-
-
"އޭއައި" ޓެކްނޮލޮޖީއާއިއެކު ޑްރޯން ދަނޑުވެރިކަމަށް ބޭނުންކުރަނީ ސަޢުދި ޢަރަބިއްޔާގެ ދަނޑުވެރިކަމާއި ބެހޭ ވުޒާރާ / ފޮޓޯ: އެސްޖީ

"އޭއައި" ޓެކްނޮލޮޖީއާއިއެކު ޑްރޯން ދަނޑުވެރިކަމަށް ބޭނުންކުރަނީ

އާރޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ އިންސާނަކު ނެތި އިންސާނުން ކުރާފަދަ ކަންކަން ކުރުމުގެ ޤާބިލުކަން ލިއްބައިދޭ ޓެކްނޮލޮޖީ، ޑްރޯން ތަކުގައި ބޭނުން ކޮށްގެން ސަޢުދި ޢަރަބިއްޔާގެ ދަނޑުވެރިކަމުގެ އުފެއްދުން ތެރިކަމާއި ހިންގުމުގެ ދާއިރާވެސް ތަރައްޤީކުރުމުގެ މަސައްކަތް އެގައުމުން ފަށައިފިއެވެ.

ADS BY FENVARU

ސަޢުދީގެ ޓެލެކޮމް މިނިސްޓްރީ އާއި އެގްރިކަލްޗަރ މިނިސްޓްރީގެ އިތުރުން އައިޓީއާއި ޓެކްނޮލިޖީއާއި ގުޅޭ ދައުލަތުގެ ގިނަ އިދާރާތަކަކުން އެކުވެގެން، ޑްރޯންއާއި އޭއައި ޓެކްނޮލޮޖީ އުފައްދާ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއެކު، "ޑްރޯންސް އެންޑް އާރޓިފިޝަލް ޓެކްނޮލޮޖީސް އިން އެގްރިކަލްޗަރ" މި ނަމުގައި ބުދަ ދުވަހު މަސައްކަތު ބައްދަލުވުމެއް ވެސް ބާއްވާފައި ވެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި މަސައްކަތު ބައްދަލުވުމުގައި، ޑްރޯންއާއި އޭއައި ޓެކްނޮލޮޖީ ކާމިޔާބު ކަމާއެކު ބޭނުން ކުރެވިދާނެ ކަމަށް ފެންނަކަމަށް މަޝްވަރާ ކުރެވުނު މައިގަނޑު ދާއިރާތަކުގެ ތެރޭގައި، ގަހަށް ޖެހޭ ބަލިތަކާއި، ދަނޑު އިންދައި ހެއްދުމާއި، ދަނޑަށް ފެންދީ ހެއްދުމުގެ އިތުރުން، ދަނޑުވެރިކަމުގެ ކަންކަން މެނޭޖްކުރުން ހިމެނެއެވެ.

އޭއައި ޓެކްނޮލޮޖީ ހިމެނޭ ޑްރޯންތައް ދަނޑުވެރިކަމުގައި ބޭނުން ކުރެވެން ފެށުމުން، ހުރިހާ މޫސުމެއްގައިވެސް ހުއްޓުމެއް ނެތި އެއްވަރަކަށް މަސައްކަތް ކުރުމުގެ އިތުރުން، އަބަދުވެސް މޮނިޓަރ ކޮށް ބެލެހެއްޓި، ދަނޑުގެ ހެދި ބޮޑުވުމުގެ އިތުރުން ބަލިތަކުގެ މައުލޫމާތުވެސް ދެނެގަނެވި ވަގުތުން ވަގުތަށް ހައްލުކުރުމުގެ ފުރުޞަތު ލިބިގެން ދާނެކަމަށް ބައިވެރިން ފާހަގަ ކުރިއެވެ.

އަދި ކޮވިޑް19 އާއި ގުޅިގެން ކާބޯ ތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޖެހިފައިވާއިރު، މި މަސައްކަތުގެ ތެރެއިން އެކަން ޙާޞިލުވުމަށް ނުހަނު ބޮޑު ބާރަކަށް ވެގެން ދާނެކަންވެސް، ސަޢުދީގެ ކަމާއިބެހޭ އިދާރާތަކުގެ އިސްވެރިން ބައްދަލުވުމަށް ފަހުގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހާމަ ކުރެއްވި އެވެ.

ދަނޑަށް ބޭސް ޖެހުމާއި ފެން ޖެހުން ފަދަ ކަންކަމަށް ބޮޑެތި ޑްރޯންތައް މިހާރުވެސް ބޭނުން ކުރެވެއެވެ. އެހެން ނަމަވެސް ފުރިހަމަ އޭއައި ޓެކްނޮލޮޖީއާއި އެކު ދަނޑުވެރިކަމަށް ޚާއްޞަ ޑްރޯން އުފެއްދި ޢާއްމުކޮށް ބޭނުން ކުރެވެމުން އަދި ނުދެއެވެ.

(އެސްޖީ)