއި ގުޅުންހުރިކަމަށް ފަތީނާގެ ސިކުނޑި ބުނަމުންދިޔައެވެ. ނީލްއަކީ ކިހާ ނުލަފާ މީހެއްކަން ހިތަށް އަރާ ރުޅިގަދަވިއެވެ.

"އަހަރެންގެ ކޮއްކޮ. އެނުލަފާމީހާ އަހަރެންގެ ކޮއްކޮއަށް އަނިޔާއެއް ކުރިކަން އެގޭދުވަހަކުން އޭނައަށް ކުޅިދައްކާލާނަން."

"ކާކަށް ކުޅިދައްކާ ވާހަކަ ތިދައްކަނީ އެކަނި އިދެގެން." ފަތީނާގެ ފިރިމީހާ ގެއިން ނުކުންނަމުން ބުނެލިއެވެ.

ފަތީނާ އަގައިން ނުބުނެ އިނީއެވެ.

"އަހަރެން މިދަނީ މަސްބާނަން. އާދެވޭނީ ތަންކޮޅެއް ދަންވާ ފަހުން." އެހެންބުނެ ފަތީނާގެ ފިރިމީހާ ދިޔައީއެވެ.

"މިހުރިހާ ކަމެއްގެ އަޑި އަހަރެން ހޯދާނަން. އަހަރެން މިހެން އިދެގެން ކޮއްކޮއެއް ނުފެންނާނެ." މިހެން ހިތާ ގެޔަށް ވަދެގެން ގޮސް އެދުގެދަށުގައި ހުރި ދުވަސްވީ ފޮށްޓެއް ފަތީނާ ނެގިއެވެ. އޭގެތެރޭގައި އޮތް ކަރުގައި އަޅާ ހާރެއް ނަގާ އޭގައި އަތްހާކާލަމުން އެޔަށް ފުމެންފެށިއެވެ.

ކުރިމަތީ ހުރި ފާރުން ސިފަވީ ފަތީނާ ދެކެން ބޭނުންނުވާ މަންޒަރެކެވެ. ޝައުނާ އޮތީ ކޮށްޓެއްގެ ތެރޭގައި ހިލިހިލާ ޖަހާފައެވެ. ހަށިގަނޑުގެ އެކިތަންތަނަށް ލިބިފައި ހުރި އަނިޔާތަކަށް ކެތްނުކުރެވިގެން ތެޅިފޮޅެނީއެވެ. ރޮއިހޭރެނީއެވެ. މިމަންޒަރު ފެނިފައި ފަތީނާއަށްވެސް ރޮވުނެވެ.

ފަތީނާ އެހާރު ހިފައިގެން ހިގައިގަތީ ނީލްމެންގެޔާ ދިމާލަށެވެ.

ނީލްއާއި ދީމާ ތިބީ ޖޯލީގައި ވާހަކަދައްކާށެވެ. އެމީހުން ދައްކަމުންދިޔަ ވާހަކަ އަޑުއަހަން ފަތީނާ އޮތީ އެމީހުން ތިބި ޖޯލި ކައިރީ ހުރި ބޮޑުގަހުގެ ގޮފިގަޑުމަތީގައެވެ.

"ދީމްސް. ތޭންކްސް އަހަރެން މިމުސީބާތުން ސަލާމަތްކޮށްދިނީތީ. ދީމްސް މާލެ ގޮސް އަހަންނަށް ގުޅާފަ ހުރިހާ ވާހަކައެއް ކިޔައިނުދިންނަމަ އަހަންނަށް ނޭގެ އަހަންނަށް ވާނެ ގޮތެއްވެސް. އަހަރެން ޝައުނާއަށް އަނިޔާއެއް ނުކޮށް އޭނަ ފޮނުވާލީވެސް ދީމާ ބުނުމުން. އަސްލު ކީއްވެ އޭނަ ރަށުތެރެޔަށް ދޫކޮށްލީ. ބަޔަކަށް އަނިޔާ ކުރިނަމަޔޯ!" ނީލް ބުނެލިއެވެ.

