-
-
ކާވިން - 18

ކާވިން - 18

ކާވިންގެ އަޑުގައިވި ރިހުން އީންއަކަށް ސިއްރެއް ނުވި އެވެ. އޭނާ އެއްޗެއް ބުނަން އަނގަ ހުޅުވައިލި ތަނާ، ދޮރުގައި ޓަކިޖަހައިލި އަޑު އިވުނެވެ. އީން ދިޔައީ ސިއްސައިގެންނެވެ. އޭނަ ކާވިން ގެންގޮސް ވެއްދީ ފާޚާނާ އަށެވެ. އެގޮތް ހިތްހަމަނުޖެހިގެން، ގެނެސް އަލަމާރި ތެރެއަށް ވައްދައިފި އެވެ.

ADS BY FENVARU

********

ފުން ނޭވާއެއް ދޫކޮށްލަމުން ހަމަޖެހިލެވޭތޯ އީން މަސައްކަތް ކުރި އެވެ. އޭނަ ގޮސް ދޮރު ހުޅުވައިލީ، ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލުމަށް ފަހުގަ އެވެ.

ދޮރުމަތީގައި ހުރީ، ނިއުޝާ އެވެ. ނިއުޝާ އަކީ އަންހެން ފުލުހުންގެ ތެރެއިން އީން އާއި އެންމެ ގާތް ގުޅުމެއް ބާއްވާ އެކަކެވެ. އޭނަ އައީ އީންއަށް މީހަކު ހަމަލާ ދިން ޚަބަރު ލިބިގެން ހާލު ބަލައިލުމަށެވެ.

އީން އުޅުނީ ކޮޓަރިން ނުކުންނާށެވެ. އޭގެ ކުރިން ނިއުޝާ އެތެރެއަށް ދެމިގެންފި އެވެ. އޭނަ ގޮސް އެނދުގައި އިށީނުމުން، ފަހަތުން ވަންނަން އީންއަށް ވެސް މަޖުބޫރު ވެއްޖެ އެވެ. ދެފިކުރެއްގައި ހުރެފައި އޭނަ އެތެރެއަށް ވަނީ، އިތުރު ގޮތެއް ނެތުމުންނެވެ.

އީން ހީކުރީ އޭނަ ކޮޅަށް ހުރުމުން ނިއުޝާ އަވަހަށް ދާނެ ކަމަށެވެ. އެކަމަކު، އާދައިގެ މަތީން، ނިއުޝާގެ ބޮޑު ވާހަކަ ފެށިގޮތަށް ހުއްޓައެއް ނުލި އެވެ. ކާވިން އިންނާނެ ހާލެއް ނޭނގިގެން އީން ހާސްވެ، ދާހިއްލަން ފެށި އެވެ.

"ކީއްވެތަ ކޮޅަށް ތިހުންނަނީ؟... މިތާ ޖައްސާލަބަލަ... މީ ކާވިން ސަރ އެއް ނޫނޭ... އަދަބުދީފަ ބަހައްޓާކަށް..." އެނދުގައި އަތުން ޖަހައިލަމުން ނިއުޝާ ވާހަކަ ދެއްކީ ލާނެތް ރާގަކަށެވެ.

ތިރީ ތުންފަތުގައި ދަތް އަޅާލައިގެން ހުރެ، އީން ގޮސް އިށީނެވެ. ދެއަތް ދެއަތާއި ޖޯޑުކޮށްލައިގެން އޭނަ އިންއިރު، ދޭތެރެއަކުން އެ ނަޒަރު އަލަމާރި އާއި ދިމާއަށް ހުއްޓެމުން ދިޔަ އެވެ.

"މީ ހަމަ އެ ކާވިން ސަރގެ ކަންތައް... އޯ އެމްޖީ، ހާދަ ވިއާޑް މީހެކޭ..." ނިއުޝާ ބުންޏެވެ. "އީން ބުނާހެން އޭނައަށް ކިޔަންވީ އެންގްރީ ބާޑް... އަހަރެން ވަރަށް ފޫހިވޭ އޭނަ ފެނުނީމަ... އެކަމަކު އެއީ ސިކުންތު ކޮޅަކަށް... އެސްފިޔަ ޖަހާލާފަ ދެވަނަ ފަހަރަށް ބަލާލާ އިރަށް، ނަޒަރު ދުރުކޮށްލާ ހިތްވެސް ނުވޭ... އެހާވެސް ހޭންޑްސަމް... ބައެއް ފަހަރު ހިތަށް އަރާ ލިބޭނެ ނަމައޭ... ރުޅި އާދެވެނީ ވެސް އޭނަ މަށާ ދިމާއަށް ބަލާވެސް ނުލާތީ ކަންނޭނގެ... އޭނައާ އެކީ މަސައްކަތް ކޮށްލަން ޗާންސެއް ނުލިބިފަ މިހުންނަނީ... އަހަރެން މީ އީން ނަމަ، މޮޅެތި އެއްޗެހި ޖައްސާނަން..." ނިއުޝާ ފެށީ ހޭށެވެ.

