-
-
އެންމެ ފައިދާ ހުރި "ވިޔަފާރީގެ" އަހަރީ "ޕްރޮމޯޝަން" ފެށިއްޖެ! ހިޖުރީ މަހެއްގެ ހަނދު ބެލުމުގެ މަސައްކަތް ސަޢުދި ޢަރަބިއްޔާގައި ކުރެވެނީ / ފޮޓޯ: ސޯޝަލް މީޑިއާ

އެންމެ ފައިދާ ހުރި "ވިޔަފާރީގެ" އަހަރީ "ޕްރޮމޯޝަން" ފެށިއްޖެ!

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أما بعد...

ADS BY FENVARU

އަލް ފަޖްރު ސޫރަތުގައި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ 4 ގަންދެއްވުމެއް ގަންދެއްވަވައި އެއިލާހުގެ ވަޙީ ބަސްފުޅުތައް ފައްޓަވާފައި ވެއެވެ. ފުރަތަމަ އާޔަތުން ފެށިގެން 4 ވަނަ އާޔަތުގެ ނިޔަލަށެވެ.

(وَالْفَجْرِ ۝ وَلَيَالٍ عَشْرٍ ۝ وَالشَّفْعِ وَالْوَتْرِ ۝ وَاللَّيْلِ إِذَا يَسْرِ ۝)

ފުރަތަމަ އާޔަތުގައި ފަތިސް ގަންދެއްވާފައި ވެއެވެ. ދެވަނަ އާޔަތުގައި ދިހަ ރޭ ގަންދެއްވާފައި ވެއެވެ. ތިންނަވަ އާޔަތުގައި ހިރި އަަދި އޮނަހިރި ގަންދެއްވާފައި ވެއެވެ. އަދި ވޭތުވެދާ ރޭގަނޑު، ހަތަރުވަނަ އާޔަތުގައި ގަންދެއްވާފައި ވެއެވެ.

މިތަނުގައި މި ލިމުގެ މަޢުޟޫއަކީ، ފަޖްރު ސޫރަތުގައި މާތް ﷲ ދެ ވަނައަށް ގަންދެއްވާފައި ވާ "ދިހަ ރޭ" މި ގަންދެއްވުމެވެ. އެހެން ގަންދެއްވުންތަކުގެ ތަފްސީރު ތަފްޞީލާއިމެދު ޢިލްމުވެރިންގެ ޚިލާފްވެސް އުފެދިފައި ވާތީއާއިއެކު، އެ ގަންދެއްވުންތަގު ތަފްޞީލަށް ދިއުމުގެ މަޙައްލަކީ މިއީ ނޫންކަމުގައި ޤަަބޫލު ކުރެވޭ ޙާލު ކުރިއަށް ދަމާހެއްޔެވެ.

ތަފްސީރު ޢިލްމުވެރިން ގާތްގަނޑަކަށް އިއްތިފާޤު ވެލަށްވާހެން ބަޔާން ކޮށްދެއްވާފައިވަނީ، މި އާޔަތުގައި މާތް ﷲ ގެ ގަންދެއްވުމުގައި ބަޔާންކޮށްފައިވާ "ދިހަ ރޭ" މި ބަސްފުޅުގެ މުރާދަކީ، މިހާރު މި ފާއިތުވަމުން ދާ 10 ދުވަސް ކަމުގައެވެ. 22 ޖުލައި އިން ފެށިގެން ޖުލައި މަހުގެ ނިޔަލަށް، ފާއިތުވަމުން މިދާ 10 ދުވަސް ކަމުގައެވެ. ޛުލްޙިއްޖާ ނުވަތަ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް ކަމުގައެވެ.

މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ ބިން ޢައްބާސްގެ ފާނުގެ އަރިހުން ރިވާވެގެން، އަލް އިމާމް ބުޚާރީ އެކަލޭގެ ފާނުގެ ޙަދީޘް ފޮތް، ޞަޙީޙު ބުޚާރީގައި ނެރުއްވާފައިވާ ހަދީޘް ބަސްފުޅެއްގައި ވެއެވެ.

قال رسول الله صلى الله عليه وسلم: (ما من أيام العمل الصالح فيها أحبّ إلى الله من هذه الأيام - يعني أيام العشر - قالوا: يا رسول الله ولا الجهاد في سبيل الله ؟ قال: ولا الجهاد في سبيل الله، إلا رجل خرج بنفسه وماله فلم يرجع من ذلك بشيء.)

