-
-
ސަފާރީ ރޭޕް އާއި ގުޅިގެން މީޑިއާއިން ހާމަކުރި ތުހުމަތުތައް ފުލުހުން ދޮގުކޮށްފި! ކުށުގެ ވެއްޓެއްގައި ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: މޯލްޑިވްސް ޓައިމްސް

ސަފާރީ ރޭޕް އާއި ގުޅިގެން މީޑިއާއިން ހާމަކުރި ތުހުމަތުތައް ފުލުހުން ދޮގުކޮށްފި!

ހުޅުމާލޭގައި ހިނގައިދިޔަ ރޭޕްގެ ހާދިސާއާއި ގުޅިގެން އަނިޔާލިބުނު ފަރާތާއި ހަވާލާދީ މެންދުރު ނޫހުން ގެނެސްދީފައިވާ އެންމެހައި މައުލޫމާތުތައް، ޝިކާރައަކަށްވި އެ ޒުވާނާއާއި ހަވާލާދީ ފުލުހުން ދޮގުކޮށްފިއެވެ.

ADS BY FENVARU

މިރޭގެ ވަގުތެއްގައި ފުލުހުން ނެރުނު ނޫސްބަޔާނެއްގައި؛ "މި މައްސަލައިގެ ތަހުގީގު ހިނގަމުން ދަނިކޮށް އަނިޔާ ލިބުނު ފަރާތުން ފުލުހުންނަށް ދީފައިވާ ބަޔާނާ ޚިލާފަށް، އަނިޔާލިބުނު މީހާގެ ފަރާތުން ދިން މަޢުލޫމާތު ކަމަށް ބުނެ މީޑިއާގައި ތަފާތު ގޮތަކަށް މަޢުލޫމާތު ފަތުރަމުންދާތީ، އެކަމާ ގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރުމުން، މިމައްސަލައާ ގުޅިގެން ކުރިން ފުލުހުންނަށް ދީފައިވާ ބަޔާނަކީ ކަންހިނގާފައިވާ ގޮތަށް ދީފައިވާ ބަޔާނެއްކަމުގައި ބުނެފައިވެއެވެ. އަދި މިމައްސަލައާ ގުޅިގެން އެއްވެސް މީޑިއާއަކަށް އޭނާގެ ފަރާތުން އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދީފައި ނުވާނެކަމަށާއި، މީޑިއާގައި އޭނާގެ ފޮޓޯ ހާމަކޮށް ހަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރަމުންދާތީ ކަންބޮޑުވާކަން ހާމަކޮށް، އޭނާގެ ފޮޓޯއާއި މަޢުލޫމާތު މީޑިއާތަކުން ނަގައިދިނުމަށް އެދިފައިވެއެވެ." ފުލުހުން ހާމަކޮށްފައިވެއެވެ.

ރޭޕުގެ ޝިކާރައަކަށްވި ބިދޭސީ އަންހެން މީހާއާއި ހަވާލާދީ މެންދުރު އޮންލައިން ނޫހުގައި ހާމަކޮށްފައިވާ އެންމެހައި ތުހުމަތުތައް ދޮގުކޮށް، އަސާސީ މަސްދަރުކަމުގައިވާ "ވިކްޓިމް" އާއި ހަވާލާދީ ފުލުހުން ނެރުނު ބަޔާނުގައިވެސް، ވިކްޓިމްގެ ނުރުހުމުގައި އޭނާގެ "ގަޔަށް އަތްލައި" "ޖިންސީ ގޯނާ" ކުރިކަމަށް ވިކްޓިމްގެ ފަރާތުން ފުލުހުންނަށް ހުށައެޅިކަން ކަށަވަރު ކޮށްދީފައިވެއެވެ.

އަދި ޢުމުރުން 27 އަހަރުގެ ބިދޭސީ މި އަންހެން މީހާ، ތުހުމަތު ކުރެވޭ ދެ މީހުންގެވެސް ހާޒިރުގައި "ކުށުގެ ވެށިން" ފުލުހުންނަށް ހާދިސާ ތަފްސީލުކޮށްދެމުން، ތުހުމަތުކުރެވޭ 2 މީހުންނާއެކު އޭނާ ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށާއި އަދި އެ މީހުން ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރިކަމަށާއި، އެމީހުންގެ އަމަލުތައް ހުރި ގޮތުން އެފަދަ އަމަލެއް ތަކުރާރު ކޮށްފާނެތީ ސަލާމަތްވުމުގެ ގޮތުން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެނެސް ޖެޓީއަށް ބޭލީކަމަށް ވިކްޓިމް ބުނެފައިވާކަން ކަށަވަރު ކޮށްދީފައި ވެއެވެ.

ފުލުހުންގެ ބަޔާނުގައި، މިފަދަ ނާޒުކު މައްސަލަތަކުގެ މަޢުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ހަޤީޤަތާ ޚިލާފަށް، އަދި އަނިޔާލިބިފައިވާ މީހާއަށް އިތުރު އުނދަގޫ ކުރިމަތިވާ ގޮތަށް މަޢުލޫމާތު ނުފެތުރުމަށްވެސް އިލްތިމާސް ކޮށްފައި ވެއެވެ.

ފުލުހުން މިރޭގެ ވަގުތެއްގައި ނެރުނު މިބަޔާނާއި ގުޅިގެން، ޚުދު އެބަޔާނުގައި ފުލުހުން ހާމަކޮށްފައި ހުރި ކަންކަމަށް އިޝާރާތްކުރަށްވައި، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޟީ އަޙްމަދު ޙައިލަމް ވަނީ ސުވާލު އުފައްދަވާފައި ވެއެވެ.

ސަފާރީގެ ތެރޭގައި ޖިންސީގޯނާ ކުރެވުނުކަމާއި، ސަލާމަތްވާން މޫދަށް ފުންމާލިކަމާއި، ތުހުމަތުކުރެވޭ ފަރާތްތައް ވިކްޓިމްއާއިއެކު ފުލުހުންނަށް ފެނުނީ ފަތިހު 5:00 ގައި ކަމަށްވާއިރު، ތުހުމަތު ކުރަން އެވަރު ކާފީ ނުވޭތޯއާއި ކޯޓަށް ނުގެންދިޔައީ ކީއްވެތޯ އައްސަވައި ޙައިލަމް މިރޭ ކުރެއްވި ޓްވީޓެއްގައި ސުވާލު އުފައްދަވާފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.