އީން ދިޔައީ ސިއްސައިގެންނެވެ. އޭނައަށް އަނގަމަތީގައި އަތް އަޅާލެވުނީ ޖެހިލުންވީ ވަރުންނެވެ. ބިރެއް ފެނުމުން ބަލާހެން އޭނަގެ ނަޒަރު އަލަމާރި އާއި ދިމާއަށް ހުއްޓިއްޖެ އެވެ. އެ ތަން ފެނި، ނިއުޝާއަށް ވެސް އެދިމާއަށް ބަލައިލެވުނެވެ.

"ހާދަ ވަރަކަށް ކޮންތާކަށް ތި ބަލަނީ؟... އެތާ އެއްޗެއް އޮތީތަ؟... އަނެއްކާ ކާވިންތަ؟..." އެނދުން ތެދުވެގެން އަލަމާރި އާއި ދިމާއަށް ހިނގައިގަންނަމުން ނިއުޝާ ބުންޏެވެ.

ނިއުޝާ އެހެން  ބުނީ ޖެއްސުމަށް ކަން އެނގުނު ނަމަވެސް، އީންގެ ހިތް ތެޅިގަތެވެ. އޭނަ ފުންމައިގެން ތެދުވެ، ނިއުޝާގެ ކުރިމައްޗަށް އެރި އެވެ. ދެފަރާތަށް ބޯ ހޫރާލާފައި، ނިއުޝާ ދުރުކުރަން އޭނަ އުޅުނެވެ.

އީން އާއި އަޅާ ބަލާއިރު، ނިއުޝާ އަކީ ޖާނުން ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ މީހެކެވެ. އީން އަށްވުރެ  އޭނަ އިސްކޮޅުން ވެސް ދިގެވެ. ބައިމަތި ފުޅާވެފައި، ހަށިގަނޑު ވެސް ރަނގަޅެވެ. ލުއި އެއްޗެއް ދުރުކޮށްލާހެން އޭނަ އީން ދުރުކޮށްލި އެވެ. އެ ހިތް ތަޅުވާލާފައި ގޮސް، އަލަމާރީގެ ދޮރު ހުޅުވާލައިފި އެވެ.

އީންއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. އެތެރޭގައި އިން ކާވިން ވެސް ދެލޯ މަރައި ބާރުކޮށްލައިފި އެވެ. ނިއުޝާގެ ފޯނު ރިންގުވާން ފެށި އެވެ. އަލަމާރީގެ ދޮރު ހުޅުވައިލި ނަމަވެސް، އޭނަގެ ނަޒަރު ހުއްޓައިލަން ޖެހުނީ ފޯނަށެވެ. ދަނޑިވަޅުގެ ބޭނުން ހިފައި އީން އަވަހަށް ދޮރު ލައްޕައިލި އެވެ.

ނިއުޝާ ދިޔުމުން އީން ހުރީ އަލަމާރީގެ ދޮރު ހުޅުވައިލަން ވެސް ނުކެރިފަ އެވެ. އޭނައޭ ކިޔައިގެން ނިއުޝާ ދެއްކި ވާހަކައިގެ އަޑު ކާވިންއަށް އިވޭނޭ ކަން އޭނައަށް ޤައިމު ވިއެވެ. އޭނަ ލަދުން މޮޔަވަނީ އެވެ. ހަދާނޭ ގޮތެއް ނޭނގި ވިސްނަން އޭނައަށް އެތައް އިރަކު ހުރެވުނެވެ. އެތަނުން ދުވެ ފިލަން ހިތަށް އެރި ވަގުތުކޮޅެއްވެސް ދިޔަ އެވެ. އެކަމަކު އޭނަ އެތަނުން ހިނގައްޖެނަމަ، ކާވިންއަށް އެތަނުން ނުކުމެވޭނެ ގޮތެއް ނޯންނާނެ ކަން އެނގޭތީ، އޭނައަށް އެކަން ވެސް ކުރާކަށް ނުކެރުނެވެ. އޭނަ ދެކޮޅަށް ހިނގަމުން ދަނިކޮށް، ކާވިން ދޮރުގައި ޖަހައިލި އަޑު އިވުނެވެ. އެންމެ ފަހަރަކު ނޫނެވެ. ދެތިން ހަތަރު ފަހަރު ޖެހުމުން އޭނަ ގޮސް ދޮރު ހުޅުވައިލި އެވެ.

