-
-
ޖުލައި 1 ން ފެށިގެން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އައު މަރުޙަލާއަކަށް ބަދަލުކުރާނަން- ރައީސް ޞާލިޙް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް--- ފޮޓޯ/ރައީސް އޮފީސް

ޖުލައި 1 ން ފެށިގެން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އައު މަރުޙަލާއަކަށް ބަދަލުކުރާނަން- ރައީސް ޞާލިޙް

ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އާ މަރުޙަލާއަކަށް ބަދަލުކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. މި ބަދަލާއިއެކު ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) އިން ކުރަމުންއައި މަސައްކަތްތައް، މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ADS BY FENVARU

ނިމިގެން ދިޔަ ޖޫމްހމަހުގެ 29 ވަނަ ދުވަހު ދަރުބާރުގެއަށް ޒިޔާރަތްކުރައްވާ، އެން.އީ.އޯ.ސީ ގައި މަސައްކަތްކުރައްވާ ފަރާތްތަކާއި މުޙާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާތަނަށް ކޯވިޑް-19 އާއި ދެކޮޅަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރައްވައި މި މަސައްކަތުގައި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ސަރުކާރުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި، ބައެއް އެހެން ޤައުމުތައް ދިޔަފަދަ ގޯސް ޙާލަތަކަށް ނުގޮސް ރާއްޖެ މިހާރު މި އޮތް ޙާލަތަށް އާދެވިފައި ވަނީ ޞިއްޙީ މާހިރުން ރައްޔިތުންނަށް ދެއްވި އިރުޝާދާއި، މަޢުލޫމާތުތަކުގެ ސަބަބުންކަން ފާހަގަކުރައްވާ އެބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ.

އައު މަރުޙަލާއަށް ބަދަލުވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ބަދަލަކީ ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ކުރާ މަސައްކަތުގެ ބައެއްކަމަށާއި، އަދިވެސް މިކަން ކުރިއަށް ގެންދިޔުމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމުގަ އެވެ. މީގެ އިތުރުން ކޯވިޑް-19 އާއި ދެކޮޅަށް ކުރެއްވި މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރެއްވި މިފަދަ މަސައްކަތްކަން ފާހަގަކުރައްވައި، މިގޮތަށް މި މަސައްކަތްކުރެވުނީ އެން.އީ.އޯ.ސީގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންގެ އެހީތެރިކަމާއި އަދި ކަމާގުޅޭ އިސްވެރިން ކުރެއްވެވި ފުރިހަމަ މަސައްކަތުންކަން ފާހަގަކުރައްވައި އެ ހުރިހާ ބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

މި ޒިޔާރާތްކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެންއީއޯސީގައި ހުރި އެކި މުއައްސަސާތަކުގެ ސްޓޭޝަންތަކަށް ޒިޔާރަތްކުރައްވައި އެބޭފުޅުންގެ މަސައްކަތްތައް ބައްލަވާލައްވާފަ އެވެ. އަދި، އެ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ވަނީ އެބޭފުޅުންގެ މަސައްކަތްތަކާއިގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު ދެއްވާފަ އެވެ.