-
-
ދުނިޔެމަތީގެ "ސުވަރުގެ" ސިޔާސީ ވެރިންނާއިހުރެ "ނަރަކަ" އަކަށް! ކުޑަކުޑަ މައުޞޫމް އަންހެން ފަތުރުވެރިޔަކު ކަނުހުރާ ރިސޯޓުގެ ކިޑް ކްލަބް ވަސީލަތެއްގައި / ފޮޓޯ: ކަނުހުރާ

ދުނިޔެމަތީގެ "ސުވަރުގެ" ސިޔާސީ ވެރިންނާއިހުރެ "ނަރަކަ" އަކަށް!

ސުވަރުގެއާއި ނަރަކައަކީ، ދުނިޔެވީ ޙަޔާތުގައި އިންސާނާގެ ލޯމައްޗަށް ޣައިބު ކުރެވިގެން، އުޚުރަވީ ޙަޔާތުގައި މާތް ﷲ ލަށްވާފައިވާ ދެ ތަންކަމާއިމެދު ޝައްކެއްވެސް ނެތެވެ. މުއުމިނު ކިޔަމަންތެރި އަޅުންނަށްޓަކައި ސުވަރުގޭގައި މާތް ﷲ ލަށްވާފައިވާ ނިޢުމަތްތަކަކީ ދުނިޔަވީ އެއްވެސް ނިޢުމަތަކާއި އަޅައި ކިޔޭނެފަދަ ކަންކަމެއް ނޫންކަންވެސް ކަށަވަރެވެ. ނުކިޔަމަންތެރި އަޅުންނަށް ޚާއްޞަކުރެވިގެން މަޚްލޫޤު ކުރެވިފައިވާ ނަރަކައިގެ ވޭންދެނިވި ޢަޛާބަކީވެސް، އިލާހީ ވަޙީގެ ޒަރީޢާއިން ސާބިތުވެފައިވާ މިންވަރު ނޫނީ އަހަރެމެންނަށް ނޭނގޭނެ ކަމެއްކަންވެސް ކަށަވަރެވެ.

ADS BY FENVARU

ބައިނަލް އަގުވާމީ ދުނިޔޭގައި، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިރާއްޖެއަކީ ދުނިޔެމަތީގެ "ސުވަރުގެ" ގޮތުގައި ސިފަކުރެވެނީ، އުޚުރަވީ ސުވަރުގެއާއި އަޅައިކިޔުމަކަށް ނޫނެވެ. އެހެންނަމަވެސް ގުދުރަތީގޮތުން ރާއްޖެއަށް ލިބިގެންވާ ލާމަސީލު ގޮނޑުދޮއްތަކާއި މޫދުގެ ރީތިކަމުގެ އިތުރުން، ސުލްހަ މަސަލަސް އަދި އިންތިހާއަށް ރައްކާތެރި ވެށީގެ ސަބަބުންނެވެ.

ހުޅުލޭގެ ވައިގެ ބަނދަރަށް މަތިންދާބޯޓު ތިރިކުރުމަށް އަންނަހިނދު، ދެފަރާތުގެ ކުޑަދޮރުތަކުން ފެންނަމުންދާ "މުތް" ތަކެއްފަދަ ނާޒުކު ޗާލު ޖަޒީރާ ރަށްތަކާއި ހަމައަށް ވާސިލުވެ، ވެލިރާޅު ފަށުގައި ފައިތިލަ ބީއްސާލައި މޫދުގެ ގުދުރަތީ ދިރުން ބެލުމަށް ކެތްމަދުވެފައި ތިބޭ ފަތުރުވެރިންގެ ހިތްތަކަށް އިތުރު ޝައުޤުވެރިކަމެއް ރާއްޖެއާއިމެދު އުފެދިގެންދަނީ، ރާއްޖޭގެ މައިދޮރާށިން ލިބޭ ދިވެހީންގެ އޯގާތެރިކަމާއި ހިތްހެޔޮކަމުގެ ލާމަސީލު މެހުމާންދާރީއެވެ.

