-
-
" އުތެމަ " ރިޕޯޓް ކުއްވެރިކޮށް  ފިޔަވަޅު އެޅުމަށް ކިނޮޅަހު ކައުންސިލުން ގޮވާލައިފި ރ.ކިނޮޅަސް / ފޮޓޯ : ވިޒިޓް ކިނޮޅަސް ޕޭޖް

" އުތެމަ " ރިޕޯޓް ކުއްވެރިކޮށް ފިޔަވަޅު އެޅުމަށް ކިނޮޅަހު ކައުންސިލުން ގޮވާލައިފި

 

ADS BY FENVARU

އިސްލާމް ދީނުގެ ޙުކުމްތަކަށް އިންކާރުކޮށް ، ދީނީގޮތުން ހައްދުފަހަނައަޅައިދިއުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ޙަޤީޤަތާ ޚިލާފަށް " އުތެމަ " އިން އެކުލަވާލާފައިވާ ރިޕޯޓް ކުއްވެރިކޮށް ، އެ ރިޕޯޓް ތަޙްޤީޤްކޮށް މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލުން ގޮވާލައިފިއެވެ.

ކިނޮޅަހު ކައުންސިލުން އިއްޔެ ނެރެފައިވާ ބަޔާނުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު ' އެމްޑީއެން " އުވާލާފައިވާ ވީނަމަވެސް އެ ޖަމިއްޔާއިން އަދިވެސް ޙަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ޖަމިއްޔާއަކީ މިހާރު ޣައިރު ޤާނޫނީ ޖަމިއްޔާއެއް ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އެ ޖަމިއްޔާ ހިންގި ފަރާތްތަކަށް ފިޔަވަޅު އެޅިފައި ނުވާތީ އެކަމާ ހިތާމަ ކުރާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

" ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯރކް (އެމް.ޑީ.އެން) އިން "ޕްރެލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް " ގެ ނަމުގައި ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާކަން، ރާއްޖޭގެ ކަންކޮޅުތަކުގައި ތިއްބެވި އެކިއެކި އިލްމުވެރިންގެ ބަސްފުޅުތަކުންނާއި، އިސްލާމިކް މިނިސްޓްރީގެ ބަޔާނުންނާ، ފުލުހުންގެ ތަޙުޤީޤަށް ވެސް ސާބިތުވެފައިވުމުން، އެކަމާއި ދެކޮޅަށް މުޅިރާއްޖޭގެ ރައްޔިތުން، އެކި ސިފަ ސިފައިގައި ކައުންސިލްތަކާއި ޖަމްޢިއްޔާތައް ޝާމިލްވާނެފަދައިން އަޑު އުފުލާ އިޙްތިޖާޖްކުރުމުގެ ސަބަބުން ، 2019 ޑިސެންބަރު 19 ވަނަ ދުވަހު، ދިވެހި ސަރުކާރުން ދާދި އިހަށްދުވަހަކުވަނީ އެ ޖަމްޢިއްޔާ (އެމް.ޑީ.އެން.) އުވާލައިފިކަމުގައި އިޢުލާންކޮށްފައެވެ. އެހެންކަމުން މިހާރު އަރަކާތްތެރިވާނަމަ އެއީ ޣައިރު ޤާނޫނީ މުއައްސަސާއެއް ކަމުގައިވެސް ދަންނަވަން ޖެހެއެވެ. ހަމައެޔާއިއެކު އެ ޖަމިއްޔާ ހިންގި ފަރާތަކަށް އެއްވެސް ފިޔަވަޅެއް އެޅިފާނުމާއި، އެޖަމްޢިއްޔާގެ ނަމުގައި ބަރާބަރައް މަސައްކަތްތައް ކުރެވިގެން ދާހިނދުވެސް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާތީ ދިވެހި ރައްޔިތުން ނުހަނު ކަންބޮޑުވުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، އޭގެ ތާއީދުގައި އެފަދަ އެހެން ޖަމްޢިއްޔާތައް ނިކުމެ އިސްލާމް ދީނުގެ އަސާސްތައް ފުނޑުފުނޑުވާފަދަ ރިޕޯޓްތައް ނެރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި ދަންނަވަމެވެ." ކިނޮޅަހު ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ކިނޮޅަހު ކައުންސިލުގެ ބަޔާނުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ "އުތެމަ" އިން 2020 ޖޫން 22 އިން ޖުލައި 10 އަށް ޖެނީވާގައި އޮންނަ ސީޑޯ ކޮމިޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހަޅާ ރިޕޯޓުގައި އެމްޑީއެން ރިޕޯޓު ބަލައިގަނެ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ދީނީގޮތުން ހައްދުފަހަނައަޅައިދިއުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ޙަޤީޤަތާ ޚިލާފަށް އެކުލަވާލާފައިވާ ކަންކަން ބަލައިގަނެ، އެ ކަންކަމާ ދޭތެރޭގައި ފިޔަވަޅު އެޅުމަށް ގޮވާލާފައިވުމީ އަދި މާ ބިރުވެރި، އެހާމެ ނުރައްކާތެރި ކަމެއްކަމުގައި މި ކައުންސިލްއިން

