-
-
ބަނަވި ހަޔާތް-20

ބަނަވި ހަޔާތް-20

ކަރުގައި ވަޅިއެޅުމުން ވަގުތުން މަރުވީއެވެ. ޝައުނާގެ ހުނުމުގެ އަޑުން މުޅިތަން ގުގުމާލިއެވެ.

ADS BY FENVARU

ނީލް ރޮއި ހަޅޭއްލަވާ އަޑަށް ދީމާ އައިސް ބަލާލިއިރު ވާފިރުބެ އޮތީ މަރުވެފައެވެ.

"ސުބުހާނަﷲ. މީކާކު ކުރި ކަމެއް" ދީމާ ދުވެފައައިސް ވާފިރުބެ އަށް ގޮވަންފޮށިއެވެ.

"އަހަރެ..ން!" ނީލް މިހެނ ބުނުމުން ދީމާ ނީލްއަށް ބަލާލިއެވެ.

"ކީކޭ. ކީއްވެ؟" ދީމާ ސުވާލުކުރަން ފެށުމުން ނީލް ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ.

ވާފިރުބެގެ މަރުގެ ތުހުމަތް އެޅުވުނީ ނީލްގެ ބޮލުގައެވެ. އެހެން ނަމަވެސް ހެކި ނެތުމުން ނީލް ހައްޔަރެއް ނުކުރެއެވެ. ވާފިރުބެ މަރާލި ވަޅި ދީމާއަށް ފެނިގެން ދީމާ އެވަޅި ފޮރުވާލީއެވެ. ދީމާ ބަޔާންދިން ގޮތުގައި ނީލް އާއި ދީމާ ބޭރަށް ގޮސްސަ އައިއިރު ވާފިރުބެ އޮތީ މަރުވެފައެވެ. އެހެންނަމަވެސް މިމައްސަލައިގައި ނީލްގެ ބަޔާނެއް ނުލިބުމުން ނީލްގެ މައްޗަށް ތުހުމަތުކުރެވުނީއެވެ. އަނެއްކޮޅުން ވާފިރުބެ މަރުވެފައި އޮތީ ނީލްގެ ކޮޓަރީގައި ނީލްގެ އެދުމަތީގައެވެ.

ވާފިރުބެ މަރުވުމުން ދެންތިބި މީހުން ދީމާ ދެކެ ހިތްހަމަނުޖެހިގެން ފުރައިގެން ދިޔައީއެވެ. އެމީހުން މިރަށަށް ގެނައި މީހަކީ ދީމާއެވެ. ވާފިރުބެ މަރާލީ ނީލްކަން އެމީހުނަށްވެސް ޝައްކެވެ. އެމީހުން ފުރައިގެން ދިޔުމުން ދީމާ ވަރަށް ކަންބޮޑުވިއެވެ. ނީލްއަށް އަންނަމުންދާ ބަދަލުތަކަކީ އާދަޔާ ޚިލާފު ބަދަލުތަކެއްކަން ދީމާއަށް އެގެއެވެ.

ވާފިރުބެ މަރުގެ ޚަބަރު ލިބުމުން ރަށުގެ ކުދިބޮޑު އެންމެން ހިތާމަ ކުރަމުންދިޔައިރު ފަތީނާ ދިޔައީ އެކަމުގެ އުފާފާޅުކުރަމުންނެވެ. ދެން ފަތީނާ ބޭނުން ގޮތަކަށް ރަށުތެރޭގައި އުޅެވޭނެތީއާއި ނީލްއަށް ބޭނުން ގޮތެއް ހެދިދާނެތީއެވެ.

ފަތީނާ ދިޔައީ ނީލްއަށް ފާރަލަމުންނެވެ. އެކަނިވާނެ ވަގުތަކަށް އިންތިޒާރުގައެވެ. ދީމާ ނީލް އެކަނިކޮށްނުލާތީއެވެ. އެހެން ހުއްޓާ ފަތީނާއަށް ފެންނަނީ ޝައުނާ ނީލްގެ ކޮޓަރިޔަށް ވަދެ ގަދަކަމުން ނީލްގެ މައްޗަށް ބާރުފޯރުވާތަނެވެ. ފަތީނާ ފާޑަކަށް ހީގަތެވެ.