"އަހަރެން މިރަށުން ފުރައިގެން ދިޔައީ މިކަމުގެ ހައްލު ހޯދަން. އަހަރެން ކުރިންވެސް މިކަހަލަ ކަންތައް ރިސާޗް ކުރީމަ އަހަންނަށް އެގުނީ ޝައުނާއާ ދެކޮޅަށް އަހަރެން ނުކުތިއްޔާ އޭނަ ވަރަށް ނުރައްކާތެރިވާނެކަން. އެހެންވެ ވާފިރުބެގެ އެހީ އަހަރެން ހޯދީ. ޝައުނާ ދޫކޮށްލުމުން އޭނަ އެންމެ ފުރަތަމަވެސް ދާނީ އަނެއް ޖިންނި ކައިރިޔަށް ކަން އަހަންނަށް އެގުނު. ކަންވީވެސް އެހެން. އަހަރެން ބެލިން އެކަމަކު ދެވަނަ ޖިންނި މޫނު އެހާ ސާފުކޮށް ނުފެނީމަ އެއީ ކާކުކަން ފާހަގަކުރަން ނޭގުނީ." ދީމާ މިހެން ބުނުމުން ފަތީނާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

"އަހަރެން ހުރީ ވަރަށް ބިރުން އޭތި އަހަންނަށް އަނިޔާއެއް ކޮށްފާނެކަމަށް. އެކަމަކު ނަސީބެއް ދީމާ އެބުރި އައިކަން." ނީލް ދީމާގެ އަތުގައި ހިފަމުން ބުނެލިއެވެ.

"އަހަރެން ޝައުނާއަށް ފާރަލަމުން ދަނިކޮށް އަހަންނަށް ފެނުނު އޭނަ މިއުޅޭ ފަތީނައްތަމެންގޭ ކުޑަމަންޖެ ކަރުގައި އަގަޖަހައިގެން ލޭ ބޯން ހުއްޓާ. އަހަންނަށް ނުކެރުނު އޭނަ ހުއްޓުވަން އެތަނަށް ދާކަށްވެސް. އަވަހަށް އައިސް ވާފިރުބެމެން މިރަށަށް ގެނައީ."

"ފަތީނައްތަ ހާދަ ދެރަވާނޭ ދޯ. އެމަންޖެ އެމަރުވީ ޝައުނާ ލޭބުއިމަ ލޭމަދުވެގެން. ނަސީބެއް އިތުރު މީހަކަށް ހަމަލާނުދެނީސް އޭނަ އަތުޖެހުނުކަން." ނީލް ބުނެލިއެވެ.

އަޑުއަހަން ގަހުގައި އިން ފަތީނާ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލިއެވެ. ޝައުނާ ނުފެނު ސަބަބު މިހާރު އެގިއްޖެއެވެ. ނީލް އާއި ދީމާ ފަންޑިތަ ހަދައިގެން ޝައުނާ ހައްޔަރުކުރީއެވެ. ފަތީނާ ގަހުގައި އިދެފައި އުދުހިގަތެވެ.

ރޭގަނޑުގެ ވަގުތެކެވެ. ދީމާ ނިދަން އަރާ އޮތްވާ މީހަކު ދޮރުގައި ޓަކިޖެހުމުން ދީމާ ދޮރުހުޅުވިއެވެ.

"އަހާ ނީލް! ނުނިދަންތަ. ކިހިނެއްވީ؟'

"އަހަރެން ވަރަށް ހިތްބިރުގަނޭ. ހީވަނީ ޝައުނާ ސަލާމަތްވެގެން އަހަންނާ ދިމާކުރަން އަތުވެދާނޭ." ނީލް ބުނެލިއެވެ.

"ނީލް. ބިރުނުގަނޭ. ޝައުނާ އިނީ ހައްޔަރުކޮށްފަ. އެކޮށިން އޭނައަށް ނުނުކުމެވޭނެ. މާދަމާ އަކީ އޭނަގެ އެންމެ ފަހުދުވަސް. މާދަމާ ކިޔެވެލި ކިޔަވާ އޭނަ އަންދާލާނެ. ހާސްނުވޭ. ގޮސް ނިދާލާ." ދީމާ މިހެން ބުނުމުން ނީލް ކުރިޔަށް ހިގައިގަތެވެ.

