-
-
ހައްޔަރު ކުރި ދެޒުވާނުން "މުއްދަތު" ޖެހުމަށް ކޯޓަށް ފުލުހުންގެ ހައްޔަރުގައިވާ ދެ ޒުވާނުން، ޙުސައިން އަދި އަބްސީ / ފޮޓޯ: ސޯޝަލް މީޑިއާ

ހައްޔަރު ކުރި ދެޒުވާނުން "މުއްދަތު" ޖެހުމަށް ކޯޓަށް

ހުޅުމާލޭ ސަރަހައްދުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު "ރޭޕް" ކުރުމާއި ގުޅިގެން ފެންމަތިވެފައިވާ ބޮޑެތި ތުހުމަތުތަކާއި ގުޅިގެން، ރޭޕްގެ ޖަރީމާ ހިންގާ ފަރާތްތަކަށް އެއްވެސް ލުޔެއް ނުދީ ހަރުކަށި އަދަބު ދިނުމަށް ގޮޮވާލައި ޒުވާނުންތަކެއް އިސްވެގެން އިއްޔަގެ ވަގުތެއްގައި މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި, ދެ ޒުވާނުންގެ ބަންދާއިމެދު ގޮތެއްނިންމުމަށް ކޯޓަށް ގެންދިއުމަށް ފުލުހުން ނިންމާފަައިވާ ކަމުގެ މައުލޫމާތު މުޢުތަބަރު ގޮތެއްގައި މި ނޫހަށް ލިބިއްޖެއެވެ.

ADS BY FENVARU

ތަފާތު އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ހައްޔަރަށް ގެންދެވޭ ކޮންމެ މީހެއްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް، ހައްޔަރު ކުރެވޭ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހައްޔަރުގައި ހުރިމީހާ ގެންދިއުމަށް ފުލުހުންގެ މަައްޗަށް ލާޒިމުވެއެވެ.

އާންމުކޮށް ފުލުހުން ޢަމަލުކުރާގޮތަށް ބަލާއިރު، 24 ގަޑިއިރުގެ ތެރޭގައި ދޫކޮށްލުމެއްނެތި ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދަނީ, ތަހުގީގު ފުރިހަމަ ކުރުމަށް އިތުރަށް ހައްޔަރުގައި ބެހެއްޓުމަށް ފުލުހުން ބޭނުންވާ ހާލަތްތަކުގައިކަން ފާހަގަކޮށްލެވެއެވެ. ޚާއްޞަކޮށް، ކޯޓު އަމުރަކާއި ނުލައި ހައްޔަރުކުރެވޭ މީހުން 24 ގަޑިއިރަށްފަހުގައި ބަންދުގެ މުއްދަތަށް ގެންދާކަމުގައި ވަނީނަމަ އާންމުގޮތެއްގައި ފުލުހުންގެ ބަންދުފޯމުގައި އެދިފައިވާނީ ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބަހައްޓައި ދިނުމަށެވެ. މަދު ފަހަރަކު މެނުވީ، ފުރަތަމަ މުއްދަތުގެ ބަންދު ފޯމުން ފުލުހުން ކޯޓުގައި އެދެމުން ގޮސްފައި ވަނީވެސް 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށްކަންވެސް، ފުލުހުން އާއްމުކޮށް ޢަމަލު ކުރަށްވާފައިވާ ގޮތައްބަލާއިރު ފާހަގަ ކުރެވެއެވެ.

ބަންދާއި ބެހޭގޮތުން ފުލުހުން ކޯޓުގައި އެދޭ އެދުމާއި، ފުލުހުން ކުރާތުހުމަތާއި ގުޅިގެން ލިބިފައިހުރި އަދި ހޯދަންހުރި ހެކިތަކަށާއި، އަދި ތުހުމަތުކުރެވޭ މީހާގެ ވާހަކަތަކަށްވެސް ރިޢާޔަތް ކުރުމަށްފަހުގައި، މައްސަލައިގެ ޒާތާއި ބާވަތައް ބިނާކޮށް، ހެދިފައިވާ ގާނޫނުތަކާއި އުސޫލުތަކަށް ރިޢާޔަތް ކުރާއިރު، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯއާއި އަަދި އެ މުއްދަތުވެސް ކަނޑައަޅާނީ ސީދާ ފަނޑިޔާރެވެ.