-
-
ހައިކޯޓުގެ ރެޖިސްޓްރަރ އާއިވެސް ބައްދަލެއް ނުވި: އިދިކޮޅު ހައިކޯޓަށް މިއަދު ވަޑައިގެންނެވުމަށްފަހުގައި ޢަބްދުއްރަހީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ / ފޮޓޯ: ޕީޕީއެމް މީޑިއާ

ހައިކޯޓުގެ ރެޖިސްޓްރަރ އާއިވެސް ބައްދަލެއް ނުވި: އިދިކޮޅު

ރައީސް ޔާމީނުގެ އިސްތިއުނާފް ޝަރީޢަތް ލަސްވަމުންދާތީވެ އެކަމުގެ ސަަބަބު ސާފުކޮށް، ކަންބޮޑުވުންތައް ހިއްސާކުރުމަށް ހައިކޯޓުގެ އިސްފަރާތްތަކާއި ބައްދަލުކުރުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ އިސްފަރާތްތައް ހައިކޯޓަށް މިއަދު ވަޑައިގަތުމުން، އިސްފަނޑިޔާރާއި ބައްދަލު ނުވިތަނުގައި ރެޖިސްޓްރަރ އާވެސް ބައްދަަލު ނުވިކަމަށް އެ ކޯލިޝަނުން ހާމަކޮށްފިއެވެ.

ADS BY FENVARU

ހައިކޯޓުން ނުކުމެވަޑައިގެން މީޑިއާތަކާއި މައުލޫމާތު ހިއްސާ ކުރަށްވަމުން، އެ ކޯލިޝަން ހިންގުމާއި ޙަވާލުވެހުންނެވި ފުނަދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، އެބޭފުޅުން ހައިކޯޓަށް ވަޑައިގެން ބައި ގަޑިއިރު ވެގެންދިޔަފަހުން އެބޭފުޅުންނާއި ބައްދަލުކުރެއްވި ކޯޓުގެ އޮފިޝަލު ޖަވާބު ދެއްވާފައިވަނީ، ކޯޓަށް ހުށައެޅިފައިވާ މަައްސަލަތަކާއި ގުޅިގެން ކޯޓުގެ ކަމާއިގުޅުންހުރި ފަރާތްތަކާއި ބައްދަލު ކުރެވޭނީ ޚަޞްމުންނަށް ނުވަތަ އެ ޚަޞްމުން ތަމްސީލުކުރުމަށް ކޯޓުން ހުއްދަ ދީފައިވާ ފަރާތްތަކަށް ކަަމަށާއި، އެގޮތުންވެސް ބައްދަލު ކުރެވޭނީ ކޯޓުގައި ހެދިފައިހުންނަ އިޖްރާތްތަކާއި އުސޫލުތަކުގެ ތެރެއިން ކަމުގައެވެ.

ހައިކޯޓުގެ އިސްފަރާތްތަކާއި ބައްދަލުކުރަށް އިދިކޮޅު ކޯލިޝަންގެ އިސްފަރާތްތަކުން ކޯޓަށް ވަޑައިގަތުމުން، ބައްދަލުކުރެވެން ނެތްތަކަމަށް ހައިކޯޓުން އެންގުމާއި ގުޅިގެން، އެ ނިންމުމާއި މެދު ހިތްހަމަ ޖެހިވަަޑައިނުގެން އެ ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ލީޑަރު ޢަބްދުއްރަޙީމް ވިދާޅުވީ، ހައިކޯޓަށް ވަޑައިގެންނެވީ ކާމިނީގޭ ޢަބްދުﷲ ޔާމީނުގެ ޝަރީޢަތެއް ލަސްވެ އިންސާފު ލިބިގެން ނުދާތީވެ ކަންބޮޑުވުން ފާޅުކުރުމަށް ނޫންކަމަށާއި، ގައުމުގެ މިވަގުތު އިދިކޮޅު ލީޑަރަށް އިންސާފު ލިބުން ލަސްވާތީ ކަމުގައެވެ. އަދި އެ މަސައްކަތް ކުރުމަކީ އެ ލީޑަރުގެ ދަށުން މަސައްކަތް ކުރަމުންދާ ލީޑަރޝިޕަކުން ކުރަންޖެހޭނެ އަދި ކުރެވޭނެ ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ.

މީގެކުރިން ރައީސް ޔާމީނުގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ހިނގަމުން ދިޔައިރުވެސް ދެފަހަރެއްގެ މަތިން ކޯޓުގެ އިސްފަރާތްތަކާއި ބައްދަލުކޮށް ކަންބޮޑުވުން ހިއްސާކުރުމުގެ ފުރުސަތު އެ ކޯޓުން ދެއްވި ކަމުގައެވެ. ކްރިމިނަލް ކޯޓުގެ ރެޖިސްޓްރަރ ވެސް އެބޭފުޅުންނާއި ބައްދަލުކުރަށްވައި، އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއަައްސަވައި މައްސަލަ ބައްލަވާ ފަނޑިޔާރާއި ހަމައަށްވެސް ގެންގޮސްދެއްވާފައި ވާކަމަށެވެ. އެހެން ނަމަވެސް މިއަދު ހައިކޯޓުން އެގޮތަށް އެފުރުޞަތު ނުދެއްވީ، އެއީ އެ ކޯޓުގެ އަމިއްލަ ނިންމެވުމެއް ނޫންކަމާއި، ކޮންމެވެސް އެހެންބައެއްގެ ނިންމެވުމަކަށް ބިނާކޮށް ނިންމެވި ނިންމެވުމެއްކަމުގައި ގަބޫލުފުޅު ކުރެއްވޭކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ދަަށު ކޯޓުން ކޮށްފަައިވާ މަނީލޯންޑްރިނގް ކުށް ސާބިތުވުމުގެ ޙުކުމް ހައިކޯޓުގައި މިހާރު އިސްތިއުނާފު ކޮށްފައިވާއިރު، ހައިކޯޓުގައި އެ މައްސަލައިގެ ޝަރީޢަތް ކުރިއަށް ނުގެންގޮސް އެހެން މައްސަލަތައް ކުރިއަށް ގެންދާތީވެ އިދިކޮޅު ކޯލިޝަނުގެ އިތުރުން ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުންވެސް ކަންބޮޑުވުން ފާޅުކުރަށްވަމުން ގެންދަވައެވެ.