-
-
ބަނަވި ހަޔާތް-22

ބަނަވި ހަޔާތް-22

(އެންމެ ފަހު ބައި)

ADS BY FENVARU

މޫނު ބަލަން ނީލް ގެންދިޔުމުން އެތާގައި ހުރެ ނީލް ހެމުން ގެންދިޔައެވެ.

އާދައިގެމަތިން ދުވަހެކެވެ. ނީލް އިނީ ގޯތިތެރޭ ހުރި ޖޯލީގައި އެކަންޏެވެ. ނީތޫ އުޅުނީ ނީލް ގޮވައިގެން އޮސްޓްރޭލިޔާއަށް ދާންވެގެން އެއްޗެހި ޕެކްކުރާށެވެ. ދީމާ މަރުވުމުން ނީތޫ އެކަނި އެރަށުގައި އުޅެން ދަތިވާނެތީ ބަދަލުވަނީއެވެ. އޮސްޓްރޭލިޔާއަށް ގޮސް ނީލްއަށް ފަރުވާވެސް ކުރެވޭނެތީއެވެ. ނީލް ކައިރީ ފުރަން އުޅޭ ވާހަކަ ބުނިފަހުން ނީލް ނީތޫއާ ވާހަކަވެސް ނުދައްކައެވެ.

"ނީލް. ޓުނައިޓް ވީ އާ ގޮއިން ޓޫ މާލެ. ގޯ އެންޑް ގެޓް ރެޑީ!" ނީތޫ މިހެން ބުނުމުން ނީލް އަޅާވެސް ނުލިއެވެ.

ތަކުރާރުކޮށް އެވާހަކަ ދައްކަން ފެށުމުން ނީލް ގާތަށް ރުޅިއައެވެ.

"އަހަރެން ނުދާނަން. މަންމަ ދަންޏާ މަންމަ ދާންވީނު."

ނީލް ބާރަށް އެއްޗެކޭ ބުނުމުން ނީތޫ ދެރަވެގެން އެތެރެޔަށް ވަދެގެން ހިގައިގަތެވެ. ވަކިހިސާބަކަށް ގޮސް އެބުރި ބަލާލިއިރު ނީލް އެކަނިއިދެ ވާހަކަ ދައްކާފަ ހެނީއެވެ. ކައިރިޔަށް ގޮސް ނީލް ދައްކާ ވާހަކަ އަޑުއަހަން ނީތޫ ހުރީ ފިލައިގެންނެވެ.

"އާ! މަންމަ އުޅެނީ އަހަރެން ގޮވައިގެން އޮސްޓްރޭލިޔާއަށް ދާން. އެކަމަކު އަހަރެން ބޭނުމެއްނޫން ދާކަށް." ނީލް ބަލަހައްޓައިގެން އިނީ ކައިރީގައި ހުސްކޮށް ހުރި ޖޯއްޔަށެވެ.

ނީތޫ ބަލާލިއިރު ޖޯލީގައި އެކަކުވެސް ނެތެވެ. އެތާނގަ އިނީ ނީލް އެކަންޏެވެ. ދެވަނަ ފަހަރަށް ނީތޫ ބޯދިގުކޮށްފަ ބަލާލިއިރު ނީލް ކައިރީގައި އަންހެންކުއްޖަކު އިނެވެ. އިސްތަށިގަނޑު ދިގު ކަޅުކުލައިގެ ހެދުމެއް ލައިގެން ހުރި ކުއްޖެކެވެ. ނީތޫ ކުޑަކޮށް ބޭރަށް ޖެހިލިތަނާ ދިޔައީ ސިއްސައިގެންނެވެ. އެއަންހެން ކުއްޖާ އެބުރި ނީތޫއަށް ބަލާލިއެވެ. އެހެރަ ބިރުވެރި ސިފައަކުން ނީތޫބިރުގަތެވެ. ދެލޯ އެއްކޮށް ހުދުކުލައިގައި ހުރިއިރު މޫނުމަތިން ހީވަނީ މުސްކުޅިވެ ރޫޖެހިފައިވާ މޫނެއްހެންނެވެ. ތަންތަންގަނޑުން ކަޑައިގެންގޮސް ލޭފައިބަ ފައިބާ ހުއްޓެވެ. އޭނަގެ ތުންފަތްމަތީ ވިހަ ހިނިތުންވުމެއް ކުޅެލިއެވެ. ނީލްއިނީ ހިނިތުންވެފައި އޭނަޔާ ވާހަކަދައްކާށެވެ.

