-
-

"ވެދާނެ އެއްނު އޭނަ މާ ކުރިންވެސް އެތާ، އެ ވޯޑު ތެރޭ ހުރި މީހެއް ކަމަށް..." ލަޔާން ވިސްނާލާފައި ބުންޏެވެ.

ADS BY FENVARU

"އިގްބާލް!... އެގަޑީ އިގްބާލް ކޮބާ؟..." ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން ކާވިން ބުންޏެވެ.

********

އެންމެންނަށް ވެސް ވިސްނައިލެވުނީ ދެނެވެ. މުޅި ދުވަހު ހަމްދޫނާ އޮތް ކޮޓަރިއަށް ވަދެ ނިކުމެ ހެދި އެންމެން ސީސީޓީވީ މަންޒަރުތަކުން އެމީހުން ހޯދި އެވެ. ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އިގްބާލް ފިޔަވައި އެތަނަށް ވަދެފައި ވަނީ މާސްކު އަޅައިގެން ހުރި މީހެކެވެ. އެމީހާ ވޯޑު ތެރެއަށް ވަދެފައިވަނީ އިގުބާލް އެ ވާޑުގެ ތެރެއިން ނުކުމެގެން ދިޔަތާ ގަޑިއެއްގެ އިރު ފަހުންނެވެ.

"ކޯޓު އަމުރު ހޯދުމުގެ މަސައްކަތް ފަށާ... މި ފުޓޭޖުތަކުން ފެންނަ އެންމެންނާ ސުވާލުކޮށް، އިތުރު މައުލޫމާތު ހޯދާ... ކިރިޔާ ޝައްކު ކުރެވޭ ކަމެއް އޮތަސް، ބަރާބަރު ގަޑިއެއްގެ އިރުތެރޭ އަހަންނަށް ޚަބަރުކުރަން ވާނެ..." ކާވިން އެހެން ބުނެފައި އެތަނުން ނުކުތެވެ.

އޭނާ ދެން ދިޔައީ ތަހުލީލުކުރާ ބަޔަށެވެ. ނުހާމް އޭރުވެސް ހުރީ، އޭނާގެ މަސައްކަތުގަ އެވެ. ކާވިން ފެނުމުން، ކުރަން ހުރި ކަންތައް ބަހައްޓާފައި، އޭނާގެ ފުރިހަމަ ސަމާލުކަން ކާވިންއަށް ހުއްޓާލައިފި އެވެ.

ކާވިން ގޮސް ހުއްޓިލީ ހަމްދޫނާގެ ފުރާނަ ނެތް ހަށިގަނޑުގެ ކައިރީގަ އެވެ. މެޔާއި ހަމައިން ހުދު ފޮތި އަޅާފައި އޮތްއިރު، ހަންދޫނާގެ ހަށިގަނޑުގައިވާ ޒަޚަމްތައް ވަނީ ފަހާފަ އެވެ. މަރުވިތާ ގިނައިރުވުމުގެ ސަބަބުން، އޭނާގެ ހަންގަނޑުގެ ކުލަ ވަނީ ބަދަލުވާން ފަށާފަ އެވެ. ތުންފަތް ވެސް އޮތީ ކަޅުވެފަ އެވެ.

ހަމްދޫނާގެ މޫނަށް ބަލަހައްޓައިގެން ހުރި ކާވިންއަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ. އޭނާއަށް އެ އަންހެންމީހާގެ ފުރާނަ ސަލާމަތް ނުކުރެވުނީތީ، އަމިއްލަ ނަފުސު ކުށްވެރި ކުރެވެން ފެށުނެވެ.

"ފާހަގަކުރެވޭ އެއްވެސް ކަމެއް އެބައޮތްތަ؟..." ހަމްދޫނާގެ މޫނުން ނަޒަރު ވަކިކޮށް، ނުހާމްގެ މޫނަށް ބަލައިލަމުން ކާވިން ސުވާލު ކުރި އެވެ.

ނުހާމް ބޯ ޖަހާލި އެވެ. އޭނާ ކުރިއަށް ޖެހިލައި ހަމްދޫނާގެ ކަނާއަތް އުފުލައިލި އެވެ.

