-
-
ކުވައިތުގެ ޢަމީރު އިތުރު ފަރުވާއަށް އެމެރިކާއަށް ވަޑައިގަންނަވަނީ ކުވައިތުގެ ޢަމީރް ޝައިޚް ޞަބާޙް އަލް އަޙްމަދް / ފޮޓޯ: އެސްޖީ

ކުވައިތުގެ ޢަމީރު އިތުރު ފަރުވާއަށް އެމެރިކާއަށް ވަޑައިގަންނަވަނީ

މުއްސަނދި ޢަރަބި ދައުލަތެއްކަމުގައިވާ ކުވައިތުގެ ވެރިޔާ ޝައިޚް ޞަބާޙް އަލް އަޙްމަދް އަލް ޖާބިރް އަލް ޞަބާޙްއަށް ކުރިމަތިވެވަޑައިގެންނެވި ޞިއްޙީ މައްސަލައަކާއި ގުޅިގެން ކާމިޔާބު އޮޕަރޭޝަނެއް ކުރެވުމަށް ފަހުގައި އިތުރު ފަރުވާ ހޯއްދެވުމަށް އެެމެރިކާއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ADS BY FENVARU

ކުވައިތުގެ ރަސްކަމުގެ ދީވާނުގެ ވަޒީރު ޝައިޚް އަލް ޖައްރާޙް އަލް ޞަބާޙްއައި ޙަވާލާދީ ކުވައިތުގެ ދައުލަތުގެ ނޫހުގައި ބަޔާންކޮށްފައިވާ ގޮތުން، ޢުމުރު ފުޅުން 91 އަހަރުގެ ޢަމީރު ޝައިޚް ޞަބާޙް އެމެރިކާއަށް ފުރާ ވަޑައިގަންނަވާނީ މާދަމާގެ ހެނދުނުގެ ވަގުތެއްގައެވެ.

ކުވައިތުގެ ވެރިޔާ ޝައިޚް ޞަބާޙްގެ ބޭސްފަރުވާގެ މި ދަތުރުފުޅު ރަސްކަމުގެ ދީވާނުން ކަށަވަރު ކޮށްދީފައި ވީނަމަވެސް، ޢަމީރު ފަރުވާ ހޯއްދަވާ ސަބަބެއް، އަދި ކުވައިތުގައި ކުރެވުނު އޮޕަރޭޝަނުގެވެސް އެއްވެސް ތަފްޞީލެއް ހާމަކޮށްފައި ނުވެއެވެ. ފާއިތުވެ ދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް ޞިއްޙީ ޓެސްޓްތަކެއް ހެއްދެވުމަށް ޢަމީރު އެމެރިކާއަށް ވަޑައިގެންނެވި އެވެ.

ކުވައިތުގެ ރަސްމީ ފަރާތްތަކުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ޝައިޚް ޞަބާޙްގެ އޮޕަރޭޝަނަށް ހޮސްޕިޓަލުގައި އެނދުމަތި ކުރެވުމާއި ގުޅިގެން ވެރިކަމުގެ ބައެއް ބާރުތަށް އެއްބަފާ ކޮށްކޯފުޅު، ޢުމުރުފުޅުން 83 އަހަރުގެ ވަލީޢަހުދު ނަވާފް އަލް އަޙްމަދު އަލް ޞަބާޙްއާއި ޙަވާލުކުރެއްވިއެވެ. ކުވައިތުގެ ދުސްތޫރު ބުނާގޮތުން ވެރިޔާ ޢަމީރު ޤައުމުގައި ނެތްހާލަތެއްގައި ވެރިކަމުގެ ބާރުތަށް ވަގުތީ ގޮތުން ލިބިގެންވާނީ ވަލީ ޢަހުދަށެވެ.

(އެސްޖީ/ ބައިނަލް އަޤްވާމީ ނޫސްތައް)