-
-
ކާވިން (އެޕިސޯޑު 01 އިން އެޕިސޯޑު 15 އަށް ކުރު ހުލާސާއެއް)

ކާވިން (އެޕިސޯޑު 01 އިން އެޕިސޯޑު 15 އަށް ކުރު ހުލާސާއެއް)

ފަޅު ގެއެއްގެ ތެރޭގައި ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ ހަތަރު މީހެއްގެ ޤާތިލުން ހޯދުމަށް ތަހުޤީޤު ކުރުމަށް ކާވިން އާއި އޭނާގެ ޓީމު ކުރާ މަސައްކަތުން އެ މަރުތަކުގެ ފަހަތުގައި ވަނީ އެންމެ މީހެއްގެ އަތެއް ނޫންކަން ހާމަ ވެއެވެ. ތަހުޤީޤު ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފުލުސް އޮފިސަރު ކާވިން އަކީ އާދަޔާ ޚިލާފު ބާރުތަކެއް ލިބިފައިވާ މީހެކެވެ.

ADS BY FENVARU

މާޒީގައި އޭނާ އެންމެ ލޯބިވި އަންހެން ކުއްޖާ މަރާލާފައިވާ ހާދިސާ އާއި، އޭނާއަށް ތަހުޤީޤު ކުރަން ޖެހުނު ކޭސް އާއި ގުޅުމެއްވާތީ، އެ މަރުތަކުގެ ފަހަތުގައިވާ މީހަކު ހޯދުމަށް އޭނާ ގަދަ އަޅައި މަސައްކަތް ކުރެއެވެ. އެގޮތުން ޤާތިލަކީ، ސީރިއަލް ކިލަރ އެއްކަމާއި، މަރާލުމަށް މީހުންގެ މެޔަށް ހަންޖަރު ހެރުމުގެ އިތުރުން ކަނދުރާގައި ނިޝާނެއް ޖަހާފައި ހުންނަ ކަން، ތަހުޤީޤަށް އެނގިގެން ދެއެވެ.

ކާވިންގެ ޓީމުން ކުރަމުން އައި މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން، ޤާތިލު (އެކްސް) ކުރާ މަސައްކަތުގެ ތެރެއިން، ކާވިންގެ ދަށުން މަސައްކަތް ކުރާ އީން އާއި ބައްދަލުވެ، އޭނާ ރަހީނު ކުރެ އެވެ. އެތަނުން އީން ސަލާމަތް ކުރުމަށް ކާވިން އޭނާގެ އަމިއްލަ ނަފުސު ނުރައްކަލަކަށް ހުށަހަޅަ އެވެ. އެކްސްއަށް އީން ފެނުމާއިއެކު، އޭގެ ތޭރަ އަހަރު ކުރިން އޭނާ މަރާލި ކާވިންގެ ލޯބިވެރިޔާ ދާރިޔާ އާއި އީން އަކީ އެކަކުކަމަށް ހީކުރެއެވެ.

އާއިލާގެ ސިއްރުވެރި ދިރިއުޅުމާއިމެދު އަބަދުވެސް ވިސްނަމުން އައި އީންއަށް އެކްސްގެ ވާހަކައިން ހިތުގައި އުފެދިފައިވާ ޝައްކު އިތުރުވެގެން ދެއެވެ. އޭނާގެ މަންމައަކީ ރާއްޖެއިން ބޭރުގެ މީހަކެވެ. ބައްޕައަކީ ރާއްޖެ މީހެއް ނަމަވެސް، އޭނަ އާއި ދުވަހަކުވެސް ބައްދަލުވެފައެއް ނުވެއެވެ. ދިވެހިރާއްޖެއިން އޭނާގެ އާއިލާގެ މީހުންގެ ވާހަކަ އޭނާގެ މަންމަގެ ކައިރީގައި އަހާ ކޮންމެ ފަހަރަކު އެވާހަކަ އޮއްބައިލާތީ، އޭނަގެ ހިތުގައި އުފެދެމުން އައި ސުވާލުތައް އިތުރުވެފައި ވިއެވެ. އެކަންތައްތައް ހޯދުމަށް އޭނާ ރާއްޖެ އައިސް ފުލުހުންގެ އިދާރާގައި މަސައްކަތް ކުރަން ފަށަ އެވެ. އެކްސްގެ ވާހަކައިން އެނގުނު ކަންތައްތަކުން އޭނާގެ އާއިލާގައި އިތުރު މެންބަރެއް ހުރިކަމަށް އޭނާ ޝައްކު ކުރެ އެވެ. އެވާހަކަ އޭނަ މަންމަގެ ކައިރީގައި އެހުމުން، ދެންވެސް މަސައްކަތް ކުރީ އެކަން ސިއްރު ކުރާށެވެ.

