-
-
ބޮޑުތަކުރުފާނުގެ މަތިވެރި ގުރުބާނީ ހަނދާންކޮށް ދީނުގެ ދިފާޢުގައި އުތީމު ކައުންސިލުގެ ބަޔާނެއް ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ ބިނާ، އުތީމު ގަނޑުވަރަށް ރައީސް ޞާލިޙު ކުރެއްވި ޒިޔާރަތެއްގެ ތެރެއިން / ފޮޓޯ: ރާއްޖެ އެމްވީ

ބޮޑުތަކުރުފާނުގެ މަތިވެރި ގުރުބާނީ ހަނދާންކޮށް ދީނުގެ ދިފާޢުގައި އުތީމު ކައުންސިލުގެ ބަޔާނެއް

"އެމްޑީއެން" އަދި "އުތެމަ" އިން ނެރެފައިވާ ރިޕޯޓުތަކުގެ މައްސަލަ ތަހުގީގުކޮށް ދީނާއި ޚިލާފު އަދި ނަފްރަތްތެރި ޢަމަލުތައް ހިންގާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުއްވުމަށް ގޮވާލައި އުތީމު ކައުންސިލުން ބަޔާނެއް ނެރެފިއެވެ.

ADS BY FENVARU

ބޮޑުތަކުރުފާނު ނިސްބަތްވެ ވަޑައިގަންނަވާ ހއ. އުތީމު ކައުންސިލުގެ ރައީސާއި އަދި ނާއިބު ރައީސް ސޮއިކުރަށްވައި، "އިސްލާމްދީން ޢަދާވާތްތެރިވުމުގެ މައްޗަށް، "އެމްޑީއެން" އިން ނެރިފައިވާ ރިޕޯޓަށް "އުތެމަ" އިން ތާއީދުކޮށް އެއް ދަޢުވާއެއް ކޮށްފައިވާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ހއ.އުތީމު ކައުންސިލް އިން ނެރޭ ނޫސްބަޔާން" ގެ ނަމުގައި ނެރުއްވާފައިވާ ބަޔާނުގައި؛

"އަޅުގަނޑުމެން މިގޮވާލަނީ އެމްޑީއެންގެ ރިޕޯޓު ތަޙުޤީޤުކުރާ އުޞޫލުން އުތެމައިގެ ރިޕޯޓުވެސް ތަޙުޤީޤުކޮށް، މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށެވެ. އަދި މިފަދަ ނަފްރަތްތެރި ޢަމަލުތައް ހިންގާ މަދަނީ ޖަމާޢަތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގައި ފަސްނުޖެހުމަށް ދިވެހިރާއްޖޭގެ ވެރިންނާއި ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އަޅުގަނޑުމެން އިލްތިމާސްކުރަމެވެ."

އެމްޑީއެންގެ އިތުރުން އުތެމަ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް ގޮވާލައި ސަރުކާރަށް އިލްތިމާސްކޮށް ބަޔާންކޮށްފައިވެއެވެ.

އިސްލާމް ދީނަށް ތައުހީނުކޮށް އެމްޑީއެން އިން ރިޕޯޓު ނެރުމުން އެކަމާއި ދެކޮޅަށް މުޅިރާއްޖޭގެ ރައްޔިތުން އެކި ސިފަ ސިފައިގާ އަޑު އުފުލާ އިޙްތިޖާޖްކުރުމުގެ ސަބަބުން ސަރުކާރުން އެ ޖަމްޢިއްޔާ އުވާލައިފިކަމުގައި އިޢުލާންކޮށްފައި ވީނަމަވެސް، އެނުބައި ނޭއްގާނީ ޢަމަލު ހިންގި ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް ނޭޅި އުޅެނިކޮށް، އެޖަމްޢިއްޔާގެ ނަމުގައި ބަރާބަރަށް މަސައްކަތްކޮށް ޙަރަކާތް ހިންގަމުން ދާހިނދު، އަދި އޭގެ ތާއީދުގައި އެފަދަ އެހެން ޖަމްޢިއްޔާއެއް ކަމަށްވާ "އުތެމަ" އިން، ޖެނީވާގައި އޮންނަ ސީޑޯ ކޮމިޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހަޅާ ރިޕޯޓުގައި، އެމްޑީއެން ރިޕޯޓުގައި ފާހަގަކޮށްފައިވާ ދީނީގޮތުން ހައްދު ފަހަނަޅައިދިއުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ޙަޤީޤަތާ ޚިލާފަށް އެކުލަވާލާފައިވާ ކަންކަން ބަލައިގަނެ،
އެ ކަންކަމާ ދޭތެރޭގައި ފިޔަވަޅު އެޅުމަށް ގޮވާލާފައިވުމީ އަދިމާ ބިރުވެރި، އެހާމެ ނުރައްކާތެރި ކަމެއްކަމުގައިވެސް އުތީމު ކައުންސިލުގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އެމްޑީއެން އާއި އުތެމަ ޖަމިއްޔާގެ "ނިރުބަވެރި ނަފްރަތްތެރި" ޢަމަލުތަކާމެދު ފާޅުގައި އިންކާރުކޮށް، މިފަދަ ކަންތައްތަކުން ދިވެހި މުޖުތަމަޢު ސަލާމަތް ކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ދިވެހިރާއްޖޭގައި އުފައްދާފައިވާ ހުރިހާ ސިޔާސީ ޕާޓީ ތަކާ ރަށްރަށުގެ ކައުންސިލްތަކާ، ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް އުތީމު ކައުންސިލުގެ ބަޔާނުގައި އިލްތިމާސް ކޮށްފައި ވެއެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންނަކީ އިސްލާމްދީން ހިތުން ރުހުމުން ބަލައިގަނެ، އެދީނުގެ މަތިވެރިކަމާ، ފުރިހަމަކަން އެނގި، އެދީނުގެ ޙިމާޔަތުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ޖާނާއި މާލުން ވުމަށް ތައްޔާރަށް ތިބި ބައެއްކަންވެސް މިފުރުޞަތުގައި ހަނދުމަކޮށް އަރުވަމެވެ."

ޕޯޗްގީޒުންގެ އަނިޔާވެރި ވަކިތަކުގެދަށުގައި ތާށިވެ، ނުހަނު ބިރުވެރިކަމުގެ ތެރޭގައި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި އޮތްއޮތުން މުލުން ލުހެލައްވައި، މާތްވެގެންވާ އިސްލާމްދީން ދިވެހީންނަށް އަލުން އަނބުރާ ހޯއްދަވައި ދެއްވި ބޮޑުތަކުރުފާނުގެ އުފަން ރަށްކަމަށް ބާޔާންކޮށް ނެރުއްވާފައިވާ އުތީމު ކައުންސިލުގެ ބަޔާނުގައި މުސްލިމް ދިވެހި އުއްމަތަށް ހަނދުމަ ކޮށްދީފައިވެސް ވެއެވެ.