އެހެންކަމުން އަޅުގަނޑުމެން ގޮވާލަނީ، އެމްޑީއެންގެ ރިޕޯޓު ތަޙުޤީޤުކުރި އުޞޫލުން އުތެމައިގެ ރިޕޯޓުވެސް ތަޙުޤީޤުކޮށް، މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށެވެ. އަދި މިފަދަ ނަފްރަތްތެރި ޢަމަލުތައް ހިންގާ މަދަނީ ޖަމާޢަތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގައި ފަސްނުޖެހުމަށް ދިވެހިރާއްޖޭގެ ވެރިންނާއި ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އަޅުގަނޑުމެން އިލްތިމާސްކުރާ ކަމަށް ބުނެފައިވެއެވެ.

އަދި އިސްލާމްދީނާއި ދެކޮޅަށް ކުރެވޭ އެންމެ ކަމެއްގައި  ރ އަތޮޅާއި މުޅި ރާއްޖޭގެ ހުރިހާކައުންސިލްތަކުން އިސްލާމްދީނުގެ ދިފާޢުގައި މިކުރާމަސައްކަތުގައި ބައިވެރިވުމަށް ގޮވާލަކަމަށާއި މީގެ އެތައް ސަތޭކަ އަހަރެއްގެކުރިންސުރެ ފެށިގެން މިލޮބުވެތި ދިވެހި ޤައުމުގައި ދެމިއޮތް އިސްލާމީ ހިދާޔަތުގެ ނޫރު ފަނޑުކޮށްލާ ނިވާލުމަކީ، ރ ކިނޮޅަހު ކައުންސިލާއި ރ. ކިނޮޅަހުގެ ރައްޔިތުން ފަހަރެއްގައިވެސް އެދޭނެކަމެއްނޫން ކަމެއް ކަމަށް އެ ކައުންސިލް ބަޔާނުގައި ބުނެފައިވެއެވެ.

ރ.ކިނޮޅަހު ކައުންސިލުގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ " ދިވެހި ޤައުމުގެ ލޮބުވެތި ފަސްގަނޑުން ލާދީނީ ފިކުރު ހިންގާ ފަރާތްތަކަށް ފުރުޞަތު ނުދެއްވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ، އަދިމިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ޙަރަކާތްތައް މިހާރުން މިހާރަށް ހުއްޓުވާ އެފަރާތްތަކަށް ޤާނޫނުން ލިބިދޭ އެންމެ ހަރުކަށި، ޙައްޤު އަދަބު ދިނުމަށްވެސް ކަމާބެހޭ އެންމެހައި މުއައްސަސާ ތަކަށް ގޮވާލަމެވެ.

" އުތެމަ " އިން ނެރެފައިވާ ރިޕޯޓް ކުއްވެރިކޮށް ރ.އަނގޮޅިތީމު ކައުންސިލުންވެސް ވަނީ އިއްޔެ ބަޔާނެއް ނެރެފައެވެ.