އީންގެ ހެދުންތަކުގެ ތެރޭގައި އިން ކާވިން އޭނައަށް ފެންނަ ވަރުވީ، ހުރިހާ ހެދުމެއް ދުރުކޮށްލުމުންނެވެ. ތުރުތުރު އަޅަމުންދިޔަ އަތަކުން އޭނައަށް އެކަން ކުރަން ވެސް އުނދަގޫ ވިއެވެ. އަންނައުނުތަކުގެ ތެރޭގައި ކާވިން ރީއްޗަށް ހައްޔަރުވެފައިވާ ކަހަލަ އެވެ. ހޫނުވެގެން ދާހިއްލާ ފޯވެފައި އިން ކާވިންގެ މޫނުމަތި ފެނުމުން އީން ބިރުން ހަލާކުނުވީ ކިރިޔާ އެވެ. އެ މޫނުމަތި ވަނީ ތަޤައްޔަރު ވެފަ އެވެ. އެތަނުން ނުކުތްއިރު، އޭނަގެ މުޅި މޫނުން ދާހިއްލާފައި ވާއިރު، ބޮލުގެ އިސްތަށިގަނޑު ވެސް ވަނީ ތެމި ފޯވެފަ އެވެ. ލައިގެން ހުރި ގަމީސް ތެމި ފޯވެގެން ގައިގައި ތަތްލާފައި ވާގޮތުން ހީވަނީ، ވިއްސާރައިގައި ތެމިގެން އައިސް ހުރި ހެންނެވެ.

އީން ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ކާވިން ނުރުހިފައި އޭނައަށް ބަލައިލި ތަން ފެނި، އޭނައަށް ހިންދިރުވައިލެވިއްޖެ އެވެ. ވަކި އެއްޗެއް ނުބުނެ ކާވިން އެތަނުން ނުކުމެގެން ދިޔައީ، އިންޒާރުގެ ބެލުމަކުން އީންއަށް ބަލައިލާފަ އެވެ.

********

ތަހުޤީޤު ހޯލުގައި އިގުބާލް އިންއިރު، ޔުނާން އިނީ އޭނަގެ ކުރިމަތީގައި އިށީނދެލައިގެންނެވެ. އެއް އަރިމަތީގައި ލަޔާން އިނީ ލެޕްޓޮޕުން ބަޔާން ލިޔާށެވެ. އިގުބާލް އިސްޖަހައިގެން އިންއިރު، ޔުނާން ކުރަމުންދިޔަ އެއްވެސް ސުވާލަކަށް އޭނާ ޖަވާބެއް ނުދިނެވެ. ވިއްސަކަށް މިނެޓު ވީއިރުވެސް ބަހެއްވެސް ބުނެ ނުލުމުން، ޔުނާންގެ ރުޅިގަނޑު ފަޅައިގެން ނުގޮސް އިނީ ކިރިޔާ އެވެ. އެވަރުންވެސް އޭނަ ކެތްތެރި ވިއެވެ. އެހެން މީހުން ފަދައިން، އަތުން ފައިން ގޯހެއް ހަދާކަށް އޭނަ ބޭނުމެއް ނުވެ އެވެ.

ހަލުވި ފިޔަވަޅުތަކެއްގައި ހޯލަށް ވަދެގެން އައި ކާވިން ހުއްޓުނީ، ބިއްލޫރިގަނޑުގެ ކައިރީގަ އެވެ. އޭނަ ބޭނުންވީ، އެތެރޭގައި ކުރެވެމުންދިޔަ ތަހުޤީޤުގެ ތެރެއަށް އެންމެ ފަހުން ވަންނަ މީހަކަށް ވާށެވެ. އިގުބާލް ފެނުމުން އޭނަގެ ލޭ ކެކެނީ މާ ވަރަކަށެވެ. އޭނައަށް ސިފަވަމުން ދަނީ، އީންއަށް ކުރި އަނިޔާ ތަކެވެ.

