-
-
ވިކްޓިމްގެ ޒާތީ މައުލޫމާތު  ނުހިމަނައި ސައްހަ މައުލޫމާތު ގެނެސްދީ: ބްރޯޑްކޮމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބައްދަލުވުމެއްގެ ތެރެއިން މެމްބަރުން / ފޮޓޯ: ސަން

ވިކްޓިމްގެ ޒާތީ މައުލޫމާތު ނުހިމަނައި ސައްހަ މައުލޫމާތު ގެނެސްދީ: ބްރޯޑްކޮމް

ގޯނާގެ ޙާދިސާތަކާ ގުޅޭގޮތުން ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި، އަނިޔާ ލިބޭ ފަރާތްތަކުގެ މަޢުލޫމާތު ހާމަނުކުރުމަށާއި ހާދިސާ ހިނގާދިޔަގޮތުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްފައި މެނުވީ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖޭގެ ބްރޯޑް ކާސްޓިންގ މީޑިއާތަކަށް އިލްތިމާސް ކޮށްފިއެވެ.

ADS BY FENVARU

"ޖިންސީ ގޯނާގެ ހާދިސާތައް ރިޕޯޓްކުރުމުގައި ބްރޯޑްކާސްޓަރުން ސަމާލުވުމަށް އިލްތިމާސްކުރުން ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅޭގޮތުން މިހާރަކަށް އައިސް ފަތުރަމުންދާ ޚަބަރުތަކާއި މަޢުލޫމާތުގެ ތެރޭގައި އަނިޔާ ލިބުނުކަމަށް ތުހުމަތުކުރެވޭ ފަރާތުގެ ޒާތީ މައުލޫމާތު ފަތުރަމުންދާކަން މި ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައެވެ. މި ގޮތަށް ޚަބަރު ފެތުރުމަކީ އޭގެ ސަބަބުން އެ ފަރާތް އިތުރަށް ވިކްޓިމައިޒްވެ، އެ ފަރާތުގެ އިތުރަށް އެ ފަރާތާ ގުޅުންހުރި އެހެން ފަރާތްތަކުގެ ޙައްޤަށް ނުވަތަ އިންސާނީ ކަރާމާތަށް އުނިކަން އަންނާނޭ ކަމެކެވެ. އަދި މި ފަދަ ޙާދިސާތަކުގެ މައުލޫމާތުގެ ސައްޙަކަން ކަށަވަރުކޮށްގެން މެނުވީ ޙާދިސާގެ މައުލޫމާތު ފެތުރުމަކީ ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅި އޭގެ ސަބަބުން ނުރަގަޅު އަސަރުތަކެއް މުޖުތަމަޢުއަށް ކުރާނޭކަމެއްކަން ޔަޤީނެވެ."

ބްރޯޑުކާސްޓިން މީޑިއާތަކަށް އިލްތިމާސްކޮށް އެ ކޮމިޝަނުގެ ފަރާތުން މިއަދުގެ ވަގުތެއްގައި ނެރުނު ނޫސްބަޔާނެއްގައި އިތުރަށް ހާމަކޮށްފައި ވެއެވެ.

ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި "ބްރޯޑްކާސްޓް ކުރުމުގައި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި އަމަލުކުރަންވީ ގައިޑްލައިން" އާއި "ބްރޯޑްކާސްޓު ކުރުމުގައި ކުޑަކުދިން ޙިމާޔަތްކުރުމަށް ޢަމަލުކުރަންވީ ގައިޑްލައިން" އާ އެއްގޮތްވާގޮތުގެ މަތީން ނޫންގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރާ ބްރޯޑްކާސްޓަރުންނާ މެދު ޤާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅުއަޅާނެ ކަމަށްވެސް އެބަޔާނުގައި ހާމަކޮށްފައި ވެއެވެ.