"އެކަމަކު އެންމެ ފަހަރަކު އަހަރެން ބޭނުން އަހަރެންގެ ލޮލުން ޝައުނާ ދެކިލަން. އޭރުން ހިތްހަމަޖެހިގެން ނިދިދާނެ." ނީލް ބުނެލިއެވެ.

"އޯކޭ. އާދޭ އަހަންނާއެކީ." ދީމާ މިހެންބުނެ ޓޯޗެއް ހިފައިގެން މަޑުމަޑުން ސިޓިންރޫމަށް ނުކުތެވެ. ގޭގެ ސްޓޯރޫމަށް ވަދެ ބޮކިދިއްލާލިއެވެ. ކޮށީގެ ތެރޭގައި ރޮއިރޮއި އިން ޝައުނާއަށް ނީލް ފެނުމުން ތެދުވެ ކޮށީގައި އަތްލުމުން ވިއްސައިގެން ދިޔައެވެ.

ނީލް ޝައުނާއަށް ބަލާލާފައި ހިނިތުންވެލިއެވެ.

"ދެންހިގާ މިތަނުން ދަމާ. މިތަނަށް ނުވަންނަން ވާފިރުބެ އޮތީ އަންގާފަ." ދީމާ ސްޓޯރޫމްގެ ދޮރު ލައްޕާލާފައި ދީމާގެ ކޮޓަރިއާ ދިމާލަށް ހިގައިގަތެވެ. ނީލް ދިޔައީ ނީލްގެ ކޮޓަރިއަށެވެ.

ނީލް ފާޚާނާއިން ނުކުތްއިރު ކޮޓަރީގައި ދީމާ ހުއްޓެވެ.

"ދީމާ. ކިހިނެއްވެފަ ތިއިނީ. މިރޭ ނުނިދާ ރެއެއްތަ." ނީލް އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް ދީމާ އިނީ އަގައިން ނުބުނެއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ދީމާ ތެދުވެ ހިގައިގަތެވެ. ކޮޓަރީގެ ދޮރުހުޅުވާލާފައި ނުކުމުގެން ސްޓޯރޫމާ ދިމާލަށް ހިގައިގަތެވެ.

"ދީމާ. ކޮންތާކަށް ތިދަނީ. މަޑުކޮށްބަ!" ދީމާގެ ފަހަތުން ނީލްވެސް ދިޔައެވެ. ދީމާ ދިޔަގޮތަށްގޮސް ޝައުނާ އިން ކޮށީގެ ކައިރިޔަށް ހުއްޓުނެވެ.

"ދީމާ. މިތަނަށް ނުވަންނަން ވާފިރުބެ އޮތީ އަންގާފަ ނޫންތަ. އާދޭ މިތަނުން ދާން." މިހެންބުނެ ނީލް ދީމާގެ އަތުގައި ހިފުމުން ދީމާ ނީލްގެ ލޮލަށް ބަލާލިއެވެ. ނީލްއަށް ދީމާގެ އަތުން ދޫކޮށްލެވުނެވެ.

"މިކޮށީގެ ދޮރުހުޅުވާލަބަ!" ދީމާ ބުނެލިއެވެ.

ދީމާ އެހެން ބުނުމުން ނީލް ކޮށީގެ ދޮރުގައި ވާފިރުބެ ބަދެފައިހުރި ފޮތިކޮޅު ނައްޓާލާ ކޮށީގެ ދޮރު ހުޅުވާލިއެވެ. ދީމާގެ އަތްމައްޗަށް ޝައުނާ ނަގައިގެން ދީމާ ނުކުމެގެން ދިޔައީއެވެ. ނީލް ހުރީ ޖެހި ބުދެއްހެންނެވެ. އިރުކޮޅަކުން ނީލްއަށް ހޭވެރިކަންވީއިރު ނީލް ހުރީ ސިޓިންގރޫމްގައެވެ.

"އަހަރެން މިގަޑީގަ މިތާ ކީއްކުރަނީ. އަހަރެންމީ ފެންވަރައިގެން ނުކުތްމީހާ." ނީލް ހިތާހިތާ ކިޔާލިއެވެ. ބޯކަހަމުން ނީލް ގޮސް ކޮޓަރިއަށްވަނެވެ.

