-
-
ދުނިޔެއިން 820 މިލިއަން މީހުން މިހާރުވެސް ނިދަނީ ބަނޑުހައިހޫނުކަމާއި އެކު ޕްރިންސް ޠަލާލް ބައިނަލް އަޤްވާމީ އިނާމްގެ ޕޯސްޓަރ ފޮޓޯއެއް / ފޮޓޯ: އެސްޖީ

ދުނިޔެއިން 820 މިލިއަން މީހުން މިހާރުވެސް ނިދަނީ ބަނޑުހައިހޫނުކަމާއި އެކު

ދުނިޔޭގެ ޖުމްލަ އާބާދީ ކަމުގައިވާ 7800 މިލިއަން މީހުންގެ ތެރެއިން 820 މިލިއަން މީހުން މިހާރުވެސް ކޮންމެ ރެއަކު ނިދާން އޮށޯންނަން ޖެހެނީ ބަނޑުހައި ހޫނުކަން މަތީގައިކަމަށް އދ. ގެ ރަސްމީ ހިސާބުތަކުން ހާމަވެއްޖެއެވެ.

ADS BY FENVARU

ދުނިޔޭގެ ކާނާއާބެހޭ ކަންކަން ބަލަހައްޓާ ބައިނަލް އަގްވާމީ ޕްރޮގްރާމް، އދ. ގެ ވާރލްޑް ފުޑް ޕްރޮގްރާމް އިން ކޮށްފައިވާ ދިރާސާތަކާއި އެއްކޮށްފައިވާ މައުލޫމާތު ތަކުން މިފަދައިން ހާމަވެފައި ވާއިރު، އެ އިދާރާއިން ލަފާކުރާ ގޮތުގައި ކޮވިޑް19 ގެ ސަބަބުން މިއަދަދު އިންތިހާއަށް ބޮޑުތަނުން އިތުރު ވެގެން ދާނެއެވެ.

ބަނޑުހައި ހޫނުކަމުގައި މިހާރުވެސް 820 މިލިއަނުގެ އާބާދީއެއް ހިމެނޭއިރު، ކާޑުބައްޔަށް ވެއްޓި، ބޮޑެތި ޞިއްޙީ މައްސަލަތައް ކުރިމަތިވެފައިވާ ޙަލަތުގައި 135 މިލިއަނުގެ އާބާދީއެއް މިހާރުވެސް އޮތްއިރު، ކޮވިޑްގެ ސަބަބުން މިއަހަރުގެ ނިމޭއިރު މިއަދަދު ހުންނާނީ ދެ ގުނަވެ، 265 މިލިއަނުގައި ކަން އދ. ގެ ކާނާއާއި ބެހޭ ޕްރޮގްރާމުން ދުނިޔޭގެ ޤައުމުތަކަށް އިންޒާރު ކޮށްފައިވެއެވެ.

ކޮވިޑް19 އާއި ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި އަސަރުތަކެއް ކުރިމަތިވަ މުންދާއިރު ގިނަ ބައެއްގެ ވަޒީފާތައް ގެއްލި، އެ މީހުންގެ ޢާމްދަނީ ލިބޭނޭ މަގުތައް ބަންދުވެގެން ދިއުމުގެ އިތުރުން، ކާނާގެ އުފެއްދުންތެރި ކަމަށްވެސް ނުހަނު ބޮޑު ހީނަރުކަމެއް އަންނާނެކަމަށް ބެލެވެއެވެ. ނަތީޖާ އަކަށް ވެގެން ދާނީ ޚާއްޞަކޮށް، ފަގީރު ގައުމުތަކުގެ އާބާދީގެ ބޮޑު ބައެއްގެ އިތުރުން، ތަރައްޤީ ވަމުންއަންނަ ޤައުމުތަކުގެ ވެސް ގިނަ ބައަކު ބަނޑުހައި ހޫނުކަމާއި ކުރިމަތިލާން ޖެހުމެވެ.

މަޝްހޫރު ޢަރަބި މަހުޖަނު ޕްރިންސް ޢަބްދުލް ޢަޒީޒް ބިން ޠަލާލްގެ ބައިނަލް އަޤްވާމީ އިނާމުގެ މިއަހަރުގެ މަޢުޟޫވެސް އިޚްތިޔާރު ކުރެވިފައި ވަނީ، ބަނޑުހައި ހޫނުކަމަށް ޙައްލު ހޯދުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން، "ޒީރޯ ހަންގަރ" މި މައުޟޫޢު ގައި ހިންގޭ ޕްރޮޖެކްޓް ތަކަށްކަންވެސް ފާހަގަ ކޮށްލެވެއެވެ.