"ވިކްޓިމްގެ އަތުގެ ނިޔަފަތިތަކުގެ ދަށުގަ އެބަހުރި، އިންސާނެއްގެ ހަންގަނޑުގެ އެތިކޮޅުތަކެއް... ބޮޑަށް ހީވަނީ، ސަލާމަތްވާން ކުރި މަސައްކަތުގެ ތެރެއިން، އެމީހެއްގެ ގައިގައި ވަކި އަޅައި ދަމައިގަނެފައި ހުރިހެން..." ހަމްދޫނާގެ އަތުގެ ނިޔަފަތިތަކަށް އިޝާރާތް ކުރަމުން، ނުހާމް ބުންޏެވެ.

ކާވިންގެ ސަމާލުކަމަށް އެކަން އައެވެ. އޭނާ ކުޑަކޮށް ގުދުވެ، އެ ނިޔަފަތިތަކަށް ނަޒަރު ހުއްޓައިލި އެވެ. ފަހަރަކު އިނގިއްޔެއް ބަލަމުން ދިޔައިރު އޭނާގެ މޫނުމަތިން، އުއްމީދުގެ ކުލަވަރު އާވެގެން ދިޔަ އެވެ.

"ނިޔަފަތިތަކުގަ ކޮންމެވެސް ވަރަކަށް ލޭގެ އަސަރުވެސް ހުރި... އަޅުގަނޑު ހުންނާނީ މިހާރު އޭގެ ސާމްޕަލް ނަގާފަ... ނަތީޖާ ލިބެން ނަގާނެ ވަގުތުކޮޅެއް..." ކާވިން އިތުރު ސުވާލެއް ކުރުމުގެ ކުރީން، ނުހާމް އިތުރު ތަފުސީލު ދިނެވެ.

ހަމްދޫނާގެ ނިޔަފަތިތައް ނުހަނު ކައިރިން ބަލަބަލާފައި ކާވިން ތެދުވި އެވެ. އޭނަ ދެން ދިޔައީ، ތަހުލީލު ކުރުމަށް ނަގާފައިވާ "ސާމްޕަލް" ތަކުގެ ކައިރިއަށެވެ. އެއިން ކޮންމެ އެއްޗެއް އޭނާ ވަކިވަކީން ބެލި އެވެ.

"ވަރަށް ރަނގަޅު... ގަޑިއެއްގެ އިރުތެރޭ ކޮންމެވެސް އަލިމަގެއް ފެންނަވަރު ކުރަންވާނެ..." އެތަނުން ނިކުތުމަށް ހިނގައިގަންނަމުން ކާވިން ބުންޏެވެ.

********

ތަހުޤީޤު ހޯލުގައި ކާވިން ހުރީ، ހުދުކުލައިގެ ބޯޑެއްގެ ކައިރީގަ އެވެ. އޭނާގެ އަތުގައި މާކަރެއް އޮތްއިރު، ބޯޑުގައި އެއްޗެހިތަކެއް ލިޔަމުން ދިޔަ އެވެ. އޭގެ އެންމެ މަތިން އެއް ކަނުގައި ޖަހާފައިވަނީ ޒުލޭހާ އާއި ޒަހްރާގެ ނަމެވެ. އަނެއް ކަނުގައި ނިޔާމާ އާއި ރާއިދުގެ ނަމެވެ. ކޮންމެ ބައެއްގެ ތިރީގައި އެއިން ކޮންމެ މީހެއްގެ އާއިލާގެ މީހުންގެ ނަންތައް އޭނަ ޖަހަމުން ދިޔަ އެވެ.

"އިގްބާލް؟... ނަސީމް؟..." ކާވިން ހިތާއިހިތުން ކިޔައިލި އެވެ.

