-
-
ސަފާރީ ރޭޕް:ފުލުހުން ހާޒިރުކުރުމުގެ ގޮތް ކަނޑައެޅުން "އިންފޯމަލް" ކުރަންފެނޭ: ރޮޒައިނާ އެމްޕީ ރޮޒައިނާ މަޖްލިސް ކޮމިޓީއެއްގައި / ފޮޓޯ: މިހާރު

ސަފާރީ ރޭޕް:ފުލުހުން ހާޒިރުކުރުމުގެ ގޮތް ކަނޑައެޅުން "އިންފޯމަލް" ކުރަންފެނޭ: ރޮޒައިނާ

ރައްޔިތުންގެ މަޖްލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް އެޖެންޑާ ކުރެވިގެން ކުރިއަށްދާ "ސަފާރީ ރޭޕް" މައްސަލައާއި ގުޅިގެން ސީންއަށް ދިޔަ ފުލުހުންގެ އިތުރުން އެ މައްސަލާގައި ޝާމިލުވާ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން ހުށައެޅުމަށްފަހުގައި، އެ ބައްދަލުވުން އޮންނާނެ ތާރީޚާއި ވަގުތު ކަނޑައެޅުން "އިންފޯމަލް" ކޮށް ގެންދިއުމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ހުށައަޅުއްވައިފިއެވެ.

ADS BY FENVARU

މެމްބަރު ރޮޒައިނާގެ މި ހުށައެޅުއްވުމަށް ދެކޮޅު ހައްދަވައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުމްތާޒު ވިދާޅުވީ، ހުޅުމާލޭ ސަފާރީ ރޭޕް މައްސަލައަކީ ނުހަނު ކަންބޮޑުވުން ހިމެނޭ މައްސަލައަކަށްވާއިރު އެމައްސަލައާއި ގުޅިގެން ކޮމިޓީގެ ފަރާތުންކުރާ އެއްވެސްކަމެއް އެއްވެސް މިންވަރަކަށް "އިންފޯމަލް" ކޮށް ހާމަކަން ގެއްލޭގޮތަށް ކުރުމަށް ތާޢީދު ނުކުރަށްވާ ކަމުގައެވެ.

މެމްބަރު މުމްތާޒުގެ ވިދާޅުވުމާއި ގުޅިގެން، މެމްބަރު ރޮޒައިނާ އިތުރަށް ވިދާޅުވީ، "އިންފޯމަލް" އޭ ދެންނެވީ މީޑިއާތަކަށް ސިއްރުކުރަން ނޫންކަމުގަޔާއި، ކޮމިޓީތަކަށް މީހުން ހާޒިރުކުރުމަށް ތާވަލުކުރުމުގައި މީގެ ކުރިންވެސް މެމްބަރުން މެމްބަރުންނަށް ނުރަސްމީކޮށް މަޝްވަރާކޮށްފައި ގޮތް ނިންމާފައި އެބަހުރިކަމަށެވެ. އަދި ރޮޒައިނާގެ މި ހުށައެޅުމާއި އެއްގޮތަށް "އިންފޯމަލް" ކޮށް ގޮތެއް ކަނޑައެޅުމަށް، ކޮމިޓީގެ ނާއިބު މުޤައްރިރު ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދު ނިންމެވިއެވެ.

ކޮމިޓީ ފެށިގެން ފުރަތަމަ 30 މިނެޓްގެ އޯޑިއޯ ލައިވްފީޑް މަޖްލީހުން އާންމުކޮށް ދޫކޮށްފައި ވީނަމަވެސް، އެގޮތަށް ނިންމުމަށްްފަހުގައި ފާއިތުވެ ދިޔަ ދޮޅު ގަޑިއިރަށްވުރެ ގިނައިރުގެ އޮޑިއޯ ލައިވްފީޑް ކަނޑާލެވިފައިވާކަން ފާހަގަވެއެވެ. މަޖްލިސް އިދާރާއިން އިންޓަނެޓުގައި ޢާއްމުކޮށްފައިވާ ލިންކުގައި ހިމެނޭ ދެ ގަޑިއިރެއްހާއިރުގެ އޯޑިއޯ ގައެވެ.