-
-
ބަނަވި ހަޔާތް-18

ބަނަވި ހަޔާތް-18

ޝައުނާގެ ތުންފަތްމަތީ ވިހަ ހިނިތުންވުމެއް ކުޅެލިއެވެ.

ADS BY FENVARU

ފިރިމީހާގެ މަރު ވެގެންދިޔައީ ފަތީނާއަށް ބަރުދާސްތު ކުރަން އުދަގޫ ހިތާމަޔަކަށެވެ. ފަތީނާ ފިރިމީހާ އެހާ ރަހުމު ކުޑަކޮށް މަރާލީ ކާކުތޯ ބަލަން ފަތީނާ ބޭނުންވިއެވެ. ފަތީނާ އެއްވެސް ވަރަކަށް ޝައުނާ މަތިން ހަދާނެއް ނެތެވެ. އޭނަ ހީކޮށްގެން ހުންނަނީ ޝައުނާ މަރާލެވުނު ކަމަށެވެ.

ފިރިމީހާގެ ކަށުކަމާކެމީގެ ކަންތައްތަކުގައި ފަތީނާ އަވަދިނެތި އުޅެނިކޮށް މީހަކު ފަތީނާގެ ކައިރިޔަށް އައިސް ދައްތާއޭ ކިޔާ ގޮވާލިއެވެ. ފަތީނާ ދިޔައީ ސިއްސައިގެންނެވެ.

"ތީ ކާކު!" އެއީ ދަންނަ އަޑެއް ކަމުން ފަތީނާ އަހާލިއެވެ. މޫނުބުރުގާއެއް  އަޅައިގެން ހުރުމުން އެއީ ކާކު ކަމެއް ނޭގުނީއެވެ.

"ދައްތައަށް އަހަރެން ނޭގުނުތަ! މީ ޝައު..!" މިހިސާބަށް ބުނެވުނުތަނާ މީހަކު އައިސް ފަތީނާއާ ވާހަކަ ދައްކަން ފެއްޓިއެވެ.

އެމީހާއާ ވާހަކަދައްކާ ނިންމާފަ ފަތީނާ އެބުރި ބަލާލިއިރު މޫނުބުރުގާ އަޅައިގެން ހުރި މީހާ ނެތެވެ.

މުޅިތަން ބެލިއިރުވެސް ނުފެނުނެވެ. ފަތީނާ ވިސްނާލިއެވެ. އެއީ ކާކު ހެއްޔެވެ. އޭނަ ފަތީނާއަށް ދައްތަ ކިޔާފަ ގޮވީ ކީއްވެ ހެއްޔެވެ.

"ޝައު!" ފަތީނާ ކިޔާލިއެވެ.

"ޝައުނާ" ފަތީނާއަށް ވިސްނުނެވެ. ޔަޤީނެވެ. އެއީ ޝައުނާގެ އަޑެވެ. ފަތީނާ ރުޅިއައިސްގެން ހުރެ ގޭތެރެޔަށް ވަދެގެންދާން ހިގައިގަތްތަނުން މީހަކު ފަތީނާއަށް ގޮވާލިއެވެ. ފަތީނާ ޖެހުނީ އެމީހުންކައިރީ މަޑުކުރާށެވެ.

ފިރިމީހާ ވަޅުލާފައި އެންމެން ގެޔަށް ދިޔުމުން ފަތީނާ އައިސް އިށީނީ ގޭގެ ޖޯލީގައެވެ. މީހަކު ސަލާންގޮވާލިއަޑަށް ފަތީނާ ބަލާލިއިރު ނީލްއެވެ. ނީލް ފެނުމުން ފަތީނާ މޫނު ކުނިކޮށްލިއެވެ. ނީލް އައިސް ފަތީނާ ކައިރީ ޖޯލީގައި ޖައްސާލިއެވެ.

"ފަތީނައްތާ. އަހަރެން މިއަދު މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން."

"ނީލް. މިގަޑިޔަކު ނެތް ވާހަކަދައްކާ ހިތެއް. މިވަގުތު ރަގަޅުވާނީ ނީލް މިތަނުން ދިޔައިއްޔާ." ފަތީނާ ނުރުހުމުގެ ރާގަކަށް ބުނެލިއެވެ.

"އެވާހަކައަކީ ފަތީނައްތަ ފިރިމީހާގެ މަރާ ގުޅުންހުރި ވާހަކައެއް ވީމަ މިވަގުތު ބުނެލަން ބޭނުންވީ."