އެ ދެމީހުންގެ ނަމާއި ދިމާގައި ސުވާލު މާކެއް ޖަހާފައި އޭނަ އެތަނުން ދުރަށް ޖެހިލި އެވެ. ބޯޑުގެ ކުރިމަތީގައި ހުރި ގޮނޑީގައި އޭނަ އިށީނެވެ. އެއަށްފަހު، އެ ބޯޑަށް ބަލަހައްޓައިގެން އިނީ، ފުން ވިސްނުމެއްގެ ތެރެއަށް ގޮސް ގެއްލިފަ އެވެ.

ޔުނާން ގެނައި "ސީސީޓީވީ ފުޓޭޖްތައް" ބަލާފައި ކާވިން ނުކުތީ ބޭރަށެވެ. އޭރު ވަރުބަލިވެެގެން އޭނާ ހުރީ ނިދިއަންނަ ގޮތް ވެފަ އެވެ. ކޮފީއެއް ހިފައިގެން އޭނަ ގޮސް އިށީނީ، އިދާރާގެ ގޯތިތެރޭގައި ބަހައްޓާފައިވާ ޖޯލިފަތީގަ އެވެ. ފޯނު ރިންގްވީހެން ހީވެ، ޖީބުގައި އޮތް ފޯނު ނަގައި އޭގެ އިސްކުރީނަށް ބަލައިލި އެވެ. އެތައް ކޯލެއް އައިސްފައި އޮތެވެ. އޭގެ ތެރެއިން ވެސް އޭނައަށް މުހިއްމުކަމެއް ދެވުނީ އީންގެ ކޯލަށެވެ.

އީންއަށް ގުޅަމުން އޭނާ ފޯނު ކަންފަތުގައި ޖައްސައިލި އެވެ. ފުރަތަމަ ރިންގާއިއެކީ ފޯނު ނަގައިފި އެވެ. އިވުނީ ވައި އަޑުން އީން ވާހަކަ ދައްކާ އަޑެވެ. ކިޔާ އެއްޗެއް ސާފު ނުވެގެން އޭނާ ދެފަހަރަކު "ހަލޯ" އޭ ވެސް ބުނެލި އެވެ.

އީން އެދުނީ އޭނަ ކުރާ ވީޑިއޯ ކޯލަށް ޖަވާބު ދިނުމަށެވެ. ކާވިން ފޯނު ނެގިއިރު، ފެންނަމުން ދިޔައީ ހަމައެކަނި އީންގެ ތުންފަތެވެ. ސިއްރުން ވާހަކައެއް ބުނަން އެ ދެ ތުންފަތް ހަރަކާތް ކުރަމުން ދިޔަގޮތުން، އޭނާއަށް ހެވެން އުޅުނެވެ. އީން އޭނާގެ ފޯނު ކުޑަކޮށް ދުރުކޮށް އިސްކުރީނަށް ބަލައިލި އެވެ. ފެންނަމުން ދިޔައީ އަމިއްލަ ސޫރަ ކަން އޭނާއަށް އެނގުނީ ދެނެވެ. އޭނަ އަވަސްއަވަހަށް ކެމެރާ ބަދަލުކޮށްލި އެވެ.

އީން ހުރީ ހަމްދޫނާ ދިރިއުޅުނު ކޮޓަރިތެރޭގައި ކަން ކާވިންއަށް އެނގޭކަށް ގިނައިރެއް ނުނެގި އެވެ. ކަމެއް ގޯސްވެއްޖެކަމަށް އޭނާގެ ހަވަނަ ޙިއްޞު ބުނެދިނެވެ. އެ ހިތް ތެޅިގަތީ އީން އެ ހުރީ ނުރައްކަލެއްގެ ތެރޭގައި ކަން އެނގުމުންނެވެ. މަންޒަރު ސާފުވާން ފެށުމާއިއެކު އޭނަގެ ލޮލުގައި އަޅައިގަތީ، އަލަމާރި ކައިރީގައި ފުރަގަސްދީގެން ހުރި ފިރެހެން މީހާ އެވެ. އެމީހަކީ ކާކުތޯ ބެލުމަށްވުރެ ބޮޑަށް، އޭނާ ކުރަމުންދިޔަ ކަންތަކަށް އޭނަގެ ސަމާލުކަން ހުއްޓިއްޖެ އެވެ. އެމީހާ ދިޔައީ އަލަމާރީގައި ހުރި އެއްޗެހިތަކެއް ފޮއްޓަކަށް އަޅަމުންނެވެ. އޭގެ ތެރޭގައި ކަޅު ކުލައިގެ މާސްކުތަކަކާއި، އަންނައުނުތަކެއް ހުއްޓެވެ. އެ އެއްޗެހި އަޅާފައި އޭނާ ދެން ނެގީ، އީންއަށް މޫދުން ފެނުނު ޒާތުގެ ލަކުޑި ފޮއްޓެކެވެ.

