-
-
އަޅުގަނޑުމެންގެ ޖިންސީ ގުނަވަންތަކަކީ ރޯޔަލް ޕްރޮޕަޓީއެއް ނޫން: މުޒާހަރާގެ ކަނބަލެއް

އަޅުގަނޑުމެންގެ ޖިންސީ ގުނަވަންތަކަކީ ރޯޔަލް ޕްރޮޕަޓީއެއް ނޫން: މުޒާހަރާގެ ކަނބަލެއް

ހުޅުމާލޭ ސަރަހައްދުގައި އޮތް ސަފާރީއެއްގައި ހިނގައިދިޔަ "ރޭޕް" ގެ ހާދިސާއާއި ގުޅިގެން ރޭޕް އާއި ދެކޮޅަށް އަަޑު އުފުލުމަށް މިއަދު މާލޭގައި ބޭއްވުނު މުޒާހަރާއެއްގައި ވާހަކަ ދައްކަމުން ކަނބަލަކު ބުނެފައިވަނީ، "އަޅުގަނޑުމެންގެ ޖިންސީ ގުނަވަންތަކަކީ "ރޯޔަލް" ޕްރޮޕަޓީއެއްް ނޫން" ކަމުގައެވެ.

ADS BY FENVARU

 

ވިކްޓިމްއާއި ހަވާލާދީ އޮންލައިން ނޫހަކުން އިއްޔަ ހާމަކޮށްފައިވާ ބޮޑެތި ތުހުމަތު ތަކަކާއި ގުޅިގެން، އެ ހާދިސާ ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައިި ތުހުމަތު ކުރެވޭ ބޮޑެތި ކަންތައްތަކެއް ހުރިކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވިގެން، ތުހުމަތު ކުރެވޭ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގޮވާލައި ރޭޕް އާއި ދެކޮޅަށް ބޭއްވުނު މުޒާހަރާގައި ކަނބަލުންގެ އިތުރުން ޒުވާން ފިރިހެނުންވެސް ޝުޢޫރު ފާޅުކޮށް އަޑު އުފުލާފައި ވެއެވެ.

ސަފާރީގައި ހިނގައިދިޔަ ހާދިސާއަކީ "ރޭޕް" އެއް ނޫންކަމާއި، އެއީ ޖިންސީ ގޯނާގެ ޢަމަލެއްކަމަށް ފުލުހުން ބުނެފައިވާތީވެ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުން މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ، ފުލުހުންގެ އެބުނުމަކީ މައްސަލައިގެ ސީރިއަސްކަން ގެއްލުވާލުމަށް ނުފޫޒުތަކާއިހުރެ ފުލުހުން ބުނެފައިވާ ބުނުމެއް ކަމުގައެވެ.

ވިކްޓިމް އާއި ހަވާލާދީ މީޑިއާގައި ހާމަކޮށްފައިވާ މައުލޫމާތުތައް ދޮގުކޮށް ފުލުހުން ނެރުނު ރަސްމީ ނޫސްބަޔާނުގައި ހުރި މައުލޫމާތުތަކަށް ބިނާކޮށް، ގާނޫނު ނަމްބަރު 17/2014 "ޖިންސީ ކުށުގެ ގާނޫނު" އާއި ހަވާލާދެއްވައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ ޙައިލަމް ވިދާޅުވެފައިވަނީ، އެ ބަޔާނުގައިވާ މައުލޫމާތައް އެކަނި ބެލިކަމުގައި ވީނަމަވެސް، މަދުވެގެން 7 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކުށެއްކަމުގައިވާ، ރޭޕް ކުރަން އުޅުމުގެ ކުށަށް ހައްޔަރުގައި ބަހައްޓައިގެން ތަގުގީގުކުރަން ޖެހޭވަރަށް ކާފީ ތުހުމަތު ހުރިކަމުގައެވެ.

ސަފާރީ ރޭޕާއި ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކޮށް މީޑިއާތަކުގެ ސަމާލުކަމަށް މައްސަލައައީ، ތުހުމަތުކުރެވޭ ދެ މީހުން ފުލުހުން ދޫކޮށްލުމާއިއެކު އަދި އެ ދެމީހުނަކީ މިސަރުކާރަށް ނިސްބަތްވާ "ނުފޫޒު" ގަދަ ބަައެއްކަމުގެ ތުހުމަތުތައް އެކި ފަރާތްތަކުން ކުރަމުންދަނިކޮށް އޮންލައިން ނޫހަކުން ހާމަކުރި މައުލޫމާތު ތަކާއި ގުޅިގެންނެވެ. އެހެންނަމަވެސް ވިކްޓިމް އާއި ހަވާލާދީ ފުލުހުންވަނީ އެ ތުހުމަތުތައް އިއްޔަ ދޮގުކޮށްފައެވެ. މިއަދުގެ ވަގުތެއްގައި މިހާރު ނޫހުންވެސް ވިކްޓިމްއާއި ހަވާލާދީ ހާމަކޮށްފައިވަނީ، އެ ހާދިސާއާއި ގުޅިގެން އެއްވެސް ނޫހަކަށް ވިކްޓިމް މައުލޫމާތު ނުދޭކަމަށެވެ. އެހެންނަމަވެސް މިހާރުު ނޫހުގައިވެސް، ތުހުމަތު ކުރެވޭ ފަރާތްތަތަކުން ވިކްޓިމްގެ ޖިންސީ ގުނަވަނުގައި "އަތްލި" ކަމަށް ބަޔާން ކޮށްފައިވެއެވެ.

ތުހުމަތު ކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލާފައި ވީނަމަވެސް، މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުންވަނީ އިއްޔަ ހާމަކޮށްފައެވެ. އަދި މަޖްލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން އެ މައްސަލަ ބެލުމަށް ނިންމައި، ސީންއަށް ދިޔަ ފުލުހުންގެ އިތުރުން ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ވެރިންނާއި ބައްދަލުކުރުމަށް މިއަދުވަނީ ނިންމާފައެވެ. ވިކްޓިމްވެސް ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ސާފުކުރުމަށް މިއަދުގެ ކޮމިޓީގައި މަޝްވަރާ ކުރެވިފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.