ދިވެހީންނަކީ އެއް މިއްލަތެއްގެ މަތީގައިތިބި، މުޅި އިންސާނިއްޔަތަށްވެސް އޮތް އެންމެ ލާމަސީލު ދީންކަމުގައިވާ އިސްލާމް ދީނުގެ މަތިވެރި ނިޢުމަތުގެ އަހުލުވެރިން ކަމުގައި ވާތީވެ، ހިތްތަކަށް ތަސައްވަރުވެސް ނުވާނެ ބީދައިން މާތްﷲ ގެ މަތިވެރި ނިޢުމަތްތައް މި ކުޑަކުޑަ ޟަޢީފު ގައުމަށް އިންތިހާއަށް ތަނަވަސްވެގެން ވެއެވެ.

މުޅިގައުމުގެ އިގްތިސާދާއައި ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކުރުމުގެވެސް މައިގަނޑު ސަބަބެއްކަމުގައި ވެފައިވާ ފަތުރުވެރިކަން، މުޅިދުނިޔޭގެ ނިސްބަތުންވެސް ކާމިޔާބީއާއި ވަނަތައް ހޯދަމުންދެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މުޅި ދުނިޔެވެސް ދަންނަ، ދުނިޔެމަތީގެ "ސުވަރުގެ" އަކީ ހަމަ ދިވެހިރާއްޖެއެވެ.

އެހެންނަމަވެސް ހިތާމައާއިއެކު، ލޮލުން ލޭގެ ކަރުނަ ހިލޭ ހާލު ފާހަގަ ކޮށްލަން ޖެހޭ ހަގީގަތަކީ، ފަތުރުވެރިކަމުގެ ދާއިރާގައި މުޅި ދުނިޔޭގެ ސައްޔާޙުންގެ މެދުގައިވެސް ރާއްޖެއަށް ލިބިފައިވާ ރީތި ނަން މިދަނީ އިންތިހާއަށް ކިލަނބުވަމުންނެވެ. 50 މިލިއަން ކީއްކުރަށް 500 މިލިއަން މީހުން ބަލަމުން ގޮސްފައިވާ ފުޓްބޯޅަ މެޗެއްގައި ދަނޑުގެ މެދަށް ޕްރޮޖެކްޓަރަކުން އަޅުވައިގެން ދިވެހިރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެކަމަށް ދައްކަން އުޅުނެއްކަމަކު، އެއަލި ގުޅައިގެ ފުރަގަހުގައި ފޮރުވިފައިހުރި ކަންކަންވެސް ފަޅާއަރާވަރަށް ދުނިޔެމިވަނީ ބަވަނަވެ ތަހުޒީބުވެ މީސްތަކުން ހޭލުންތެރި ވެފައެވެ.

ފަތުރުވެރިކަމާއި ބެހޭވަޒީރު ޓްވިޓަރއަށް ނުކުންނަވައި، "ޑިން ޑިން ކޮވެލި ގޮވާލާ" މި ފަދަ ބަސްތައް ބޭނުން ކުރަށްވަމުން ގެންދެވިނަމަވެސް، މި ގައުމުގައި މިއަދު ގޮވާލަމުން އެދަނީ އެބުނުއްވާ ޑިން ޑިން ކޮވެލި ނޫންކަމީ ޚުދު ފަތުރުވެރިކަމުގެ ވަޒީރުވެސް ގަބޫލުފުޅު ކުރަށްވަން ޖެހޭ ހަގީގަތެކެވެ. ގައުމުގެ ރައްޔިތު ކުދިބޮޑު އެންމެންމެހައި "ކޮވެލި" ތައްވެސް ގޮވާލަމުން އެގެންދަނީ، މުޅި ގައުމުގެ މަސްލަހަތާއި ގުޅުންހުރި ފަތުރުވެރިކަމުގެ ދާއިރާގެ ތެރޭގައި، މީގެ ދެ ދުވަހެއްކުރިން ހިނގާދިޔަ "ރޭޕް" ގެ ހާދިސާއާއި ގުޅިގެން ތިލަވެފައިވާ ތުހުމަތުތައް ރައްޔިތުންނަށް ސާފުކޮށްދީ، "ބޮޑު ކެކުރި" އެއް ބެލުމެއްނެތި ގާނޫނު ތަންފީޒު ކޮށްދެއްވުމަށެވެ.