ޖެހިގެން އައި ރޭވެސް ނީލް ނިދާފަ އޮތްވާ ހޭލެވެނީ ހަށިގަނޑު ފިނިވެގެންނެވެ. ހީވަނީ އޭސީ އެންމެ ފުލްކޮށްފަ ހުރިހެންނެވެ. ނީލް ތެދުވެ އޭސީ ރިމޯޓް ނަގާ ބަލާލިއިރު އޭސީ ހުރީ ނިއްވާފައެވެ.  ނީލް ތެދުވެ ކުޑަދޮރާ ދިމާލަށް ހިގައިގަތެވެ. ކުޑަދޮރާ ހަމަޔަށް ހިގާފަ ދެވެނީ ކިރިޔާއެވެ. ދެފައި ތުރުތުރު އަޅާ ވަރުން މަޑުމަޑުން ހިގާފައި ގޮސް ކުޑަދޮރު ލައްޕާލާފައި އެބުރުނުއިރު ޝައުނާ އިނީ އެދުމަތީގައެވެ. ނީލް ސިއްސައިގެންގޮސް ބިންމައްޗަށް ވެއްޓުނެވެ.

ޝައުނާ ތިރިވެފައި ނީލްއާ ދިމާލަށް އަންނަން ފެށިއެވެ. ނީލް އިނީ ފާރުގައި ލެގިލައިގެންނެވެ. ޝައުނާ ނީލްގެ ދެފައިގައި ހިފާ ދަމައިގަތެވެ. ޝައުނާ އަތްލިތަން ހުރީ އަދާފައެވެ. ނަގާ ދިލަހޫނުން ނީލްއަށް ކެތްނުވިއެވެ. ސަލާމަތަށް އެދި ގޮވަމުންދިޔައެވެ. އެހެންރޭތަކާ ޚިލާފަށް މިރޭ ޝައުނާ ނީލްއަށް އަނިޔާ ކުރިއެވެ. މޭމަތީގަޔާއި ބުރިކަށީގައި ވަކިއަޅާ ހެދިއެވެ. އެހެންރޭރޭ ޝައުނާ ނީލްއާ ވާހަކަވެސް ދައްކައެވެ. އެހެން ނަމަވެސް މިރޭ ވާހަކައެއް ނުދައްކައެވެ. ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތި ނީލް ތަޅުންގަނޑު މަތީ އޮތީ ރޮއިރޮއިއެވެ. ވޭންނާޅާ އެންމެ ގުނަވަނެއްވެސް ނެތެވެ. ވަކިއަޅާފަ ހުރިތަނުން ލޭވެސް އައިސްސަ ހުއްޓެވެ. މިވަގުތު ނީލްގެ ހާލު ފެނުނު މީހެއްގެ ލޮލުން ކަރުނަ އަންނާނެއެވެ. ޝައުނާ ބޭނުން ހުރިހާ ކަމެއް ނިންމާފައި ޖެހި ވިދުވަރެއްހެން ޝައުނާ ގެއްލިއްޖެއެވެ. ނީލް ތެދުވާން މަސައްކަތްކުރިއެވެ. އެހެނަސް ކޮޅަށް ތެދުވުމުން އަނެއްކާވެސް ވެއްޓެނީއެވެ.

"ނީލް" އިރުކޮޅެއްފަހުން މީހަކު ނީލްއަށް ގޮވާލިއެވެ.

ނީލް މަޑުމަޑުން ލޯހުޅުވާ ބަލާލިއިރު ކުރިމަތީގާ ޝައުނާ ހުއްޓެވެ.

"އަދިވެސް ކަލޭގެ ހިތް ނުފުރެނީތަ. ބަލާބަ ކަލޭ އަހަންނަށް ޖައްސާފަ އޮތް ހާލު. މީތަ ތިވާ ލޯތްބަކީ. މީތަ އަހަރެން ކަލޭދެކެ ވީ ލޯބީގެ ބަދަލަކީ. ޝެރިންގެ ސިފައިގައި ހުއްޓަސް އަހަރެން ހުންނާނީ ކަލޭ ހިތްފުރެންދެން ލޯބި ދީފައި." ނީލް ރޮމުން ވާހަކަދެއްކިއެވެ.