ނީލް މިހެން ބުނުމުން ފަތީނާ ނީލްއާ ދިމާލަށް ސުވާލުގެ ނަޒަރަކުން ބަލާލިއެވެ.

"ތިބުނި އެއްޗެއް ނޭގުނު." ފަތީނާ ބުނެލިއެވެ.

"އަހަންނަށް އެގޭ ފަތީނައްތަ ފިރިމީހާ މަރާލީ ކާކުކަން."

"އަހަރެން ބޭނުމީ އެމީހެއްގެ ނަން." ނީލްގެ ވާހަކަ މެދުކަޑާލާފައި ފަތީނާ ބުނެލިއެވެ.

"ފަތީނައްތާ. ހަދާންވޭތަ އަހަރެން ބުނީމެއްނު ފަތީނައްތަ ކައިރީ ޝެރިން މަރުވެއްޖޭ. އެއީވެސް އަހަންނާ އިނުމުގެ ކުރިންނޭ. ޝެރިންގެ ސިފައިގައި އުޅުނީ ޖިންނިއެކޭ."

"އޭ! ނުވިސްނުނު ތިކިޔާ އެއްޗެއް." ފަތީނާ ނޭގޭ ކަމަށް ހަދާލިއެވެ.

"އަހަރެން އިދެގެން އުޅުނީ ޝެރިންއަކާ ނޫން. އެއީ ޝެރިންގެ ސިފައިގައި ހުރި ޖިންނިއެއް. އަހަންނަށް އެގުނީ ވަރަށް ފަހުން. އަހަރެން އެޖިންނި މަރާލަން ފަންޑިތަވެސް ހެދިން އެކަމަކު އޭތި ސަލާމަތްވެގެން ރަށުތެރޭ އެބައުޅޭ. ފަތީނައްތަ ފިރިމީހާ މަރާލީވެސް ހަމަ އެ ޖިންނި."

"ކިހިނެއް ނީލްއަށް އެގެނީ އެއީ އެޖިންނިގެ ކަމެއްކަން. އޭތި މަރުނުވާކަން އެގެނީ ކިހިނެއް؟" ފަތީނާ ބޭނުންވީ ނީލްގެ ކައިރިން ވާހަކަ އަހާށެވެ. ފަތީނާއަށް ނޭގޭ އެއްޗެއް ނީލްގެ ފަރާތުން އެގޭތޯއެވެ.

"އަހަރެންގެ ގޭގައި އެބަހުރި ފަންޑިތަ ހަދާ މީހެއް. އެމީހާ ބެލީ ފަތީނައްތަ ފިރިމީހާއަށް އެހެންހެދީ ކާކުތޯ. ބަލާފަ ބުނީ އެއްކަލަ ޖިންނިގެ ކަމެކޭ. ކޮންމެވެސް ކަމަކާ ބަދަލުހިފަން ކުރި ކަމެކޯ ބުނީ." ނީލް މިހެން ބުނުމުން ފަތީނާ ޖޯލިން ތެދުވިއެވެ. މަޑުމަޑުން ހިގާފައި ގޮސް ގެޔަށްވަނީއެވެ. ފަތީނާ ދިޔަގޮތުން ނީލްއަށް ހީވީ ނީލް އެހެންބުނުމުން ދެރަވެގެން ފަތީނައްތަ ދިޔައީ ކަމަށެވެ. ނީލްވެސް އަޅާނުލާ ނުކުމެގެން ދިޔައިއެވެ.

ފަތީނާ ގޮސް ވަނީ ގިފިއްޔަށެވެ. ވަޅު ކައިރީ ހުރެ ފަތީނާ ދެލޯމަރާލިއެވެ. ފެންނަގަން ވަޅަށް ދާނި ކޮށްޕާލުމުގެ ބަދަލުގައި ފަތީނާ ފުއްމާލީ ވަޅުގެތެރެޔަށެވެ. ފަތީނާގެ ކުދިން ހީކުރީ މަންމަ ވަނީ ފެންވަރަން ކަމަށެވެ. ފަތީނާ ލޯހުޅުވާލިއިރު ހުރެވުނީ ވަރަށް ރީތިކޮށް ހަދާފައިހުރި ގަނޑުވަރެއްކަހަލަ ގެޔަކުއެވެ. ފަތީނާ ހިގައިގަތީ ކުރިޔަށެވެ. އެއްވެސް ޖެހިލުމެއްނެތި ވަދެގެން ދިޔައެވެ. ގޭތެރޭގައި ހޭލަމޭލައަށް މީހުން އުޅުނެވެ. އެކަކުވެސް ފަތީނާ ނުހުއްޓުވައެވެ. އެންމެންވެސް ފަތީނާ ފެނުމުން ހިނިތުންވަމުންދިޔައެވެ.