"ވީ އާރ ވެރީ ޕަވަރފުލް"، "ވީ އާރ ރޯޔަލް ފެމިލީ"، "ވީ އާރ ބޯޓު އޯނާރސް" ފަދަ ބަސްތައް "ބޫން ބޫން" ލަށްވާފައި ހިނގާނީ ހިނދުކޮޅަކަށެވެ. ހަމައެކަނި ސޯޝަލް މީޑިއާއަށް ބަލާލެވޭ ހިނދުވެސް މި ހަގީގަތް އެނގި ހާމަވެ ސާފުވެސް ވާނެއެވެ. އެންމެހައި ބާރުތައް ފެށިގެން އަންނަނީ ހަމަ ރައްޔިތުންގެ ކިބައިންނެވެ. "ރޯޔަލް" މީހުނަށް ރޯޔަލް ކަން ލިބުނީވެސް އެ ރޯޔަލް ކަން ރައްޔިތުން ދިނުމުންނެވެ. އެ ރޯޔަލް ލަގުބު ދިނުމާއި ނެގުމުގެ ދުނިޔަވީ ބާރަކީވެސް ހަމަ އެ ރައްޔިތުންނެވެ. މުހިންމު އަދި ނުފޫޒުގަދަ އިޖްތިމާއީ މަންސައެއް ކަމުގައިވާ ޓްވިޓަރގައި "ވިސިޓް މޯލްޑިވްސް" ހޭޝް ޓެގަށް ދާންދެން ޒުވާނުން ނުކުމެ މިވަނީ ހިސޯރު ކޮށްފައެވެ. ހަގީގީ ރޯޔަލް ފެމިލީއަކީ އެންމެހައި ރައްޔިތުންކަން މިވަނީ ދައްކުވައި ދީފައެވެ. އަމިއްލައަށް ރޯޔަލް ވެގެން އުޅޭ "ނުފޫޒް" ގަދަ ފަރާތްތަކަށްމެ އޮތީ ހަގީގީ ސައިޒު އެނގުމެވެ.

ކިތަންމެ އިސްޕަރ މެޖޯރިޓީއެއް އޮތަސް، އަބަދުމެ "ވަޅީގެ ތުނޑު" ބޭނުން ކުރަށްވަމުންދަނީ ކޮރަޕްޝަނާއި ނާއިންސާފާއި އަމިއްލަ އެދުމާއި، އަދި ކިއެއްތަ އެންމެ މަތިވެރި ނިޢުމަތް އިސްލާމްދީނުގެ ހުޅުކޮޅު ނިވާލުމަށް ކޮށްޓުން ތަކެއް ކޮށްޓަންކަމަށް ވަނީނަމަ، ތިމާއަށް ރޭކާވެސް ނުލައި އިސާހިތަކު އެ "ތުނޑު" ބިނދިދާނެކަން އެންމެ ރަނގަޅަށް ތަޖުރިބާ ކުރެވިފައި ވާނީވެސް، އެ ގަދަފަދަ ތުނޑުތައް ލިބިފައިވާ "ވަޅި" ހިއްޕަވައިގެން ހުންނެވި ޞާޙިބު މީހާއަށް ނޫންހެއްޔެވެ؟

އަދުގެ މަލްޓި ޕާޓީ ޑިމޮކްރަސީއެކޭ ޖާހިލިއްޔަ ޒަމާނެކޭ ތަފާތެއް ވޭހެއްޔެވެ؟ އަޅުގަނޑަށް ހީވަނީ އެއަށްވުރެވެސް ނުބައި ހެންނެވެ. ސަބަބު ދަންނަވާ ލަންދެކަން އިހަށް ކޯފާ އިސްނުކުރަށްވާށެވެ. ޖާހިލިއްޔަ ޒަމާނޭ މިކިޔޭ ދައުރުގައި މީސްތަކުން ތަފާތު ކުރެވިގެންދަނީ ޢާއިލީ ނަސަބަށް ބިނާކޮށެވެ. އެހެންނަމަވެސް ދޮގުހަދައި އޮޅުވާލުންފަދަ ކަންކަމީ އެޒަމާނުގައިވެސް ހިތްވަރު ދެވިގެންވާ ކަންކަމެއް ނޫނެވެ. އެންމެ ކަމެއްގައި މެނުވީއެވެ. ކިތައްމެ ވަރަކަށް ދޮގުހަދައިގެންވިއަސް ހަގީގަތް އޮޅުވައި ނުލެވޭނެ، އިސްލާމްދީނުގެ ހައްގު ރިސާލަތާއިމެދު އެކަންޏެވެ.

