-
-
ކާވިން - 17

ކާވިން - 17

އިގުބާލްއަށް ވިސްނައިލާނޭ ފުރުސަތެއް ވެސް އޭނާ ނުދިނެވެ. ކުއްލިއަކަށް ދުވެފައި ގޮސް އޭނާގެ ގައިގައި ފައިން ޖަހައި މާ ދުރަށް ވިއްސާލައިފި އެވެ. މުޅި ތަނުގައި ގުގުމައިގެން ދިޔައީ ވަޅި ގޮސް، މުށިތަކުގެ މަތީގައި ޖެހުނު އަޑެވެ. ކާވިން ހަލުވިކަމުން، ޔުނާންއަށް އެ މަންޒަރު ފެނުނީ ވެސް ކަންވެ ނިމުނު ފަހުންނެވެ. އޭނާ ހުރީ ހައިރާންވެގެން ހަރަކާތެއް ވެސް ކޮށްލަން ނޭނގިފަ އެވެ. ހުދު އިގުބާލަށް ލިބިފައިވާ ސިހުން ވެސް ވަކި ކުޑައެއް ނޫނެވެ.

ADS BY FENVARU

********

ފަޅި ސިކުންތުކޮޅެއްވެސް ނުވެ އެވެ. ކާވިން ތިރިވެ، އީންގެ ދެކޮނޑުގައި ހިފައި މަޑުމަޑުން އުފުލާލައިފި އެވެ. ނާޒުކު ފައްތަރެއްގައި އޮތް އެ އަންހެން ކުއްޖާގެ ހަށިގަނޑުގައި އިތުރު ވޭނެއް ނާޅާނެހައި މަޑުމަޑުންނެވެ. އީންގެ ހާލު ފެނުމުން، އޭނައަށް އަމިއްލަ އިހުސާސްތަކުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. އޭނާގެ ބޯދަށަށް އަތް ލައްވައި ކައިރިއަށް ދަމައިލިގޮތަށް ގެންގޮސް މޭގައި ޖައްސާލައިފި އެވެ.

އުނދަގޫ ގޮތަކަށް ކެއްސަމުންދިޔަ އީންއަށް ރަނގަޅަށް ނޭވާ ލެވެން ފެށީ އޭގެ އިރުކޮޅެއް ފަހުންނެވެ. ކާވިން ލައިގެން އިން ގަމީހުގެ މޭމަތި ލެއިން ތެމެމުން ދިޔަ ނަމަވެސް، ދުރަށް ޖެހިލާނެ ހިއްވަރެއް އެހަށިގަނޑުގައި ނުވެ އެވެ. އެ ގާތްކަމުން އޭނައަށް އިހުސާސް ކުރެވިގެން ދިޔައީ ރައްކާތެރިކަމެވެ.

ގަބުވެފައި ހުރި ޔުނާންއަށް ހަމަހޭވެރިކަންވުމާއިއެކު، ދުވެފައި އީންގެ ކައިރިއަށް ދިޔަ އެވެ. އީންގެ ހާލާއިމެދު އޭނަ ވަނީ އިންތިހާއަށް ކަންބޮޑުވެފަ އެވެ. އެ އަންހެން ކުއްޖާގެ ހަށިގަނޑުގައި ކޫރުމެއް އެޅިލާތަން ބަލަން ވެސް އޭނަގެ ހިތަކަށް ކުޅަދާނައެއް ނުވެ އެވެ.

ލިބުނު ހަނި ފުރުސަތުގައި އިގުބާލް މަސައްކަތް ކުރީ އެތަނުން ފިލާށެވެ. ފާރުގައި ހިފަހައްޓަމުން ކަހަލަގޮތަކަށް އޭނަ ތެދުވަން މަސައްކަތް ކުރި އެވެ. އެތަން ފެނި، ކާވިންއަށް އޭނާގެ ދަތްތަކަށް ބާރުކޮށް ލެވުނެވެ. އީންއަށް ހަމަލާދީ ޒަޚަމުކޮށްފައި ހުރި މީހަކު އެހާ ފަސޭހައިން ސަލާމަތްވިޔަ ދޭކަށް އޭނަގެ ހިތެއް އެއްބަހެއް ނުވި އެވެ.