ސަލާމާއި ޞަލަވާތް ލެއްވި މާތް ނަބިއްޔާ ވިދާޅުވިއެވެ؛ "މި ދުވަސްތަކަށް (ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް) ވުރެ ވަކިން، ހެޔޮ ޢަމަލުތައް މާތް ﷲ ކިބަފުޅަށް ލޯބި ވެވޮޑިގެންވާ އެހެން އެއްވެސް ދުވަސްތަކެއް ނުވެއެވެ. ޞަޙާބީން ސުވާލު ކުރެއްވިއެވެ: ﷲ ގެ ރަސޫލާއެވެ. ޖިހާދުވެސް މާތްވެގެން ނުވޭ ހެއްޔެވެ؟ (އެހެން ދުވަސްތަކުގައި ކުރެވޭ ޖިހާދު). ނަބިއްޔާ ވިދާޅުވިއެވެ: ޖިހާދު ވިއަސް މެއެވެ. އެމީހެއްގެ ނަފްސާއި މުދަލާއިއެކު ﷲ ގެ މަގުގައި ނުކުމެ ޖިހާދު ކޮށް ޝަޙީދުވެގެން ދާ ޖިހާދެއް މެނުވީއެވެ." 

އަދި ހަމަ މި ދިހަ ދުވަހުގެ ތެރެއިންވެސް އިތުރަށް ޚާއްްޞަ ވެގެން މާތް ވެގެންވާ ދުވަހެއް ވެއެވެ. އަލް ފަޖްރު ސޫރަތުގެ ތިންވަނަ އާޔަތުގައި ވާ، މާތް ﷲ ގެ ތިންވަނަ ގަންދެއްވުމުގެ އެއްބައެވެ. "އޮނަހިރި" އެވެ.

ތަފްސީރު ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ބަސްފުޅަކީ، އަލް ފަޖްރު ސޫރަތުގެ ތިންވަނަ އާޔަތުގައި ވާ، މާތް ﷲ ގެ ތިންވަނަ ގަންދެއްވުން "އޮނަހިރި" މި ލަފްޒުގެ މާނައަކީ، "ޢަރަފާތް" ދުވަސް ނުވަތަ ޙައްޖު މަހުގެ ނުވަ ވަނަ ދުވަސް ކަމުގައެވެ.

ޢަރަފާތް ދުވަހަކީ ދުނިޔެމައްޗަށް އެ ދުވަހަކަށް އިރު އެރި އެންމެ މާތް ދުވަސްކަމުގައި އުންމަތު ނަބިއްޔާ ބަޔާން ކޮށްދެއްވާފައި ވާ ދުވަހެކެވެ. އަދި ނުކިޔަމަންތެރި ވެވުނު އެތަކެއް އަޅުތަކަކަށް މާތް ﷲ ފާފަ ފުއްސަވައި ދެއްވައި، ނަރަކައިން މިންޖު ކޮށްދެއްވާ ދުވަސް ކަމުގައިވެސް ނަބިއްޔާ އިރުޝާދު ދެއްވިއެވެ.

އަލް އިމާމް އަޙްމަދު އެކަލެގެފާނުގެ ޙަދީސް ފޮތް މުސްނަދުގައި ނެރެދެއްވާފައިވާ، މާތް ﷲ ރުއްސުން ލެއްވި އަބީ ޤަތާދާގެ އަރިހުން ރިވާވެގެންވާ ޞައްޙަ ޙަދީޘް ބަސްފުޅެއްގައި ވެއެވެ.

(عن النبي صلى الله عليه وسلم قال له رجل: أريت صيام عرفة ؟ قال: احتسب عند الله أن يكفر السنة الماضية والباقية.)

