-
-
މިއަހަރުގެ ޙައްޖު ޚުޠުބާގެ ތަރުޖަމާ 10 ބަހަކުން ޙައްޖު ޚުޠުބާ ދެވޭ، ޢަރަފާތް ބިމުގައި ހުންނަ ނަމިރާ މިސްކިތް / ފޮޓޯ: އެސްޖީ

މިއަހަރުގެ ޙައްޖު ޚުޠުބާގެ ތަރުޖަމާ 10 ބަހަކުން

އިސްލާމް ދީނުގެ ރިސާލަތު ދުނިޔޭގެ ކަންކޮޅުތަކުގައި އުޅެމުންދާ ވީހައިވެސް ގިނަ ބައަކަށް އެނގިގެންދާނޭ ގޮތަކަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި މިއަހަރުގެ ޢަރަފާތްދުވަހުގެ ޚުޠުބާ ދުނިޔޭގެ މައިގަނޑު 10 ބަހަކަށް ތަރުޖަމާ ކުރެވޭނެ ކަމުގައި ސަޢުދީ ސަރުކާރުން ހާމަކުރަށްވައިފިއެވެ.

ADS BY FENVARU

ސަޢުދީ ސަރުކާރުގެ މިނިންމެވުން ހާމަކުރަށްވާފައިވަނީ، ދެ ޙަރަމްފުޅުގެ ފަރާތުން ޙައްޖާއި ބެހޭގޮތުން އަހަރަކު އެއްފަހަރު ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި، ދެ ޙަރަމްފުޅުގެ ކަންކަން ބަލަހައްޓަވާ އިދާރާގެ ރައީސް، މަޝްހޫރު ޤާރީ ޝައިޚް ޢަބްދުއްރަޙްމާން އަލް ސުދައިސްއެވެ.

ހަރަމްފުޅުގެވެސް އިމާމް ސުދައިސް ވިދާޅުވީ، ޙައްޖު ޚުޠުބާ ތަރުޖަމާ ކުރެވުން، 5 ބަހަކުން 10 ބަހަކަށް އިތުރު ކުރުމަށް އަންގަވާފައި ވާނެކަމަށެވެ.

މިއަހަރުގެ ޙައްޖު ޚުޠުބާ ތަރުޖަމާ ކުރެވޭ 10 ބަހަކީ، އިނގިރޭސި، މަލަޔާލަމް، އުރުދޫ، ފާރިސީ، ފްރެންޗް، ޗައިނީސް، ޓާރކިސް، ރަޝިއަން، ހައުސާ އަދި ބެންގާލީ ބަހެވެ.

މި ތަރުޖަމާތައް، ޙަރަމްފުޅުގެ ޚުޠުބާތައް ގެނެސްދޭ ރަސްމީ ސައިޓުގެ އިތުރުން ޙައްޖުގެ މަޝާޢިރު ތަކުގައި ޤާއިމު ކުރެވޭ ޑެސްކްތަކުން ހިލޭ ލިބެން ހުންނާނެ ކަމުގައިވެސް ސުދައިސް ވިދާޅުވިއެވެ.

ޙައްޖު ޚުޠުބާ ތަރުޖަމާ ކުރުމުގެ ޕްރޮޖެކްޓަކީ، މުޅި ދުނިޔޭގައިވެސް ހިންގޭ މިފަދަ އެންމެ ބޮޑު މަޝްރޫޢުކަމަށާއި، މިހައިތަނަށް ޖައްސަ ޖައްސައިގެން 3 އަހަރު ދުވަހު މި މަޝްރޫޢު ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދެވިފައި ވާ ކަމަށްވެސް ޙަރަމްގެ އިމާމް ޝައިޚް ސުދައިސް ފާހަގަ ކުރެއްވިއެވެ.

މިއަހަރުގެ ޙައްޖު ނުވަތަ ޢަރަފާތް ދުވަހަކީ 30 ޖުލައި ވާ ބުރާސްފަތި ދުވަސްކަމުގައި ސަޢުދީ ސްޕްރީމް ކޯޓުން މިހާރުވަނީ ނިންމަވާފައެވެ. ޙައްޖުގެ ޚުޠުބާ ދެވިގެންދާނީ އެދުވަހުގެ މެންދުރު ނަމާދާއި ޢަޞްރު ނަމާދު އެއްކޮށް އިސްކޮށް ޖަމްޢުކުރުމަށްފަހު މެންދުރުގެ ވަގުތުގައެވެ.

ޢަރަފާތް ދުވަހަކީ ދުނިމައްޗަށް އެދުވަހަކަށް އިރުއެރި އެންމެ މާތްދުވަސްކަމުގައި އުންމަތު ނަބިއްޔާ ބަޔާން ކޮށްދެއްވާފައި ވެއެވެ. އަދި ނުކިޔަމަންތެރި ވެވުނު އެތަކެއް އަޅުތަކަކަށް ފާފަ ފުއްސަވައިދެއްވައި ނަރަކައިން މިންޖުކޮށްދެއްވާ ދުވަސްކަމުގައިވެސް ނަބިއްޔާ އިރުޝާދުދެއްވިއެވެ.

ޢަރަފާތް ދުވަހުގައި މާތް ﷲ އެއިލާހުގެ މަލާއިކަތުންނަށް ފަޚުރުވެރިކަމާއެކު ޖަވާބު ދެއްވާނެއެވެ. ދުނިޔޭގައި މީސްތަކުންގެ ނަސްލެއް އެއިލާހު ލަށްވަވާ ކަމުގެ ޚަބަރު މަލާއިކަތުންނަށް ދެއްވުނު ހިނދު އެބޭކަލުން އެދުވަހު ވިދާޅުވި؛

"އިބަ އިލާހެވެ. ބިމުގައި ފަސާދަކޮށް ލޭ އޮހުރުވާ ބައަކު އެބިމުގައި އިބަ އިލާހު ލަށްވަނީ ތޯއެވެ؟ ތިމަންމެން އިބަ އިލާހަށް ޙަމްދުކޮށް ޘަނާކިޔުމާއެކު އިބަ އިލާހު މަތިވެރި ކުރުމުގައި ދެމި ތިބޭ ހިނދު ވެސްއެވެ."

"ތިމަން އިލާހުގެ ކިޔަމަންތެރި އަޅުތަކުން ފެނޭތޯއެވެ؟ ... ހަމަކަށަވަރުން އެ އެންމެހައި އަޅުތަކުންނަށް ތިމަން އިލާހު ފާފަފުއްސަވައި ދެއްވައި ފީމުއެވެ"

ޢަރަފާތް ދުވަހު މާތް ﷲ އިއްވަވާނެ ނިދާއަކީ މިއެވެ.