އީން ދުރުކޮށްލަމުން ކާވިން އެ މޫނަށް ވަރަށް ފުން ނަޒަރެއް ދިނެވެ. އޭނަ އެދުނީ، ޔުނާން އާއިއެކު ހަސްފަތާލަށް ދިޔުމަށެވެ. ކަންތައްތައް ހަމައަކަށް އަޅުވާފައި އޭނާ ދާނެކަމަށް ބުނެލީ، އީންއަކީ އޭނާގެ ޙަޔާތުގެ ބައިވެރިޔާ ފަދައިންނެވެ. ޔުނާން އީންގެ ގައިގައި ހިފަހައްޓާލުމުން އޭނާ ތެދުވި އެވެ. ހަލުވި ފިޔަވަޅުތަކެއްގައި އިގުބާލާއި ދިމާއަށް ދިޔަ އެވެ. އިގުބާލް އުޅުނީ ދުއްވައިގަންނާށެވެ. ކޮރަމުން ކަހަލަ ގޮތަކަށް އޭނާއަށް ދެވުނީ ތަންކޮޅަކަށެވެ. ކާވިން ގޮސް، އޭނަގެ ގަމީހުގައި ހިފައި ދަމައިގެންފި އެވެ. އީންއަށް ގެއްލުންދީ ފުރާނައިން އަތްދޮވެލަން މަސައްކަތް ކުރުމުން، އޭނަގެ ރުޅި ވަނީ ހައްދުން ނައްޓާފަ އެވެ. އިގުބާލް ގަދަ ހަދައިގެން އަނިޔާ ކުރަން ޖެހުނަސް، އެކަން ކުރަންވެސް އޭނާ ތައްޔާރު ވިއެވެ.

ކާވިން މަޑެއް ނުކުރެ އެވެ. އިގުބާލްގެ ގައިގައި ހިފައިގަނެފައި ބަނޑުވަތަށް ވައްޓާލައިފި އެވެ. އެއަށްފަހު، ދެއަތް ފުރަގަހުން ގެންގޮސް، ދެ އަތުގައި ބިޑި އަޅުވައި ހައްޔަރު ކުރި އެވެ.

********

ހަސްފަތާލުގައި ފުދޭ ވަރަކަށް މީހުން ގިނަ ވަގުތެކެވެ. އެތެރެއަށް ވަން ކާވިންގެ ހިތް ވަނީ އަވަސްވެފަ އެވެ. އިގުބާލް ގެންގޮސް ފުލުހުންގެ އިދާރާއަށް ލާފައި އޭނަ އެއައީ އީންގެ ކައިރިއަށެވެ. އެހެން ހުރިހާ ކަމަކަށްވުރެ، އޭނައަށް އީން މުހިއްމު ވެއްޖެއެވެ. ލައިގެން ހުރި ގަމީހުގެ މޭމަތި ލެއިން ތަތްތެޅިފައި ވިޔަސް، އޭނަގެ ފަރުވާލެއް ނެތެވެ. އީން އާއި ބައްދަލުކޮށްފައި ނޫނީ އިތުރު އެއްވެސް ކަމެއް ނުކުރުމަށް އޭނަ އަމިއްލަ ނަފުސަށް ވައުދެއް ވެފައިވާ ކަހަލަ އެވެ. އޭނަ ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ސިޑިން މައްޗަށް އަރަން ފެށީ، އޭނާ އާއިއެކު އައި ނުހާމް އާއި ލަޔާންއަށް މަޑުކުރުމެއް ނެތި އެވެ.

ބޭސްއަޅާ ކޮޓަރީގެ ދޮރުމަތީގައި ޔުނާން ހުރީ ދެކޮޅަށް ހިނގާލަ ހިނގާލަ އެވެ. އީން އެ ކޮޓަރިއަށް ވެއްދިތާ ފަނަރަ މިނެޓު ވީއިރުވެސް، ޚަބަރެއް ނުވާތީ، ހާސްވެގެން އޭނައަށް ކޮޅަށް ހުރުމަށް ދަތިވެއްޖެ އެވެ. އޭނަ ގޮސް ގޮނޑީގައި އިށީނދެލި ވަގުތަކީ، ކާވިން އައިސް އެތަނަށް ވަން ވަގުތެވެ. ދެމީހުންގެ ވާހަކަތައް ބަދަލުކުރެވުނީ ނަޒަރުންނެވެ.

ނުހާމް އާއި ލަޔާން އައި އިރު، ކާވިން ހުރީ ދެކޮޅަށް ހިނގާލަ ހިނގާލަ އެވެ. ކަންބޮޑުވެފައިވާ އެ މޫނު ފެނުމުން، އެންމެންވެސް ސުވާލު އުފެދިފައި އެކަކު އަނެކެއްގެ މޫނަށް ބަލާލައިފި އެވެ. ވިސްނަންވީ ގޮތެއް އޭގެ ތެރެއިން އެކަކަށް ވެސް ނޭނގުނެވެ. ކާވިން އީން އާއިމެދު ޚާއްސަގޮތެއް ބަހައްޓާކަން އެމީހުންނަށް އެނގެ އެވެ. އެކަމާއި އެންމެ ބޮޑަށް ވިސްނުނީ ޔުނާން އަށެވެ. ކާވިން އީން އާއި މާ ގާތްކޮށް އުޅޭތީ، އޭނާގެ ހިތަށް އުނދަގޫ ވެއެވެ.