އިގުބާލުގެ ކޮންމެ ހަރަކާތަކަށް އޭނާ ބަލަމުންދިޔައީ ޝައުޤުވެރިކަމާއި އެކުގަ އެވެ. ބިޑި އަޅުވާފައިވާ ދެއަތް އޭނާގެ އުނގުމަތީގައި އޮތްއިރު، އޭނާ އިނީ އެއް އަތުން އަނެއް އަތުގައި ބާރަށް ހިފަހައްޓާލައިގެންނެވެ. އެ މޫނުމަތީގެ އަސަރުތައް ހެކިދިނީ މުޅީން ތަފާތު ޝުއޫރު ތަކެކެވެ. އެއީ ޖެހިލުންވުމުގެ އަސަރުތަކެއް ކަން ކާވިންގެ ވިސްނުން ތޫނު ސިކުނޑިއަށް ނަގައިގަނެވުނެވެ.

ކޮމްޕިއުޓަރަށް ގުޅާފައިވާ ހެޑްފޯނު ނަގައި ކަންފަތަށް ޖަހައިލުމުން، އެތެރޭގައި ދައްކާ ވާހަކަ ކާވިންއަށް އިވެމުން ދިޔަ އެވެ. ޔުނާން ރުޅިގަދަވެފައި ކުރަމުންދިޔަ ސުވާލުތަކަށް އިގުބާލް ޖަވާބު ނުދޭތީ، ކާވިންގެ ކެތްތެރިކަން ކޮޅުން ލިއެވެ. އޭނަ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އެތެރެއަށް ވަނެވެ. މޭޒުގައި ބާރަށް ޖަހާލިގޮތުން އެތަނުގައި ތިބި އެންމެންނަށް ވެސް ލިބުނީ ސިހުމެކެވެ. މޭޒުގައި ދެ އަތް ވިއްދައި، އިގުބާލާއި ދިމާއަށް ގުދުވެލަމުން އޭނަ އެ މޫނަށް ބަލައިލި އެވެ.

ކާވިން މަޑުކުރާކަށް ނަހަދަ އެވެ. ފެނުނީ، އިގްބާލު ލައިގެން އިން ޓީޝާޓުގެ ކަރުވަޅުގައި ހިފައި ދަމައިގަތް ތަނެވެ. ޓީޝާޓު އިރައިގެން ދިޔަ އަޑާއިއެކު، އޭނާގެ މޭމަތިން ބައެއް ހާމަވެއްޖެ އެވެ. ހަތަރު އިނގިއްޔެއްގެ ނިޔަފަތިން ވަކި އަޅައި ދަމައިގަނެފައިވާ ނިޝާން ހާމަ ވިއެވެ. ލޭހިލިފައިވާއިރު، ގިނައިރުވުމުގެ ސަބަބުން ޒަޚަމުގެ ކުލަ ވަނީ ކޮންމެވެސް ވަރަކަށް ދަނބުކުލައަކަށް ބަދަލުވާން ފަށާފަ އެވެ.

ނުހާމް ބުނި ފަދައިން ހަމްދޫނާގެ ނިޔަފަތިތަކުގެ ދަށުގައިވާ އިންސާނެއްގެ ހަމުގެ ބައިތަކަކީ އެއީ ކަން ކާވިންއަށް އެނގޭކަށް ގިނަ އިރެއް ނުނެގި އެވެ. އޭނަގެ ރުޅިގަނޑު ހަމައިން ނެއްޓުނަ ނުދޭން މަސައްކަތް ކުރި ނަމަވެސް، އެކަމެއް ނުވި އެވެ. ކަރުގެ ނާރުތަކަށް ލޭ އަރައި ފުފިގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގަ އެވެ.

"ހަޤީޤަތް ކުރިމަތިން ފެންނަން ހުރި އިރުވެސް، މަކަރުހަދާ ސިއްރު ކުރަންތަ ތިއުޅެނީ، އޭނ؟...." މޭޒުމަތީގައި ބާރަށް ޖަހައިލަމުން ކާވިން ހަޅޭއްލަވައިގަތެވެ. "ސުވާލުތަކަށް ޖަވާބު ދޭނީތަ، ނޫނީ ބޮޑު ހުކުމެއް އަންނަ ވަރުގެ ދައުވާއެއް އުފުލާފަ އުމުރު ދުވަހަށް ޖަލަށް ލާންވީތަ؟..."