ނަމަވެސް، މިއަދު ތަފާތު ކުރުން ގެންގުޅެވެނީ ސިޔާސީ ނަސަބުގެ ގޮތުންނެވެ. ޢަދުލުވެރިކަމުން ބޭރުވެ ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް ހިންގުމަށް ބޭނުންކުރަނީވެސް ދޮގާއި މަކަރެވެ. އޮޅުވާލުމާއި އަނދުން އެޅުވުމެވެ. ވީހިނދު ޖާހިލިއްޔަ ޒަމާނަށްވުރެވެސް އަހަރެމެންނަށް މިތިބެވެނީ ކުރީގައި ނޫންހެއްޔެވެ؟ އޮޅިގެން ކޮންމެވެސް އެޖެންޑާއެއްގައި ޖެހި، އެހެން ދިވެހި ރާއްޖެއަކަށް ދެވުނީކަމަށް ބަލަމާ ހިނގާށެވެ. ފެންނަ މަންޒަރުތައް ބުނެދެނީ މިހެންނެވެ. ރައްޔިތުންގެ އަމިއްލަ އިޢުތިރާފުގެ އުދާސްތައް ބަންޑުން ކުރަމުން އެގެންދަނީ އެ ބީދައިންނެވެ.

އިންތިހާއަށް ފަވާލެވިފައިވާ ނުހަނު ބޮޑު އަކުރުތަކަކުން "ޒީރޯ ޓްލަރެންސް" ބޯޑެއްގައި ލިޔެލުމަކުން އެކަންޏެއް ކޮރަޕްޝަނެއް އަދި ހަމަ ރޭޕެއްވެސް ނުހުއްޓުވޭ ނެއެވެ. މަދެއްވެސް ނުވާނެއެވެ. އެއޮއްގެންދަނީ އިތުރުވަމުން ނޫންހެއްޔެވެ؟ ބަހާއި ޢަމަލާއި ދިމާވުމުގެ "ޒައްރެއް" ގެ މިންވަރުވެސް ނެތަތީ ނޫންހެއްޔެވެ؟ ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ ކުއްތަކާއި ގުޅިގެން ގެންގުޅުއްވާނީ ޒީރޯ ޓޮލަރެންސް ކަމަށް ވިދާޅުވެ ކުރެވުނު ފުރަތަމަ ޢަމަލު ފުޅަކީ، ޝަރީޢަތުން ކުށް ސާބިތުވެފައިވާ އެފަދަ ފަރާތެއް މިނިވަން ކުރެއްވުން ނޫންހެއްޔެވެ؟ އޮޅިވަޑައިގެން ކުރެއްވުނު ކަމެއްކަމަށް ބަލައި އިސްލާޙު ކުރަން ދޫކޮށްލުމަކީ ވެސް ނެތްކަމެއް ނޫންތާއެވެ.

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް އޭ ވިދާޅުވާއިރު، ކޮވިޑްގެ ބަލިމަޑުކަމާއި އެކު ވެންޓިލޭޓަތަކުގެ ބޭނުން އިންތިހާއަށް ބޮޑުވެގެންދިޔަ ހިނދު، ގަރުބަވެސް ނުގަންނަ ވެންޓިލޭޓަރުތަކަކަށް މިލިއަނުން ފައިސާ ދެވިގެން ގޮސްފައިވާއިރު، ރައްޔިތުން އަދި ފުރަބަންދު ކޮށްފައި ތިއްބަސް ކުޑަދޮރުން ނަމަހީވެސް ބޯދީ ވެންޓިލޭޓަރުތައް ކޮބައިތޯ ބަލާނެތާއެވެ.