"ކޮބާ، ކީކޭ ޑޮކްޓަރު ބުނީ؟..." ނުހާމް ސުވާލު ކުރީ، ފިކުރު ބޮޑުވެފައި އިން ޔުނާން އަށެވެ.

"މާ ބޮޑު ކަމެއް ނުވެއޭ ބުނީ... އެކަމަކު ހާދަ ބައިވަރު ލެޔެކޭ.." ޔުނާން ކަންބޮޑުވެފައި ބުންޏެވެ.

ނުހާމް މެން އައިތާ މާގިނަ އިރުތަކެއްނުވެ، ބޭސްއަޅާ ކޮޓަރީގެ ދޮރު ހުޅުވައިލިތަން ފެނުނެވެ. ހިނގާލާފައި ނުކުތް އީން ފެނި، އެންމެންނަށް އޭނަ އާއި ދިމާއަށް ދެވުނީ އެއްފަހަރާ އެވެ. އޭނާގެ މޫނުން ދެތަނެއްގައި ބޭސް އަޅާފައިވާއިރު، އަތުގެ އުޅަނބޮއްޓާއި ދިމާގައި ވެސް ބޭސްގަނޑެއް އަޅާފައި އޮތެވެ.

އެންމެން ފެނުމުން، އީން ހައިރާން ވިއެވެ. ހަމަ އެހާ އަވަހަށް އޭނަ ހިނިތުންވެލައިފި އެވެ. އޭނަ އާއި ބައްދަލުކުރުމަށް އެންމެން އެއްފަހަރާ އައިސްދާނެކަމަށް އޭނަ ކުޑަކޮށް ވެސް އުއްމީދެއް ނުކުރެ އެވެ. އެމީހުން އޭނަ އާއި ދޭތެރޭ ވިސްނާ ވަރު ފެނުމުން، އެ ހިތަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ. ކާވިން ކުރިއަށްޖެހިލައި އީންގެ ގައިގައި ހިފަހައްޓައިލަން އުޅުނެވެ. އޭގެ ކުރިން ޔުނާން ގޮސް، އީންގެ ގައިގައި ހިފަހައްޓާލައިފި އެވެ. ކަންބޮޑުވެފައި، އީންއަށް ބަލައިލެވުނީ ކާވިން އާއި ދިމާއަށެވެ. އޭރު ކާވިން ހުރީ އިސްޖަހާލައިގެންނެވެ.

މާބޮޑު ޒަޚަމުތަކެއް ނުލިބޭތީ، އަރާމުކުރަން ބުނެފައި އީން ފޮނުވައިލީ ގެއަށެވެ. ފުލުހުންގެ އިދާރާގެ ތެރެއަށް ވަދެފައި އީން މިސްރާބުޖެހީ އަންހެން ފުލުހުންނަށް ޚާއްސަ ކުރެވިފައިވާ ކޮޓަރިތަކާއި ދިމާއަށެވެ. ޔުނާން އޭނަ އާއިއެކު ކޮޓަރި އާއި ހަމައަށް ދާން އެދުމުން ވެސް އޭނަ އެކަމަށް އިންކާރު ކުރި އެވެ.

ކޮޓަރިއަށް ވަދެވަދެ ހުރި، އީންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ، ފަހަތުން ކާވިންގެ އަޑު އިވުމުންނެވެ. އޭނަ ފަސްއެނބުރި ބަލައިލިއިރު ކާވިން ހުރީ، ދާދި ގާތުގަ އެވެ. އީން ހާސްވެފައި ދެކޮޅު ހޯދައި ބަލައިލި އެވެ. މީހަކަށް ފެނިދާނެތީ އޭނަ މާ ބޮޑަށް ހާސްވީ އެވެ. ބަޔަކު އަންނަހެން ހީވެގެން އޭނާގެ ހިތް ތެޅިގަތެވެ. އަވަހަށް ކާވިންގެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ކޮޓަރިއަށް ވައްދައިފި އެވެ.