ފަތީނާ ދިޔަގޮތަށް ގޮސް ކޮޓަރިއެއްގެ ދޮރުގެ ތަޅުގައި ހިފާލިއެވެ. ދޮރު ހުރީ ތަޅުލާފައެވެ. ސަކީނާ ދޮރުގައި ޓަކި ޖަހަން ފެށިއެވެ. އެކަމަކު އެއްވެސް މީހަކު ދޮރުނުހުޅުވިއެވެ.

"ޝަފްނާ!" ބަރުއަޑަކުން މީހަކު ގޮވާލުމުން ފަތީނާ އެބުރި ބަލާލިއެވެ.

"ހާދަ ދުވަސްކޮށްފަ ތިފެނުނީ. ކޮންތާކު ތިއުޅެނީ. މިހާރު ތިދެމީހުންވެސް އުޅޭނޫޅޭ ތަނެއް އަހަރެމެންނަށް ނޭގެ. ކޮބާ ޝައުނާ ކޮއްކޮ." ހަށިގަނޑު ވަރުގަދަ ހުތުރު ސިފަޔަކަށް ހުރި މީހަކު ބަރުއަޑަކުން ވާހަކަ ދައްކަމުން ދިޔައެވެ. ފަތީނާ އަޅާވެސްނުލާ ދޮރުގައި ޓަކިޖަހަން ފެށިއެވެ.

"ޝަފްނާ. ކީއްކުރަން ދޮރުގަ ތިތަޅަނީ." އެމީހާ އަހާލިއެވެ.

"އެތެރޭގައި ހުރި މީހަކު ހުޅުވާތޯ!" ފަތީނާ ޖަވާބުގައި ބުނެލިއެވެ.

"ކާކު އެތެރޭގައި ހުރީ؟"

"ޝައުނާއެއްނު!" ފަތީނާ ބުނެލިއެވެ.

"ޝައުނާ ނާދެ ގެޔަކަށް. ކޮން ޒަމާނެއް މިހާރު އޭނަ ނާންނަތާ. ކިހިނެއްވީތަ!"

"ކަމެއްނުވާ!" ފަތީނާ ދާން ހިގައިގަތެވެ. އެއީ ފަތީނާގެ މަންމަ އުޅެ ބޮޑުވި ގެޔެވެ. އެމީހުންގެ ކާފަގެ ގެޔެވެ. ފަތީނާއާ ވާހަކަދެއްކީ އެމީހުންގެ ކާފައެވެ.

"ކޮބާ! ދައްތަ ދިޔައީތަ؟" ޝައުނާ ދޮރު ތަޅުހުޅުވާލާފާ ދޮރުން ބޯދިއްކޮށްލަމުން އަހާލިއެވެ.

"އާ! ގޮސްސި. އާދޭ ބޭރަށް." އެމީހާ އެހެން ބުނުމުން ޝައުނާ ކޮޓަރިން ބޭރަށް ނުކުތެވެ.

"އަސްލު ކީއްވެ ދަރިފުޅު ދައްތަގެ ދިރިއުޅުން ހަލާކުކޮށްލީ. ދެން ދައްތަ ދާނީ ކޮންތާކަށް. އިންސާނަކާ އިދެގެން އުފަލުގައި އުޅެމުން އެމަންޖެ އައީ."

"އަހަރެންވެސް މީހަކާ އިދެގެން އުފަލުގައޭ އުޅުނީ. ދައްތަ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލީ އަހަރެންގެ ކުށަކީ ކޮބާ." ޝައުނާ ބުނެލިއެވެ.

"އެކަމަކު ދަރިފުޅާ. އެހެން ހަދާކަށްނުވާނެނު. އެއީ ދަރިފުޅުގެ ޅިޔަންބެއޭ.!"

"އޯކޭ. ކާފަވެސް އެދައްތަގެ ކޮޅަށް ވާހަކަ ތިދައްކަނީ. އަހަންނާމެދު ވިސްނާނެ ހަމަ އެކަކުވެސް ނެތް. އަހަރެން ދަނީ." މިހެންބުނެ ޝައުނާ ދާން އެބުރުނު އިރު ކުރިމަތީގައި ހުރީ ފަތީނާއެވެ.

(ނުނިމޭ)