"ނޫން. ނޫން. ތިހެން ނުބުނޭ. ކާކު ނީލްއަށް މިހާލު ޖެއްސީ." ޝައުނާ ދުވެފަ އައިސް ނީލްގެ ކައިރީ އިށީނެވެ.

"އަހަންނަށް މިހާލު ޖެއްސި މީހަކީ ކަލޭ. "

"އަހަރެން. އަހަރެން ކޮންއިރަކު.އަހަރެން ނުކުރަން ނީލްއަށް އެއްވެސް ގޯނާއެއް. އެހެންނޫނަސް އަހަރެން ނީލް ދެކެ ވަނީ ހަޤީގީ ލޯބި. އަހަރެން ކީއްކުރަން ނީލްއަށް އަނިޔާކުރަންވީ." ޝައުނާ އިނީ ހައިރާންވެފައެވެ. ނީލްއަށް އެހާލު ޖެއްސީ ޝައުނާ ކަމަށް ނީލް ބުނަނީ ކީއްވެހެއްޔެވެ.

"ނީލް. ގަބޫލުކުރޭ! ތީ އަހަރެން ކުރި ކަމެއް ނޫން. އަހަރެން އެއްވެސް ދުވަހަކު ނީލްއަށް އަނިޔާ ކުރިންތަ. ނީލް ވިސްނާލަބަ." ޝައުނާ މަޑުމަޑުން ނީލްއާ ގާތްވަމުން ވާހަކަ ދެއްކިއެވެ. ނީލް ގަދަހަދާފައި ދުރަށް ދާން އުޅުނެވެ. ޝައުނާ ބާރުގެ ބޭނުންކޮށްގެން ނީލް ނަގާ އެދުމަތީ ބޭއްވިއެވެ. ޝައުނާގެ އަތް ބީއްސާލުމުން ނީލްގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭންތަކަށް ލުޔެއް ލިބި ވަކިއަޅާފައި ހުރި ނިޝާންތައް ފިލައިދިޔައެވެ.

ބާރުގެ ބޭނުންކޮށް ނީލް ނިންދަވާލާފައި ގައިމަތީ ރަޖާ އަޅާލާފައި ޝައުނާ ނުކުތީ ބޭރަށެވެ.

"އަހަރެންގެ ނީލްއަށް އަނިޔާކުރި މީހަކު ދުނިޔޭގައި ނުބަހައްޓާނަން." ހިތާހިތާ ކިޔާލިއެވެ.

ޝައުނާ ދިޔައީ އަތިރިމައްޗަށެވެ. މޫދާ ދިމާލަށް ބަލަހައްޓައިގެން ހުރެ ދެއަތުން ލޮނުގަނޑު ކަހާލިއެވެ. ލޮނުގަނޑު ދެފަރާތަށް އެރުމުން ބޮޑޮސްކްރީނެއް ކަހަލަ ހުދު ފޮތިގަނޑެއް ފާޅުވެގެންދިޔައެވެ. އެފޮތިގަނޑުން ސިފަވެގެންދިޔަ މަންޒަރު ހީވަނީ ޕްރޮޖެކްޓަރަކުން އަޅުވާފަ ހުރި ފިލްމެއްހެންނެވެ.

އެފިލްމުން ފެނިގެންދަނީ ޝައުނާ ނީލްއަށް އަނިޔާކޮށް އެހާލު ޖެއްސި މަންޒަރެވެ. ޝައުނާ ހުރީ ވާނުވާ ނޭގިފައެވެ. އެގޭހާވެސް އެއްޗަކީ އެއީ ޝައުނާ ނޫންކަމެވެ. ފިލްމުން ފެނިގެނދިޔަ ޝައުނާ ދަމުން ސިފަބަދަލުކުރި މަންޒަރު ފެނުމުން އެއީ ކާކުކަން ޝައުނާއަށް އެގުނެވެ. އެއީ ފަތީނާއެވެ. ފަތީނާ ޝައުނާގެ ސިފައިގައި ގޮސް ނީލްއަށް އަނިޔާކުރީއެވެ.