ކާވިންގެ ހިތުން އީންއަށް ޚާއްސަކަމެއް ދެވިފައި ވިޔަސް، އޭނާ އުޅެމުން އަންނަނީ އީން އާއި ދުރުދުރުންނެވެ. އެހެން ނަމަވެސް، އެކްސް އޭނާ ރަހީނު ކުރުމުން، ހިތުގައި އުފެދުނު ބިރުވެރިކަމެއްގައި އޭނައަށް އީން އާއި ގާތްވާން މަޖުބޫރު ވެއެވެ. އެ އަންހެން ކުއްޖާއަށް އެއްވެސް ގެއްލުމެއް ވުމަކީ އޭނަ ބޭނުންވާ ގޮތެއް ނޫނެވެ. މާޒީ ތަކުރާރުވާން އޭނަގެ ހިތެއް ނޭދެއެވެ. ކާވިން އާއިމެދު ޚާއްސަގޮތެއް ބަހައްޓަމުން އައި އީން ކާވިންގެ އެ ގާތްކަމުން އުފަލުން ފޮޅެ އެވެ.

ކާވިން އާއި އީންގެ އިތުރުން ތަހުޤީޤު ޓީމުގައި ހަރަކާތްތެރިވާ އެހެން މެމްބަރުން ތަހުޤީޤުތައް ކުރިއަށް ގެންދަމުންދިޔަ ވަރަކަށް އިތުރު ކަންތައްތަކެއް ފެންމަތި ވެއެވެ. އެގޮތުން، އަހަރުތަކެއް ކުރިން ހިނގާފައިވާ ހާދިސާގެ މައުލޫމާތު ލިބިގެން އެކަން ހިނގި ގޮތް ބަލަން ފަށައެވެ.

އެކަމުގެ ތެރެއިން އެކްސް އޭގެ ތޭރަ އަހަރު ކުރިން މަރާލި އަންހެން ކުއްޖާ [ ކާވިން އޭރު ލޯބިވި އަންހެން ކުއްޖާ (ދާރިޔާ) ] އާއި އީން ވައްތަރުވުމުން، އެމީހުންގެ ހިތުގައި އެކަން ތަހުޤީޤު ކުރުމަށް އިތުރު ޝައުޤުވެރިކަމެއް އުފެދެ އެވެ. އެ އަންހެން ކުއްޖާ އާއި ބެހޭ މައުލޫމާތު ހޯދުމަށް އެމީހުން މަސައްކަތް ކުރަން ފަށައެވެ.

އެހެން ނަމަވެސް، ދާރިޔާގެ ނަން ފިޔަވައި އިތުރު އެއްޗެއް އެމީހުންނަށް އެނގޭގޮތެއް ނުވެ އެވެ. މައުލޫމާތު ހޯދުމަށް އެތައް ގޮންޖެހުންތަކެއް ކުރިމަތި ވެއެވެ. އެގޮތުން ފުލުހުންގެ އިދާރާގައި އެ މައްސަލަ ވަރަށް ބޮޑަށް ސިއްރުވެފައި އޮތްކަން އެނގި ސުވާލުތައް ފުނިޖެހިގެން ދެއެވެ. ޚާއްސަކޮށް ދާރިޔާގެ މައުލޫމާތާއި، އޭނާ މަރާލައިގެން ފުލުހުން ކޮށްފައިވާ ތަހުޤީޤުތައް، އިދާރާގެ ރިކޯޑުތަކުން ފުހެލާފައިވާ ކަން ފަޅާ އަރައެވެ. އަދި ހަމައެހެންމެ، ނެޝަނަލް ރަޖިސްޓްރޭޝަން އާއި، ކަމާއިބެހޭ އެއްވެސް އިދާރާއެއްގައި ވެސް ދާރިޔާ އާއިބެހޭ މައުލޫމާތެއް ނެތްކަން ހާމަ ވެއެވެ. އެމީހުން އެކަން އީންއަށް ސިއްރުކުރަނީ ތަހުޤީޤަށް އިތުރު އަލިމަގެއް ނުފެންނާތީ އާއި އެކަން އެނގުމުން އީންއަށް ވެދާނެ ގޮތަކާއިމެދު ވިސްނާފަ އެވެ.