މެސީކުޅުނު ފުޓުބޯޅަމެޗެއްގެ ދަނޑުމެދަށް ކިތަންމެ ރިވެތި ކުލަކުލައިން ފަށުވި އިބާރާތްތަކުން ޝިޢާރުތައް ލިޔެ "އަލި ގުޅަ" އެއް އަޅުވައިގެން އުޅުނެއްކަމަކު، ސަފާރީގެ ޑެކްމަތީ ހިނގައިދިޔަ ކަންކަންމުގެ ހަގީގަތް ބަލަން ރައްޔިތުން ބޭނުން ނުވާނެ ހެއްޔެވެ؟ ހަޔާތުގެ އިރުގެ ދޯދިތަކުގެ ނަމުގައި ފަތުރުވެރިކަން ވިއްކެމުން ދާއިރު، ހަޔާތުގެ އިތުރުން ފުރާނަވެސް ނުރަށްކަލަށް ހުށައެޅިގެންދާނެ ރޭޕްގެ ވަކިތަކުގެ ޝިކާރައަކަށް ބިދޭސީ އަންހެނަކު ވެގެންދިޔަކަމުގެ ކާފީ ތުހުމަތު ހުރިހިނދު، އަދި ޖަރީމާގެ ތުހުމަތު ކުރެވޭ ފަރާތްތައް މިނިވަނުންގެ ގޮތުގައި އެތިބެނީ ސިޔާސީ ނުފޫޒަކުންކަމަށް ރައްޔިތުންނަށް ގަބޫލުކުރެވިދާނެ މިންވަރަށް ކަންކަން ހިނގައި ގޮސްފައިވާއިރު، އަންހެނުންގެ ހައްގުތަކުގެ ނަންބޯޑު އަޅުވައިގެން އުޅުނު "އުތެމަ" ހަނު އޮތެއްކަމަކު، އަންހެނުންގެ ހައްގުތަކަށް ހަގީގަތުގައި ވަކާލާތު ކުރާ އެއްވެސް ފަރާތެއް ހަނު ނުތިބޭނެ ނޫންހެއްޔެވެ؟

ސިޔާސީ މަންފާއަށްޓަކައި ކުރިންގޮވުނީ "ބޮއި ކޮޓް" އަށެވެ. ޢާއިލީ މީހާ ނުވަތަ ތިމާގެ ބައިމީހާގެ ޙިމާޔަތުގައި މިއަދުމެ ފުނޑުފުޑުކޮށް މިލެވެނީ، މުޅި އިންޑަސްޓްރީގެ މުސްތަގުބަލެވެ. ރޭޕާއި ދުރުކޮށްދޭނެ މަގުތައް އިސްލާމްދީނުގައި ބަޔާންކޮށްފައި އޮއްވައި، އަންހެނާ އަދި ފިރިހެނާވެސް އެހެން މަގަކުން ހިނގުމުގެ ސަބަބުން އެފަދަ ހާދިސާތައް ކުރިމަތިވެ ދިޔުމުން، ދެންވެސް އެކަން ކުއްވެރިކޮށް އަދަބުދީ ޢަދުލު އިންސާފު ގާއިމުކޮށް، ޝިކާރައަކަށްވީ ފަރާތުގެ ޙައްޤުތައް ކަށަވަރުކުރުމަށް އޮތް ހުރަހަކީ، ގާނޫނީ ދިގުއަތައްވުރެ ނުފޫޒުގެއަތް ދިގަށް ދަމާލުން ކަމުގައި ވެގެން ދިޔުމަކީ ހިތާމަ އެކެވެ. ކޮޅާއި ކޮޅު ނުފެންނަވަރުގެ ހިތާމަ އެކެވެ. ނަތީޖާ އަދި މިއަދު އިހްސާސްވެސް ނުވެދާނެއެވެ.

ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި ދާއިރާއެއްގެ ތެރެއިން ހިނގާދިޔަ ހާދިސާއެއްގައި ބިދޭސީ އަންހެނަކު "ރޭޕް" ގެ ޝިކާރައަކަށްވެ ގޮސް، ފަތުރުވެރިކަމުގެ މިލްކިއްޔާތުތަކުގެ ވެރިއެއްގެ ނުފޫޒާއި އަދި ސަރުކާރުގެ ރޯޔަލް ނުފޫޒުން މި ކަން ނުބެލިދާތީވެ، ޢާއްމު ރައްޔިތުން އަޑުއުފުލައި ގިސްލަމުންދާކަމަށް ބައިނަލް އަގުވާމީ ނޫސްތަކުން ސުރުހީ ހަދާ ހިސާބަށް ދިޔުމުން، ޖަޒީރާ ޓީވީއިން ސްޓީލިންގ ޕެރަޑައިސް ދެއްކުމުން އާންމު ރައްޔިތުންނަށް ލިބުނު ފައިދާއަށްވުރެ، ގެއްލުން އިންތިހާއަށް ބޮޑުވާނެ ނޫންހެއްޔެވެ؟ މުޅި އިގްތިސާދަށާއި އެންމެހައި ރައްޔިތުންނަށްވެސް މެއެވެ. ރާއްޖެއިން ބޭރުގެ ތިން މީޑިއާއަކުން މިހާތަނަށް ސަފާރީ ރޭޕް ހާދިސާ ރިޕޯޓު ކޮށްފައިވެއެވެ.