ދޮރު ޖަހާފައި ދޮރުގައި ލެނގިލި އިރުވެސް އީންގެ ހިތް ހަމައަކަށް ނޭޅެ އެވެ. މޭގައި އަތް ޖައްސައި ދެލޯ މަރައިގެން ހުރެފައި އޭނަ ލޯ ހުޅުވައިލީ، އެ މީހުންގެ އަޑު ކެނޑުމުންނެވެ. އޭނައަށް ހަމަހޭވެރިކަން ވީއިރު، ހުރެވުނީ ކާވިން އާއި ދާދި ގާތުގަ އެވެ. އެކަން އިހުސާސްވެގެން އޭނަގެ ދެލޯ ބޮޑުވެއްޖެ އެވެ. ބިރެއް ފެނުމުން ބަލާހެން ކާވިންގެ މޫނަށް ބަލައިލިއިރު، އޭނާގެ މުޅި ހަށިގަނޑުގައިވާ ލޯލިތައް ވަނީ ކޮޅަށް ޖެހިފަ އެވެ. އޭނައަށް ހުރެވުނީ ކާވިންގެ އަތުގެ މުލައްދަނޑީގައި ހިފައިގެންކަން އިހުސާސްވީ އަދި އިރުކޮޅެއް ފަހުންނެވެ. އޭނަ އަވަސްއަވަހަށް ކާވިންގެ އަތުން ދޫކޮށްލައިފި އެވެ. ދުރަށްޖެހިލަން ބަލައިލިއިރު، ކާވިން އެހާ ގާތުގައި ހުރުމުން، އެކަން ކުރާކަށް ފަސޭހައެއް ނުވި އެވެ.

ލަދުން މޯޅިވަމުންދިޔަ އީންގެ ހަރަކާތްތަކަށް ބަލަން ކާވިން ހުރީ، ކަޅި ޖަހާވެސް ނުލަ އެވެ. ރިހުން އެކުލެވޭ ނަޒަރަކުން އޭނަ އީންއަށް ބަލަމުން ދިޔައިރު، ހިތުގެ އިހުސާސްތަކުގެ މައްޗަށް ބާރު ނުފޯރުވިދާނޭހެން ހީވަނީ އެވެ. އެ ނާޒުކު އަންހެން ކުއްޖާ އޭނަގެ މުޅި ހިތް ފަތަހަ ކޮށްފި އެވެ.

ނޭވާ ހާސްވެ، މުޅި މީހާ ދާހިއްލަން ފެށުމުން، އީން އުޅުނީ ކާވިން އާއި ދުރަށް ޖެހިލާށެވެ. ކާވިން އޭނަގެ އަތުގައި ހިފެހެއްޓުމުން، އޭނަ ލާން އުޅުނު ނޭވާ އެތެރެހަށީގައި ތާށިވި ކަހަލަ އެވެ. އީންގެ އަތަށް މަޑުމަޑުން ދަމާލަމުން، ކާވިން އޭނަގެ ކުރިމައްޗަށް އީން ގެނެސްފި އެވެ. އޭނަ އެ ހަށިގަނޑުގައި ބައްދައިލީ އީން އެފަދަ ކަމަކަށް ނުވެސް ވިސްނާ ހުއްޓަ އެވެ.

"އައިމް ސޮރީ..." ކާވިންގެ ދެތުންފަތް ފޫދުއްވާލާފައި ނުކުތް ޖުމްލަ އާއިއެކު، އޭނަ ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލައިފި އެވެ.

އެ ޖުމްލަތައް އީންގެ ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށް ވާސިލު ވިއެވެ. މާގިނައިރުތަކެއްނުވެ، އޭނަ އީން އާއި ދުރަށް ޖެހިލައިފި އެވެ. އޭރުވެސް އީން ހުރީ ހުއްޓުން އަރާފަ އެވެ. ކާވިން މަޢާފަށް އެދެންޖެހޭ ސަބަބެއް އޭނައަކަށް ނުވިސްނުނެވެ.

"މިއަދު އީންއަށް ކަމެއްވިނަމަ، އަމިއްލަ ނަފުސަށް މަޢާފެއް ނުކުރެވުނީސް..." އީން ގަބުވެފައި ހުއްޓައި އަނެއްކާވެސް ވާހަކަ ދައްކަން ފެށީ ކާވިން އެވެ. "އެވަރު ކަމެއް ކުރުމުގެ ކުރިން އަހަރެން ކައިރީ އަހާލިނަމަ..."

ކާވިންގެ އަޑުގައިވި ރިހުން އީންއަކަށް ސިއްރެއް ނުވި އެވެ. އޭނާ އެއްޗެއް ބުނަން އަނގަ ހުޅުވައިލިތަނައި، ދޮރުގައި ޓަކިޖަހައިލި އަޑު އިވުނެވެ. އީން ދިޔައީ ސިއްސައިގެންނެވެ. އޭނަ ކާވިން ގެންގޮސް ވެއްދީ ފާޚާނާ އަށެވެ. އެގޮތް ހިތްހަމަނުޖެހިގެން، ގެނެސް އަލަމާރި ތެރެއަށް ވައްދައިފި އެވެ.

(ނުނިމޭ)