ނީތޫ ބިރުން ގޮސް ކޮޓަރިޔަށް ވަދެ ދޮރުގައި ތަޅުލިއެވެ. އެދުގެ ކަނަކަށްވަދެ ބާލީސް މޫނުމަތީ އަޅައިގެންއިދެ ރޮމުން ގެންދިޔައެވެ.

"މަންމާ!" ބިރުވެރި އަޑެއް ކަންފަތުގައި ޖެހުމުން ނީތޫ މޫނުމަތިން ބާލީސް ނަގަމުން ބަލާލިއެވެ. ބާލީހުގައި ބާރަށް ބައްދައިގަނެވުނެވެ. ނީތޫގެ ކުރިމަތީގައި އެދުމަތީ ދެފައި ވަށްކޮށްގެން އިނީ ޝައުނާއެވެ.

"ހޫ އާ ޔޫ؟" ކުރިމަތީގައި ރީތި އަންހެން ކުއްޖަކު އިންދާ ފެނުމުން ނީތޫ އަހާލިއެވެ.

"އަހަންނަށް ކިޔަނީ ޝައުނާ. އަހަރެން މީ ނީލްގެ އަނބިމީހާ."

"ވަޓް. ނޯ. ހިޒް ވައިފް އިޒް ޝެރިން. ނޮޓް ޔޫ." ނީތޫ ވާހަކަ ދައްކަމުންދިޔައީ އިގިރޭސިންނެވެ. ދިވެހިން ދައްކާ ވާހަކަ ނީތޫއަށް އެގުނަސް ދިވެހިން ވާހަކަ ދައްކާކަށް ނޭގެއެވެ.

ޝައުނާ ނީތޫއަށް ހުރިހާ ވާހަކައެއް ކިޔައިދީ ނިންމާފައި އޭނައަކީ އިންސާނެއް ނޫންކަން ބުނުމުން ނީތޫ ބިރުން ބާލީހާ ބައްދައިގެން އެދުގެ އަނެއް ފަރާތަށް ޖެހުނެވެ.

"މަންމާ. ބިރުނުގަނޭ. މިހާރު ނީލް އެއުޅެނީ އަހަންނާއެކުގައި ވަރަށް އުފަލުން. އަހަރެމެން ދެން އުޅޭނީ އެއް އާއިލާއެއް ގޮތަށް. މަންމަ ބިރުނުގަނޭ." ޝައުނާ މިހެންބުނެ ނީތޫ ގައިގަ އަތްލާން އުޅުމުން ނީތޫ ހަޅޭއްލަވައިގަތެވެ.

ހަމަމިހާރު ކޮޓަރިން ނުކުމެގެން ދާން އަމުރުކުރިއެވެ. އަދި ދުވަހަކުވެސް ތިހެންވާން ނޭދޭ ކަމަށާއި ނީލްގޮވައިގެން ރަށުން ފުރައިގެން ދާ ވާހަކަ ބުނުމުން ޝައުނާގާތަށް ރުޅިއައީއެވެ.

"އަހަރެން މިހާ ރީތިކޮށް ވާހަކަ ދައްކާއިރު ކަލެޔަށް އަޑުނީވެނީތަ." މިފަހަރު ޝައުނާގެ އަޑާއި އެއްގޮތަށް ސިފަވެސް ބަދަލުވެގެން ދިޔައީ ހުތުރު ސިފައަކަށެވެ. ނީތޫ ދިޔައީ ސިއްސައިގެންނެވެ. އެހެން ނުބުނެވުނު ނަމައޭ ހިތަށް އެރިއެވެ.

"ނަމަނަމަ ނީލް މިރަށުން ގެންދަން ނޫޅޭތި. އެހެންނޫނީ އަހަރެންގެ އަތްދަށުން ކަލޭވެސް ސަލާމަތެއް ނުވާނެ." މިއަޑާއެކު ޝައުނާގެ އަޑުކެޑިގެން ދިޔައެވެ. ނީތޫ ލޯހުޅުވާލާފަ ބަލާލިއިރު ޝައުނާ ފެންނާކަށް ނެތެވެ. ނީތޫ ކޮޓަރިން ނުކުމެގެން ގޮސް ބޭރު ޖޯލީގައި އިން ނީލް ގޭތެރެޔަށް ވައްދާފައި ގޭގައި ޤުރުއާން ޖަހާލިއެވެ. ސޯފާގައި އޮވެ ނީލްއަށް ނިދުނީއެވެ.