ރަންބިސް އަޅާ ކުކުޅު "ރޭޕް" ކޮށްގެން ބިސްއަޅައިފާނެ ހެއްޔެވެ؟ ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔެމަތީގެ "ސުވަރުގެ" ކަމަށް މަޝްހޫރު ވެފައިވާ މި ދިވެހިރާއްޖެ، ސިޔާސީ ވެރިންނާއި ހުރެ ފަތުރުވެރިންގެ ހިއްތަކުގައި "ނަރަކަ" އަކަށް ބަދަލު ވެގެންދާން މިގައުމަށް ހެޔޮއެދޭ އެއްވެސް ރައްޔިތަކު ބޭނުން ވާނެހެއްޔެވެ؟ ގައުމުގެ ހާލުގެ ދުލުގެ އާދޭހެވެ! އެކަކު ދެމީހެއްގެ މަސްލަހަތައް މުޅި ދާއިރާގެ ރީތިނަން ދުނިޔޭގެ ހަތަރު ބިތުގައި ވިއްސި ވިހާލިވެ ދިޔަ ނުދެއްވާށެވެ!

އިތުރަށް ހަމައެކަނި ބުނެލަންއޮތީ ނަބަވީ އިރުޝާދެކެވެ. އެ ބަސްފުޅެއް ދޮގެއް ނުވާނެކަން ކަށަވަރެވެ. މީސްތަކުންގެ މައްޗަށް އެންމެ އޯގާތެރި އަދި މިސްތަކުންނާއިމެދު އެންމެ ޢަދުލުވެރި އިންސާނާކަމަށް މުސްތަޝްރިޤުންވެސް ހިތުގެ އަޑިން ގަބޫލުކުރާ މި އުންމަތުގެ ނަބިއްޔާގެ އަރިއަހަށް، އެކަލޭގެފާނު ނުހަނު ލޯބިފުޅުވާ މާތް ޞަޙާބީ އުސާމާ ބިން ޒައިދު ފޮނުވިގެން، މަތިވެރި ޤަބީލާއެއްގެ ކަނބަލެއްގެ މައްޗަށް ވައްކަމުގެ ޢަދަބު މަޢާފު ކޮށްދެއްވުމަށް އެދެވުނު ހިނދު، ހިތްޕުޅާއި ވެވެޑައިނުގެން ތެދުވެ ވަޑައިގަންނަވައި މުޅި އުންމަތާއި މުޚާޠަބު ކުރަށްވައި ދެއްވި މަތިވެރި އިރުޝާދަކީ ހަގީގަތެއްކަމުގައި، ދުނިޔޭގެ ގައުމުތަކުގެ މުޖުތަމަޢުތަކުން ތަޖުރިބާގެ ކުޑަވެސް ޚަބަރެއް ލިބިފައިވާ ބުއްދީގެ ކޮންމެ އަހުލުވެރިޔަކުވެސް ގަބޫލު ކުރާނެކަން ކަށަވަރެވެ.

(أيها الناس إنما أهلك الذين قبلكم أنهم كانوا إذا سرق فيهم الشريف تركوه وإذا سرق فيهم الضعيف أقاموا عليه الحد)

"މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ އުންމަތްތައް ހަލާކުވެދިޔަ ސަބަބު ކަމުގައި، އެއުރެންގެ ތެރެއިން މަތިވެރި މީހަކު ވައްކަން ކޮށްފިނަމަ އޭނާ ދޫކޮށްލައި އަދި އެއުރެންގެ ދެރަ ނިކަމެތި މީހަކަށް ވައްކަމެއް ކުރެވިއްޖެނަމަ އޭނާގެ މައްޗަށް ޙައްދު (ޢަދަބު) ޤާއިމުކުރުންނޫން އެހެން އެއްވެސް ސަބަބެއް ނުވެއެވެ"

މި ދިވެހި އުންމަތް ހަލާކުގެ ތެރެއަށް ވައްޓާލަނީތޯއެވެ؟؟؟؟؟