"ސަރ..." ޔުނާން ތެދުވީ ކާވިންގެ އަމަލުތައް ހުރިގޮތުން ބިރުންނެވެ. އޭނާ ދެފަހަރަކު ގޮވާލުމުން ވެސް ކާވިން ބަލައެއް ނުލި އެވެ. އަތުގެ އިޝާރާތުން އެންގީ އެއްޗެއް ނުބުނުމަށެވެ. އޭނަ އަނެއްކާ ވެސް އިށީނެވެ.

"ދެންވެސް ތެދުތެދަށް ކިޔައިދީ... އޭރުން ފަހަރެއްގަ އަދަބު ލުއި ވެދާނެ..." ކާވިން ވާހަކަ ދެއްކީ، ހަމަޖެހިލުމަށް މަސައްކަތް ކުރަމުންނެވެ. އިގުބާލް އޭނަ އާއި ދިމާއަށް ބަލައިލި ތަން ފެނުމުން އޭނައަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބުމުންނެވެ.

"އެއްވެސް މީހަކަށް އަހަރެންގެ ޙާލަތެއް އިހުސާސެއް ނުކުރެވޭނެ..." އިގުބާލްގެ އަޑުގައި ވީ ރިހުމެވެ. "އަހަރެން ދައްކާ ވާހަކަ އެކަކުވެސް ޤަބޫލެއް ނުކުރާނެ..."

ކާވިން ބަލައިލީ ޔުނާންގެ މޫނަށެވެ. އެ ދެމެދުގައި ބަދަލުކުރެވުނު ނަޒަރުތަކަށްފަހު، ޔުނާން އޭނާ އިންތަނުން ތެދުވެއްޖެ އެވެ. އޭނާ އެތަނުން ނުކުންނަން ދަމުން، ލަޔާންގެ ކޮނޑުމަތީގައި އަތް ބާއްވައިލި އެވެ. ލަޔާންއަށް ވެސް އޭނާ ބުނި އެއްޗެއް ވިސްނުނު ކަހަލަ އެވެ. ޔުނާންގެ ފަހަތުން އޭނާ ވެސް ބޭރަށް ނުކުމެއްޖެ އެވެ. އެމީހުން ގޮސް، ތަހުޤީޤު ހޯލުގެ ބޭރުން ހަދާފައިވާ ބައިގެ ބިއްލޫރިގަނޑު ކައިރީގައި ހުއްޓިލި އެވެ.

"މިހާރު މިތާ މިތިބީ، އަހަރެމެން ދެމީހުން..." ގޮނޑީގައި އިށީންނަމުން، ކާވިން ބުންޏެވެ.

އިގްބާލު ފެށީ ރޯށެވެ. އޭނަ ރޯނެ ވަރަކަށް ރޯން ފުރުސަތު ދީގެން ކާވިން އިނެވެ. ކޮންމެވެސް އިރަކުން އެހިތުގެ އަޑު ބޭރު ކުރާނެ ކަން އެނގޭތީ އޭނަ އިނީ ހަމަޖެހިފަ އެވެ.

"އަހަރެންގެ އާއިލާގަ އަހަންނަކީ ބާކީ މީހެއް... އަހަރެންގެ ދަރިފުޅަށް ވެސް އަނބިމީހާއަށް ވެސް އަހަރެން މުހިއްމެއް ނުވި... އެމީހުންނަށް އަހަންނަކީ އެއްވެސް މީހެއް ނޫން... އަހަރެން ބުނާ ގޮތަކަށް އެކަކު ވެސް ނުހަދާ..." އިގުބާލްގެ ރުއިން ހުއްޓުމާއިއެކު، އެ ހިތުގެ އަޑު ބޭރުވާން ފެށި އެވެ.

"އެހެންވެގެންތަ އެމީހުން މަރާލީ؟..." ކާވިން ސުވާލު ކުރި އެވެ.

"ކީއްވެގެންތަ އެންމެން އަހަންނާ ދިމާއަށް ތިހެން ކިޔަނީ؟...." އިގްބާލުގެ މޫނުމަތިން ފެނުނީ ނުރުހުމުގެ އަސަރެވެ. އޭނަ ދެބުމަ ގޮށްޖަހައިލަމުން ކާވިންގެ މޫނަށް ބަލައިލި އެވެ. އުނގުމަތީގައި އޮތް އަތް މޭޒުމައްޗަށް ނެގިއިރު، އެ އަތް ވަނީ މުށްކެވިފަ އެވެ. "ބުނެފީމެއްނު ނުމަރަމޭ... ނުމަރަމޭ، ނުމަރަމޭ..."

(ނުނިމޭ)