-
-
އެމްޑީއެން އަދި އުތެމަ ގެ އިސްފަރާތްތަކަށް ފިޔަވަޅު އެޅުމަށް ރައީސް ޞާލިޙަށް ސަލަފުން ގޮވާލައިފި ޖަމްޢިއްޔަތުލް ސަލަފްގެ ބައެއް ޢިލްމުވެރީން / ފޮޓޯ: ސަން

އެމްޑީއެން އަދި އުތެމަ ގެ އިސްފަރާތްތަކަށް ފިޔަވަޅު އެޅުމަށް ރައީސް ޞާލިޙަށް ސަލަފުން ގޮވާލައިފި

އިސްލާމްދީނުގެ މަތިވެރި އުސޫލުތަކަށް ގޮންޖަހައި އެދީނަށް ތައުހީނުކޮށް ރިޕޯޓުތަކެއް ނެރެފައިވާ ރާއްޖޭގެ ދެ ޖަމިއްޔާއެއް ކަމުގައިވާ އެމްޑީއެން އާއި އުތެމަ ޖަމިއްޔާގެ އިސްފަރާތްތަކުގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅުއްވައިދީ، އެފަރާތްތަކުން ހިންގި ޖަރީމާއަށް ހައްގު ޢަދަބު ދިނުމަށް ޖަމްޢިއްޔަތުލް ސަލަފްގެ ފަރާތުން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް ގޮވާލައިފިއެވެ.

ADS BY FENVARU

ރާއްޖޭގެ މަޝްހޫރު ގިނަ ޢިލްމުވެރިންތަކެއް ނިސްބަތްވާ ސަލަފް ޖަމިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި؛ "ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު އުފުއްލަވައި، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި، އެމް.ޑީ.އެން އާއި އުތެމަ ޖަމިއްޔާގެ އިސްފަރާތްތައް އިންސާފުގެ ކުރިމައްޗަށްގެނެސް ޝަރުއީ ގޮތުންނާއި ޤާނޫނީ ގޮތުން އެޖަރީމާތައް ހިންގިފަރާތްތަކަށް ލިބެންޖެހޭ ޙައްޤު އަދަބު ދިނުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ހަނދުމަކޮށްދީ، ތަންފީޛުކުރުމަށް ޖަމްޢިއްޔަތުއްސަލަފުން ގޮވާލަމެވެ." ރައީސުލް ޖުމްހޫރިއްޔާއަށް ގޮވާލާފައިވެއެވެ.

އިސްލާމްދީނުގެ މިބޮޑު ނިޢުމަތުގައި އަޅުގަނޑުމެން އުޅެމުންދާތަންދެކެން ދީނުގެ ޢަދާވަތްތެރިންނަށް ކެތްނުކުރެވޭނެކަމަށާއި، އެމީހުންގެ ތެރޭގައި ހުރި އަޚްލާޤީ އަދި އިޖްތިމާޢީ ފަސާދަތައް އެހުރި މިންވަރުން، އެނޫން މީހުންގެ ތެރޭގައިވެސް ހުރުމަށް މުސްތަޝްރިޤުން ނުހަނު އެދި، މިސަމާޙާތްތެރި އިސްލާމް ދީނާމެދު އެމީހުން ޙަސަދަވެރިވާކަމަށްވެސް އެބަޔާނުގައި ހާމަކޮށްފައި ވެއެވެ.

މުސްލިމުން އިސްލާމް ދީނާއި ފެޔަށް ޖެއްސުމަށް ދީނުގެ ޢަދުއްވުން ރެއާއި ދުވާލު މަސައްކަތް ކުރަމުންދާކަމަށާއި، މާއްދީ ފައިދާތަކަށްޓައި ދިވެހިންގެ ތެރެއިން ބަޔަކު އެމީހުންނަށް މިކަންކަމުގައި އެހީތެރިވަމުންދާކަމީ ހިތާމަކުރަންޖެހޭ ޙަޤީޤަތެއްކަމުގައި ދަނެތިބެގެން ދިވެހި މުސްލިމު ރައްޔިތުން ހުށިޔާރުވެ ތިބެން ޖެހޭނެކަމުގައި އެބަޔާނުގައި ހަނދުމަކޮށްދީފައި ވެއެވެ.

"އިސްލާމްދީނުގެ ހައިބަތާ ކަރާމާތް ނަގާލައި އެދީނުގެ އަސާސްތަކަށް ގޮންޖަހައި، ﷲގެ ޙުކުމްފުޅުތަކަށް ފާޑުކިޔައި، އިސްލާމްދީނާ މީސްތަކުން ދުރުކުރުމަށް މަސައްކަތްކުރާ މިފަދަ ޖަމާޢަތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް އެކަމުގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް ޙައްޤު އަދަބު ނުދެވޭނަމަ މިފަދަ ކަންކަން މުޖުތަމަޢުގައި ތަކުރާރުވާނޭކަން ކަށަވަރެވެ. އަދި ފަސާދަ އިތުރުވެގެންދާނެއެވެ" ދީނާއި ޚިލާފު ޖަރީމާތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ލަސްވެގެންދާތީވެ ކަންބޮޑުވުން ފާޅުކޮށް ސަލަފްގެ ބަޔާނުގައި ހާމަކޮށްފައި ވެއެވެ.

ރާއްޖޭގެ އެންމެހައި ޢިލްމުވެރީންގެ އިތުރުން ދިވެހި ރައްޔިތުންގެ މަދު ބަޔަކު މެނުވީ، އެ ދެ ޖަަމިއްޔާއާއި އެ ދެ ޖަމިއްޔާގެ އިސްފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށް ތަކުރާރުކޮށް ގޮވާލަމުން ރައްޔިތުންގެ ޝުޢޫރުތައް ސޯޝަލް މީޑިއާގައި ބަންޑުން ކުރަމުން ދިޔަނަމަވެސް، އެމްޑީއެން އުވާލުން ފިޔަވައި އިތުރު އެހެންއެއްވެސް ފިޔަަވަޅެއް މިހާތަނަށްވެސް ސަރުކާރުން އަޅާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.