"އަހަރެން ކަލޭ މަރައެއް ނުލާނަން. ކަލޭ މަރަށް ތެޅޭ ވަރަކަށް ޝައުނާވެސް ތެޅޭނެ. ވަގުތު ޖެހުނީމަ ކަލޭވެސް ޝައުނާވެސް މަރާލާނަން." ފަތީނާ މިހެން ބުނުމުން ޝައުނާ ރުޅިގަދަވިއެވެ.

"އަހަރެންވެސް ބަލާނަން ދެން ކަލެޔަށް ނީލްއާ ވައިވެސް އެޅޭތޯ." ޝައުނާ ބުނެލިއެވެ.

މޫދުގެ ލޮނުގަނޑު ކުރިޔެކޭ އެއްގޮތަށް ރަނގަޅުވެ ރާޅު ބިންނަމުންދިޔައެވެ. ޝައުނާ ގޮސް އެރުނީ ރާޅުބިންނަ ހިސާބަށެވެ. ރާޅެއްގެ ދަށުވެ ޝައުނާ ގެއްލުނެވެ.

ޖެހިގެން އައި ދުވަހު ހެދުނު ނީލް ކޮޓަރިން ނުނުކުންނާތީ  ދީމާ ގޮސް ނީލްގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހަން ފެށިއެވެ. ނީލް ދޮރުހުޅުވާލުމުން ދީމާ ވަރަށް ހައިރާންވިއެވެ. ނީލް ހުރީ މިލާ މޯޅިވެފައެވެ. ދެލޯވެސް އެތެރެޔަށް ވަދެ ގައިބާރު ނެތި  މުޅިމީހާ ތުރުތުރުއަޅަނީއެވެ. ދީމާ ނީލް ގޮވައިގެން ހޮސްޕިޓަލަށް ދިޔުމުން ޑޮކްޓަރު ނީލް އެޑްމިޓްކުރީއެވެ. ދީމާ ފިޔަވައި ނީލްއަށް އަޅާލާނެ މީހަކު ނެތުމުން ދީމާ ނިންމީ އެރަށުގައި މަޑުކުރާށެވެ.

ދީމާ އިނީ ނީލްކައިރީގައެވެ. ހޮސްޕިޓަލުގެ އެދުގައި ބޯއަޅައިގެން ނިދިފައެވެ. އިރުއޮއްސުނު ވަގުތު ކަމުން ހޮސްޕިޓަލްތެރޭ ވަރަށް ގިނަ މީހުން އުޅުނެވެ. ނަރުސް ކުއްޖަކު އައިސް ދީމާއަށް ގޮވާލިއެވެ. ބޭސް ނަގައިގެން އަންނާށޭ ބުނެ ބޭސްސިޓީއެއް ދިނުމުން ދީމާ ދިޔައީ ބޭސް ފިހާރައަށެވެ. ބޭސް ފިހާރައިގައި އޮތީ ބޮޑު ކިޔު ލައިނެކެވެ. ދީމާ އެރީ ކިޔު ލައިނަށެވެ.

ދީމާ ދިޔުމުން ނަރުސްކުއްޖާ ހުރީ ނީލްއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެހެން ހުރެފައި އެދުމައްޗަށް އެރީއެވެ. ނީލްގެ ގައިމަތީގައި އޮށޯތީއެވެ. ހަމައެއާއެކު ހަށިގަނޑު ތެރެޔަށް ފޭދިގެން ހިގައްޖެއެވެ.