"ޢަރަފާތް ދުވަހުގައި ރޯދަ ހިފުމާއި ބެހޭގޮތުން މީހަކު ނަބިއްޔާއާ ސުވާލު ކުރިއެވެ. ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ: ޢަރަފާތް ދުވަހުގެ ރޯދައިގެ ސަބަބުން، ފާއިތުވެ ދިޔަ އަހާރާއި ކުރިއަށް އޮތް އަހަރު ދުވަހުގެވެސް ފާފަ ފުއްސެވުން ﷲ ގެ ޙަޞްރަތުން ތިމަންކަލޭގެ ފާނު އުންމީދު ކުރަމުއެވެ" 

ޢަރަފާތް ދުވަހުގައި މާތް ﷲ އެ އިލާހުގެ މަލާއިކަތުންނަށް ފަޚުރުވެރި ކަމާއެކު ޖަވާބު ދެއްވާނެތެެވެ. ދުނިޔޭގައި މީސްތަކުންގެ ނަސްލެއް އެ އިލާހު ލަށްވަވާކަމުގެ ޚަބަރު މަލާއިކަތުންނަށް ދެއްވެވި ހިނދު، އެބޭކަލުން އެދުވަހު ވިދާޅުވި؛

"އިބަ އިލާހެވެ. ބިމުގައި ފަސާދަކޮށް ލޭ އޮހުރުވާ ބައަކު އެބިމުގައި އިބަ އިލާހު ލަށްވަނީ ތޯއެވެ؟ ތިމަންމެން އިބަ އިލާހަށް ޙަމްދުކޮށް ޘަނާކިޔުމާއެކު އިބަ އިލާހު މަތިވެރި ކުރުމުގައި ދެމި ތިބޭ ހިނދު ވެސްއެވެ." މި ބަސްފުޅަށް، އަންނަނިވި ވަޙީ ބަސްފުޅު؛

"ތިމަން އިލާހުގެ ކިޔަމަންތެރި އަޅުތަކުން ފެނޭތޯއެވެ؟ ... ހަމަކަށަވަރުން އެ އެންމެހައި އަޅުތަކުންނަށް ތިމަން އިލާހު ފާފަފުއްސަވައި ދެއްވައި ފީމުއެވެ"

ޢަރަފާތް ދުވަހު މާތް ﷲ އިއްވަވާނެ ނިދާ އަކަށް ވެގެންދާނެއެވެ.

ދުނިޔޭގައި ތަފާތު ވިޔަފާރިތައް ކުރެވެއެވެ. ހަމައެކަނި ދުނިޔެވީ ބޭނުންތަކަށާއި، ހަމައެކަނި އުޚްރަވީ ބޭނުންތަކަށް ކުރެވޭ "ވިޔަފާރި" ގެ އިތުރުން، ދުނިޔެއާއި އާޚިރަތަށްޓަކައި ކުރެވޭ ވިޔާފާރި ވެސް މެއެވެ.

ދުނިޔެވީ ޙަޔާތުގައިވެސް ކުރެވޭނެ އެންމެ ފައިދާ ބޮޑު ވިޔަފާރިއަކީ، އާޚިރަތުގެ މަންފާއަށް ކުރެވޭ ވިޔަފާރިކަން ކަށަވަރެވެ. ދުނިޔޭގައި މިއަދު ކުރެވޭ ޢަމަލު ތަކުގެ ސަބަބުން، މާދަމާ އާޚިރަތުގައި ތިމާއަށް މާންފާ ކުރަނިވި ހެޔޮ ޢަމަލަކަށް އެ ޢަމަލެއް ވެގެންދިއުމީ، އެންމެ ކާމިޔާބު އަދި ބުއްދިވެރި ވިޔަފާރިއެވެ. މިއަދު ކުރެވުނު ހެޔޮ ޢަމަލަކުން، ނުވަތަ ނުކޮށް ދޫކޮށްލި ގޯސް ކަމަކުން މެނުވީ، އެ ދުވަހު ފައިދާއެއް ނުކުރާނެކަން ކަށަވަރު ވާހިނދުއެވެ.

އެންމެ ފައިދާކުރަނިވި މި ވިޔަފާރީގެ އަހަރީ "ޕްރޮމޯޝަން" ދުވަސްވަރަކީ މި އީއެވެ. ހެޔޮ ކަންތައްތައް ވީހައިވެސް ސަމާލުކަމެއް ދީގެން ގިނަ ކުރަންވީ ދުވަސްވަރެވެ. އަހަރުގެ އެހެން ދުވަސްތަކާއި ޚިލާފަށް، ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގައި ކުރެވޭ އަޅުކަން ނުވަތަ ހެޔޮ ޢަމަލުތަކަށް ﷲ ގެ ޙަޟްރަތުން ލިބެނިވި ޘަވާބާއި ދަރުމަ އިތުރުވެގެން ދާނެތީއެވެ.