އެރޭ ފަތިހު ފްލައިޓުން މާލެދާން ނީތޫ އޮތީ ޓިކެޓްވެސް ނަގާފައެވެ. އެހެންކަމުން އެރޭ ނީތޫ ހުރީ ނުނިދާ ހޭލާއެވެ. ގޭގައި ޤުރުއާން ޖަހާފައި ހުރުމުން ޝައުނާއަށް އެގެޔަށް ނުވަދެވޭނެކަން އެގޭތީ ނީތޫ ހުރީ ފޮށިތަންމަތި ތައްޔާރުކުރާށެވެ. ވިޔަފާރީގެ ކަންތައް ނީލްގެ ބައްޕަގެ ފަރާތު ބޮޑުބޭބެއާ ހަވާލުކޮށްފައި އެއްކޮށް ބަދަލުވާން ހުރިހާ ކަމެއް ނީތޫ ދިޔައީ ހަމަޖައްސަމުންނެވެ. ބޮޑުބޭބެ ބޭނުންވީ ނީލްއަށް ފަންޑިތަ ހަދާށެވެ. އެކަމަކު ނީތޫ އެކަމާ ދެކޮޅުހެދީއެވެ.

ފުރަން އެއާޕޯޓަށް ދާ ގަޑި ޖެހުނީއެވެ. ބޮޑޫބޭބެ ހުރީ ނީލްގެ ކާރު ހިފައިގެން އައިސް އެގޭގެ ދޮރުމަތީގައެވެ. ކާރަށް އެއްޗެހި އެރުވުމަށްފަހު ނީލް ގޮވައިގެން ނީތޫ ނުކުތީ ކާރަށް އެރުމަށެވެ. ގޭގެ ދޮރާށިން ނުކުތްކަން އެގުނެވެ. އުދުހިފަ އައި ބޮޑު ވާލެއް ކަހަލަ އެއްޗެއް ނީލް ނަގައިގަނެގެން ދިޔައީއެވެ. ނީތޫ ރޮއި ހޭރިގަތެވެ. ބޮޑޫބޭބެ ހުރީ ކުރާނެ ކަމެއް ނޭގިފައެވެ.

"މަންމާ." އަނެއްކާވެސް ޝައުނާގެ އަޑުއިވިގެން ނީތޫ އެބުރި ބަލާލިއެވެ.

"ކަލޭ މިތާ ހުރިއިރު ކާކު ދެންމެ ނީލް ގޮވައިގެން އެދިޔައީ...." ޝައުނާއަކީ ޖިންނިއެއްކަން އެގޭއިރުވެސް އެއްވެސް ޖެހިލުމެއްނެތި ބޮޑުބޭބެ އަހާލިއެވެ.

"ކޮބާ ނީލް."ޝައުނާ އަހާލިއެވެ.

ކަންތައް ވިގޮތް ރޮމުން ކިޔައިދިނީ ނީތޫއެވެ. ނީތޫ ވާހަދައްކާ ނުނިމެނީސް ޝައުނާ ގެއްލިއްޖެއެވެ.

އެއީ ފަތީނާގެ ކަމެއްކަން ޝައުނާއަށް އެގެއެވެ. އެހެންކަމުން މުޅިރަށް ހޯދާބެލިއިރުވެސް ފަތީނާގެ އަދި ނީލްގެ އެއްވެސް ހަބަރެއް ނުވިއެވެ. އެހެންކަމުން ޝައުނާ ދިޔައީ ފަތީނާގެ ގެޔަށެވެ. އެގެޔަށް ދިޔައިރު ފަތީނާ ގެޔަކު ނެތެވެ. ޝައުނާ ރުޅިއައިސްގެން ކުދިންނަށްވެސް ހަމަލާދީ އެއްކުއްޖަކުގެ ކަރު ކާލާފައި އަނެއްކުއްޖެއްގެ މޭގަނޑު އިރާލިއެވެ. އިހާނެތި ގޮތަކަށް ފަތީނާގެ ހުރިހާ ދަރިން މަރާލިއެވެ.

ފަތީނާ ގެޔަށް އައިއިރު ކުދިންތިބި ހާލު ފެނިފައި ހަޅޭއްލައިގަތެވެ. އަޑުންއަޑުނަގާ ރޯންފެށިއެވެ. ޝައުނާ ނޫން އެހެން މީހަކު މިކަން ނުކުރާނެކަމަށް ފަތީނާ ޤަބޫލުކުރެއެވެ.