މަރާލާފައިވާ މީހުންގެ ތެރެއިން ކުޑަކުއްޖާގެ ބައްޕަ ނަސީމްއަށް ޤާތިލެއްގެ ގޮތުގައި އިނގިލި ދިއްކުރެވުނެވެ. މަރުތަކަށްފަހު، ކުއްލިގޮތަކަށް ނަސީމް ގެއްލުން ވެގެން ދަނީ އޭނާ އާއިމެދު ކުރާ ޝައްކު އިތުރުވެގެން ދިޔަ ކަމަކަށެވެ. ކޮންމެވެސް ބަޔަކު ނުވަތަ މީހަކު އެނާ ރަހީނު ކުރިކަން އެނގޭ މީހަކު ނެތެވެ.

ދެ ލޯބިވެރިއެއްގެ ޤާތިލު ހޯދުމަށް ތަހުޤީޤު ކުރެވެމުން ދަނިކޮށް، މަރާލާފައިވާ އަންހެން ކުއްޖާގެ މަންމަ ހަމްދޫނާއަށް ހަމަލާދީ ހަސްފަތާލުގައި އެނދުމަތި ކުރެވެ އެވެ. އެތަނުން ވެސް އޭނާއަށް ރައްކާތެރިކަމެއް ނުލިބުނެވެ. ހަމްދޫނާއަށް ހަމަލާދީ، އޭނާ މަރާލާފައިވަނީ ބަލިހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ، ފުލުހުންނަށް ބަޔާން ދިނުމަށް ތައްޔާރުވެފައި ވަނިކޮށެވެ.

ޔުނާން އަކީ އީން އާއިއެކު އެޓީމްގައި މަސައްކަތްކުރާ މީހެއް ނަމަވެސް، ދެމީހުންގެ ގުޅުން އޮންނަނީ ވަރަށް ގާތް ދެ އެކުވެރިން ފަދައިންނެވެ. އެކަކު އަނެކަކާ ދިމާކުރުމާއި، ދިމާވާ ކަންކަން ޚިއްސާކޮށް ހަދަ އެވެ. ދެމީހުންގެ ގާތް ގުޅުން ފެނި، ކާވިންގެ ހިތުގައި ހަސަދައިގެ ވިންދެއް ޖަހާލަ އެވެ. އެމަންޒަރު ބަލާކަށް އޭނަގެ ހިތަކަށް ފަސޭހައެއް ނުވެ އެވެ.

ތަހުޤީޤު ކުރުމުގެ ތެރެއިން ލޯބިވެރިންގެ ޤާތިލު ހޯދުމަށް އެތައް ކުރިއެރުމެއް ލިބިގެން ދެއެވެ. ތުއްުތު ކުއްޖާ އާއި އެކުއްޖާގެ މަންމަގެ ޤާތިލަކީ އެކްސް ކަން ފުލުހުންނަށް ކަށަވަރު ވެއެވެ. އަދި އެކްސް ދިރިއުޅެމުންދާ ސަރަހައްދުކަމަށް ޝައްކު ކުރެވޭ ސަރަހައްދު ފާސްކުރުމަށް އެމީހުން މަސައްކަތް ފަށަ އެވެ. އަދި ހަމަ އެހެންމެ، ދެ ލޯބިވެރިންނާއި އަނބިމީހާ ހަމްދޫނާގެ ޤާތިލަކީ އަންހެން ކުއްޖާގެ ބައްޕަ އިޤްބާލު ކަމުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ފެނިގެން ދެއެވެ.

އެއީ ހަމަ އިޤްބާލަށް ވެދާނެ ހެއްޔެވެ؟ ތަހުޤީޤު ފަސޭހަގޮތަކަށް ނިމިގެން ހިނގައިދާނެ ހެއްޔެވެ؟ އީން އާއި ކާވިންގެ ގުޅުމަށް ވާ ހުރަހަކަށް ޔުނާން ވެދާނޭ ހެއްޔެވެ؟ އީންއަށް އެނާގެ އާއިލާގެ ހަޤީޤަތް ހޯދޭނެ ހެއްޔެވެ؟ އަހަރުތަކެއް ކުރިން ކާވިންއަށް ދިމާވި ކަންތައްތަކުގެ ހަޤީޤަތަކީ ކޮބައި ހެއްޔެވެ؟ އެކަމާއި އީން އާއި އެއްވެސް ގުޅުމެއް ވެދާނެ ހެއްޔެވެ؟ އެކްސް އަކީ ކާކު ހެއްޔެވެ؟ ކާވިން އާއި އޮތީ ކޮން ދުޝްމަނުކަމެއް ހެއްޔެވެ؟ ފުލުހުންގެ އިދާރާގައި ރެކޯޑުތަކުން މައުލޫމާތު ސާފުވާން ނެތީ ކީއްވެ ހެއްޔެވެ؟

ADS BY FENVARU