މަޝްހޫރު ވިޔަފާރި ރެޑް ވޭވް އިން އަހަރީ ޕްރޮމޯޝަނެއް ފަށައި، ކަނޑައެޅޭ 10 ދުވަހެއްގެ ތެރޭގައި އެތަނުން ކޯސްޓް ކިރުދަޅެއް ގަންނަ ކޮންމެ ކަސްޓަމަރަކަށް، އަހަރުގެ ބާކީ ބައި ހިލޭ ކޯސްޓު ކިރު ފޯރު ކޮށްދޭނަމަ، ހިނގެނި ފުރައިންވެސް އެތަނަށް ޖަމާނުވާނެ އެއްވެސް މީހަކު ނުހުންނާނެއެވެ. ޞީއްޙީ ކުއްލި ނުރައްކާ ނޫން ކޮންމެ ޙާލަތެއް އިޢުލާނު ކޮށްފައި ވީނަމަވެސް، އަދިހަމަ މައިމޫނާއްތައާއި މަބްރޫކް ދެފަރާތުން ދެ ދަނޑި ބުރި ހިފައިގެން އެެއްނުވުމަށް އެންގިނަމަވެސް މުޅި މަޖީދީ މަގުގައި އޮންނާނީ ކިޔު ދަމާލެވިފަ އެވެ.

އެންމެ ދުވަހެއްގެ ހިފޭ ރޯދައިން  ދެ އަހަރުގެ ފާފަ ފުހެވުމުގެ ފުރުޞަތު ފަހިވެގެން ދަނީއެވެ. މި ދިހަ ދުވަހުގެ ތެރޭގައި ކުރެވޭ ހެޔޮކަމެއްގެ ޘަވާބައި ދަރުމަ، އެހެން ދުވަސްތަކުގައި ކުރެވޭ ހެެޔޮ ކަންކަމަށްވުރެ މަތިވެރިވެ ގިނަވެގެން ދަނީއެވެ.

އަޅުކަން ނުވަތަ ހެޔޮ ކަންކަމަކީ އިސްލާމް ދީނުގައި ނުހަނު ފުޅާ މަފްހޫމެއް ވާކަމެކެވެ. އަތުގެ އިނގިލިތަކުން ގުނާލެވޭ، އިސްލާމް ދީނުގެ ރުކުންތަކަށް އެކަނި ހަނިކުރެވިގެންވާ މަފްހޫމެއް ނޫނެވެ. މާތް ﷲ ގެ އަމުރު ފުޅަކަށް ކިޔަމަންވެ ގަތުމުގެ، ނުވަތަ ނަހީކުރެށްވި ކަމަކުން ދުރުވެގަތުމުގެ އިޚްލާސްތެރި ނިޔަތުގައި، އެ އިލާހުގެ ރުހިވޮޑިގަތުން ހޯދުމަށް ކުރެވޭ ކޮންމެ ޢަމަލަކީ އަދި ބުނެވޭ ކޮންމެ ބަހަކީވެސް، އަދި ނުކޮށް ދޫކޮށްލެވޭ ކޮންމެ ކަމަކާއި ނުބުނެ ދޫކޮށްލާ ކޮންމެ ބަހަކީވެސް އަޅުކަމެކެވެ.

ވީހިނދު، ޕްރޮމޯޝަން މިއޮތީ ފެށިފައެވެ. މިއަދަކީ ތިންވަނަ ދުވަހެވެ. ބާކީ އޮތީ ހަތް ދުވަހެވެ. އަވަސްވެ ގަންނަމާ ބަހީއެވެ. ދުނިޔެމަތީގައި އެންމެ ފައިދާބޮޑު ވިޔަފާރީގެ، އަހަރީ ބޮޑު ޕްރޮމޯޝަނުގެ ނަޞީބު ވެރިއަކަށް ވުމަށެވެ. އިތުރު އިހަރެއް އަންނަންދެން ދުނިޔޭގައި ވެސް ނުހުރެ ދާނެ ނޫންތޯއެވެ. ލެޓްސް ސްޓާރޓް ޖަސްޓް ނަވް! ބަޓް ނޮޓް ވެން...