"ޝައުނާ!" ފަތީނާ އަޑުގެ ކޮޅަށް ގޮވާލިއެވެ. ޝައުނާ ހުރީ ފިލައިގެން ފަތީނާ ކުރާ ކަމެއް ބަލާށެވެ. ފަތީނާ އޭނަގެ ދަރިންގެ ހަށިގަނޑު އަތްމައްޗަށް ނަގައިގެން ދިޔައީ ސަހަރާއަށެވެ. އެކުދިން ހިނުވާފަ ވަޅުލުމަށްފަހު ފަތީނާ މިސްރާބު ޖަހާލީ ރަށުގެ ހުޅަނގު ފަރާތަށެވެ.

ގަސްބޯ ވަލުތެރޭގައި ހުރި ކުޑަ ޖިފުޓިގަނޑަކަށް ވަންތަން ޝައުނާ ދެކުނެވެ. ފަހަތުން ގޮސް ޝައުނާވެސް އެގޭތެރެޔަށް ވަނީއެވެ. އެހިސާބުން ފެށިގެން ދިޔައީ ދެ ޝައިތާނުންގެ ކުޅިގަނޑެކެވެ. އަލިފާނުގެ ހަމަލާތަކާއި އެކަކު އަނެކަކުގެ ގައިގައި ދަތްއަޅާ ވަކިއެޅުމެވެ. މުޅި ހިސާބުގަނޑަށް ހީވަނީ ބިންހެލުމެއް އައިސްގެން އުޅޭހެންނެވެ. ގެގަނޑުގެ ހަތަރު ބިތުގައި އަލިފާން ރޯވެ އަދަމުންދާކަން އެދެވެރިންނަކަށް އިހުސާސެއް ނުކުރެވުނެވެ. ފަތީނާ ޝައުނާއަށް ދިން ހަމަލާއެއްގެ ކުރިމައްޗަށް ނީލް އެރުމުން ނީލްބިންމައްޗަށް ވެއްޓުނެވެ.

"ނީލް!" ޝައުނާ އަވަހަށް ނީލްގެ ގައިގައި ހިފެހެއްޓިއެވެ.

އަނެއްކާވެސް ފަތީނާ ނީލްއާ ދިމާލަށް އައުމުން ޝައުނާ އައި ރުޅީގައި ފަތީނާގެ މޭގަނޑު އިރާލިއެވެ. ފަތީނާއަށް ފަހަތަށް ޖެހެވުނެވެ. ފަތީނާގެ ގެޔަށް ދިޔަ ދުވަހު ޝައުނާ އައީ ފަތީނާގެ ފުރާނަކަމަށްވާ އޭނަގެ ހާރު ނަގައިގެންނެވެ. ޝައުނާ އަތް ދިގުކޮށްލުމުން ފަތީނާގެ ހާރު ޝައުނާގެ އަތަށް އައެވެ. ފަތީނާ ހުރީ ދެލޯ ބޮޑުވެފައެވެ.

"ކަލޭ އަހަރެންގެ ނީލްއަށް ކުރި އަނިޔާގެ ބަދަލު ކަލޭ ޖެހޭނީ ފުރާނަ ދުއްވާލަން. ކަލޭގެ ތިދެއަތުން އަހަރެން ބަލާބޮޑުކުރީ އެހެންވީމަ އަހަރެންގެ މިދެއަތުން ކަލޭ މަރާނީ." މިހެންބުނެ ޝައުނާ އެހާރު ބުރިބުރިކޮށްލާފައި އަލިފާންގަނޑަށް ހާރު އެއްލާލިއެވެ.