ކާވިންގެ ދެލޯ ބޮޑުވި އެވެ. އީން އެކަނިމާއެކަނި އެވަރުގެ ބިރުވެރި ކަމަކާއި ކުރިމަތިލީތީ، އޭނަ އިންތިހާއަށް ރުޅި އައެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އިދާރާގެ ތެރެއަށް ވަންއިރު، އޭނައަށް މާނޭވާ ލެވެނީ އެވެ. ޔުނާން އަށާއި ލަޔާންއަށް ގޮވައި ގެނެސް، ބޮޑުއިސްކުރީނުން އެ މަންޒަރު ފެންނަ ގޮތަށް އަޅުވައިލި އެވެ. ކަންތައް ކުރާނެ ގޮތަކާއިމެދު އެންމެން މަޝްވަރާ ކުރަން ތިއްބައި، ބޭނުންވި އެއްޗެހި ދަބަހަށް އަޅައިގެން އެމީހާ އީން އާއި ދިމާއަށް އެނބުރު ތަން ފެނުނެވެ.

އީން އަވަސް އަވަހަށް އެނދުގެ ފުރަގަހަށް ވަދެ ނިވާވެލި އެވެ. ކުރިމަތީގައި ހުރި މީހާ އޭނަ އާއި ދިމާއަށް ބަލައިލިކަން އޭނާއަށް ކަށަވަރު ވިއެވެ. ބިރުން ގޮސް އޭނަގެ ހިތް ތެޅިގަތެވެ. އޭރު މުޅި އެ ހަށިގަނޑުގައި ޒާތެއްގެ ތުރުތުރެއް އުފެދިއްޖެ އެވެ.

********

ފޯނު ދޫކޮށްލާފައި ކާވިން ދުއްވައިގަތެވެ. އޭނާގެ ފަހަތުން ޔުނާން ވެސް ނުކުތެވެ. ލަޔާން މަޑުކުރީ އޭރުވެސް އީންގެ ފޯނުން ބައެއް މަންޒަރުތައް ފެންނާތީ، ވާނުވާ ބެލުމަށެވެ.

ކުއްލިއަކަށް އިވުނީ އީން ހަޅޭއްލަވައިގަތް އަޑެވެ. އެއާއިއެކު ފޯނު ކެނޑިއްޖެ އެވެ. ލަޔާން ހާސްވެގެން އީންއަށް ގުޅޭތޯ މަސައްކަތްކުރަން ފެށި އެވެ. އެހާ އަވަހަށް ފޯނު އޮތީ ނިވާލާފަ އެވެ.

ފުލުހުންގެ ވެހިކަލު ދުއްވަމުންދިޔައިރު ކާވިންގެ ހިތް ތެޅެމުންދިޔައީ އޮބިނޯންނަ ވަރަށެވެ. މަގުމަތިން ދަތުރުކުރަމުންދިޔަ އެއްޗަކަށް ބެލުމެއްނެތި އޭނާ ދުއްވަމުން ދިޔައީ ނުހަނު ބާރަށެވެ. ޔުނާން އިނީ ޖެހިލުންވެފަ އެވެ.

ހަމްދޫނާގެ ގެއާއި ހަމައިން ވެހިކަލެއް ހުއްޓައިލާފައި ކާވިން އެއިން ފުންމައިލީ ހަލުވި ކޮށެވެ. އެމަންޒަރު ފެނި، ޔުނާންއަށް ހައިރާންކަމެއް ލިބުނެވެ. އެހެނަސް، އެ ނާޒުކު ދަނޑިވަޅުގައި، އެފަދަ ކަމަކަށް ވިސްނަން ހުންނާކަށް އޭނައަކަށް ވަގުތެއް ނުލިބުނެވެ.

