-
-
ހުޅުމާލޭ ރޭޕް ކޭސް ބޭރުގެ ނޫސްތަކަށް! ކުށުގެ ވެއްޓެއްގައި ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: މޯލްޑިވްސް ޓައިމްސް

ހުޅުމާލޭ ރޭޕް ކޭސް ބޭރުގެ ނޫސްތަކަށް!

ހުޅުމާލޭ ސަރަހައްދުގައި އޮތް ސަފާރީއެއްގެ ތެރޭގައި ކެންޔާގެ ޒުވާން އަންހެނަކު ރޭޕުކުރި ހާދިސާ ރާއްޖޭއިން ބޭރުގެ ނޫހަކުން މިއަދު ރިޕޯޓު ކޮށްފިއެވެ.

ADS BY FENVARU

ރޭޕްގެ ޝިކާރައަކަށް ވެފައިވާ ޒުވާނާގެ ނަމާއި ފޮޓޯއާއިވެސްއެކު، ކެންޔާއާއި އަވައްޓެރި ގައުމެއްކަމުގައިވާ ރުވާންޑާގެ "ދި އެކްސްޕްރެސް ނިވްސް" ނޫހުގައި މިއަދު ހާމަކޮށްފައިވަނީ، ކެންޔާގެ ރައްޔިތަކު ރާއްޖޭގައި "ރޭޕް" ކޮށްފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ "ސިޔާސީގޮތުން ގުޅިފައިވާ" މީހުންތަކެއް ކަމުގައާއި، އެ ހާދިސާގެ ޝިކާރައަކަށްވީ ފަރާތަށް އިންސާފު ހޯދައިދިނުމަށް އެދި ރައްޔިތުން އަޑުއުފުލަމުންދާ ކަމަށެވެ.

ރޭޕްގެ މި ހާދިސާއާއި ގުޅިގެން ކުށުގެ ވެށިން ހައްޔަރު ކުރެވުނު ދެ މީހުންވެސް 24 ގަޑިއިރުވެސް ނުވަނީސް ދޫކޮށްލާފައި ވަނިކޮށް، އަދި އެ ހާދިސާއަކީ ރޭޕް ކޭސްއެއް ނޫންކަމަށް އިއްޔަ ފުލުހުން ހާމަކޮށްފައި ވަނިކޮށް، ރޭޕްގެ ޝިކާރައަކަށްވީ ބިދޭސީ އަންހެން މީހާއާއި ހަވާލާދެވި މީޑިއާއަކުން ފެންމަތި ކުރި ބޮޑެތި ތުހުމަތުތަކަކާއި ގުޅިގެން، މިސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެ ގިނަބައެެއްގެ ނުރުހުމާއި ކަންބޮޑުވުން ސަރުކާރާއި ދެކޮޅަށް ފާޅުކުރަމުން ދާކަން ފާހަގަަކުރެވެއެވެ.

ރައްޔިތުންގެ ޕްރެސަރާއިހުރެ، މި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖްލީހުގެ ދެ ކޮމިޓީއަކަށް އެޖެންޑާ ކުރެވިފައި ވީނަމަވެސް، އެކަމަށްވެސް ފާޑުކިޔައި ރައްޔިތުން ބުނަމުން ގެންދަނީ، ހުޅުމާލޭގެ ރޭޕްގެ މައްްސަލާގައި މިހާތަނަށް މައްސަލަ ގޮސްފައިވާ ގޮތާއި ނުފޫޒު ފޯރުވުނު ކަމަށް ބެލެވޭ މިންވަރުގެ ބޮޑުކަމުން، އެ މައްސަލަ މަޖްލީހުގެ ކޮމިޓީއަކުން ތަހްގީގުކޮށްގެން އިންސާފު ލިބިދާނެކަމަށް ގަބޫލު ނުކުރެވޭ ކަމުގައެވެ. މިނިވަން ފަރާތްތަކެއް ހިމެނިގެން ހުޅުވާލެވިފައިވާ ތަހްގީގެއް ހިންގުމަށްވެސް ގިނަ ރައްްޔިތުންތަކެއް ސަރުކާރަށް ގޮވާލަމުން ގެންދާކަންވެސް ފާހަގަ ކުރެވެއެވެ.