"ނޫ...ން!" ފަތީނާ ރޮއި ހޭރެމުން ގޮސް އެހާރު ނަގަން އަލިފާންގަނޑަށް ފުންމާލިއެވެ. ޝައުނާގެ ލޮލުން އަލިފާން ފޮނުވާ މުޅިއެތަނުގައި އަލިފާންގަނޑު ފަތުރާލިއެވެ. ޝައުނާ ނީލް ސަލާމަތްކޮށްގެން ނުކުތީއެވެ. ފަތީނާ އަލިފާންގަނޑުތެރޭ ހުރެ އަދަމުން ދިޔަތަން ޝައުނާ ހުރީ ބަލާށެވެ. މަންމަޔަކާނުލާ ޝައުނާ ބަލާ ބޮޑުކުރި ދައްތައަށް މިހާލު ޖައްސަން ދުވަހަކުވެސް ޝައުނާ ބޭނުމެއް ނުވެއެވެ. އެކަމަކު ޝައުނާގެ ފުރާނަފަދައިން ލޯބިވާ ނީލް މަރާލަން ފަތީނާ އުޅުމުން ޝައުނާއަށް އިތުރުގޮތެއް ނެތީއެވެ. ނީލް ސަލާމަތްކުރަން ބޭނުމިއްޔާ ފަތީނާ މަރާލަން ޖެހެއެވެ.  ޝައުނާއަށް ރޮވުނެވެ. ނީލް ޝައުނާގެ ކަރުން ފޮހެދިނެވެ.

"އަހަރެންދެކެ އެހާވެސް ލޯބިވޭތަ؟" ނީލް އަހާލިއެވެ.

"އާ! އަހަރެން މިދުނިޔެ މަތީ އެންމެ ލޯބިވަނީ ނީލްދެކެ. އަހަރެން ދުވަހަކުވެސް ނީލްއަށް އަނިޔާއެއް ނުކުރަން. އަދި ނުވެސް ކުރާނަން." ޝައުނާ ނީލް ގޮވައިގެން ގެޔަށް ދިޔައެވެ.

ނީލް ފެނުމުން ނީތޫ ނީލްގައިގައި ބައްދައިގަތެވެ. ބޮޑުބޭބެ ޝައުނާ ދިމާލަށް ހަޅޭއްލަވަން ފެށުމުން ނީލް ޝައުނާގެ ދިފާއުގައި ވާހަކަ ދެއްކިއެވެ.

"ބޮޑުބޭބޭ. ޝައުނާ ނެތްނަމަ މިއަދު އަހަރެން މިދުނިޔޭގަ ނުހުންނާނެ. ފަތީނައްތައަކީ ޝައުނާގެ ޖިންނި ދައްތަ. އެކަމަކު މިއަދު ޝައުނާ އެއައީ ފަތީނައްތަ މަރާލާފައި އަހަރެން ސަލާމަތްކޮށްގެން. އޭގެންވެސް އެގެނީ ޝައުނާއަކީ އިންސާނަކަށް ނުވިޔަސް ޝައުނާ އަހަރެންދެކެ ލޯބިވާކަން." ނީލް ޝައުނާއަށް ބަލާފައި ހީލިއެވެ.

ނީތޫވެސް ޝައުނާއަށް ބަލާފައި ހީލިއެވެ. އަދި ނީލް ސަލާމަތްކުރީތީ ޝުކުރުއަދާކުރިއެވެ.

އެދުވަހަށްފަހު ޝައުނާ ޝެރިންގެ ސިފައިގައި ނީލްގެ އަނބިމީހާގެ މަޤާމުގައި އެގޭގައި ދިރިއުޅެމުންދިޔައެވެ. އެކަމާ އެންމެ ދެކޮޅުހަދާމީހަކީ ނީލްގެ ބޮޑުބޭބެއެވެ. ނީލް އާއި ނީތޫއަށް ވަގަށް ބޮޑުބޭބެ ފަންޑިތަ ހަދަން ފެށިއެވެ. އޭގެ ސަބަބުން ޝައުނާއަށް ވާހަކަނުދެއްކި އެދުމަތިވާންފެށިއެވެ. ގައިގައި އެއްވެސް ބާރެއްނެތި މީހާ މަރުހާލު ޖެހިއްޖެއެވެ. ނީލްއަށް މިކަން އެގުމުން ނީލް ބޮޑުބޭބެއާ ބައްދަލުކޮށް އެކަން ނުކުރުމަށް އާދޭސްކުރިއެވެ. އެހެންނަމަވެސް ބޮޑުބޭބެ އެކަން ދަންނަކަމަށްވެސް ނުހަދައެވެ.