ކާވިންގެ ފަހަތުން އޭނަ ދުވެފައި ގޮސް އެގެއަށް ވަންނަން އުޅުނެވެ. ބޭރު ދޮރު ހުރީ ތަޅުލާފަ އެވެ. އެއްފައިން ޖެހި ޖެހީނުން ދޮރު ވިއްސާލާފައި ކާވިން އެތެރެއަށް ވަދެއްޖެ އެވެ. ދޮރުފަތް ވަކިވެގެން، އެ ވިއްސައިގެން ދިޔައީ މާ ދުރަށެވެ. އެއީ އާދައިގެ އިންސާނަކަށް ލިބިގެން ވާނޭފަދަ ބާރެއް ނޫނެވެ. އެ މަންޒަރު ޔުނާންއަށް ކިތަންމެ ރަނގަޅަކަށް ވެސް ފެނުނެވެ. އޭނާގެ ހިތުގައި އުފެދިފައިވި ސުވާލުތައް ހައްތަހާ އިތުރު ވިއެވެ.

ކާވިން ގޮސް ކޮޓަރިއަށް ވަންއިރު، އީން އޮތީ ތަޅުންގަނޑުގެ މައްޗަށް ވައްޓާލާފަ އެވެ. އަނގަމަތި ފަޅައިގެން ގޮސް ލޭތައް އޮހެ އެވެ. އިގުބާލް އިނީ އީންގެ ބަނޑުމަތީގައި އިށީނދެލައިގެންނެވެ. އޭނާގެ އެއްއަތުގެ ތެރޭގައި އީންގެ އިސްތަށިގަނޑު އޮޅާލައިގެން އިންއިރު، އަނެއް އަތުގައި އޮތް ވަޅި އީންގެ ކަރުގައި ޖައްސާ ބާރުކޮށްލައިފި އެވެ.

ކާވިންގެ ދެދަތްޕިލަ ޖެހި ބާރު ވިއެވެ. ދެއަތް މުށްކެވިގެން ދިޔައިރު، ކަރުގެ ނާރުތައް ފުފިއްޖެ އެވެ. ރުޅިވެރިކަން ފެންނަމުންދިޔަ އެ މޫނުމަތިން ހީވަނީ، އަލިފާން ކަނި ބުރަމުންދާ ހެންނެވެ. ހަމަލާއަކަށް ތައްޔާރުވެގެން އޭނަ އެހުރީ، ރަނގަޅު ދަނޑިވަޅަކަށް ބަލާށެވެ.

"އޭތް..." ކާވިންގެ ބާރު އަޑު މުޅި ތަނުގައި ގުގުމައިލި އެވެ.

އިގުބާލަށް ވިސްނައިލާނޭ ފުރުސަތެއް ވެސް އޭނާ ނުދިނެވެ. ކުއްލިއަކަށް ދުވެފައި ގޮސް އޭނާގެ ގައިގައި ފައިން ޖަހައި މާ ދުރަށް ވިއްސާލައިފި އެވެ. މުޅި ތަނުގައި ގުގުމައިގެން ދިޔައީ ވަޅި ގޮސް، މުށިތަކުގެ މަތީގައި ޖެހުނު އަޑެވެ. ކާވިން ހަލުވިކަމުން، ޔުނާންއަށް އެ މަންޒަރު ފެނުނީ ވެސް ކަންވެ ނިމުނު ފަހުންނެވެ. އޭނާ ހުރީ ހައިރާންވެގެން ހަރަކާތެއް ވެސް ކޮށްލަން ނޭނގިފަ އެވެ. ހުދު އިގުބާލަށް ލިބިފައިވާ ސިހުން ވެސް ވަކި ކުޑައެއް ނޫނެވެ.

(ނުނިމޭ)

ADS BY FENVARU