ނީލް ލޯހުޅުވުމާއެކު ތެޅެންފެށިއެވެ. ހަޅޭއްލަވަން ފެށިއެވެ. ނަރުސް ކުދިން އައިސް ނީލްގެ ދެއަތާ ދެފައިގައި ހިފުމުން ނީލް އެދުން ހިއްލިގެން މައްޗަށް އެރިއެވެ. ދެއަތާ ދެފައިގައި ހިފާފައި ހުރިއިރުވެސް އެދުގައި ނުޖެހެއެވެ. އެމީހުން ނީލްގެ ގައިން ދޫކޮށްލީ ގަތް ބިރުންނެވެ. އެންމެން ދުރަށް ޖެހިގަތެވެ. ނީލް އަށް ވަމުންދިޔަ ގޮތް ފެނިފައި އެންމެން ތިބީ ބިރުގެންފައެވެ. މައްޗަށް ނެގިފައި އެދަށް ވައްޓާލައެވެ. ދެތިން ފަހަރު މިހެން ހެދުމަށްފަހު އެދުންތެދުވެގެން ނީލް ދުއްވައިގަތެވެ. ގޮސް ވޯޑުގެ ފާރުގައި ބޯތަޅަން ފެށިއެވެ.  އެންމެ އަޖައިބުކުރުވަނިވި ކަމަކީ ނީލްއަށް މިހުރިހާ ކަމެއް ވަމުން ދާއިރު ނީލް ހެމުން ގެންދާތީއެވެ.

ނީލްގެ ބޯފަޅައިގެން ގޮސް ނީލް ބިންމައްޗަށް ވެއްޓުނެވެ. އެންމެން ހީކުރީ ހޭނެތުނީ ކަމަށެވެ. ނަރުސްކުދިން މަޑުމަޑުން އައިސް ކައިރިވުމުން ނީލް ތެޅެންފެށިއެވެ.  ދެއަތް ފުރަގަހަށް ވާގޮތަށް އުޅަބޮށިން ލެބި ދެއަތާ ދެފައިން ވައްތަރު ޖައްސާ ހަށިގަނޑުވެސް  އިދިފުށަށް ދިޔައެވެ. މަންޒަރު ބަލަން ތިބި މީހުން ބުނަމުން ދިޔައީ އެއީ ސިހުރުވެރި ކަމެއް ކަމުގައެވެ. ނީލްގެ އަގައިން ކުޅުވެރިވެރި ހުއްޓެވެ. ދީމާއައިސް ވަނީ އެގަޑީގައެވެ.

ދީމާއަށް ނީލްގެ ހާލަތު ފެނުމުން ދީމާ ފުރަތަމަ ބިރުގަތް ނަމަވެސް ފަހުން ނީލްގެ ކައިރިޔަށް ގޮސް ނީލްއަށް ގޮވިއެވެ. ދީމާ ކައިރިވުމުން ނީލް ގޮސް ވޯޑުގެ ކަނަކަށް ވަދެ ފިލައިގެން އިނެވެ. ދެންވެސް ދީމާ ގޮސް ނީލް ކައިރީގައި ތެދުވގެން އައުމަށް ބުންޏެވެ. ނީލް ދީމާއާ ދިމާލަށް އިނގިލިދިއްކޮށްފައި ހޭން ފެށިއެވެ. ދީމާ ބަލާލީ އެތާގައި ތިބި މީހުންނަށެވެ. އެމީހުން ދީމާއާ ދިމާލަށް ބަލަމުން ދިޔައެވެ.

"ނުދާނަން. ކަލޭދޭ މިތަނުން." މިހެންބުުނެ ނީލް ހޭންފެށިއެވެ. ނީލް އަންހެން އަޑުން ވާހަކަ ދެއްކުމުން ދީމާ އިނީ ހައިރާންވެފައެވެ.

"މިބުނީނު ދާށޭ. އަހަރެން ގައިގަ އަތްނުލާތި."އަންހެން އަޑުން ނީލް ބުނެލަމުން ލަދުރަކިގޮތަކަށް ހަރަކާތްކޮށްލިއެވެ.ނީލް ދީމާއާ ވާހަކަދައްކަން އިންދާ ނަރުސްކުއްޖަކު އައިސް ނީލްގެ ގަޔަށް އިންޖެކްޝަނެއް ޖަހާލިއެވެ. ނީލްއަށް ނިދުނީއެވެ. އެންމެންވެގެން ނީލް ނަގާ އެދަށްލިއެވެ.

(ނުނިމޭ)