އެގޮތަށް ހަފްތާއެއްވަންދެން ހާލުގައި އޮވެފައި ޝައުނާ މަރުވެގެން ދިޔައީ ނީލްގެ ހިތުގައި ޝައުނާއަށް މަގާމެއް ހޯދާފައެވެ. ޝައުނާ މަރުވި ފަހުން އެގޭތެރެ ނާމާންވިއެވެ. ގޭތެރެއިން އަޑުއަޑުއިވި ރޭގަނޑު ދަންވަރު އަންހެންކުއްޖަކު ރޯއަޑުވެސް އިވެއެވެ. ކޮންމެރެޔަކު ދަންވަރު މިއަޑުތަކަށް ކެތްނުވެގެން ނީލް އެގެއިން ނުކުމެގެން ގޮސް އިންނަނީ ރަށުގެ އަތިރިމަތީގައި ހުންނަ ބެންޗެއްގައެވެ. އެއީ އޭނައަށް އެންމެ ފުރަތަމަ ޝެރިން ފެނުނުތަނެވެ.

އެހެން އިންނަ އިރު ލޮލަށް ނުފެންނެ ބާރެއް ކޮންމެ ރެޔަކުވެސް ނީލްގެ މައްޗަށް ބާރުފޯރުވައެވެ. ނީލް ގެޔަށް ދަނީ ފަތިސްވާފަހުންނެވެ. މިކަމާ ނީތޫ ވަރަށް ގިނަ ދުވަހު ނީލްއާ ސުވާލުކުރެއެވެ. އެހެނަސް ނީލް މިހާރަކަށް އައިސް އެކަކާވެސް ވާހަކަ ނުދައްކައެވެ. އޭނަ ބުނާގޮތުގައި ޝެރިން މަރެއް ނުވެއެވެ. ކޮންމެ ރެޔަކުވެސް ޝެރިން އޭނަޔާ ބައްދަލުކުރެއެވެ. އެންމެ ފަހުން ރަށު އެންމެން ބުނަންފެށީ ނީލްއަކީ ޖިންނި އަވަލާފައިހުންނަ މީހެކެވެ. އެއްވެސް މީހަކު އޭނަޔާ ވާހަކަނުދައްކައެވެ. ބޮޑުބޭބެވެސް ނީލްގެ ވިޔަފާރި އޭނަގެ އަމިއްލަ ނަމަށް ބަދަލުކޮށް ނީލް އެކަނިކޮށްލީއެވެ. މިކަމުގެ ހިތާމައިގައި ނީތޫވެސް މިދުނިޔެއާ ވަކިވެގެން ދިޔައީ ނީލް އެކަނިކޮށްފައެވެ.

ނީތޫ މަރުވުމުން ބޮޑުބޭބެ ނީލް ގެއިންވެސް ނެރެލިއެވެ. އެފަހުން ނީލް ދިރިއުޅެމުންދަނީ ފަން ޖިފުޓިގަނޑެއް ކަހަލަ ތަނެއްގައެވެ. ކޮންމެ ރެޔަކުވެސް އަތިރިމައްޗަށް ޝެރިންއާ ބައްދަލުކޮށްލަން ދިޔުމަކީ ނީލްގެ އާދައެކެވެ. އެކަމަކު މިރޭ ބޭރަށް ދާނެ ހިތްވަރެއް އޭނަގެ ގަޔަކު ނެތެވެ. މުޅިމީހާ ތުރުތުރުއަޅަނީއެވެ. ގައިގެ އެތަންމިތަނުގައި ހިރުވަނީއެވެ. ދެތިންފަހަރު ހޮޑުވެސް ލެވުނެވެ. އޭނައަށް މިހާލު ޖެހުނީ ޝައުނާގެ ސަބަބުންކަން މިހާރު ވިސްނެއެވެ. އެކަމަކު ކުރާނެ ކަމެއްނެތެވެ. ދުނިޔޭގައި އެކަނިވެ ބާކީވެ ހާލުގައި ޖެހުނީއެވެ. އޭރު އުޅުނު މުއްސަދި ދިރިއުޅުންމަތިން ހަދާންވާ ކޮންމެ ފަހަރަކު ނީލް ކަރުނަ އަޅާ ރޮއެވެ. ލޯބިވާ  މަންމަ އާއި ބައްޕަ ވެސް މިދުނިޔެއާ ވަކިވެގެން ދިޔައީ ނީލްގެ ސަބަބުންކަމަށް ނީލް ގަބޫލުކުރެއެވެ. ކުޑައިރުގެ ގާތްއެކުވެރިޔާ މަރުވެދިޔައީ ނީލްއަށްޓަކައެވެ. ނީލްގެ މުޅި ހަޔާތްވެސް ބަންވެގެން ދިޔައީއެވެ.

(ނިމުނީ)