ފަތީނާ ޝައުނާ ގޮވައިގެން އައީ ރަށުގެ ތުނޑިއާ ދިމާލަށެވެ. ޝައުނާ އޮތީ ވަރުބަލިވެފައެވެ. ކޮޅަށް ހުންނާނެ ހިތްވަރެއް ޝައުނާގެ ގަޔަކު ނެތެވެ. އެހެންކަމުން ތުނޑީގައި ޝައުނާ އޮށޯތީއެވެ.

"ޝުކުރިއްޔާ ދައްތާ. ދައްތަ އަހަރެން ސަލާމަތްނުކުރިނަމަ އެމީހުން އަހަރެން މަރާލާނެ." ވަރުބަލިވެފައިވާ އަޑަކުން ޝައުނާ ބުނެލިއެވެ.

"ކާކު ބުނީ އަހަރެން ޝައުނާ ސަލާމަތްކުރީއޭ." ފަތީނާގެ ތުންފަތްމަތީ ވިހަ ހިނިތުންވުމެއް ކުޅެލިއެވެ.

"ކީކޭ ދައްތަ ތިކިޔަނީ." ޝައުނާ ތެދުވެ ކޮޅަށް އިށީނެވެ.

"ކަލޭ އަހަރެންގެ ދަރިފުޅު މަރާލިއިރު ކަލޭ ހިތުގަ އެކުޑަކުޑަ ފުރާނަޔާ މެދު އެއްވެސް ރަހުމެއް ނެތީތަ ހަމަ. ކަލޭތީ އެދަރިފުޅުގެ ބޮޑުދައިތައޭ. އެދަރިފުޅު ދުނިޔެދޫކޮށް ދިޔައިރު ކަލޭގެ ހިތަށް އެއްވެސް އަސަރެއް ހަމަ ނުކުރީތަ." ފަތީނާ ރޮއިގަތެވެ.

"ދައްތާ! ކީކޭ ތިކިޔަނީ. އަހަރެން އެއްވެސް މީހަކު ނުމަރަން. ކިހިނެއްވީތަ."

"ކިހިނެއްވީހޭ އެބަ އަހައެއްނު. ކަލޭ އަހަރެންގެ ދަރިފުޅު މަރާލީ. މުޅިރަށުންވެސް ކަލެޔަށް ލޭބޯން ފެނުނީ މަގޭ ދަރިތަ!" ފަތީނާ އައިސް ޝައުނާގެ އިސްތަށިގަނޑުގައި ހިފާލަމުން ބުނެލިއެވެ.

"ދައްތާ. ދޫކޮށްލާ. މިއަދު އަހަރެން ވަރަށް ބަލިކަށި. ދައްތައާ ހަގުރާމަކުރާނެހާ ހިތްވަރެއް އަހަރެންގެ ނެތް. އަހަންނަށް މާފްކުރޭ!" ޝައުނާ ފަތީނާގެ ދެފައިގައި ހިފަމުން ބުނެލިއެވެ.

"އަހަންނަށް އެގޭ މިއަދު ކަލޭގެ އެއްވެސް ބާރެއް ނެތްކަން. އެހެންވެ ކަލޭ ސަލާމަތްކޮށްގެން މިގެނައީ އަހަރެންގެ މިދެއަތުން ކަލޭ މަރާލަން. މިދެއަތުން ކަލޭ ބަލާ ބޮޑުކުރުމުން އަހަންނަށް ތިދިނީ ތެޔޮ ހަމެއް." ފަތީނާ މިހެންބުނެ ޝައުނާގެ ދެއަތް ބިންދާލިއެވެ. ޝައުނާ ހަޅޭއްލަވައިގަތެވެ.

"ކަލޭ މަރާލުމަށްފަހު ކަލޭ އެންމެ ލޯބިވާ ކަލޭގެ ފިރިމީހާއަށް އަހަރެން ދެދުނިޔެ ދައްކާނަން."

"ނޫން ދައްތާ! އަހަރެން މަރާލިޔަސް އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް. އެކަމަކު ނީލްއަށް އެއްވެސް އަނިޔާއެއް ނުކުރާތި. އާދޭސްކޮށްފަ ބުނަން." ޝައުނާ ރޮއެ އާދޭސް ކުރަމުންދިޔައެވެ.

(ނުނިމޭ)